ފަހުގެ ޚަބަރު


އިތުރަށް...

ޕީޕީއެމް ޕްރައިމަރީ – ލ. އަތޮޅުން ތާއިދު ބޮޑީ އުމަރު ނަސީރަށް!

ލިޔުނީ: Unknown - Wednesday, March 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އުމަރު ނަސީރުގެ "ކޮމާންޑް ސެންޓަރު" ގައި އުމަރާއި އިލްޔާސް
"ޕީޕއެމް އަކީ ލ. އަތޮޅެވެ. ލ. އަތޮޅަކީ ޕީޕީއެމް އެވެ. ލ. އަތޮޅުން ޕީޕީއެމް އަށް އެންމެ ބޮޑު ތާއިދެއް އޮންނާނީ ފޮނަދޫގަ އެވެ." މިއީވެސް ސިޔާސީ މައިދާނުގައި ސިޔާސީވެރިންނާއި ސިޔާސީވުމަށް ސިޔާސަވެގެން އުޅޭ ބައެއް ވެރިން ދައްކަވާ ވާހަކަ ތަކަކެވެ. މިއީ ޙަޤީޤަތެއްވެސް އެކުލެވޭ ވާހަކަ ތަކެއް ކަަމަށް ދެންނެވެން އެބައޮތެވެ. ނަމަވެސް މިކަމުގެ ތަފްޞީލަށް، މިލިޔުމުގެ ހުންގާނު ނެގެހެއްޓުމުގެ ބަދަލުގައި އެ ހުންގާނު މި ދީއްލާލަނީ މަތީގައިވާ މަޢުޟޫއާއި ދިމާއަށެވެ. މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ބޯމަތިވަމުން އަންނަ ޕްރައިމަރީއެއްގެ ވާހަކަ އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގެ ވާހަކަ އެވެ. މިއީ އެ ޕާޓީއާއި އަދި އެޕާޓީގައި ތިއްބެވި ބޭބޭފުޅުންގެ ޙަޔާތުގައިވެސް މިފަދަ ގޮތަކަށް ކުރިމަތިވާ ފުރަތަމަ އިމްތިޙާނެވެ. އެބޭފުޅުންގެ ތެރޭގައި އަށަގެންފައިނުވާ އެހެނަސް ފައްކާވެފައިވާ ޑިމޮކްރަސީ ތަކުގައި އެންމެ ފައްކާ ކަމާއިއެކު ހިންގަމުން އަންނަ ވާދަވެރި އިންތިޚާބެއްގެ ކަންތައްތަކެވެ. އެއްކޮޅުން ޕީޕީއެމްގެ އަޞްލު އަސާސް ކަމަށްވާ 30 އަހަރު ދުވަހު ރާއްޖޭގައި ޚުދުމުޙްތާރު ވެރިކަމެއް ކުރައްވައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުނު ޥާދަވެރި އިންތިޚާބުގައި ކަރުނަވީ ބައްޔަކުން ބަލިވެވަޑައިގެންނެވި އަލްއުސްތާޛް މަޢުމޫނު ޢަބްދުލް ޤައްޔޫމުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން އެވެ. އަނެއްކޮޅުގައި ހުންނެވީ އަމިއްލަފުޅު ޕާޓީ ކަނޑުފައްތަވާފައި ޑީއާރްޕީއަށް ވަދެވަޑައިގެން ޑީއާރްޕީގެ ރިޔާނެގި އޮޑި ފައްތަވާލައްވާ ޕީޕީއެމް އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމުގައި 'ކޮމާންޑް ސެންޓަރުގައި" އިންނެވި ކޮމާންޑަރު ޢުމަރު ނަސީރެވެ.

ޕީޕީއެމް ރިޔާސީ ޕްރައިމަރީގެ ވާދަވެރިން މިހާތަނަށް ބާއްވަމުން އަންނަ ޖަލްސާތަކާއި އެކިއެކި ފޯރަމްތަކުން ފެންނަ ބޮޑުމަންޒަރު ދައްކާގޮތުން ޕީޕީއެމްގެ ޢާއްމު މެންބަރުންގެ ރުހުން އެންމެ ބޮޑަށް ލިބިފައިވަނީ އުމަރު ނަސީރަށް ކަމަށް ދެންނެވެން އެބަ އޮތެވެ. ނަމަވެސް ސިޔާސީ ބައެއް ފަރާތްތަކުން ދެކިލައްވާގޮތުން ރަށްރަށުން ބޮޑު ތާއިދެއް އޮންނާނީ ޢަބްދުﷲ ޔާމިނަށެވެ. އެހެން ނަމަވެސް އެގޮތަށް ދެކޭ ދެކުން ބަދަލުކުރުމަށް މަޖުބޫރުވާފަދަ މަންޒަރުތަކެއް ލ. އަތޮޅުގެ ރަށްރަށުން ވޭތިވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ފެނިގެން ހިނގައްޖެއެވެ. ޚާއްޞަކޮށް މަޢުމޫނާއި ޕީއެމްއަށް އަދި ޔާމީން އަށް ބޮޑު ތާއިދެއް އޮންނަކަމަށް ބެލެވޭ ލ. ގަން-ފޮނަދޫ ސަރަޙައްދުން އެކަން ފެނިގެން ހިނގައްޖެ އެވެ. ޔާމީންގެ ކެމްޕޭން ދަތުރުގައި ލ. ފޮނަދޫގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް "ޔަޤީން ޓީމުގެ" ބޮޑު ވަފުދެއް އައީ ނުހަނު ބޮޑު ޔަޤީން ކަމަކާއި އެކުގަ އެވެ. އެކަމަކު ކަންވެގެން ދިޔައީ ޔާމީން އާއި އޭނާގެ ޓީމުން ކަންވެގެން ދާނެ ކަމަށް ޔަޤީންކުރި ގޮތާއި ކުޑަކޮށްވެސް ގާތްކަމެއް ނެތް ފަދަ ގޮތަކަށެވެ. ޔާމީނުގެ އިސްތިޤްބާލަށް ކައްދޫ ވައިގެ ބަނދަރަށް ފޮނަދޫން ދިޔައީ ހައެއްކަ އަންހެނުންނާއި ހައެއްކަ ޒުވާނުން ކަމަށް ބުނެވޭހާވެސް މަދު މީސްކޮޅެކެވެ. އަދި މިދެންނެވި މަދު މީސްކޮޅުގެ ތެރޭގައިވެސް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ ގްރޭޑް 8،9 ގެ ފަސްވަރަކަށް ދަރިވަރުން "އަހަންނަކީ ޔާމީން" ޖަހާފައިވާ ގަންޖުފަރާސް ލައިގެން ތިބިތަން ފެނިގެން ގޮސްފައިވެ އެވެ. ގަމާއި ފޮނަދޫން ޔާމީން އަށް މަރުޙަބަ ކިޔުމަށް ގޮސްތިބީ 57 މީހުންކަން ވަރަށް ޔަޤީން ކަމާއިއެކު ދަންނަވާން ކެރެއެވެ.

250 ވަރަކަށް މީހުންގެ ޖާގަ ހުންނަ ފޮނަދޫ މެދުއަވަށު އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާ ވެގެންދާނީ ހަމަގައިމުވެސް ޕީޕީއެމްގެ ޙަޔާތުގައި ފޮނަދޫގައި ބޭއްވުނު ޚާއްޞަ ޖަލްސާއަކަށެވެ. ގަން-ފޮނަދޫ އަދި މާމެންދޫން މީހުން ގެނެސްގެން ބޭއްވި ޖަލްސާގައި އިޖްތިމާޢީ މަރުކަޒުގެ ހޯލު ދެބައިކުޅަ އެއްބައި ފުރާލެވިފައިވަނީ ދުރުދުރުގައި ގޮނޑި އަތުރައިގެން ކަން ހޯލަށް ބަލާލުމުން އެނގިގެން ދިޔައެވެ. ޔާމީންގެ ދަތުރު ނިންމަވާލައްވާފައި މާލެވަޑައިގަތުމަށް ކައްދޫ ވައިގެ ބަނދަރަށް ދިޔައިރު އަލްވަދާޢު ކިޔުމަށް ގޮސްތިބީ 10 މީހުން ކަން ވަރަށް ރަނގަޅަށް ޔަޤީން ކުރެވެއެވެ.

ޔާމީން އަށް މަރުޙަބާ ކިޔުމަށާއި ފުރުވުމަށް ކައްދުއަށް ނުގޮސްތިބި އަދި ޖަލްސާއަށް ނުގޮސްތިބި ޕީޕީއެމްގެ މެންބަރުން ބުނަމުން ދިޔައީ އެމީހުން ދާނީ އުމަރާއި އެކުގައި ކަމަށެވެ. އެމީހުންތިބީ އުމަރުގެ ޓީމާއި އެކުގައި ކަމަށެވެ. އެހެންކަމުން ލ. އަތޮޅުން ތާއިދު ބޮޑީ އުމަރު ނަސީރަށް ކަމަށް ވަރަށް ޔަޤީން ކަމާއެކު ދަންނަވާލުމުގެ ފުރުޞަތު އެބަ އޮތެވެ.

އުމަރު ނަޞީރަށް ލ. އަތޮޅުން، ޚާއްޞަކޮށް ފޮނަދުއާއި ގަމުން ތާއިދު އިތުރުވެގެންދާނެކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ އެއްކަމަކީ އިލްޔާސް އިބްރާހިމް އުމަރު ނަސީރާއި އެކުގައި ހުންނެވުމެވެ. ލ. އަތޮޅުގެ ގިނަބަޔަކު އަދި ޙަޤީޤަތަށް ބުރަވާ ކޮންމެ މީހަކުވެސް ޤަބޫލުކުރާ ގޮތުން ލ. އަތޮޅަށް މިއަދު ލިބިފައިވާ ތަރައްޤީގެ ޙަޤީޤީ ބާނީ އަކީ އިލްޔާސް އިބްރާހިމެވެ. އިހުޒަމާނުގައި 'ރަންނަމާރި އެއް' އަރާ އުޅުނު ފަދައިން އެއްޒަމާނެއްގައި ލ. އަތޮޅުގެ ރަށްރަށަށް ރަންނަމާރި އަރާ ބީދައިން އިލްޔާސް އިބްރާހިމް އަރުއްވާ އުޅުނުކަމަށް ވާހަކަ ދެކެވުނަސް ލ. އަތޮޅުގައި ގަމާއި ފޮނަދޫ އާރާސްތުވެ މިއަދު މިދެކޭ ތަރައްޤީ ލިބުމުގެ އަސްލަކީ އިލްޔާސް އެވެ. އެހެން ކަމުން ލ. އަތޮޅުގެ ރައްޔިތުންގެ ތެރެއިން ދޮށީ އުމުރުގެ މީހުން ތިބޭނީ އިލްޔާސް އިބްރާހިމް ނެންގެވި ކޮޅުގަ އެވެ. ޓީމް އުމަރާއި އެކުގައެވެ. ލ. އަތޮޅުން ޔާމީންގެ ތަރި އޮއްސި، އިލްޔާސާއި އުމަރުގެ ތަރި އަރަން ކައިރިވާ ކަމުގެ އަލާމާތްތައް ޕީޕީއެމްގެ ބައެއް މެންބަރުންގެ ބަސްމަގު ހުންނަ ގޮތުން ފެންނާން ފަށައިފިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް