ފަހުގެ ޚަބަރު


އިތުރަށް...

ހުރިހާ ހަތިޔާރެއް އެއްކޮން ހުސްވެ ދައްކާނެ ހުރިހާ ވާހަކައެއް ނެތުނީމާ ދެން މި ދައްކާ ވާހަކައަކީ ކޮއްކޮއަށް ވޯޓްދޭށޭ.

ލިޔުނީ: Unknown - Friday, March 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މާދަމާ ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީނަކީ ގައުމުގެ ވެރިކަން ހަވާލުކުރަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅުގެ "ލޯގަނޑު" ހިއްޕަވައިގެން ނުކުންނަވަނީ ގޮތް ހުސްވުމުން ކަމަށް ސިފަކުރައްވައި އުމަރު ނަސީރުގެ ޓީމުން ރޭ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރަށް ތާއީދު ހޯދުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް މައުމޫން އެންމެ ބޭނުންފުޅުވި ދަނޑިވަޅުތަކުގައި އެ މަނިކުފާނަށް ޔާމީނު ފުރަގަސްދެއްވި ކަމަށެވެ. 

"މި އިންތިހާބުގައި ބަލިވާނެކަން ޔަގީންވީމަ، މި އިންތިހާބުގައި އެއްވެސް ގޮތެއް ނެތުނީމާ އެންމެ ފަހު ހަތިޔާރު ކަމަށްވާ ކޮއްކޮގެ ލޯގަނޑު ހިފައިގެން ނިކުމެވަޑައިގަންނަވަނީ. އަޅުގަނޑު ދަންނަވާނީ ކޮއްކޮގެ ލޯގަނޑު އެންމެންނަށް އެނގެޔޭ،" އުމަރު ވިދާޅުވި އެވެ. 

އޭނާ ވަނީ ޔާމީނުގެ ފަރާތުން އެކި ކަންކަމަށް މާ ބޮޑު އެހީތަކެއް ނުލިބޭ ކަމަށް އިޝާރަތްކޮށް ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނަން މުޒާހަރާތައް ކުރަމުން ދިޔަ ދުވަސްވަރު އެ ތަނުގައި ކެއިން ބުއިމަށް އެހީތެރިކަން ފޯރުކޮށްދޭން އެދުމުން ޔާމީން ދެއްވީ އެންމެ 500ރ. ކަމަށް ވިދާޅުވި އެވެ. 

މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ދެ ބޭބެއިން ކަމަށްވާ އިލްޔާސް އިބްރާހިމާއި އައްބާސް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އުމަރުގެ އަރިސް ބޭފުޅެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވީ ފޯނާއި އެސްއެމްއެސް ކޮށްގެން ވެސް ރައްޔިތުން ގުޑައިނުލައި އުމަރުގެ ފަހަތުގައި ތިބުމުން "އަތްދަބަހަށް ލާރި އަޅައިގެން ދާ މަންޒަރު" މިހާރު ފެންނަ ކަމަށެވެ. އަދި ޔާމީނުގެ ފަހަތުގައި ތިބީ ތަފާތު އިންޒާރުތައް ދޭތީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތް ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ ޕާޓީގެ ރައީީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންފުޅުވަނީ ނުފޫޒުން އެއްކިބާވެފައިވާ ވޯޓެއް ނަގަން ކަމަށާއި އެ ކަންކުރުމަށް "ޖާނުން ވެސް ފިދާވާނެ" ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަގަހައެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. 

ޔާމީނަށް މިހާ ސީދާ ގޮތެއްގައި ފުރަތަމަ ފަހަރަށް ފާޑުކިއުއްވަމުން ސަލީމް ވިދާޅުވީ ރައީސް މައުމޫނުގެ ކޮއްކޯފުޅަށް ވީތީ ޔާމީނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީއެއް އުފެއްދުމަށް މައުމޫނަށް އެންމެ ބޮޑަށް ހުރަސްތައް ކުރިމަތިކުރެއްވީ ވެސް ޔާމީނެވެ. އަދި އެ ނޫނަސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ އަބުރަށް ހުތުރުފާ ފަދަ އެތައް ކަންތައްތަކެއް ޔާމީން އަޑީގައި ހުންނަވައިގެން ކުރައްވާފައިވާ ކަމަށާއި ޔުނިވާސިޓީއާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުން ލަސްކޮށް އަދި ހުށަހެޅުމުން އެމްޑީޕީއާ ގުޅިގެން ބިލް އެ ތަނުގައި ދިގުދެއްމީ ވެސް ޔާމީނު އަޑީގައި ހުންނަވައިގެން ކަމަށް ސަލީމް ތުހުމަތުކުރެއްވި އެވެ. 

"ގައުމީ ޔުނިވާސިޓީއެއް އުފެއްދުމަށް ހަޔާ އެޑިއުކޭޝަންގެ ތެރެއިން ބިލް ފަރުމާކުރުން ހިފަހައްޓައި، ބިލް ކުރިއަށް ދިޔަނުދީ ބިލް ދަތި އަޅުވައި ރައީސް މައުމޫނަށް އެ ފުރުސަތު ގެއްލިގެން ]ދިޔައިރު[ އެ ދުވަސްވަރު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ސޯޝަލް ސެކިއުރިޓީ އެންޑް އެމްޕްލޯއިމަންޓްގައި ހުންނެވީ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް،" ސަލީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ރާއްޖޭގައި ބޭސްފަރުވާގެ ހިދުމަތް ސްކީމެއްގެ ދަށުން ދިނުމަށް ރައީސް މައުމޫން ބޭނުންފުޅުވެގެން އެކަން ޔާމީނާ ހަވާލުކުރެއްވުމުން ވެސް ވީ ނާކާމިޔާބު ކަމަށެވެ. އެކަމަށް އެމެރިކާގެ ކުންފުންޏެއް ގެނެސް ކުރި ކަންތައްތަކުގެ ސަބަބުން އެ ކުންފުންޏަށް ހަތަރު މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އެކަމުން ވެސް ރައީސް މައުމޫނަށް ވީ ގެއްލުން. ކަނޑައެޅިގެން ކޮށްފައި ހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން މި ދަންނަވަނީ. އެ ވިދާޅުވާ ތެދުވެރިކަމާއި އެ ވިދާޅުވާ ބޭބޭފުޅު ދެކެ ލޯބިވާ ނަމަ ނުވަތަ ގައުމު ދެކެ ލޯބިވާ ނަމަ ކީއްވެގެންތޯ އެ ދުވަހު އެކަންތައް ނުކުރެއްވީ. ރައީސް މައުމޫން އެކަން ކުރެއްވުމަށްޓަކައި، ދިވެހި ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީއަކާ ހަވާލުކޮށްފައި ފުރިހަމަ ޒިންމާ އާއި ފުލް ރެސްޕޮންސިބިލިޓީއާ އެކު ހަވާލުކޮށްފައި އޮތީ. ފުލް އޮތޯރިޓީއާ އެއްކޮށް،" ސަލީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މައުމޫނަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ކަމަކީ އިންތިހާބަށް ކުޑަތަންވެފައި އޮއްވާ އޮޑިޓް ރިޕޯޓްތަކެއް ނެރުން ކަމަށާއި އެ އޮޑިޓަ ޖެނެރަލް މަގާމަށް ގެނައުމުގެ ފަހަތުގައި ހުންނެވީ ވެސް ޔާނީމާއި ޔާމީނު އަރިސް ބޭފުޅެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކަމަށެވެ. 

ޑީއާރުޕީ އުފެއްދެވުމުން އެ ޕާޓީ އަށް ފުރަގަސްދީ މަޖިލީހުގެ 12 މެންބަރަކު ގޮވައިގެން އެ ޕާޓީން ނުކުމެވަޑައިގަންނަވައި ޕީއޭ އުފެއްދެވީ ވެސް ޔާމީނު ކަމަށް އޭނާ ވިދާޅުވި އެވެ. 

"އޭގެ ފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރައީސް މައުމޫނުގެ ކެބިނެޓުގައި ތިއްބެވި ބޭބޭފުޅުންގެ ނަން، ނޯ ކޮންފިޑެންސް ވޯޓު މަޖިލީހަށް ވައްދައިގެން އެމްޑީޕީއާ ބައިއަތު ހިފައިގެން އެކަން ކުރަމުން ދިޔަ މަންޒަރު،" ސަލީމް ވިދާޅުވި އެވެ. 

މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް ވެބްސައިޓުތަކާއި ނޫސް މަޖައްލާތައް ނެރުމުގެ ފަހަތުގައި ވެސް ހުންނެވީ ޔާމީނު ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. 

"އެންމެ ފަހުން ޑީއާރުޕީގެ ތެރެއިން ނުކުމެގެން ގޮސް އަނެއްކާ އެނބުރި އެއްކަލަ ވަށަފަރު މީހުން އުނބައް ޖެހިއޭ ބުނާ ބީދައިން، ޑީއާރުޕީއާ ގުޅި، 3.5 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން އެނެއްކާވެސް ބަޔަތު ހިފީ. ބަޔަތު ހިފައި ހެދި އެގްރީމެންޓްގައި މި އޮންނަނީ ތިމަންނާމެން ނުގަބޫލުވާ ނަމަ އެހެން އެއްވެސް ބަޔަކާ ކޯލިޝަނެއް ނުހެދޭނެޔޭ. މިއީ ނަތީޖާ ނެރެދީފަ އޮތް ޓީމެއްތޯ؟ ނަތީޖާ ވަރަށް ހިތި. ދެ ވަނަ ބުރަކަށް ރިޔާސީ އިންތިހާބު ގޮސްގެން، ގާސިމް ]ގާސިމް އިބްރާހީމް[ ތިއްބެވީ ފޯނު އޮން ކުރައްވައިގެން ހަބަރެއް ވޭތޯ. އެކަމަކު ދެ ވަނަ ބުރުން މި ކަމައް ނުވި،" ސަލީމް ވިދާޅުވި އެވެ. 

މި ނޫން ވެސް ތަފާތު ގިނަ ތުހުމަތުތަކެއް ކުރައްވައި ސަލީމް ވިދާޅުވީ މިހާރު ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީނު ސިއްރު ގުޅުންތައް ބާއްވަވާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް