ދުނިޔޭގައި ލައްވަވާފައިވާ އިންސާނުންގެ ބުއްދިއާއި ފިކުރަކީ އެކި މީހުންނަށް
އެކި މިންވަރަށް ﷲ ދެއްވަވާފައިވާ ކަންކަމެވެ. އެކަކު ލިޔުމަށް ހުނަވެރި އިރު އަނެކާއަކީ
އިންޖީނު މަރާމާތު ކުރުމަށް މޮޅު މީހަކަށް ވެދާނެއެވެ. ވާހަކަ ދައްކައި އުޅޭ
ބަހަށް މޮޅުމީހާ ލަވަ ކިޔަން މޮޅު ނުވެދާނެއެވެ. މިއީ ދުނިޔޭގެ ތަބަޢީ ޤާނޫނުކަން
އަޅުގަނޑުމެން އެންމެންވެސް ހަނދާން ކުރަން ޖެހެއެވެ.
މީގެ އަށް ވަރަކަށް އަހަރު ކުރިން ހިނގައިދިޔަކަމެއް ހިއްސާކޮށްލާނަމެވެ.
ސްކޫލެއްގެ މުދައްރިސެކެވެ. މެދުމަދަރުސީ ރޮނގުން މުދައްރިސުކަމުގެ ކޯހެއް
އިންޑިޔާގެ މައިސޫރުން ޙާޞިލް ކޮށްފައިވާ މުދައްރިސެކެވެ. އަޅުގަނޑު ކިޔަވައިދިން
ކުލާހުގެ 'ބީ' ކުލާހަށް ތިމާވެށީގެ ޢިލްމު ކިޔަވައިދެއްވި މުދައްރިސެކެވެ.
އަޅުގަނޑުމެން ފިލާވަޅު ރޭވުމާއި މަސައްކަތު ކަރުދާސް ތައްޔާރުކުރުމާއި އިމްތިހާނު
ކަރުދާސް ތައްޔާރުކުރުންވެސް ކޮށް އުޅުނީ އެކުއެކީގައެވެ. އެގޮތުން ކުރިއަށް
އޮތްދުވަހަށް ފިލާވަޅު ރާވައި ނިންމާފައި އެ ފިލާވަޅުގައި ހިމެނޭ ތަމްރީނުގައި
ދެވިފައިވާ ތަހްލީލު ކުރިއަށް ގެންދާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.
ދެމީހުންވެސް ނިންމީ ހަތަރު ކުދިންގެ ބައި ހަދައިގެން ކުރިއަށް ގެންދިއުން
ރަނގަޅުވާނެ ކަމަށެވެ. އަދި ތަހްލީލު ކުރުމަށް ބޭނުންވާނެ ސާމާނު ގެނައުމަށް
ކުދިންނާއި ހަވާލުކުރާނެގޮތްވެސް މަޝްވަރާކޮށް ނިންމީމެވެ. އެކަމަށް ބޭނުންވާ
ތަކެތީގެ ލިސްޓް މުދައްރިސުންނަށް އިރުޝާދު ދޭ ފޮތުން ނަކަލު ކޮށްލުމަށްފަހު
ދެމީހުން ދިޔައީ ގެއަށެވެ.
ކޮންމެއަކަސް ފިލާވަޅުގައި ބުނެފައިވާ ތަޙްލީލު އަހަރެން ކުރިއަށް
ގެންދިޔައީމެވެ. އަހަރެން ކިޔެވިއިރު ސްކޫލްގެ ތަހްލީލު ކުރާ ކޮޓަރީގައި އެ
ތަޙްލީލު ހަދާފައި ވުމުން ކުރިއަށް ގެންދިއުމަށް އިރުޝާދު ދިނުން އެހާ
ބޮޑުކަމަކަށް ބުވިއެވެ. އެހެންކަމުން ކާމިޔާބު ކަމާއިއެކު ތަހްލީލު ނިންމައި
ދަރިވަރުންނަށް ފިލާވަޅުގެ މަޤުޞަދު ޙާޞިލް ކޮށްދެވުނުކަމުގެ ފުރިހަމަ
އުއްމީދާއިއެކު ހިތްހަމަ ޖައްސާލެވުނެވެ. އަދި އަހަރެންގެ އެކުވެރި މުދައްރިސް
ތަޙްލީލް ކުރިއަށް ގެންދިޔަގޮތާއިމެދު ވާހަކަ ދައްކާލުމަށް ހިތްއަވަސް ވެފައި ހުރެ
ކުލާހުން ނުކުތް އިރު، އެ މުދައްރިސް ދެލޯ މުދުނަށް ނަގައިގެން އަހަރެންހުރި
ކުލާހާއި ދިމާއަށް އާދެވެ.
މުދައްރިސް: އަޅެ އަހުމަދަށް މި ތަޙްލީލު ހެދުނުތަ؟ އަހަރެން ފުމެފުމެވެސް
'ލައިމް ވޯޓަރ' ގެ ކުލަ 'މިލްކީ' އެއް ނުވި!!
އަހަރެން: (ހައިރާން ކަމާއިއެކު) އެކަމަކު އަހަރުމެން އަނގައިން ހޮޅިއަށް
ފުމެގެން 'ލައިމް ވޯޓަރ މިލްކީ ޕްރިސިޕިޓޭޓަކަށް' ބަދަލުވި.
ކަން ހިނގައިދިޔަގޮތް އޮޅުންފިލުވިއިރު އަހަންނަށް ހަމަ ރަނގަޅަށްވެސް ހެވެން
ފަށައިފިއެވެ. ކިތަންމެ ނުހޭން ހުއްޓަސް ހުރެވޭ ވަރެއް ނުވިއެވެ. އަހަރެންގެ
ކުރިމަތީގައި ގޮތް ހުސްވެފައި ހުރީ މެދުމަދަރުސީ މުދައްރިސުކަން ސައިންސްގެ
ރޮނގުން ކިޔަވައިގެން ހުރި މުދައްރިސެކެވެ. އެވެސް މި ރާއްޖެއަކުންވެސް ނޫނެވެ.
އެފަދަ މުދައްރިސަކު އެހާ 'ގަޅި' ކަމެއް ކޮށްފާނެކަމަށް އަހަރެން ހިތަށްވެސް
ނާރާތީ ހެވުނީއެވެ.
ކަން ހިނގައިދިޔަ ގޮތް ދަންނަވާލާނަމެވެ. އަހަރުމެން ކުދިން ލައްވައި
ހައްދުވަން އޮތީ 'ކާރބަން ޑައި އޮކްސައިޑް' ގެ ޓެސްޓެކެވެ. ވަރަށް ފަސޭހަ
ޓެސްޓެކެވެ. 'ލައިމް ވޯޓަރ' ނުވަތަ އުވަ ގިރާފައި ހުންނަ ފެން ހަނިދިނީމާ ސާފުކޮށް
އެ ހުންނަ ފެނުގެ ތެރެއަށް ހޮޅިކޮޅެއް ލާފައި އޭގެ އެއްކޮޅުގައި އަނގަ ޖަހާ
ފުމުނީމާ ލައިމް ވޯޓަރ (ހަނިދީފައި ހުންނަ އުވަފެން) ގެ ކުލަ މިލްކީ ކަލަރ (ކިރުކުލަ)
އަށް ބަދަލުވެ ޕްރިސިޕިޓޭޓެއް (ކުނޑި ފުއްތަކެއް) އުފެދޭތޯ ބެލުމެވެ. އަހަރެންގެ
ރަޙްމަތްތެރި މުދައްރިސް އެ ތަހްލީލު ކުރަން އުޅެ ނާކާމިޔާބުވީ އުވަފެނުގެ
ބަދަލުގައި ބޭނުންކުރެވުނީ ލައިމް (ލުނބޯ) ހުތް ފެލާފައި ހުރި ފެނެވެ.
އެކުވެރި މުދައްރިސަށް އަހަރެން ހެމުހެމުން ހުރެ ނަމަވެސް އޭނާއަށް ހެދުނު
ގޯސް އޮޅުންފިލުވައިދިނީމެވެ. އެ މުދައްރިސް އޭނާއަށް ހެދުނު ގޯސް ވަގުތުން ޤަބޫލު
ކުރިއެވެ.
މިއަދުވެސް އެ މުދައްރިސަކު ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް އޭނާގެ
ހިތްތިރިކަމުގެ ހަނދާން އަބަދުވެސް އާވަނީ، އަހަރެންފަދަ ތަމްރީނު ނުލިބި ހުރި
(އޭރު ތަމްރީނު ނިލިބި ހުރި) މުދައްރިސެއްގެ އަޑުއަހައި ތިމާއަށް ހެދުނު ގޯހަށް
އިޢުތިރާފުވެ އެކަން އިޞްލާޙް ކުރީތީވެއެވެ. އެ މުދައްރިސް، ޖެހިގެން އޮތްދުވަހު
ކުލާހަށް ގޮސް ކުދިންކައިރީގައިވެސް ހެދުނު ގޯހުގެ ވާހަކަ ބުނެ އަލުން ތަޙްލީލު
ހެދިއެވެ.
ދެންމެ މި ދަންނަވައިލެވުނު ޙަޤީޤީ ޙާދިސާގައި އެ މުދައްރިސުގެ މައްސަލައެއް
ނެތެވެ. އިންޑިޔާގެ މައިސޫރުން ސައިންސްގެ ރޮނގުން މެދުމަދަރުސީ ތަމްރީނު ކޯހެއް
ފުރިހަމަ ކޮށްދީ އެކަމުގެ ސަނަދު ދިންއިރު މިދެންނެވި ފަދަ ތަޙްލީލު ހަދާގޮތް
ކިޔައިދީފައިވަނީ ހަމައެކަނި ބޯޑާއި ޗޯކް ބޭނުން ކޮށްގެންނެވެ. ޢަމަލީ އެއްވެސް
ތަޖްރިބާއެއް ދީފައެއް ނުވެއެވެ.
އަނެއްކާވެސް އެހެން ޙާދިސާ އެކެވެ. ސްކޫލެއްގެ ގްރޭޑް 2 ގެ ދަރިވަރުންތަކެއް
ލައްވައި ނެށުމެއް ތައްޔާރު ކުރުވުމަށް މުދައްރިސަކު ނުވަތަ މުދައްރިސުންތަކެއް
އިޚްތިޔާރު ކޮށްފައިވާ ލަވަ އަކީ ބޭއަދަބީ އަދި ސްކޫލެއްގެ މާހައުލެއްގައި ޖަހަން
ހެޔޮވާވަރު ލަވެއް ނޫންކަމަށް ޢާއްމު ރައްޔިތަކަށް ޔަޤީންވާތީ އެކަން ސްކޫލްގެ
ސަމާލުކަމަށް ގެނައެވެ. އެކަން ކުރީވެސް ނުހަނު ރިވެތި ގޮތެއްގައެވެ.
މުދައްރިސުންގެ ބޮލަށް އަރައި މުދައްރިސުން ބަދުނާމު ކުރުމަށް ބެލެނިވެރިން
ކުރިމަތީގައި ހަޅޭއްލަވާ ބީދައިންނެއް ނޫނެވެ. ޒަމާނީ ގޮތަށް އީ-މެއިލް އެއްގެ
ޒަރީޢާއިން ކާކުކަންވެސް އެނގޭ ގޮތަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ވަރަށް
އަން-ޕްރޮފެޝަނަލް ގޮތަކަށެވެ.
ޕްރޮފެޝަނަލް މުދައްރިސުންތަކެއް ނުވަތަ ޕްރޮފެޝަނަލް ލީޑިންގ ޓީޗަރުންތަކެއް،
މައްސަލަ ހުށައެޅި ޢާއްމު ރައްޔިތު މީހާގެ ހަމާއި މަސްކައި ހުސްވާހާ ވަރަށް
ފޭސްބްކް ގައާއި އެހެނިހެން ގޮތްގޮތުން ދިމާކުރަން ފެށިއެވެ. ތިމާމެންނަށް ހެދުނު
ގޯސް ޤާބޫލެއް ނުކުރިއެވެ. ނުވަތަ ގޯހެއް ހެދޭކަން އެނގިތިބެ ސްކޫލްގެ އިސްވެރިން
ބަދުނާމުކުރުމުގެ ނިޔަތެއް ލައިގެން ތިބެ އެގޮތަށް ޢަމަލު ކުރީކަމަށްވެސް ވެދާނެއެވެ.
މިފަހަރު ކަންވީގޮތަކީ ތޯއެވެ. މިދެންނެވި ތުއްތު ކުދިން ނެށުމަށް ނަގާފައިވާ
ލަވައަކީ އިނގިރޭސި ލަވަކިޔުންތެރިޔާ 'ޝެގީ' ގެ 'ވޯސްންޓް މީ' މި ލަވައެވެ.
ލަވައިގެ މިއުޒިކާއި ލަވަ ކިޔާފައި އޮތްގޮތް ކިތަންމެ ފުރިހަމަވެފައި ރީއްޗަސް ޅެންވެރިކަމުގައި
އެ ލަވައަކީ އިންތިހާއަށް ބޭ އަދަބީ ލަވައެކެވެ. އެހެނަސް މިދެންނެވި ލަވަ
ކަމުނުދާކަމަށް ބުނުމުން ޢާއްމު ރައްޔިތު މީހާއަށް ހާދަހާ ވަރެއް، ޕްރޮފެޝަނަލް
ވާންޖެހޭ ބަޔަކު ބާލައިފިއެވެ. ހިތާމައަކީ މިކަމުގެ އަސަރު ދަރިވަރުންނަށްވެސް
ފޯރައިގެން ހިނގައިދާނެ ކަމެވެ.
ކޮންމެއަކަސް ޤަބޫލުކުރަންވީ ކަމަކީ ކިތަންމެ މޮޅު މީހަކަށްވެސް ގޯހެއް
ހެދިދާނެ ކަމެވެ. އަދި އެފަދަ ގޯހެއް ހެދުމުން އެއީ ލިބުނު ޢިބްރަތެއް ކަމަށް
ބަލައި ހެޔޮގޮތުގައި ކުރިއަށް ދިއުން ބުއްދިވެރިއެވެ.
މި މަޢުޟޫ އާއި ގުޅޭ އެހެން ލިޔުމެއް 2009 ވަނަ އަހަރު www.fanvai.info ގައި އަޅުގަނޑު
ލިޔެފައިވާނެއެވެ. އެހެން ކަމުން އެ ލިޔުންވެސް މިތާނގައި ނަކަލު ކޮށްލާނަމެވެ.
ދުނިޔޭގައި އުފެދު އެއްމެމޮޅު ސައިންސްވެރިންގެ
ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ
ތޯމަސް އެޑިސަނެވެ. ތޯމަސް އެޑިސަނަކީ މިއަދު އަޅުގަނޑުމެންނަށް އެއެއްޗަކާއިނުލައި ދިރިއުޅުމަށް
ނުކުޅެދޭނެ އެއްޗެއްކަމުގައިވާ
ބޮކި އުފެއްދި ސައިންސްވެރިޔާ އެވެ.
ތޯމަސް އެޑިސަން ބޮކިއުފެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މި ގޮތުން ބޮކީގެ އެތެރޭގައި އިންނަ ނަރުފަށް ނުވަތަ ފިލަމެންޓްގެ ގޮތުގައި ބޭނުންކުރުމަށް އެކަށޭނަ އެއްޗެއް ހޯދުމަށްޓަކައި ދެހާހަށްވުރެވެސް ގިނަ ތަކެތި ޓެސްޓްކޮށް ތަޙްލީލު ކުރިއެވެ. މިހާގިނަތަކެތިން ޓެސްޓްތައްކޮށް ކާމިޔާބެއް ނުލިބުމުން ތޯމަސް އެޑިސަނަށް އަތްގާތްކޮށްދޭންއުޅޭ ކުއްޖާ ބުނެލިއެވެ. "މިކުޅަހައި މަސައްކަތް މިދިޔައީ ފަނުފުލުންނެވެ. އެނގުނު އެކައްޗެއްވެސް ނެތެވެ."
އެޑިސަން ނުހަނު ޔަޤީންކަމާއެކު ޖަވާބުދިނެވެ. "އަހަރުމެން މިކަން ފެށީ ނުހަނު ދުރު ރާސްތާއަކުންނެވެ. އަދި މިހާތަނަށް އައިއިރު އެތައް އެއްޗެއް ދަސްވެސް ކުރެވިއްޖެއެވެ. މިކުރެވުނު ތަޙްލީލުތަކުން ބޮތްކެއް ހެދުމަށްޓަކައި ކަމުނުދާ ދެހާހަށްވުރެން ގިނަތަކެތި ހުރިކަން އެގުން އެއީ ފަހެ ކުޑަކަމެއް ހެއްޔެވެ."
ތޯމަސް އެޑިސަންގެ މި މަޢުނަވީ ޢިބްރަތްތެރި ޖަވާބުން އެނގިގެންދާ ގިނަގުނަ ފިލާވަޅުތަކެއް ވެއެވެ. ނާކާމިޔާބަކީ ކާމިޔާބީގެ ތަޅުދަނޑިކަން އެނގިގެންދެއެވެ. މާޒީގައި ހެދޭ ގޯސްތަކުން ޢިބްރަތްހޯދާ ކުރިމަގު އުޖާލާކުރެވިދާނެކަންވެސް އެގެއެވެ. ފޫހިކަމާއި މާޔޫސްވުމެއްނެތި މަސައްކަތް ކޮށްފިނަމަ ކާމިޔާބީގެ އައްސޭރި އަތުޖެއްސުންއެއީ ނުވާނެކަމެއް ނޫންކަންވެސް އެގެއެވެ. އެހެނީ ހެޔޮގޮތުގައި މަސައްކަތްކުރާ އަޅުންނަށް މާތްﷲގެ ރަޙްމަތާއި ރުއްސެވުންލިބޭނެކަން އެކަލާންގެ އަންގަވާފައިވެއެވެ. ހެދޭގޯސްތަކާއި ކުރެވޭކުށްތަކުން ޢިބްރަތްލިބިގަތުމަކީ ބުއްދިވެރިކަމެކެވެ.
No comments: