ފަހުގެ ޚަބަރު


އިތުރަށް...

ޞާލިޙުގެފާނު ވާޙަކަ

ލިޔުނީ: Unknown - Saturday, March 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޞާލިޙު ޢަލައިހިއްސަލާމަކީ ޘަމޫދު ބާގައިގެ ބޭފުޅެކެވެ. އެކަލޭގެފާނަކީ، ނޫޙުގެފާނުގެ، ސާމްގެ، އިރަމްގެ، ޖާބިރުގެ، ޘަމޫދުގެ، ޚާދިރުގެ، ޢުބައިދުގެ، މާސިޚުގެ، އަސަފްގެ، ޢުބައިދުގެ ދަރި ޞާލިޙެވެ. އެކަލޭގެފާނު ނިސްބަތްވެގެންވާ ޘަމޫދު އަކީ، ޞާލިޙުގެފާނުގެ ކާބަފައިކަލުންގެތެރެއިންވާ މީހެކެވެ.

ޞާލިޙުގެފާނުގެ ޤައުމުގެ މީހުން ދިރުއުޅުނު ހިސާބުގަނޑަކީ ފަރުބަދަމަތީ ހިސާބުގަނޑެއް ކަމުގައިވާ، މަދާއިނު ޞާލިޙޭ ކިޔާތަނެވެ. އެއީ މިޒަމާނުގެ ޞަޢޫދީ ޢަރަބިއްޔާގައި އޮންނަތަނެކެވެ. ޞަޢޫދީ ޢަރަބިއްޔާގައި އޮންނަ ތައިމާ އާއި ތަބޫކު ހިސާބުގަނޑުގައެވެ. ވާދިލް ޤުރާއޭ ކިޔޭ ވާދީއާ ފަންސާސް ކިލޯމީޓަރުގެ ދުރުގައެވެ. ޞާލިޙުގެފާނުގެ ޤައުމުގެ މީހުންނަކީ ފަރުބަދަކަނޑައިގެން، އެފަރުބަދައިގާ ގެއަޅައިގެން އުޅުނު ބައެކެވެ. އެމީހުންގެ ފަރުބަދައިގައި ބިންވަޅުނަގައި ކަނޑާފައިހުރި ގެތަކާއި ކޮޓަރިތަށް މިއަދާއި ހަމަޔަށްދާންދެންވެސް އެބަހުއްޓެވެ.

ކުރިންވެސް ދެންނެވި ފަދައިން އެބައިމީހުންގެ ގެތަށް މިއަދާއިހަމަޔަށްވެސް އެބަހުއްޓެވެ. އެތަންތަން ދޭކޭމީހުންނަށް ހުރި ޢިބުރަތެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހިވަސައްލަމް ތަބޫކް ހަގުރާމައަށް ވަޑައިގެން މަގުމަތީގައި މަދާއިނު ޞާލިޙަށް ފައިބާވަޑައިގަތެވެ.

މާތް ﷲ ރުއްސުންލެއްވި އިބުނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ މީސްތަކުންނާއިގެން ތަބޫކް ހަގުރާމައަށް ވަޑައިގެން މަގުމަތީގައި މަޑުކުރެއްވިއެވެ. އެމަޑުކުރެއްވީ، ޘަމޫދު ބާގާގެމީހުން ފަރުބަދަތަކުން ކަނޑައިގެން ގެ ހަދާފައިހުރި، އެމީހުން ދިރިއުޅުނު ހިސާބަށެވެ. މީސްތަކުން ޘަމޫދު ބާގައިގެ މީހުންގެ ފެންވަޅުން ފެންނަގައިގެން، ފެން ރައްކާކޮށް އަދި އެފެނުން ފުއްމޮޑެ ކާތަކެތި ތައްޔާރުކުރުމަށް ތެލިތެއްޔަށް ފެންނަގާ ހެދިއެވެ. އެހިނދު، ﷲގެ ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެފެންތެލިތައް އުކައިލުމަށާއި، އަދި މޮޑުނު ފުއްތަށް ޖަމަލުތަކަށް ކާންދިނުމަށް އަމުރުކުރެއްވިއެވެ. ދެން އެހިސާބުގަނޑުން ދަތުރުކޮށް އެކަލޭގެފާނު ފޭބެންނެވީ، ޘަމޫދު ބާގައިގެ މައްޗަށް ފޮނުވުނު މުޢުޖިޒާތް ކަމުގައިވި ޖަމަލު ފެންބޮއެ އުޅުނު ވަޅު ކައިރިއަށެވެ. އަދި އެވަޅުން އެކަލޭގެފާނުގެ ގާތުގައިވީ މީހުން ފެންބޭނުންކުރުން މަނާކުރައްވައި ޙަދީޘްކުރެއްވިއެވެ. ” އެބައިމީހުންގެ މައްޗަށް (އެބަހީ: ޘަމޫދު ބާގައިގެ މީހުންނާ) ކުރިމަތިވިފަދަ ކަމެއް ތިޔަބައިމީހުންނަށް ކުރިމަތިވެދާނެކަމަށް ތިމަންކަލޭގެފާނު ބިރުވެތިވަމެވެ. ފަހެ، ތިޔަބައިމީހުން އެމީހުންގެ (އަވަށުގ) ތެރެއަށް ނުވަންނާށެވެ.”

ތާރީޚު ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ޞާލިޙުގެފާނުގެ ޤައުމުގެ މީހުންނަކީ ވަރަށް އުމުރު ދިގުބައެކެވެ. އެބައިމީހުން ހަރު ކިސަޑުން ގޯތިގެދޮރު ބިނާކޮށް ހަދައިއުޅުނެވެ. ނަމަވެސް އެގޯތި ބިނާކުރިމީހާގެ ޢުމުރު ހުސްވެ، ދުނިޔެ ދޫކުރުމުގެ ކުރީގައި އެނާގެ ގެ ހަލާކުވެދެއެވެ. އެހެންކަމުން، އެބައިމީހުން ފަރުބަދަ ކަޑައި، ބިންވަޅުނަގައި ހަދައިގެން ވަރަށް ފުރިހަމައަށް ގޯތިގެދޮރު ބިނާކޮށް އުޅުނެވެ.

އާދޭހެވެ! ޘަމޫދު ބާގައިގެ މީހުންގެ ވާހަކައާއި، އެބައިމީހުންނަށް ފޮނުވުނު މުޢްޖިޒާތް ކަމުގައިވި ޖަމަލުގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. އެހެން ނަބިއްޔުންނޭ އެއްފަދައި، ﷲ ޞުބުޙާނަހޫ ވަތަޢާލާ ޞާލިޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމަށް ފޮނުއްވިއެވެ. ޘަމޫދު ބާގައިގެމީހުންވެސް އެއްކައުވަންތަކަމުގެ ދީން ދޫކޮށް، ބުދަށް އަޅުކަންކުރިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް ދީނައް ގޮވާލައްވައި ވިދާޅުވިއެވެ. އޭ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތް ﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް އަޅުކަންކުރުމުގައި އެހެން ފަރާތްތަށް ބައިވެރިނުކުރާށެވެ. އެބައިމީހުންނަށް މާތް ﷲ ދެއްވާފައިވާ ގިނަގުނަވި ނިޢުމަތްތައް ހަނދާންކޮއްދެއްވިއެވެ. އަދި ވިދާޅުވިއެވެ. ޢާދުބާގައިގެ މީހުން ނެތިކުރެއްވުމަށްފަހު، ތިޔަބައިމީހުން ބިމުގައި ލައްވައި، އެބިން ޢިމާރާތްކުރުމުގެ ހުނަރުތައް ތިޔަބައިމީހުންނަށް ދަސްކޮށްދެއްވިއެވެ.

” އަދި ޘަމޫދު ބާގައިގެ މީހުންގެ ގާތަށް އެބައިމީހުންގެ އަޚު ޞާލިޙުގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެބިމުގައި ޢިމާރަތްކޮށް އެބިމުގެ ފައިދާލިބިގަންނަ ބަޔަކުކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން އެކަލާނގެއަށް ތައުބާ ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ ކުއްތަންވެވޮޑިގެންވާ (ދުޢާ) އިޖާބަކުރައްވާ ރަސްކަލާނގެއެވެ.” (ހޫދު 61).

ޞާލިޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ގޮވައިލެއްވީ ބުދައް އަޅުކަންކުރުން ދޫކޮށް، އެކަންއުވަންތަ އިލާހަށް އަޅުކަންކުރުމަށް އެބުރި ދިޔުމަށެވެ. އެބުދުތަކަކީ އެއްވެސް ފައިދާއެއް ނުވަތަ ގެއްލުމެއްދޭ ތަކެއްޗެއް ނޫނެވެ. އަދި ފެންނަ އަޑުއިވޭ އެއްޗިއްސެއްވެސް ނޫންމެއެވެ. ފަހެ، ޞާލިޙުގެފާނުގެ ގޮވައިލެއްވުމަކީ އެކަލޭގެފާނުގެ ކުރީގައިވެސް، އަދި ފަހުގައިވެސް ނަބިއްޔުންނާއި ރަސޫލުން އެކަމަކަށް ގޮވައި ދަޢުވަތުދެއްވި ކަމެވެ. އެއީ އަޅުކަންކުރުމުގައި، މާތް ﷲ އާއި އެއްވެސް ބައިވެރިއަކު މެދުވެރިނުކުރުމަށާއި، އިޚްލާޞްތެރި އެއްކައުވަންތަކަމުގެ ދީނަށް އައުމަށެވެ.

ޘަމޫދު ބާގައިގެމީހުން އެމީހުންގެ ނަބިއްޔާ ދޮގުކުރިއެވެ. އަދި މާތް ﷲ އަށް އަޅުކަންކުރުމަށް ގޮވައިލެއްވި ގޮވައިލެއްވުމަށް އިންކާރުކޮށް ދެކޮޅުހެދިއެވެ. ޘަމޫދު ބާގައިގެމީހުންގެ ދުނިޔޭގެ އަރާމާއި، ކެއިންބުއިމާއި، އިސްރާފުކުރުމުގައި ހައްދުފަހަނައަޅައިދިޔައެވެ. ފަރުބަދައިން ބޮޑެތިވެގެންވީ ގޯތިގެދޮރުހަދައި ފުރިހަމަކުރިއެވެ. އެބައިމީހުންގެ ޢަމަލުތަށް އިންކާރުކޮށް ޞާލިޙުގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އަމާންކަމާއިއެކު އަބަދުގެ އަބަދަށް ތިޔަ ނިޢުމަތުގައި ތިބޭނެކަމަށް ހީކުރަނީހެއްޔެވެ. އަދި ތިޔަބައިމިހުން ބޭނުންވާނޭ ހުރިހާ ނިޢުމަތެއް އެކަލާނގެ ތިޔަބައިމީހުންނަށް ފުއްދަވައިދެއްވިއެވެ. އޭގެތެރޭގައި އެކިވައްތަރުގެ މޭވާ ބަގީޗާތަކާއި، ފެންކޯރުތަކާއި، ދަނޑުގޮވާމާއި، ކަނދުރު ދަނޑުތަކާއި ތިޔަބައިމީހުންނަށް އެކަލާނގެ ދެއްވިއެވެ. އަދި ފަސޭހަކަމާއިއެކު ފަރުބަދައިން ބިންވަޅުނަގައި، ގޯތިގެދޮރުހެދުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް އެކަލާނގެ ދެއްވިއެވެ. ދެން މިފަދަ މަތިވެރިވެގެންވީ ބޮޑެތި ނިޢުމަތްތަކަށް ތިޔަބައިމީހުން ޝުކުރުވެރިނުވަނީހެއްޔެވެ؟ މާތް ﷲ އަށް ބިރުވެތިވެ، އަކަލާނގެއަށް ތައުބާވާށެވެ. އަދި ތިމަންކަލޭގެފާނު މިދެއްވާދަޢުވަތަށް އިޖާބަދީ ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ.

އެބައިމީހުންނަށް ޞާލިޙުގެފާނު ގޮވައިލެއްވި ގޮވައިލެއްވުން ޤުރްއާންގެ އަންނަނިވި ބަސްފުޅުގައިވެއެވެ. “ޘަމޫދު ބާގައިގެމީހުން ރަސޫލުން ދޮގުކުރިއެވެ.(141) އެއީ އެބައިމީހުންގެ އަޚު ޞާލިޙުގެފާނު އެބައިމީހުންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤުވާވެރި ނުވަނީހެއްޔެވެ؟(142) ހަމަކަށަވަރުން އަހުރެންނީ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ.(143) ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި އަހުރެންނަށް ކިމަންތެރިވާށެވެ!(144) އަދި އަހުރެންގެ ރަސޫލުކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޞުރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެއެވެ.(145) މިދުނިޔެމަތީގައިވާ ނިޢުމަތްތަކުގައި އަމާންކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެހެއްޔެވެ؟(146) ބަގީޗާތަކާއި ފެންއާރުތަކު ތެރޭގައެވެ.(147) އަދި ދަނޑުތަކާއި އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރު ރުއްތަކުގެ މެދުގައެވެ.(148) އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ. (149) ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! (150) އަދި، ޙައްދު ފަހަނަޅައިދާ މީހުންގެ އަމުރަށް ތިޔަބައިމީހުން ކިޔަމަންތެރިނުވާށެވެ! (152) އެބައިމީހުންނަކީ ބިމުގައި ފަސާދަ އުފައްދާ އަދި އިޞްލާޙެއް ނުކުރާ މީހުންނެވެ.(152)” (އައްޝުޢަރާ 141-152).

ޞާލިޙުގެފާނާއި އެކަލޭގެފާނުގެ ޤައުމުގެމީހުންނާއި ދެމެދު ވާހަކަތަކެއް ދެކެވުނެވެ. އަދި އެބައިމީހުން އެކަލޭގެފާނުގެ ދަޢުވަތު އިންކާރުކުރިއެވެ. އެކަލޭގެފާނަކީ ދޮގުވެރިއެއްކަމުގައި ބުންޏެވެ. އަދި އެބައިމީހުންގެ ކާބަފައިން އަޅުކަންކޮށް އުޅުނު އިލާހުންތައް ދޫކޮށްނުލާނެކަމުގައި ބުންޏެވެ. ޞާލިޙުގެފާނު އެބައިމީހުންނަށް މާތް ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަށް ހަނދާކޮށްދެއްވިއެވެ. ނަމަވެސް އެބައިމީހުން އެކަންކަމުން ޢިބުރަތްލިބިއެއް ނުގަނެއެވެ.

ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. ” އަދި ޢާދު ބާގައިގެ މީހުންގެ ފަހުން ޚަލީފާއިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި އަދި ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ ތިޔަބައިމީހުން ބިމުގައި ފާސިދު ނުކުރާހުށިކަމެވެ!” (އަލްއަޢްރާފް 74)

ޘަމޫދު ބާގައިގެމީހުން ޞާލިޙުގެފާނުގެ ދަޢުވަތު ދޮގުކުރިއެވެ. އަދި އެކަލޭގެފާނަކީ ދޮގުވެރިއަކު ކަމުގައި ބުންޏެވެ. އެބައިމީހުން ފަދައިން، ކައިބޮއި، ހިނގާބިނގާވެ އުޅޭ އިންސާނަކަށް މާތް ﷲ އެކަލާނގެ ރިސާލަތު ނުދެއްވާނެކަމުގައި ބުންޏެވެ.    މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ :
“އެބައިމީހުން ދެންނެވިއެވެ. އޭ ޞާލިޙުގެފާނެވެ! ހަމަކަށަވަރުން މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމުއެވެ. (އެހެންކަމާއެކުވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީ ތޯއެވެ؟ ހަމަކަށަވަރުން ތިމަންނަމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު ތިމަންމެން މިތިބީ ވަސްވާސްތެރިކަމުން ފުރިގެން ޝައްކެއްގައިކަން ކަށަވަރެވެ.(62) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ ޙަޟުރަތުން އަހަރެންނަށް ރަޙުމަތެއް (އެބަހީ: ނަބީކަމާއި ރަސޫލުކަން) އެކަލާނގެ ދެއްވިހިނދު، އެކަލާނގެއަށް އަހުރެން އުރެދިއްޖެނަމަ، ﷲގެ ޙަޟުރަތުން އަހުރެންނަށް ނަޞްރު ދޭނީ ފަހެކާކުހެއްޔެވެ؟ ފަހެ، ގެއްލުންދިނުން ނޫން އެހެންކަމެއް ތިޔަބައިމީހުން އަހުރެންނަކަށް އިތުރެއްނުކުރަމެވެ.(63)” (ހޫދު 62-63)

ޘަމޫދު ބާގައިގެމީހުން އެކަލޭގެފާނަށް އުރެދުނެވެ. އަދި އެކަލޭގެފާނާއި ޖަދަލުކުރިއެވެ. އެކަލޭގެފާނަކީ ސިހުރުޖެހިފައިވާ މީހަކުކަމުގައި ބުންޏެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވި ބަސްފުޅުތަށް އަންނަނިވި އާޔަތްތަކުގައި މާތް ﷲ ބާވައިލައްވާފައިވެއެވެ. “އެބައިމީހުން ދެންނެވިއެވެ. ކަލޭގެފާނުވަނީ ޖާދޫގައިޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.(153). ތިމަންމެންކަހަލަ އާދަމުގެދަރިއެއް ކަމުގައިމެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނު ތެދުވެރީންގެ ތެރެއިންވާނަމަ، ފަހެ މުޢުޖިޒާތެއް ގެންނަވައިބައްލަވާށެވެ!(154)” (އައްޝުޢަރާ 153-154)

ޞާލިޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އެއްވެތިބި މަޖިލިހެއްގައި ދީނަށް ގޮވައިލެއްވިއެވެ. އަދި އެބައިމީހުންނަށް ހަނދުމަކޮށްދިނެވެ. އަދި އެބައިމީހުންނަށް އިންޒާރުދީ ބިރުގެންނެވިއެވެ. އަދި އެބައިމީހުންނަށް ނަސޭހަތްތެރިވެ ހެޔޮބަސްތަކުން ވިސްނައިދިނުމަށް މަސައްކަތްކުރެއްވިއެވެ. އެކަލޭގެފާނުގެ ޤައުމުގެމީހުން އެތަނުން ގާތުގައިހުރި ބޮޑު ހިލަޔަކަށް ޢިޝާރާތްކުރަމުން އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތައްތަކަކީ ތެދުކަމުގައިވާނަމަ، މިހިރަފެންނަ ބޮޑުހިލަ ފަޅުއްވައި ޖަމަލެއް ނެރުއްވަބައްލަވާށެވެ. އަދި އެބައިމީހުން އެޖަމަލުގެ ސިފަތައްކިއެވެ. އޭގެތެރޭގައި، އެޖަމަލީ އަންހެން ޖަމަލަކަށް ވުމާއި، އެޖަމަލަކީ ވިހަން ކައިރިވެފައިވާ ދިހަމަހައްދާ ޖަމަލަކައްވުމަށް އެދިލެއްވިއެވެ. އަދި އޭގެ ބޮޑު މިނުގަޔާއި ދިގުމިނުގައި އެވެނި މިވެނި ސިފަތަކެއް ހުންނަޖެހޭނެކަމުގައި ބުންޏެވެ. އެހިނދު، ޞާލިޙު ޢަލައިހިއްސަލާމް އެބައިމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ އެދުނުކަންތައް ތިޔައެދުނު ސިފައިގާ، ތިޔައެދުނު ގޮތަށް ކުރައްވައިފިނަމަ، ތިމަންކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކުރާނަން ހެއްޔެވެ؟ އަދި ތިމަންކަލޭގެފާނު މިގޮވައިލާ ގޮވައިލުމަށް އިޖާބަދީ ތިމަންކަލޭގެފާނަށް އީމާންވާނަންހެއްޔެވެ؟ އެބައިމީހުން އެކަލޭގެފާނަށް އާދޭހޭ ދެންނެވިއެވެ. އަދި އެބައިމީހުންގެ ވަޢުދާއި އެއްބަސްވުން އެކަލޭގެފާނަށް ދެއްވިއެވެ.

ދެންފަހެ، ޞާލިޙުގެފާނު ތެދުވަންނަވައި މާތް ﷲ އަށް ނަމާދުފުޅެއް ކުރެއްވިއެވެ. އަދި އެނަމާދުފުޅަށްފަހު އެކަލާނގެއަށް ދުޢާކުރެއްވިއެވެ. އަދި އެބައިމީހުން އެ އެދޭކަންތައްތައް ދެއްވުންއެދި އެކަލާނގެއަށް ދެންނެވިއެވެ. އެހިނދު، އެ ހިލަފަޅައިގެންދިޔައެވެ. އަދި ޘަމޫދު ބާގައިގެމީހުން އެދުނުގޮތަށް، އެބައިމީހުން ބޭނުންވީ ސިފަތަށް ލިބިގެންވާ ބޮޑު އަންހެން ޖަމަލެއް އެ ހިލައިން ނުކުތެވެ.

އެބައިމީހުންގެ ލޯތަކުގެ ކުރިމަތީގައި ގަދަފަދަވެގެންވީ މުޢުޖިޒާތް ފާޅުވެގެންދިޔައެވެ. އަދި ދުނިޔަވީ އާދަތައް ފޫވައްޓާލައި، އިންސާނުންނަށް ކުރުމަށް ނުކުޅެދިގެންވާފަދަ މަތިވެރި ކަންތައްތަކެއް އެމީހުންނަށް ފެނިގެންދިޔައެވެ. އެކަމުގެ ސަބަބުން ގިނަބަޔަކު އެކަލޭގެފާނަށް އިޖާބަދީ އީމާންވިއެވެ. އަދި ގިނަބަޔަކު އަނިޔާވެރިކަމާ، ކިބުރުވެރިކަމާއިއެކު ނުކިޔަމަންތެރިކަމުގައި ދެމިތިއްބެވެ. އެބައިމީހުންގެ ގެއްލެނިކަމާއި ކިބުރުވެރިކަން ވަކީންވީ އިތުރެވެ.

މިދެންނެވި ހާދިސާގެތެރެއިން ބައެއް ވާހަކަތަކަކީ ޤުރުއާންގައި އައިސްފައިވާ ވާހަކަތަކެކެވެ. “ޘަމޫދު ބާގައިގެމީހުން އިންޒާރުތަށް ދޮގުކުރިއެވެ.(23) ފަހެ، އެބައިމީހުން ބުންޏެވެ. ތިމަންމެން ތަބާވާންވީ ތިމަންމެންގެ ތެރެއިން އެންމެ އާދަމުގެ ދަރިއަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން ތިމަންމެން މަގުފުރެދުމާއި މޮޔަކަމެއްގައިވާކަން ކަށަވަރެވެ.(24) ތިމަންމެންގެ ތެރެއިން، ހަމައޭނާއަށް ވަޙީ ބާވަލެއްވީހެއްޔެވެ؟ އަިދ ކިއެއްތަ! އޭނާއަކީ ބޮޑު ދޮގުވެރި ބޮޑާމީހެކެވެ.(25) ބޮޑު ދޮގުވެރި ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: ޢަޛާބު އަންނަދުވަހު) އެބައިމީހުންނަށް ނިކަންހުރެ އެނގޭނެއެވެ.(26) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެބައިމީހުންނަށް އިމްތިޙާނެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެމީހުން ކަންކުރާގޮތް ބައްލަވައި އިންތިޒާރު ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ!(27)” (އަލްޤަމަރު 23-27)

ޞާލިޙުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް މުޢުޖިޒާތެއްގެގޮތުގައި މިފޮނުއްވުނު އަންހެން ޖަމަލަކީ، އެބައިމީހުންގެ އެދުމުގެމަތިން އެބައިމީހުންނަށް ފޮނުއްވުނު އެއްޗެކެވެ. އެބައިމީހުންގެ ލޮލުގެ ކުރިމަތީގައި، އެމަތިވެރި، ހައިރާންކުރުވަނި އަދި ބިރުވެރި މުޢުޖިޒާތް ހިގައިދިޔައެވެ. އަސްލު ޙަޤީޤަތުގައި ޘަމޫދު ބާގައިގެމީހުން، ޞާލިޙުގެފާނަށް އީމާންވުން ވާޖިބުވިއެވެ. އެބައިމީހުންގެތެރެއިން އީމާންވީ މަދުބައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. “އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ކިބުރުވެރިވެގަތް ބޮޑުން އޭގެތެރެއިން އީމާންވެ ނިކަމެތިކޮށް ހިތުނު މީހުންނަށް ބުންޏެވެ. ޞާލިޙުގެފާނަކީ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޞުރަތުން ފޮނުއްވި ރަސޫލަކުކަން ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ! އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން އެކަލޭގެފާނު އެކަމަކާއިގެން ފޮނުއްވި ކަމަކަށް ތިމަންމެން މިތިބީ އީމާންވެގެންނެވެ.(75) ކިބުރުވެރިވި މީހުން ބުންޏެވެ. ތިޔަބައިމީހުން އީމާންވި ކަންތަކަށް ހަމަކަށަވަރުން އަހުރެމެން މިތިބީ ކާފަރުވެގެންނެވެ.(76)” (އަލްއަޢްރާފް 75-76).

އެބައިމީހުންނަށް މުޢުޖިޒާތެއްގެ ގޮތުގައި ފޮނުއްވުނީ އަންހެން ޖަމަލެކެވެ. އޭތި ނުކުތީ ފަރުބަދައެއްގައިވި ބޮޑު ހިލައެއް ފަޅައިގެންގޮސް އެހިލަތެރެއިންނެވެ. އަދި ޘަމޫދު ބާގައިގެމީހުން އެމީހުން އެދުނު މުޢުޖިޒާތް އެމީހުންނަށް އައުމުންވެސް އީމާނެއް ނުވިއެވެ. ދެންފަހެ، އެޖަމަލު ބިމުގައި ވިނަކައި ފެންބޮއި އުޅުމަށް މިނިވަންކަމާއި އެކު ދޫކޮށްލުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. އަދި އެ ޖަމަލަށް އެއްވެސް ގޯނާއެއްނުކޮށް އަނިޔާއެއް ނުދިނުމަށް އަމުރުކުރެއްވިއެވެ. އެޖަމަލަށް އަނިޔާއެއް ދީފިނަ އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބެއް ފޮނުއްވަފާނޭކަމުގެ އިންޒާރުކުރެއްވިއެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. “ތިޔަބައިމީހުން ވެރި ރަސްކަލާނގެ ޙަޞުރަތުން ބަޔާންވެގެންވާ މުޢުޖިޒާތެއް ތިޔަބައިމީހުނަށް އަތުވެއްޖެކަން ކަށަވަރެވެ. މުޢުޖިޒާތެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި ﷲ ފޮނުއްވި ޖަމަލެކެވެ. ފަހެ، ﷲގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި، އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި ޢަޛާބެއް ތިޔަބައިމީހުންނަށް ލިބޭނެއެވެ.” (އަލްއަޢްރާފް 73)

ޘަމޫދު ބާގައިގެމީހުނަށް މުޢުޖިޒާތެއްކަމުގައި ޖަމަލެއް ފޮނުއްވުނެވެ. އެޖަމަލަކީ އެބައިމީހުންގެ ނަބިއްޔާ، ޞާލިޙު ޢަލައިހިއްސަލާމްގެ ގާތުގައި އެކަލޭގެފާނުގެ ގައުމުގެ މީހުން އެދުނު އެދުމުގެ މަތިން ފޮނުއްވުނު ޖަމަލެކެވެ. އަދި އެޖަމަލު ފޮނުއްވުނީ އެބައިމީހުން ސިފަކޮށް އެދިފައިވާ ސިފައިގައެވެ. އެ ޖަމަލަކީ، އެހެން ޖަމަލުތަކަށްވުރެ ދިގުމިނުގަޔާއި، އުސްމިނުގައި ބޮޑުވެގެންވާ ޖަމަލެކެވެ. ޘަމޫދު ބާގައިގެ މިހުންގެ ކުރިމަތީގައި ހިލައެއް ފަޅައިގެންގޮސް އެހިލައިން ފޮނުއްވުނު ޖަމަލެކެވެ. އެބައިމީހުންގެ ކުރިމަތީގައި އެވަރުގެ ބޮޑު މުޢުޖިޒާތެއް ހިނގައިދިޔުމުންވެސް އީމާންވީ މަދުބައެކެވެ.

އަދި މާތް ﷲ ގެ އަމުރުފުޅު ޞާލިޙުގެފާނު އެބައިމީހުންނަށް ބަޔާންކޮށްދެއްވިއެވެ. އެއީ އެޖަމަލަށް އެއްވެސް ގޯނާއެއް ނުދިނުމަށެވެ. އޭތި މިނިވަންކަމާއި، އަމާންކަމާއެކު ބިމުގައި ކައިބޮއިއުޅުމަށް ދޫކޮށްލުމަށެވެ.

އާދޭހެވެ! ސަހަރާއާއި، ފަރުބަދަމަތީ ހިސާބުތަކުގެ ރަށްރަށަކީ ފެނުގެ ދަތިކަން ހިސާބަކަށް ކުރިމަތީވާ ތަންތަނެވެ. ޘަމޫދު ބާގައިގެމީހުންގެ ހިސާބުގަނޑުގައި ފެންބޮއެއުޅުމަށް ހުންނަނީ އެންމެ ވަޅެކެވެ. އަދި ﷲ ޞުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް އެވަޅުގެފެން ދެބައަކަށް ބެއްސެވުނެވެ. އެއީ އެބައިމީހުންގެ މައްޗަށް ފޮނުއްވުނު ޖަމަލަށް އެއްދުވަސް، އަދި އެބައިމީހުން ފެން ބުއިމަށް އަނެއްދުވަހެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެބައިމީހުންނަށް އިމްތިޙާނެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެމީހުން ކަންތައްކުރާގޮތް ބައްލަވައި އިންތިޒާރު ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ! (27) އަދި ކަލޭގެފާނު އެބައިމީހުންނަށް އަންގަވާށެވެ! ހަމަކަށަވަރުން ފެންވަނީ އެބައިމީހުންގެ މެދުގައި (އެބަހީ: އެބައިމީހުންނާއި އެ ޖަމަލާއި ދެމެދު) ބައްސަވާފައެވެ. ކޮންމެ ބަޔަކަށްމެ، އެބައެއްގެ ބުއިން (އެބައެއްގެ ދުވަހު) ޙާޟިރު ކުރައްވާފައިވެއެވެ.(28)” (އަލްޤަމުރު 27-28)

އަލްއިމާމް އިބްނު ކަޘީރު ލިޔުއްވާފައިވެއެވެ. ހާލަތު ނިޔާކުރިގޮތުން އެ ޖަމަލު އެބައިމީހުންގެ ތެރޭގައި ދުވަސްތަކެއް ވޭތުކުރިއެވެ. އެސޮރު ބޭނުންވި ކޮންމެތާކުން ވިނަކައިގެން، އަދި އޭތީގެ ދުވަހު ފެންބޮއިގެންނެވެ. އޭތި ފެންބޯން އައިސްފިނަމަ އެދުވަހު ވަޅުގައިހުރި ހުރިހާފެނެއް ބޮއެ ހުސްކޮށްލައެވެ. އަދި އަނެއްދުވަހު ޘަމޫދު ބާގައިގެމީހުންނަށް ފެނަށް ދަތިވެއެވެ. ބުނެވޭގޮތުގައި، އެބައިމީހުން އެދުވަހު (އެބައިމީހުންނަށް ފެން ލިބެންއޮންނަ ދުވަހު) އެޖަމަލުގެ ކިރު ބޯކަމުގައިވިއެވެ. އެޖަމަލުގެ ކިރުން އެ ގަބީލާގެ އެންމެންނަށް ފުދޭވަރަށް ލިބެއެވެ.

އެޖަމަލުގެ ސަބަބުން އެބައިމީހުންނަށް އެތައް ތުރާތަކެއް ލިބެމުންދިޔައެވެ. އެހެނީ، އޭތި ފެންބޯދުވަހު ވަޅުގައިވާ ހުރިހާފެނެއް ބޮއިހުސްކޮށްލައެވެ. އެހެންވުމުގެ ސަބަބުން އަނެއްދުވަހު އެބައިމީހުނަށް ފެނުގެ ދަތިކަން އިޙްސާސްކުރެވެއެވެ. އެކަމުގެ ސަބަބުން ޘަމޫދު ބާގައިގެމީހުން އެބައިމީހުން ފެންބޯން ލިބޭދުވަހު، ފެންނަގައި ރައްކާކުރުމުގެ ބުރަ މަސައްކަތްވެސް ކުރަންޖެހެއެވެ.

އަދި މެންދުރުގެ ހޫނުގަދަ ވަގުތުގައި އެޖަމަލު ވާދީގެ ތެރޭގައި، ޘަމޫދުބާގައިގެމީހުން އެބައިމީހުންގެ ގެރި ބަކަރި، ޖަމަލުތައް ހުއިހައްޕަން ނިކުމެއުޅޭ ހިސާބުގައި، ފިނިކޮށްލުމަށާއި އަރާމުކުރުމަށް މަޑުކުރެއެވެ. އެޖަމަލު ފެނުމުން އެހެން ޖަނަވާރުތައް ބިރުން ފިލައިދުވެއެވެ. އެއީ، އެޖަމަލަކީ އާދަޔާއި ޚިލާފަށް ބިޔަވެފައި، ހަށިގަނޑުވެސް ވަރަށް ބޮޑު ޖަމަލަކަށް ވާތީއެވެ. މި ކަންތައް މިގޮތަށް ދިމާވުމުގެ ސަބަބުން އެބައިމީހުންނަށް ބަކަރި ހުއިހައްޕަންވެސް އުދަގޫވިއެވެ.

މިހާލުގައި ގިނަ ދުވަސްތަކެއް ވުމަށްފަހު، ޘަމޫދު ބާގައިގެ ބޮޑުން އެއްވިއެވެ. އަދި އެޖަމަލަށް ހަދާނެ ގޮތަކާއިމެދު ސައްލާކުރިއެވެ. ހުރިހާ އެންމެންވެސް އެއްބަސްވީ އެޖަމަލު ކަތިލައި މަރާލާށެވެ.

އިސްވެ ބަޔާންކުރެވުނު އާޔަތުގައިވެއެވެ. “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެބައިމީހުންނަށް އިމްތިޙާނެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ.” (އަލްޤަމަރު 27). އެބަހީ، އެ އަންހެން ޖަމަލު ފޮނުއްވުނީ އެބައިމީހުންނަށް ހުރި އިމްތިޙާނެއްގެ ގޮތުގައެވެ. އޭތި ބިމުގައި ކައިބޮއި އުޅުމަށް އަމާންކަމާއިއެކު ދޫކޮށްލުމަށް އެބައިމީހުންނަށް އަމުރުވެވިގެންވިއެވެ. އަދި ފެންވަޅު އެދެފަރާތުގެ މެދުގައި ހަމަހަމައަށް ބެހިގެންވާކަންވެސް އެންގެވިއެވެ. “އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. އެ އެއްޗަށް ބޯފެނުގެ ޙިއްޞާއެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅިގެންވާ ދުވަހެއްގެ ބޯފެނުގެ ޙިއްޞާއެއްވެއެވެ.(155) އަދި ތިޔަބައިމީހުން އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެންހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު އައިސް ތިޔަބައިމީހުންނަށް ޖެހިދާނެއެވެ.(156)” (އައްޝުޢަރާ 155-156)

ޘަމޫދުބާގައިގެ މީހުން އެބައިމީހުންނަށް އެންގެވިގެންވީ އަމުރުފުޅުތަކާއި ޚިލާފުވިއެވެ. “އެބައިމީހުން އެޖަމަލު މަރައިލިއެވެ. އަދި އެމީހުންގެ ވެރި ރަސްކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވިއެވެ. އަދި އެމީހުން ބުންޏެވެ. އޭ ޞާލިޙުގެފާނެވެ! ކަލޭގެފާނުވަނީ ރަސޫލުންގެ ތެރެއިން ކަމުގައިވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ ވަޢުދުކުރައްވާ ކަމެއް (އެބަހީ: ޢަޛާބު) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ!” (އަލްއަޢްރާފް 77)

އެޖެމަލު މަރާއިލެވުނު ގޮތާއި ބެހޭގޮތުން އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވާފައިވެއެވެ. އިބްނު ޖަރީރު ރަޙިމަހުﷲ އާއި އަދިވެސް އެހެނިހެން ތަފްސީރު ޢިލްމުވެރިންގެކިބައިން ރިވާވެގެންވެއެވެ. ޘަމޫދު ބާގައިގެ، ރީތިކަމާއި މުއްސަނދިކަން ލިބިގެންވާ ދެއަންހެނުން އުޅުނެވެ. އޭގެތެރެއިން އެކަކުގެ ނަމަކީ ޞަދޫފް އެވެ. މިއަންހެންމީހާ އޭނާގެ ޤައުމުގެ މީހަކަށް ދަޢުވަތު ދިނެވެ. އެޖަމަލު މަރައިލައިފިނަމަ އޭނާއާއި ފާޙިޝް ޢަމަލު ހިންގުމަށް، އޭނާގެ ހަށިގަނޑު ދިނުމަށް އެއްބަސްވިއެވެ.

އޭގެތެރޭގައި ހިމެނުނު އަނެއް އަންހެންމީހާގެ ނަމަކީ ޢުނައިޒާއެވެ. އޭނާގެ ރީތި އަންހެންދަރީން ތިބެއެވެ. މިއަންހެންމީހާ ޘަމޫދު ބާގައިގެ މީހަކަށް ދަޢުވަތުދިނެވެ. އެ ޖަމަލުގެ ދުވަސް ދުއްވާލައިފިނަ އޭނާގެ އަންހެންދަރިއެއް ދިނުމަށް އެއްބަސްވިއެވެ. އަދި މި ދެފިރިހެނުންނާއެކު އިތުރު ހަތް ފިރިހެނުން އެޖަމަލު މަރާލުމުގައި ބައިވެރިވި ކަމުގައިވެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. “ފަހެ އެބައިމީހުންގެ އެކުވެރިޔާއަށް އެބައިމީހުން ގޮވިއެވެ. ފަހެ އޭނާކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ.(29) ފަހެ، ތިމަންރަސްކަލާނގެ ޢަޛާބާއި ތިމންރަސްކަލާނގެ އިންޒާރުތައް ވީ ކޮންފަދައަކުންހެއްޔެވެ؟(30) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެބައިމީހުންވިއެވެ.(31) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށްދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟(32) (އަލްޤަމަރު 29-32)

އަދިވެސް ތާރީޚު ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ޘަމޫދު ބާގައިގެތެރެއިން ޖަމަލު މަރާލިމީހުން، ޞާލިޙު ޢަލައިހިއްސަލާމްވެސް މަރާލުމަށް ރޭވިއެވެ.

އަލްއިމާމް އައްޠަބަރީ ރަޙިމަހު ﷲ އެކަލޭގެފާނުގެ ތާރީޚު ފޮތުގައި ލިޔުއްވާފައިވެއެވެ. ޞާލިޙު ގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއަށް އައެވެ. އަދި އެބައިމީހުން ޖަމަލު ކަތިލައިފިކަން އެގުމުން އެކަމާ ވަރަށް ހިތާމަ ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގޯތިގެދޮރުގައި ތިންދުވަސް ވަންދެން އަރާމާއި މަޖާ ކުރާށެވެ. އެއައްފަހު، ތިޔަބައިމީހުންގެ މައްޗަށް ﷲ ތަޢާލާގެ ޢަޛާބު އަންނާނެއެވެ.

އެކަލޭގެފާނުގެ އިންޒާރުގެ އަޑުއިވުމުން އެބައިމީހުން އެކަކު އަނެކަކަށް ބުންޏެވެ. ޞާލިޙުގެފާނުވެސް އެޖަމަލުފަދައިން މަރާލައި ނައްތާލަމާ ހިނގާށެވެ. އެއިރުން އެ ވިދާޅުވާ ޢަޛާބެއް ތިމަންމެންގެ މައްޗަށް އައިކަމުގައިވިއްޔާ އެކަލޭގެފާނަށް ކުރީބައިގައި އޭގެ ރަހަ ދެއްކުނީއެވެ. އަދި އެކަލޭގެފާނު ޢަޛާބާއި ބެހޭގޮތުން އިތުރުފުޅު ހައްދަވަނީ ކަމުގައިވާނަމަ، ތިމަންމެން އެކަލޭގެފާނުގެ ކިބައިން ސަލާމަތްވެސް ވީއެވެ. އެބައިމީހުން ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނުގެ ގެކޮޅަށް އެކަލޭގެފާނު މަރާލުމަށްޓަކައި ދިޔައެވެ. ނަމަވެސް، މާތް ﷲ ގެ ޚާއްޞަ ރައްކައުތެރިކަމަކުން އެކަލޭގެފާނު ރައްކައުތެރިކުރެއްވުނެވެ. އެބައިމީހުންގެ މައްޗަށް ފަރުބަދަ މަތިން ހިލަފައިބާ އެބައިމީހުން މަރުވެދިޔައީއެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. ” ދެން ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައިހިނދު، ޞާލިޙުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި އީމާންވި މީހުން، ތިމަންރަސްކަލާނގެ ޙަޞުރަތުންލެއްވި ރަހުމަތަކާއެކު އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ބާރުވެރިވަންތަ ރަސްކަލާނގެއެވެ.(66) އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުނުވީއިރު، އެބައިމީހުންގެ ގޯތިގެދޮރުގައި އެބައިމީހުން ތިބީކަކޫ މައްޗަށް ތިރިވެ މަރުވެފައެވެ.(67) އެބައިމީހުން އެތާ އުޅެފައިނުވާކަހަލައެވެ. ދަންނާށެވެ! ހަމަކަށަވަރުން ޘަމޫދު ބާގައިގެމީހުން، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް ކާފިރުވިއެވެ. ދަންނާށެވެ! ޘަމޫދު ބާގައިގެ މީހުންނަށް ހަލާކުހުއްޓެވެ.(68)” (ހޫދު: 66-68)

ދެންފަހެ، ޞާލިޙުގެފާނު ވިދާޅުވެފައިވާ ފަދައިން ތިންދުވަސް ދިޔައެވެ. އެ ތިން ދުވަހުގެ ތެރެއިން ފުރަތަމަދުވަހު ޘަމޫދު ބާގައިގެ މީހުންގެ މޫނުތައް ރީނދޫވިއެވެ. އަދި ދެވަނަ ދުވަހު އެބައިމީހުން ހޭލިއިރު އެބައިމީހުންގެ މޫނުތައް ރަތްވެފައި ވިއެވެ. އަދި ތިންވަނަ ދުވަހު އެބައިމީހުންގެ މޫނުތައް އަނދިރިވެ ކަޅުވެފައިވިއެވެ. އެއީ އެބައިމީހުންނަށް ޢަޛާބު އައިސްފިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

މާތް ﷲ ޘަމޫދު ބާގައިގެ މީހުންގެ މައްޗަށް ގަދަފަދަވެގެންވާ އަޑެއްފޮނުއްވިއެވެ. އަދި ހުރިހާއެންމެންގެ ފައިން ވާގިނެތި ކަކޫމައްޗަށް މަރުވެގެން ތިރިވިއެވެ. އެހުރިހާއެންމެ އެބައިމީހުންގެ ގޯތިގެދޮރުގައި މަރުވެ ނެތިގެން ދިޔައެވެ.

މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވި ޖާބިރުގެ ވިދާޅުވެފައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޘަމޫދު ބާގައިގެ މީހުން އުޅުނު ހިސާބުގަނޑުން ދަތުރުކުރެއްވި ހިނދު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން މުޢުޖިޒާތް ދެއްވުމަށް ނުއެދޭށެވެ. ފަހެ، ޞާލިޙުގެފާނުގެ ޤައުމުގެމީހުން އެކަމަށް އެދުނެވެ. އަދި އޭތި (އެބަހީ: އެބައިމީހުންގެ މައްޗަށް ފޮނުއްވުނު މުޢުޖިޒާތް ކަމުގައިވި ޖަމަލު)  މިމަގުންލާފައި ގޮސް އައިސްވެ އުޅުނެވެ. އަދި އޭތި އެއްދުވަހު އެމީހުންގެ ވަޅުން ފެންބޮއިހުސްކޮށްލައެވެ. އަދި އަނެއްދުވަހު ޘަމޫދު ބާގައިގެ މީހުން (ފެނުގެ ބަދަލުގައި) އޭތީގެ ކިރުބޮއެވެ. ފަހެ، އެބައިމީހުންގެ ވެރި ރަސްކަލާނގެ އަމުރުފުޅަށް އުރެދި އެޖަމަލު އެބައިމީހުން ކަތިލިއެވެ. އެއަށްފަހު އެބައިމީހުނަށް ގަދަވެގެންވާ އަޑެއް ފޮނުއްވިއެވެ. އަދި އެމީހުންގެ ތެރެއިން އެކަކު ފިޔަވައި އެބައިމީހުންގެ ތެރެއިން މިއުޑުދަށުގައިވި އެންމެން ނެތިކުރެއްވިއެވެ. އޭނާ އެހިނދު ވީ (މައްކާގައި) ﷲގެ ޙަރަންފުޅުގައެވެ.” ދެން ޞަޙާބީން ސުވާލުކުރެއްވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ އަބޫ ރިޣާލް އޭ ކިޔުނުމީހެކެވެ. އޭނާ ހަރަން ފުޅުން ނުކުތުމުން އޭނާގެ ގައުމުގެ މީހުންނަށް ކުރިމަތިވި ކަންތައްތައް އޭނާއަށްވެސް ޖެހުނެވެ.”
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް