ފަހުގެ ޚަބަރު


އިތުރަށް...

މަސައްކަތް ހުއްޓާލައި 15 ދުވަހަށް އިހްތިޖާޖް ކުރުމަށް މާމެންދޫ ކައުންސިލުން ނިންމައިފި

ލިޔުނީ: Unknown - Tuesday, March 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާމެންދޫ ފަސް ކައުންސިލަރުންގެ އިއްތިފާޤުން ފާސްކޮށް އެ އިދާރާގެ ތިން މަޤާމަކަށް ބަޖެޓް ހޯދުމަށް އެދި ސަރުކާރަށް ޤަރާރެއް ހުށައަޅައި މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށް މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ދިން އިންޒާރަށް ޢަމަލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި 15 ދުވަހަށް އިހްތިޖާޖް ކުރުމަށް މާމެންދޫ ކައުންސިލުން މިއަދު ނިންމައިފިއެވެ.




މާމެންދޫ ކައުންސިލުން ބުނީ މިކަން ކޮށްފައިވަނީ ކައުންސިލް އިދާރާއިން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ދަތިވެ ކައުންސިލްގެ ނިންމުންތައް ތަންފީޒު ނުކުރެވި ހުއްޓުމަކަށް އައިސްފައި ވާތީ ކައުންސިލް އިދާރާގެ އޮނިގަނޑުގައި ހިމެނިފައިވާ ތިން މަޤާމު ކަމުގައިވާ އެސިސްޓެންޓް ޑިރެކްޓަރަކާއި ޕްލޭނިންގ އޮފިސަރަކާއި ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމަށް ބަޖެޓް ހަމަޖައްސަވައިދެއްވުމަށް ކައުންސިލް އިދާރާގެ ނަންބަރު 01/2013/13/403 (09 ޖެނުއަރީ 2013) ސިޓީ އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދަންނަވާފައިވާ ގޮތަށް ބަޖެޓް ހަމަޖައްސައި ދިނުމަށް އެދި ހުށައެޅި ޤަރާރަށް ޢަމަލުކުރުމުގެ ގޮތުން ކަމަށެވެ.

ކައުންސިލް އިދާރާއިން އެދިފައިވާ ތިންމަޤާމަށް 2012 ވަނަ އަހަރު އޮގަސްޓް މަހު އިޢުލާނު ކުރެވި ޝަރުތު ހަމަވާ މީހުން ލިބި، ދެ މަޤާމަށް އިންޓަރވިއު ކުރެވި ވަޒީފާ ހަމަޖެއްސުމަށް ސިވިލްސަރވިސް ކޮމިޝަނަށް ހުށައެޅިފައިވާ މަޤާމުތަކެއް ކަމަށް ވާހިނދު ސިވިލް ސަރވިސް ކޮމިޝަނުން މަޤާމު ހަޖަޖައްސައި ނުދީ ލަސްކުރިކުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށްވެސް ކައުންސިލްގެ ޤަރާރުގައި ބުނެފައިވެއެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ ބަޖެޓްގައިވެސް މި މަޤާމުތައް ކައުންސިލުން  ހިމަނާފައި ވީނަމަވެސް ބަޖެޓް ލިބިފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

މާމެންދޫ ކައުންސިލްގެ މި ޤަރާރުގައި ބުނެފައިވާގޮތުން އެ އިދާރާގައި މަސައްކަތް ކުރަނީ ޖީ.އެސް ރޭންކްގެ 3 މުވައްޒަފުން ކަމަށް ވެފައި އެމް.އެސް ރޭންކްގެ އެއްމެ މުވައްޒަފަކުވެސް ނެތުމާއި، ތިން ސެކްޝަނަކަށް މަސައްކަތް ކުރާއިރު ސެކްސަނެއްގައި ހުންނަނީ އެންމެ މުވައްޒަފަކަށް ވެފައި އެމް.އެސް ރޭންކްގެ މުވައްޒަފަކު ނެތުމުން ޒިންމާދާރު ވެރިޔާގެ މަސައްކަތް ކުރާނެ މުވައްޒަފަކު ނެތި ގިނަދުވަސްތަކެއް ވެފައި ވާތީ ކައުންސލް އިދާރާއިން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ދަތިވެ ކައުންސިލްގެ ނިންމުންތައް ތަންފީޒު ނުކުރެވި ހުއްޓުމަކަށް އައިސްފައި ވެއެވެ.
  
ކައުންސިލުން މިދިޔަ މަހު ފާސްކޮށް މިއަދު ޢަމަލުކުރަންފެށި ޤަރާރު ނިންމާލަމުން ބުނެފައި ވަނީ ކައުންސިލް އިދާރާގައި ޒިންމާދާރު ވެރިއަކު ނެތި ގިނަދުވަސްތަކެއް ވެފައި ވާތީއާއި، މަސައްކަތް ކުރާނެ ސިވިލް ސަރވިސް މުވައްޒަފުން މަދުކަމުން ޚިދުމަތް ދިނުމަށް ހުރަސްތަކެއް ކުރިމަތި ވެފައި ވާތީ 01 މާޗް 2013 ވަނަ ދުވަހުގެ ކުރިން މި މަޤާމުތަކަށް ބަޖެޓް ނުލިބިއްޖެ ނަމަ ނުވަތަ މަޤާމުތައް ހަމަނުޖެހިއްޖެ ނަމަ ކައުންސިލްގެ މަސައްކަތްތައް ހުއްޓާލާ އިޙްތިޖާޖް ކުރުމަށް ކައުންސިލުން ފާސްކުރުމަށް ހުށައަޅާކަން ފާހަގަ ކޮށްފައި ވެއެވެ.

މި ޤަރާރުވަނީ 2013 ވަނަ އަހަރު ކައުންސިލްގެ 1 ވަނަ ޖަލްސާގައި ކައުންސިލްގެ ފުރިހަމަ އިއްތިފާގުން ފާސްކޮށްފަ އެވެ. މާމެންދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑީއާރްޕީގެ ޓިކެޓްގައި ހޮވުނު ކައުންސިލަރުންނެވެ. އިދިކޮޅު ދެ ފިކުރުގެ މެންބަރުން ތިއްބެވި ނަމަވެސް މާމެންދޫ ކައުންސިލް ފާހަގަވެފައިވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެކައްޗެއް ކިޔައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކައުންސިލަކަށެވެ. ދާދިފަހުން ކައުންސިލަށް ދެ އަހަރުފުރުން ފާހަގަ ކުރުމަށް ކައުންސިލުން ރާއްވަވައުގެން މާމެންދޫގައި ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް