ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (ތިންވަނަބައި(

ލިޔުނީ: Unknown - Thursday, March 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިލިޔުމުގެ ބޭނުމަކީ އެނގިހުރި މިންވަރަކުން މުޡުހިރުއްދީން ރަދުންގެ ދަރިފަސްކޮޅާއި އަދި އެޢާއިލާއާއި ގުޅުންހުރި މަޢުލޫމާތުކޮޅެއް ހާމަކުރެވޭތޯ ބެލުމެވެ. ރަސްރަސްކަލުންނާއި އެބޭފުޅުން ރަސްކަންކުރެއްވި ގޮތުގެ ވާހަކަދެއްކުމެއް ނޫނެވެ. ވެރިކަމަކީ ކުރަން އެނގިއްޖެނަމަ ނުލާހިކު ރީތި އަދި ކުރަން ނޭނގުނުނަމަ އެހާމެ ހުތުރު ކަމެކެވެ. ކުރަން އެނގިއްޖެނަމަ ސަވާބާއި ދަރުމަ ހުރި އަދި ކުރަން ނޭނގުނުނަމަ ފާފައާއި ވޭންދެނިވި ޢަޛާބު ހުރި ކަމެކެވެ.

އިސްދޫދަރިކޮޅަށް ނިސްބަތްވާ އިބްރާހީމް މުޡުހިރުއްދީނު ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 1113ހ. ވަނަ އަހަރުއެވެ. މިރަދުން ޙައްޖަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 10 ރަމަޟާން 1115ހ.ގައެވެ. ޙައްޖަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގެންނެވި އިރު ރަސްކަންވަނީ ބަދަލުވެފައެވެ. 22 ޝަޢުބާން 1116ހ. ހުކުރުވިލޭރެއިން ފެށިގެން ރަސްކަމުގެ ތަޚުތުގައި ރެދަލިކުރައްވާ ރަސްކަލަކީ ކުރިންވެސް ދެންނެވިފައިވާ މުޡުހިރުއްދީން ރަދުންގެ މަންމާފުޅު *އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި ތަކުރުފާނާއި އެއްބަނޑު ޢިމާދުއްދީން (ދެވަނަ) ރަދުންނެވެ. ކުރިން މުޡުހިރުއްދީން ރަދުންގެ ބޮޑުވަޒީރެވެ.

އެދުވަސްވަރު ދިވެހިރާއްޖެއިން (ކަނޑުމަގުން) ޙައްޖަށް ގޮސްފައި އާދެވެނީ 11،10މަސް ދުވަހުންނެވެ. މުޡުހިރުއްދީން ރަދުންގެ ދަތުރުފުޅުގައި ވިއްސަރާވެ، އުނދަގޫތަކެއްވުމުން ދަތުރުފުޅު ލަސްވީއެވެ.

މުޡުހިރުއްދީންރަދުން ޙައްޖު ދަތުރުފުޅުން އެނބުރި ރާއްޖެއަށް ވަޑައިގަތުމުން “އޭނާއާއި ތުއްޕުޅު ދަރިކަލުންނާއި އަނބިކަނބަލުން ފުވައްމުލަކަށް، އަދި މުޡުހިރުއްދީން އަރިހުގައި ޙައްޖަށް ވަޑައިގެންނެވި ޙަސަން(ދިހަވަނަ) ރަސްގެފާނު އައްޑުއަތޮޅު ހިތަދޫއަށް، ފަނޑިޔާރު ޙަސަން ތާޖުއްދީން ހައްދުންމަތީ ގަމަށް، އަރުވާލެއްވީކަމަށް” ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒުން ނެރުއްވި “ދިވެހިތާރީޚު” ފޮތުގައިވެއެވެ. ނަމަވެސް 22 ޝައްވަލް 1116ހ. ގައި ތާޖުއްދީން މާލެ ގެންނަވައި އޭނާއަށް ފަނޑިޔާރުކަން ދެއްވިކަމަށްވެސް ތާރީޚު ފޮތުގައިވެއެވެ.

މުޡުހިރުއްދީން ރަދުން ފުވައްމުލަކަށް އަރުވާލެއްވީ އެބޭފުޅުންގެ ޢާއިލީ ގެއެއް (ގަނޑުވަރެއް) އެރަށުގައި ހުރީމާކަމަށް ބެލެވެއެވެ. މުލަކު “އަލްގެދަރު މިސްކިތާއި މުލަކު ދައިގަޑު ގަނޑުވަރާއި ގުޅުވައިދޭ ފަރާތަކީ ދައިގަޑު ދޮންޢީސާ ޚަޠީބު ކަލޭގެފާނެވެ. “ދައިގަޑު” ދައިގަޑު ގަނޑުވަރަކަށް ބަދަލުވީ ދައިގަޑު ދޮންޢީސާ ޚަޠީބު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގަތް އިސްދޫ ޢާއިލާގެ ފެށުންކަމުގައި ހިމެނިވަޑައިގަތް އައްސުލްޠާނު ޢަލީ (ހަތްވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމާއެކުގައި ކަމަށް މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.

މުލަކު “ދައިގަޑު” ކިޔާފައިވަނީ މާދަޑުއަވަށާއި މިސްކިތްމަގާއި ބެދުނު ހިސާބުން މާދަޑުއަވަށުގެ ބަޔަކަށްކަމަށާއި ފަހުން “ދައިގަޑު ގަނޑުވަރު” ކިޔާފައިވަނީ ކުރިން ދައިގަޑު “ދައިގެ”އަށް ކަމަށާއި އެހިސާބަކީ މިހާރު އަތޮޅުކައުންސިލް އިދާރާ ހުރި ހިސާބުކަމަށް މުލަކު ވިދުވަރުގޭ ޢަލިދީދީ ވިދާޅުވެއެވެ.

މުޡުހިރުއްދީން ރަދުން މުލަކުގައި ހުންނެވިގޮތާމެދު ދިވެހި ތާރީޚުގައި ލިޔެފައިވަނީ ” ދެން އެރަށުގައި ވަރަށް އަރާމުގައި ހުންނެވިޔެވެ. ދެން މިހެން ހުންނަވަނިކޮށް މިކިލަގެފާނު ހުންނެވި ރަށާއި މާލެޔާއި މިދެމެދު ގޮސް އައިސްވާ މީހުން ރަސްގެފާނުން އަރިއަހުގައި ޝަކުވާ ދަންނަވައިގެން މާލެއިން ޢަސްކަރުން ފޮނުއްވައި އެމަނިކުފާނުން ހުރަގެއަށްލައި ރެޔާއި ދުވާލުން އެއްފަހަރު ކިރިޔާ ހުންނެވޭވަރަށް ކުޑަ ފޮނި ބާވަތަކުން އެތިކޮޅެއްނޫނީ ނުދިނުމަށް އަމުރުކުރެއްވެވިޔޭ.”

އަދިވެސް ދިވެހިތާރީޚުގައިވެއެވެ. “ދެން ކުޑަ ދުވަސްކޮޅަކަށްފަހު ހުރަގޭގައި ހުންނެވި މުޡުހިރުއްދީން ރަސްގެފާނު އޭނާގެ ޚާދިމަކަށް ވިދާޅުވެގެން ހުރަގެއިން ނިކުމެވަޑައިގެން ކާބޯ އެތިކޮޅެއް ހިއްޕަވައިގެން ކުޑަ ދޯންޏަކުން ފުރައިވަޑައިގެންނެވިއެވެ. މިވަޑައިގަންނަވަމުން އޭނާ ހުރަގޭން ނަގާން ވާގިވެރިވި މީހާ އޭނާގެ ޚާދިމަކުކަމުގައި ގެންދެވިޔޭ. ދެން މިފުރައިވަޑައިގެންނެވިއިރު ވައިރޯޅިވެސް ދާދިމަޑޭ. ދެން މަޑުމަޑުން ޖެހުނު ވައިގައި އޮޅުދޫކަރަޔަށް ވަޑައިގެން ގާއްޔަށް ވަޑައިގެންނެވިޔެވެ. އޭރުގައި ހުންނެވީ ވަރަށްދެރަ ޙާލުކޮޅުގަޔޭ. އުނުކޮޅުގައި އޮތް ފޮށާކޮޅަކާއި އިސްތަށިފުޅުގައި އޮތް ތާކިހާކޮޅަކާއި ނޫނީ އެއްވެސްއެއްޗެއް ނެތެވެ.” 

މުޡުހިރުއްދީން ރަދުންގެ އަނބިކަބަލުން ކަނޑޫދޫ ފާޠިމާ ކަނބާފާނާއި އަދި ތުއްޕުޅުދަރިކަލުން މުޙައްމަދު (މުޙައްމަދު މަނިކުފާނު) އެފަހަރު، 22 ޝަޢުބާން 1116ހ. ގައި ކަނޑޫދޫއަށް ފޮނުވާލެއްވިކަމަށް ބައެއް ލިޔުންތަކުގައި ހުރިނަމަވެސް ދިވެހިތާރީޚު ފޮތުގައިވަނީ މުޡުހިރުއްދީން ރަދުން ޙައްޖު ދަތުރުފުޅުން އެނބުރި ރާއްޖެއަށް ވަޑައިގަތުމުން އޭނާއާއި ތުއްޕުޅު ދަރިކަލުންނާއި އަނބިކަނބަލުން ފުވައްމުލަކަށް އަރުވާލެއްވީކަމަށެވެ.

ދިވެހިމުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވަނީ “އައްސުލްޠާނު އިބްރާހީމް މުޡުހިރުއްދީން ރަދުންގެ ދަރިކަލުންގެ ނަމެއް ތާރީޚީ ފޮތްތަކުން އެގޭކަށްނެތެވެ. އެގޭހައިއެއްޗަކީ މުޡުހިރުއްދީނާއެކު (އެދަރިކަލުން) މުލަކަށް ފޮނުވާލެވުނުކަމެވެ. އޭގެފަހުގައި އެބޭފުޅަކާމެދު އިތުރުމަޢުލޫމާތެއް ނުލިބި ޒަމާންތަކެއް ހިގައިދިޔުމަށްފަހު ފެންނަނީ ހުވަދުއަތޮޅު ކޮނޑޭ ހުކުރުމިސްކިތްދޮށުގައި ހުރި މަހާނަ ގަލެކެވެ. އެގަލުގައި ހުރި ލިޔުންތަކުން ޔަޤީންކޮށްދެނީ އެއީ މުޡުހިރުއްދީން ރަދުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ މަހާނަކަމެވެ. އެމަހާނަގަލުގައި ހުރި ލިޔުމުގެ ނަކަލުކަމަށް އެރަށު އިހުގެ ކަތީބު ތުއްތީދީ (ކޮނޑޭ ދާރުއްސަލާމް އިބްރާހީމް އިސްމާޢީލްދީދީ) ދެއްކި ލިޔުމުގައިވަނީ [ހާޛާ ޤަބުރުއްޞަޣީރު މުޙައްމަދު ބިން އައްސުލްޠާނު އިބްރާހީމް މުޡުހިރުއްދީން ޝާހުބަންދަރު ބިން އަލްވަޒީރު ޙަސަން މާފަތްތަކުރުފާނު ބިން އަލްވަޒީރު އިބްރާހީމް ޝާހުބަންދަރު ޖަމާލުއްދީނުލް އިސްދުވިލް ޢަޒީޒު] މިފަދައިންނެވެ. 1970މ. ވަނަ އަހަރު ކޮނޑޭ ފަޅުކުރި އިރު އެމަހާނަގައު ހުރިކަމަށްވެއެވެ. ނަމަވެސް 1975މ. ގައި ކޮނޑޭ މީހުން އެބުރި ރަށަށް އައުމާއެކު ރަށުގެ މަގުފާރާއި ގެދޮރު ރޭނުމަށް މަހާނަގައު ބޭނުންކުރުމުގައި އެމުހިއްމު މަހާނަގައުވެސް ގެއްލިދިޔައީ ކަމުގައި ބުނެވެއެވެ. މުޙައްމަދު މަނިކުފާނު އަވަހާރަވީ 1175ހ. ވަނަ އަހަރު ރަމަޟާންމަހު 9 ވަނަ ދުވަހުގައެވެ. އެއީ އައްސުލްޠާނު ޙަސަން ޢިއްޒަތްދީންގެ ރަސްކަމުގެ ތިންވަނަ އަހަރެވެ. އޭރު އެމަނިކުފާނުގެ (މުޙައްމަދު މަނިކުފާނުގެ) ޢުމުރުފުޅަކީ 85 އަހަރެވެ. ކޮނޑެއަށް އެމަނިކުފާނު ވަޑައިގަތް ސަބަބެއް ނޭގެއެވެ. ނަމަވެސް ބުނެވޭގޮތުގައި އެމަނިކުފާނު އެރަށަށް އަރުވާލެއްވީއެވެ. ކޮންމެއަކަސް ކޮނޑޭގައި މިހާރުތިބި އެންމެނަކީ އެމަނިކުފާނުގެ ދަރިކޮޅުގެ މީހުންނެވެ. އެދަރިކޮޅުގެ އެންމެމަޝްހޫރު ބޭފުޅަކީ މުޙައްމަދު މަނިކުފާނުގެ ކޮނޑޭ މޫސާ މަނިކުފާނުގެ މަޝްހޫރު ކޮނޑޭ ޢަލިމަނިކުފާނެވެ. ޢަލިމަނިކުފާނު ކޮނޑޭގައި އުޅުއްވީ އައްސުލްޠާން ޙަސަން ޢިއްޒަތްދީނާއި އައްސުލްޠާނުލް ޙާއްޖު ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު 1213-1173ހ.)ގައެވެ.”

މުޡުހިރުއްދީން ރަދުންގެ އަނބިކަނބަލުންނާއި ދަރިކަލުން މުޙައްމަދު މަނިކުފާނާއި ދެމައިކަނބަލުން ތިއްބެވި ތަނެއްގައި ތިއްބެވުމަށްފަހު “މާލޭގެ (އެދުވަސްވަރުގެ) މަސްރަޙު ހުރިގޮތުން މާލޭގައި އުޅުއްވުމުގެ ބޭނުންފުޅެއް ނެތުމުން” މުޙައްމަދު މަނިކުފާނު (އެހީތެރިންގެ ބަޔަކާއެކު) ކޮނޑެއަށް ވަޑައިގެން ދެން އުޅުއްވީ އެރަށުގައި ކަމަށާއި އެފަހަރު އެމަނިކުފާނުގެ މައިކަނބަލުން ކޮނޑެއަށް ވަޑައިގަތްކަމެއް އެނގެން ނެތްކަމަށް ކޮނޑޭ އިބްރާހީމް އިސްމާޢީލްދީދީ އަޅުގަނޑުގާތު ވިދާޅުވިއެވެ.

ކޮނޑޭ ދާރުއްސަލާމް އިބްރާހީމް އިސްމާޢީލްދީދީއަކީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ ކޮނޑޭ މޫސާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ އިބްރާހީމްދީދީގެ އިސްމާޢީލްދީދީގެ ބޭފުޅެކެވެ.

ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީއަކީ މުޠުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ(އ)ގެ، ޢާއިޝާދީދީގެ، ފިޔޯރީ ދޮންދީދީގެ، އިބްރާހީމްދީދީގެ ބޭފުޅެކެވެ. 

އަދިވެސް މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވުމުން ބޭނުންތެރި ކަންކަމެއް އެނގެއެވެ. އޭނާ ލިޔުއްވާފައިވެއެވެ.
[ތާރީޚުން އެގޭގޮތުގައި އިބްރާހީމް މުޡުހިރުއްދީންރަދުންގެ ހުންނެވީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ މުލަކު މުޙައްމަދު މަނިކުފާނެވެ. ނަމަވެސް މުލަކު “ކަރިއްޔާ”އިން ފެނުނު ލިޔުމެއްގައިވަނީ “ބޮޑުކިލެގެފާނު (މުޡުހިރުއްދީން ރަދުން)ގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑުޢާއިޝާފާނުގެ ދަރީނީ ދެއްވަދޫ މީހުން” މިފަދައިންނެވެ. އަދި މިހައިތަނަށް ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯދައި ބެލިފައިނުވެއެވެ. (“ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީއަށްވެސް ދެއްވަދޫން ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯއްދެވި ވަނަވަރު ލިޔުއްވާފައި ނުވެއެވެ.”) ނަމަވެސް މުޙައްމަދު މަނިކުފާނުގެ ދަރިކޮޅު ފާހަގަކުރެވެއެވެ. މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ޘާބިތުވެފައިވަނީ 4 ބޭފުޅުންނެވެ. އެއީ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނާއި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނެވެ. ޙަސަން މަނިކުފާނުގެ ދަރިކޮޅުވަނީ “ހުޖުބު”ވެފައެވެ. ޢަލިމަނިކުފާނާއި އާމިނާ މަނިކުފާނުގެ ދަރިކޮޅު އަދި ހޯދިފައިނުވެއެވެ. މިއަދާއިހަމައަށް ފާހަގަކުރެވެނީ މޫސާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކޮޅެވެ. މޫސާ މަނިކުފާނުގެ މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވެސްވަނީ “ނަޑާލި”ވެފައެވެ. މުލަކު އަލްގެދަރު މިސްކިތުގެ އުތުރުފަރާތުގައި ވެލިގަލުން ހަދާފައިހުރި ބިސްތާނައަކީ ދައިގަޑު ގަނޑުވަރު ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ތަނެއްކަމުގައި ބުނެވެއެވެ. އިބްސިތާނައިގައި ހުރި މަހާނަގަލުގެތެރެއިން ކިޔަން އެގެނީ ދައިގަޑު ގަޑުވަރު ޙަސަން މަނިކުފާނުގެ މަހާނަގަލެވެ. އޭގައިވަނީ ” ދައިގަޑު ގަޑުވަރު ޙަސަން ބުނު މުޙައްމަދު ބުނު އައްސުލްޠާނު އިބްރާހީމް އިސްކަންދަރު . . . .” މިފަދައިންނެވެ.

މުޙައްމަދު މަނިކުފާނު ކޮނޑޭގައި ހުންނެވި ގެ “ކޮނޑޭ ތިރުގަނޑުވަރު”ގެ ނަމުގައި މަޝްހޫރުވެފައި ވެއެވެ. އެގަނޑުވަރު ހުރީ ކޮނޑޭ ކުރީގެ ހުކުރުމިސްކިތް ސަރަޙައްދުގައެވެ. އޭގެފަހުން މުޙައްމަދު މަނިކުފާނަށް ބޭފުޅުން ލިބިވަޑައިގަތުމުން “ކޮނޑޭ އެއްގަމުގަނޑުވަރު” ހެއްދެވީ ކޮނޑޭއޮފީސް (ކައުންސިލްއިދާރާ) މިހާރު ހުރި ތާނގައެވެ. ކޮނޑޭގައި ހުރި ދެގަނޑުވަރުގެ ދޭތެރޭ ރުއްގަސް ހުރި (ބަންޑާރަ) ބިމެއްގައި ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރު، ކޮނޑޭ އިސްމާޢީލްދީދީ (ދާރުއްސަލާމް، އިބްރާހީމް އިސްމާޢީލްދީދީގެ ބައްޕަ) ގެއެއް އެޅުއްވިއެވެ. އެދުވަސްވަރު ބަންޑާރަ ބިމުގައި ރުއްގަސް ހައްދައި އެތަކެތިން ސަރުކާރަށް ބައެއް (ނަފާ) ލިބެއެވެ. މިހެންވުމުން އެފަދަ ބަންޑާރަ ބިމެއްގައި އިސްމާޢީލްދީދީ ގެއެއް އެޅުއްވުމުން އެޝަކުވާ ރަދުންގެ އަރިހަށް މާލެއަށް ހިނގައްޖެއެވެ. ލަހެއްނުވެ އިސްމާޢީލްދީދީ މާލެ ގެންދަވައިފިއެވެ. އަދި ބަނޑޭރިގޭގައި އޭނާއާއި ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަމިއްލަފުޅަށް ސުވާލުކުރެއްވިއެވެ. ޖަވާބުގައި އިސްމާޢީލްދީދީ ކިލެގެފާނަށް ދެންނެވީ ކުރީގެ “ދެގަނޑުވަރު” ދޭތެރޭ އޮތް ހުސްބިމަކަށްވީމާ ގެއެއް އެޅުއްވީ ކަމަށެވެ. ކިލެގެފާނު މިވާހަކަ އައްސަވައި ރަދުންނަށްވެސް ދެންނެވިއެވެ. އެއަށްފަހު އޭރު ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް އެގޭގެ (ގޯތީގެ) ކަންތައް އިސްމާޢީލްދީދީއަށް ނިންމަވައި ދެއްވިއެވެ. މިއީ މިކަން ވެދާނެކަމަށް ކުރިންވެސް އިސްމާޢީލްދީދީ ބެއްލެވި ގޮތެވެ.
އިސްމާޢީލްދީދީ އަކީ މުޡުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ، ޢުމަރުދީދީގެ، އިބްރާހީމްދީދީގެ، ބޭފުޅެކެވެ.

ޝަމްސުއްދީން ރަދުންނާއި އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ އަނބިކަނބަލުން (އަޙުމަދު ދޮށިމޭނާކިލެގެފާނުގެ މަންމާފުޅު) މަރިޔަމް ޅަދީދީ އަކީ ކޮނޑޭ އިސްމާޢީލްދީދީ އާއި ޢާއިލީގޮތުން ގުޅޭ ބޭފުޅުންނެވެ. ނަމަވެސް ދިމާވި މައްސަލަ ނިންމެވީ ޤަވަޢިދާއި އެއްގޮތަށެވެ. އެއާއި ފުށުއަރާ ގޮތަކަށް ނޫނެވެ.

މުޡުހިރުއްދީން ރަދުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދަރިކަލުން މޫސާ މަނިކުފާނު ކައިވެނިކުރެއްވީ ވާދޫ ގައްދަނޑުގެ ޢުސްމާނު މަނިކުފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު (ވާދޫ ގައްދަނޑު މަނިކުފާނު) ގެ ދަރިކަނބަލުން ސަންފާ މަނިކެފާނާއިއެވެ. ލިބިވަޑައިގަތީ ކިތައްބޭފުޅުންކަމެއް އެނގެންނެތެވެ. ނަމަވެސް ދަރިފަސްކޮޅު ހިނގާފައިވާކަން އެނގޭ ދަރިކަލަކީ ޢަލިމަނިކުފާނު (ކޮނޑޭ ޢަލިމަނިކުފާނު) އެވެ.

ފެންނަށްހުރި ލިޔުންތަކުން ހުވަދުއަތޮޅުގައި މަނިކުފާނު ކިޔާފައިވާކަން އެނގެނީ ވާދޫ ގައްދަނޑު ޢާއިލާގެ ޢުސްމާނު މަނިކުފާނާއި ހަމައިންނެވެ. މިއީ އެންމެކުރިން ހުވަދުއަތޮޅުގައި މަނިކުފާނު ކިޔާފައިވާ ބޭފުޅަކަށް ނުވެދިޔުން އެކަށީގެންވިޔަސް މަނިކުފާނު ކިޔާފައިވާނީ ޢުސްމާނު މަނިކުފާނުގެ ޢާއިލާގެ ބޭފުޅަކަށް ކަމަށް ބެލެވެ އެވެ. އެދުވަސްވަރު ހުވަދުއަތޮޅުގައި “ގައްދަނޑުގެ” ނޫން އެހެން ޢާއިލާއެއްގެ މީހަކަށް މަނިކުފާނު ކިޔާފައި ނެތެވެ. ނަމަވެސް ގައްދަނޑުގެ ޢާއިލާއާއިވެސް ގުޅޭ ކޮނޑޭ ޢަލިމަނިކުފާނަށްފަހު އެދުވަސްވަރު “މަނިކުފާނު” ކިޔަމުން ގޮސްފައި ނުވެއެވެ. އޭގެފަހުން ތިއްބެވީ “ދީދީ”ންނެވެ.

އޭގެ މާފަހުން ހުވަދުއަތޮޅުން ފެނުނު “މަނިކުފާނު” އަކީ އޭގެ އަހަރުތަކެއްގެ ފަހުން މާލެއާއި އައްޑުވާއި ފުވައްމުލަކުން ހުވަދުއަތޮޅަށް ހިޖުރަކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންގެ ޢާއިލާއެވެ.

ކޮނޑޭ ޢަލިމަނިކުފާނަށް އެކި ބަޑުގައި 11 ބޭފުޅުން ލިބިވަޑައިގަތްކަމަށާއި އޭގެތެރެއިން 7 ބޭފުޅުންގެ ދަރިކޮޅު ހުވަދުއަތޮޅު ކޮނޑޭ، ދިޔަދޫ، ކަނޑުހުޅުދޫ، ނިލަންދޫ، ވިލިގިލި، ކޮލަމާފުށި، ފިޔޯރީ، ވާދޫ، ނަޑެއްލާ، ދެއްވަދޫ، އަދި ތިނަދޫގައިވާ ކަމަށާއި މީގެއިތުރަށް އައްޑުއަތޮޅު ހުޅުދުއާއި، މީދޫގައި އަދި ހިތަދުއާއި، ފުވައްމުލަކާއި، މާލޭގައިވެސްވާކަމަށާއި ޢަލިމަނިކުފާނުގެ ޒައިނަބުދީދީ މާލޭ ތޮއްޑޫ ޢަލިމަނިކާއި ކާވެނިބައްލަވައިގެން ބޮޑު ދަރިކޮޅެއް އުފެދިފައިވާ ކަމަށްވެސް މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވެއެވެ.
ޢަލިމަނިކުފާނު އެންމެފުރަތަމަ ކާވެނިބެއްލެވީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީންގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު (ޢަބުދުﷲ)ގެ ދޮށީދީދީއާއެވެ. މިދީދީއަށް ދެބޭފުޅުން ލިބިވަޑައިގަތުމަށްފަހު ފާމުލަދޭރިކިލެގެފާނުގެ އެދިވަޑައިގަތުމުގެމަތިން ދޮށީދީދީ ވަރިކުރައްވައި މުލަކަށް ފޮނުއްވެވިއެވެ. އެފަހު އެދީދީ ކައިވެނިބެއްލެވީ އައްޑޫ މީދޫ ގަނޑުވަރު މުޙައްމަދު ތަކުރުފާނާއެވެ. ތަކުރުފާނަކީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުގެ ނާއިބު ޙަސަންގެ ދަރިކޮޅުގެ ޢިލްމުވެރިއެކެވެ. މިދެކަނބަލުންގެ ދަރިކަލަކީ މީދޫ ގަނޑުވަރު ޙަސަންދީދީއެވެ. 

ބުނެވޭގޮތުގައި ކޮނޑޭ ޢަލިމަނިކުފާނަކީ ޝާހީވަންތަކަން ގަދަ ބާރާއި ނުފޫޛުހުރި ޝަޚުޞިއްޔަތެކެވެ. ކަޑިބަޑީގެ ހެވިކަމަށް އަރާހުންނެވި ބޭފުޅެކެވެ. އޭނާގެ ދަރިކޮޅަށް ހުވަދުއަތޮޅުގެ ވަރަށްގިނަ ރަށްރަށް ވަޤުފުކުރެވިފައިހުއްޓެވެ. ޢަލިމަނިކުފާނު އަވަހާރަވެ ވަޅުފުޅުލެވިފައިވަނީ (އޭނާގެ މަންމާފުޅު ގައްދަޑުގޭ ސަންފާމަނިކުފާނުގެ ރަށް) ވާދޫގެ ހުކުރުމިސްކިތު ޤަބުރުސްތާނުގައި ކަމަށް މުއައްރިޚު މޫހައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.

ޙާޖީ ބަންޑާރައިން (ޣިޔާސުއްދީން ރަދުން)ގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާދީދީ (ދޮށީދީދީ) އާއި ކޮނޑޭ ޢަލިމަނިކުފާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ ދޮންދީދީ (ކޮނޑޭދީދީ)އާއި މުޙައްމަދުދީދީ (ތުއްކަލާދީދީ)އެވެ.

ކެރެއްދޫ(ގދ.) ނާއިބު ތަކުރުފާނާއި ވާރުލޫ (ހުޅުވާރުލޫ) ބޭކަނބަލަކާއި ދެބޭފުޅުންގެ ދަރިކަނބަލުން ވާރުލޫދީދީ އާއި ޢަލިމަނިކުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ ޒުލޭޚާދީދީ މޫސާދީދީ ހުޅެއްދީދި (ހުޅެދޫދީދީ) އެވެ.

ކޮނޑޭ “އެތެރެކެނބަ”ގެ ބޭފުޅަކާއި ޢަލިމަނިކުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ ޢުމަރުދީދީ، ޒައިނަބުދީދީއެވެ. ޢުމަރުދީދީއާއި އޭނާގެ ދެބޭފުޅުންކަމަށްވާ މުޙައްމަދުދީދީއާއި ޢަލިދީދީގެ މަހާނަގަލުގެ ލިޔުން ކޮނޑޭ މާލި މިސްކިތުގެ ޤަބުރުސްތާނުން މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވެއެވެ. ޢުމަރުދީދީ އަވަހާރަވީ 8 ރަޖަބު 1135ހ. ގައެވެ.

(“ކެރެއްދޫ އާއި ވާރުލޫއަކީ ހުވަދުއަތޮޅު (ދެކުނުބައި)ގައި ކުރިން މީހުން އުޅުނު ރަށްރަށެވެ. ދޮންބަންޑާރައިންގެ ޒަމާނުގައި ހުވަދުއަތޮޅުގައި މީހުން އުޅުނު 70އަށްވުރެ ގިނަ ރަށްރަށް ހުރިކަމަށް ބުނެވެއެވެ. އެދުވަސްވަރަކީ ފަޅުރަށްރަށް ލިޔުއްވައިގެން އުޅުނު ބައެއް މީހުން އެމީހެއްގެ ޢާއިލާއާއި ގާތް ބަޔަކުވެސް އެރަށްރަށަށް ގެންގޮސްގެން ވަޒަންވެރިވެ އުޅުނު ޒަމާނަކަށްވާތީ މީހުން އުޅުނުކަމަށް އެބުނާ 70 ރަށުގެތެރޭ އެފަދަ ރަށްރަށް ހުރުމަކީވެސް ވެދާނެ ކަމެކެވެ. ނަމަވެސް 1836މ. ގައި ހުވަދުއަތޮޅުގައި މީހުންއުޅުނު 30 ރަށް އޮތްކަމަށްވެ އެވެ. އޭގެކުރިން ހުވަދުއަތޮޅުގެ މަދުވެގެން 39 ރަށުގައި މީހުން ދިރިއުޅެފައިވާކަން އެރަށްރަށުގައި ހުރި ތަރަހަތަކުންނާއި، ޤަބުރުސްތާން، އަދި ވަޅު، ވެއުފަދަ ތަންތަނުން ސާބިތުކޮށްދެއެވެ. އޭގެތެރެއިން އެކި ސަބަބުތަކާ ހުރެ މިހާތަނަށް ފަޅުވެފައިވާ ރަށްރަށަކީ ކާޑެއްދޫ، ކާށިހުޅުދޫ، ކެރަމިންތާ، ދެޔަނިގިއްލާ، ހެވާހުޅޫދޫ، ކަޅުހިނގިއްލާ، ފޮނަހިގިއްލާ، ކަނަންދޫ، މާދޫ، މީހުންތިބޭހުއްޓާ، އާކިރާހުއްޓާ، ކެރެއްދޫ، މާނައިދޫ، މަގުއްދޫ، ގަން، ހުޅުވާރުލު، މާވާރުލު، ކޫއްޑޫ، ހަވޮއްޑާ، އަދި ދިޔަދޫއެވެ. ދިޔަދޫ ފަޅުވީ އެރަށުގެ މީސްކޮޅު މަދުވުމުން ރަށުގައި ދެންތިބި މީހުން މީހުންއުޅޭ އެހެން ރަށްރަށުގައި ސަރުކާރުން ވަޒަންވެރި ކުރުވުމުންނެވެ.

ވާރުލޫ (ހުޅުވާރުލޫ) ގައި ދިރިއުޅުނު މީހުން ރަށުން ފައިބައި ރަށުން މީހުން ހުސްވާން ޖެހުނު ދެސަބަބެއް ހުވަދުއަތޮޅުގެ އެޒަމާނުގެ މީސްމީހުންގެ ފަރާތުން ނަޤުލުވަމުން އައިސްފައިވެއެވެ.

ފުރަތަމަ ސަބަބަކީ އެޒަމާނުގައި މުޅި ރާއްޖެއިން އަންހެނުން ރީތިކަމަށް މަޝްހޫރު ރަށަކަށް ވާރުލޫ ވުމުން އެހެން ރަށްރަށުން މީހުން ގޮސް ވާރުލޫ އަންހެނުންނާއި ކައިވެނިކޮށްގެން އެމީހުންގެ ރަށްރަށަށް ގެންދިޔުމެވެ. މިކަމުގެ ސަބަބުން ވާރުލޫއިން އަންހެނުން މަދުވަމުންދާ ކަމާއި އެހާގިނައިން އަންހެނުން އެރަށް ދޫކޮށް ދާން ޖެހެނީ އަންހެނުންނާއި އެއްވަރަށް އެރަށުގެ ފިރިހެނުން ރީތި ނުވުމުންކަމަށް އަތޮޅާ ބެހޭ އިހުގެ ވާހަކަތަކާއި ލިޔުންތަކުން އެނގެއެވެ. އެދުވަސްވަރު ހަވަރުތިނަދޫގެ ތަނަވަސް ފޯރުންތެރިންވެސް ވާރުލޫ ބޭކަނބަލުންނާއި ކައިވެނިކުރައްވައިގެން ހަވަރުތިނަދޫއަށް ގެންދަވައި ޢާއިލާ އުފެދިފައިވެއެވެ. ހަވަރުތިނަދޫ ބޮޑުކައްތި ކަލަހާނު (ބޮޑުކަތީބު ކަލޭގެފާނު) ކައިވެނި ކުރެއްވީ ވާރުލޫ ދޮންބީފާނާއެވެ.

ވާރުލޫ ފަޅުވި ދެވަނަ ސަބަބަކީ ވާރުލޫގެ އިސް ދެފަރާތެއްގެ މެދުގައި އުފެދުނު ބޮޑު ފިތުނަވެރި (ފަންޑިތަ ހާހޫރަ) ކަމަކާއި ގުޅިގެން ގިނަބަޔަކު ރަށް ދޫކޮށް އެހެން ރަށްރަށަށް ހިޖުރަކުރުމެވެ. ގިނަމީހުން ދިޔައީ ގައްދޫއާއި ކަނޑުހުޅުދޫއަށެވެ.”)

(ނުނިމޭ)

ލިޔުމުގެ މުސައްނިފު:

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް