ފަހުގެ ޚަބަރު


އިތުރަށް...

އެފްއޭއެމް އެވޯޑްސް: މޮޅު ކުޅުންތެރިއާގެ މަގާމު އުމެއިރަށް

ލިޔުނީ: Unknown - Friday, March 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އުމެއިރު (މ) އާއި ދެވަނަ ދަގަނޑޭ (ވ) އަދި ތިން ވަނަ އައްމަޑޭ. - ހަވީރު ފޮޓޯ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު މުހައްމަދު އުމެއިރަށް މިރޭ ލިބިއްޖެ އެވެ.
ދަރުބާރުގޭގައި ރޭ އޮތް އެފްއޭއެމް އެވޯޑް ނައިޓްގައި މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނު އުމެއިރަށް އެވޯޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދެވެ.

މިއީ އެފްއޭއެމްގެ މޮޅު ކުޅުންތެރިއާގެ މަގާމު އުމެއިރަށް ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ވިކްޓަރީ އަށް ކުޅުނު އުމެއިރު ވަނީ ހަވީރުން ހޮވި 2012 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ވެސް ހޯދައިފަ އެވެ.

އެފްއޭއެމްގެ މޮޅު ކުޅުންތެރިއާގެ މަގާމަށް އެންމެ ގާތުން ދެން ވާދަކުރީ ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ތިން ވަނަ އަށް ދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މޮޅު ކުޅުންތެރިއާގެ މަގާމަށް ދެން ވާދަކުރީ މާޒިޔާ އަސަދުﷲ އަބްދުﷲ އާއި މިދިޔަ އަހަރު އީގަލްސް އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އެވެ.

މިދިޔަ އަހަރުގެ ސީޒަންގައި 26 ލަނޑު ޖަހައި، ސީޒަންގެ އެންެމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމު ވެސް ހޯދި އުމެއިރަށް ސީޒަންގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިއާ އަށް ދޭ ރަންބޫޓު އެވޯޑް ވެސް މިރޭގެ ހަފުލާގައި ވަނީ ހަވާލުކޮށްފަ އެވެ.

އެފްއޭއެމްގެ އެވޯޑް ނައިޓްގައި ހޮވި 23 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ހޯދީ އަސަދުﷲ އެވެ. އަސަދުﷲ އަކީ މިދިޔަ އަހަރު ސްރީލަންކާގައި އޮތް މަހިންދަ ރާޖަޕަކްސަ ޓްރޮފީ 23 އަހަރުން ދަށުގެ ޓީމަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އެފްއޭ ކަޕް މާޒިޔާ އަށް ކާމިޔާބުކޮށްދިނުމުގައި އަސަދުﷲ ވަނީ ބޮޑު ރޯލެއް އަދާކޮށްފަ އެވެ.

އެފްއޭއެމް އިން ހޮވި މިދިޔަ އަހަރު އެންމެ މޮޅު ގޯލްކީޕަރަކީ ނިއު އާއި ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ފާތިމަތު ޝާލިޔާ ހޯދިއިރު، އެންމެ މޮޅު ޓީމާއި ސަޕޯޓަރުންގެ ޓީމަކަށް ހޮވުނީ މިދިޔަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ނިއު އެވެ.

އެފްއޭއެމް އިން ހޮވާ އެންމެ ހިދުމަތްތެރި ރެފްރީންނަށް މި ފަހަރު ހޮވުނީ އަހުމަދު އަސްލަމާއި އަހުމަދު ޝިފާން އަދި އަހުމަދު އަބްދުﷲ އެވެ.

އެފްއޭއެމްގެ ރައީސް ދެއްވާ އެންމެ މަތީ ޝަރަފު ކަމަށްވާ އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް މި ފަހަރު ލިބުނީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އުމަރު ޒާހިރަށެވެ. އުމަރު ޒާހީރަކީ ރާއްޖޭގެ ކުޅިވަރުގެ ތަރައްގީ އަށް ވަރަށް ބޮޑު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ހަފުލާގައި އެފްއޭއެމް އިން ވަނީ ފުޓްބޯޅަ އަށް ހަވީރު ނޫހާއި ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ލިބިފައިވާ އެހީތެރިކަމާއި ހިދުމަތް ފާހަގަކޮށް، މި ފަރާތްތަކަށް ވެސް އަގުވަޒަންކުރުމުގެ އެވޯޑް ދީފަ އެވެ. މީގެ އިތުރުން މި ހަފުލާގައި އެފްއޭއެމް އިން ވަނީ ކުރީގެ ރެފްރީ އަބްދުލް ހަކީމް ވެސް އަގު ވެސް ވަޒަންކޮށްފަ އެވެ. އަދި އެފްއޭއެމްގެ ސްޕޮންސަރުން ކަމަށްވާ އެސްޓީއޯ އާއި ދިރާގާއި ނެޝްލޭ މައިލޯ އަށް ވެސް ވަނީ އަގުޒަވަންކުރުމުގެ އެވޯޑް ދީފަ އެވެ. އެސްޓީއޯ އަކީ އެވޯޑްސްގެ މެއިން ސްޕޮންސާ އެވެ. މީގެ އިތުރުން އެވޯޑް ނައިޓްގެ އެޑްވަޓައިޒިން ޕާޓްނާ ތިންކްގެ އަގު ވެސް ވަނީ ވަޒަންކޮށްފަ އެވެ.

މިދިޔަ އަހަރު ލަންކާގައި އޮތް މަހިންދަ ރާޖަޕްކްސަ ޓްރޮފީ ކާމިޔާބުކުރި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކާމިޔާބީ ފާހަގަކޮށް، މިރޭގެ ހަފުލާގައި ޓީމުގެ ކޮންމެ ކުޅުންތެރިއަކާއި އޮފިޝަލަކަށް އެފްއޭއެމް އިން ވަނީ ހަނދާނީ ފިލާ ދީފަ އެވެ.

މަސްރަދު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް