ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ޚަޠީބު ތަކުރުފާނު

ލިޔުނީ: Unknown - Thursday, March 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޚަތީބް ތަކުރުފާނު ފަސްދާނުލެވިފައިވާ ބިސްތާނަ
އެއީ ދިވެހި ތާރީޚުގައި މަޝްހޫރު ފޮނަދޫ ޚަތީބު ތަކުރުފާނެވެ. އެއްބަޔަކު ބުނާގޮތުގައި އެއީ ހައްދުންމަތީ ފޮނަދޫ ބެއިކަލެކެވެ. އަނެއްބަޔަކު ދަންނަގޮތުގައި މިކަލޭގެފާނަކީ ހެންވޭރު ކެޔޮގޯތި ދަންނަ ޚަޠީބު ތަކުރުފާނެވެ. ކެޔޮ ގޯއްޗަކީ މިހައިއިރު ސޯސަންގެ އެވެ. އެހެންވެ އެއީ މާލޭގެ ބޭކަލެކެވެ. ދެންތިބި ބަޔަކު ޤަބޫލުކުރާ ގޮތުގައި މިކަލޭގެފާނަކީ އަލްޚަޠީބު މުޙައްމަދު ޖަމާލުއްދީނުލް އައްޑުވީ އެވެ. ނުވަތަ އައްޑޫ ގަނޑުވަރު މުޙައްމަދު ސިރާޖުއްދީނެވެ
މިކަލޭގެފާނަކީ އައްޑޫ މީދޫ ކަޅިހާރި ދޮންބޫ (ދޮންބުއި) ނާއިބު ކަލޭގެފާނުންގެ ދަރިކަލުން އަލްޤާޟީ މަޙުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ގަނޑުވަރު އަލްއައްލާމާ އައްޝެއިޚު އަލްފަޤީހު މުޙައްމަދު ސިރާޖުއްދީނެވެ

ސިރާޖުއްދީނުގެ ބައްޕަ އަލްޤާޟީ މަޙްމޫދު ރަންފުތުފަނޑިޔާރު ތަކުރުފާނަކީ ދިވެހިބަހުންނާއި ޢަރަބިބަހުން އެންމެފުރަތަމަ ދިވެހިރާއްޖޭގައި ފޮތްތައް ލިއުއްވައި ތައުލީފު ކުރެއްވި ޢިލްމްވެރިޔާއެވެ. މީނާ ލިޔުއްވީ މަޝްހޫރު ފިޤުހު ޢިލްމް ފޮތެކެވެ. މިފޮތުގެނަމަކީ ”ކިތާބުލް ޤާޟީ މަޙުމޫދު” އެވެ.

ސިރާޖުއްދީނުގެ މަންމައަކީ އައްޑޫ މީދޫ ގަނޑުވަރު ވަށޮރަންދިޔަ އެވެ. ގަނޑުވަރު ވަށޮރަންދިޔައަކީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ނުވަތަ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނާ އެއްބަނޑު އެއްބަފާ ސިއްތީބީ އެވެ.

ހެންވޭރު ޚަތީބުގެ ނަން ކިޔުނީ ކީއްވެ؟

ސިރާޖުއްދީނު މާލެގައި އުޅުއްވި ގޭގެ ނަމަކީ ހެންވޭރު ކެޔޮގޯތިއެވެ. މިގޯތީގައި މިހައިއިރު އެހެރީ ސޯސަންގެއެވެ. އެގޭގައި މިހައިއިރު ހިންގަނީ ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީއެވެ. އެއީ ސަރުކާރުގެ ބިމެކެވެ. މި ގޯތީގައި ސިރާޖުއްދީން އުޅުއްވީ އޭނާ އަށް ހެންވޭރު ޚަތީބުކަން ލިބިވަޑައިގަތުމާ ގުޅިގެންނެވެ. މި ގޯއްޗާއި ހެންވޭރު ޚަތީބުކަން ސިރާޖުއްދީނަށް ލިބިވަޑައިގަތީ އޭނާގެ އިލްމުވެރިކަމުގެ އިތުރަށް ކައިވެނީގެ ގޮތުން ގަނޑުވަރާ ގުޅިފައި ވުމުގެ ސަބަބުންނެވެ.

އައްސުލްޠާނު އިބްރާހިމް އިސްކަންދަރު 1ގެ ރަސްކަމުން ފެށިގެން ސައްޔިދު ރަސްގެފާނު އަވަހާރަވުމާއި ހަމައަށް ހެންވޭރު ޚަޠީބުކަމުގެ މަޤާމުގަ ހުންނެވީ ސިރާޖުއްދީނެވެ. އެހެންވެ ތާރީޚީ ވަރަށް ގިނަ ލިޔުންތަކުގައި އޭނާ އަށް ނިސްބަތްކޮށް ލިޔެފައި ވަނީ ހެންވޭރު ޚަތީބު ތަކުރުފާނުގެ ނަމުންނެވެ.

ސިރާޖުއްދީނުގެ އަނބިކަމަނާއަކީ އައްސުލްޠާނު އިބްރާހިމް އިސްކަންދަރު1 އަށް ބޮޑުބޭބެވިދާޅުވާ ބޭފުޅެކެވެ. ސިރާޖުއްދީނުގެ އަނބިކަނބަލުން އާމިނާކަނބައިދިކިލެގެ (އާމިނާކަނބާފާނުގެ) ބައްޕައަކީ އައްސުލްޠާނު އިބްރާހިމް އިސްކަންދަރު1 އާ އެއްބަނޑު ބޭބޭފުޅު އަލްވަޒީރު މުޙައްމަދު ދޮށިމޭނާ ކިލެގެފާނެވެ. މި އާމިނާކަނބައިދި ކިލެގެ މަންމައަކީ ލ.ފޮނަދޫ އަލްޤާޟީ މުޙައްމަދުގެ ދަރިކަނބަލެކެވެ.

ފޮނަދޫ ޚަތީބުގެ ނަން ކިޔުނީ ކީއްވެ؟

އައްސުލްތާނު ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ބުނި ސައްޔިދު ޢަބްދުއްރައްޒާޤިލް ޙަމަވީ (ސައްޔިދު ރަސްގެފާނު) އަވަހާރަވުމަށްފަހު މާލޭގެ ބޮޑުން ރާއްޖޭގެ ސިންގާސަނާ އަށް އިސްކުރަން ޤަސްތުކުޅަ މީހަކީ އަލްޚަޠީބު މުޙައްމަދު ސިރާޖުއްދީނެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ހުންނެވި އެންމެބޮޑު ދީނީ އިލްމްވެރިޔަކީ އޭނާ އެވެ. އެހެންވެ އޭނާއަށް ދިވެހިރާއްޖޭގެ ރަސްކަން ދިނުމަށް ގިނަ ބަޔަކު ނިންމިއެވެ.

އޭނާ މިކަމާ ރުހިވަޑައިނުގަންނަވާތީ އަނބި ދަރީން ގޮވައިގެން އެރޭގެ މަޣުރިބު ނަމާދަށްފަހު ސިއްރުން މާލެން ފުރާވަޑައިގަތެވެ. އޭނާގެ އަމިއްލަ އަތޮޅާއި ރަށަށް ފަސޭހައިން އިން ވަޑައިގެންނެވޭނެ ގޮތެއް ނެތުމުން އޭނާ ޚިޔާރު ކުރެއްވީ އަނބިކަނބަލުން ފާޠުމާ ކަނބާފާނުގެ މައިފުށުގެ ޢާއިލާ އޮތް އެކަމަނާގެ ރަށަށް ވަޑައިގެން އެރަށުގައި ވަޒަންވެރިވެ ވަޑައިގަތުމަށެވެ. މިގޮތުން ހައްދުންމަތީ ފޮނަދޫ އަށް ވަޑައިގަތީ އެވެ. އެއަށްފަހު އެރަށުގެ ޚަޠީބުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތެވެ. އެރަށުގައި އޭނާ އުޅުއްވިގެއަކީ ފޮނަދޫ އޮފީހުގެ ކުރިމަތީގައި ހުރި މިހާރުގެ ނަމުންނަމަ މުދިމު ގެއެވެ. ސިރާޖުއްދީނު މާލެ ދޫކުރައްވައި ފުރާވަޑައިގަތީ މީލާދީގޮތުން 10 ޖުލައި 1692 ދުވަހެވެ.

ޢިލްމުވެރިކަން

އަލްއައްލާމާ މުޙައްމަދު ސިރާޖުއްދީނު ޢިލްމު އުގެނިވަޑައިގަތީ އޭނާގެ ބައްޕަ އަލްޤާޟީ މަޙްމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު އަރިއަހުންނާއި އޭނާގެ ބޮޑުބޭބެ އަދި ދޮންބައްޕަ އަލްއައްލާމާ އަޙުމަދު ޝިހާބުއްދީން ބޮޑުނާއިބު ތަކުރުފާނު އަރިއަހުންނެވެ. މި އަޙުމަދު ޝިހާބުއްދީން ބޮޑުނާއިބު ތަކުރުފާނަކީ އެދުވަސްވަރު ދިވެހިރާއްޖޭގައި ހުންނެވި އެންމެބޮޑު ޢިލްމުވެރިޔާއެވެ.

ސިރާޖުއްދީނުގެ ދަރިވަރުންގެތެރޭގައި އަލްޤާޟީ ޙަސަންތާޖުއްދީނާއި، ތާޖުއްދީނުގެ އަޚު ޙުސެން އަފީފުއްދީން ބަންޑާރަނާއިބު ތަކުރުފާނާއި، އައްސުލްތާނު މުޙައްމަދު މުޙުއްޔިއްދީނުލް ޢާދިލް އާއި، އައްސުލްތާނު މުޙައްމަދު އިބުނި އަލްޙާއްޖު ޢަލީ ތުއްކަލާ ހިމެނެއެވެ.

ސިރާޖުއްދީން ކީރިތި ޤުރުއާނުގެ ޢިލްމާއި ތަފްސީރު ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ފިޤުހާއި ނަހޫ ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ފޮނަދޫ ދަންނަ ޚަތީބު ތަކުރުފާނުގެ ނަމުން މުޅިރާއްޖޭގައި ނަންހިނގައި މަޝްހޫރު ވެފައިވަނީ އެހެންވެއެވެ. ސިރާޖުއްދީނަކީ އޭނާގެ ބައްޕަ ފަދައިން ދިވެހިބަހުންނާއި ޢަރަބިބަހުން ފޮތްތައް ލިއުއްވައި ތައުލީފު ކުރެއްވި ބޭފުޅެކެވެ. މިގޮތުން މީނާ ފިޤުހު ޢިލްމް ފޮތާއި ދީނީ ޢިލްމް ފޮތްތައް ލިޔުއްވިއެވެ.

ޚިދުމަތް

ރާއްޖޭގައި އެދުވަސްވަރު އާދަކާދައިގެ ގޮތުން ކުރެވެމުން އައި ބައެއް ބިދުޢަ ނައްތާލުމަށްޓަކައި އެންމެފުރަތަމަ މަސައްކަތް ކުރެއްވި ޢިލްމްވެރިޔަކީ ސިރާޖުއްދީނެވެ. ސައްޔިދު ކަލޭގެފާނުގެ ރަސްކަމުގައި އޭނާގެ އެންމެ ބޮޑު އެހީތެރިއަކަށް ވެވަޑައިގެން އުޅުއްވީވެސް ފޮނަދޫ ދަންނަ ޚަތީބު ތަކުރުފާނާއި އެތަކުރުފާނުގެ ދަރިވަރުންކަމުގައިވާ ޙަސަންތާޖުއްދީނާއި އޭރު ފަނޑިޔާރު ކަމުގައި ހުންނެވި މުޙައްމަދު ބުނި އަލް ޙާއްޖު ޢަލިތުއްކަލާ އެވެ.

އައްސުލްތާނު ކުޑަމުޙައްމަދު އަވަހާރަވުމަށްފަހު އައްސުލްޠާނު މުޙައްމަދު މުޙިއްޔުއްދީނުލް ޢާދިލް ރަސްކަމަށް އިސްވެވަޑައިގެން ސިރާޖުއްދީނު ގަނޑުވަރަށް ގެންނަވައި ބޮޑުއަށީގައި ބައިންދަވައި މާތްކޮށް ހިއްތެވިއެވެ. މިރަސްގެފާނަކީ އަލްޢައްލާމާ މުޙައްމަދު ސިރާޖުއްދީނުގެ ދަރިވަރެކެވެ. މިރަސްގެފާނުގެ ރަސްކަމުގައި ސިރާޖުއްދީނުގެ ލަފާގެ މަތިން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ފިރިހެނުން ގަމީސް ލުމާއި ފަގުޑިއެޅުމާއި ފައިވާންލުން ހުއްދަ ކުރެއްވުން ހިމެނެއެވެ. އަދި ޙައްޖަށްދާނެ މީހަކު ދިއުމަށްވެސް މިރަސްގެފާނު ހުއްދަ ދެއްވިއެވެ. މިކަން ކަމީވެސް މީގެ ކުރީގައި ރައްޔިތުންގެ އެކިއެކި މީހުންނަށް މަނާކަންކަމެވެ. އަމުރު މަޢުރޫފް ހިންގުމާއި މުންކަރާތްތައް ނަހީ ކުރުމަށް ރަށް ރަށުގައި ތިބޭ ނާއިބުން ކުރާ އަމުރު އިތުރު ކުރުމަށް އަތޮޅުތަކުގެ އަތޮޅު ވެރީންނަށް ވަޞިއްޔަތް ކުރެއްވިއެވެ. އެމަނިކުފާނުންގެ ޒަމާނުގައި ރައްޔިތުންގެ ކިބައިން ނަގާ ވާރުން ބޮޑުބައެއް ކަޑައިލެއްވިއެވެ. އެމަނިކުފާނުންގެ ޒަމާނުގައި އަމީރުންވެސް ރައްޔިތުންގެ މައްޗަށް ރަޙްމަތްތެރީން ކަމުގައިވިއެވެ. ރައްޔިތުންގެ އެންމެން އެމަނިކުފާނުގެ ޒަމާނުގައި ވަރަށް ވެސް އަރާމުގައި އުޅުނެވެ. އެރަސްގެފާނުގެ ނަމަކަށް ހެޔޮރަސްގެފާނޭ ކިޔައެވެ.

ވަލީވެރި ބޭކަލެއްތަ؟
އައްސުލްތާނު ކުޑަމުޙައްމަދު (ޢުމުރު ފުޅުން އެންމެ 6 އަހަރުގައި) ރަސްކަން ލިބިވަޑައިގަތުމުން އެމަނިކުފާނުގެ މައިކަމަނާ ކަމުގައިވާ ހިންދުކަރައިގެ ޖާރިޔާއެއްގެ މަރިޔަނބު ދިވެހި ރަސްކަމުގެ ހުރިހާކަމެއް ބެލެހެއްޓެވި ދުވަސްވަރުގައި، މިމަރިޔަނބު އެކި ވައްތަރު ވައްތަރުގެ ހީލަތާއި މަކަރު ހަދައިގެން ފާސިޤުކަން ފައުޅުކޮށް ދަންނަބޭކަލުންނަށް ދުއްތުރާ ކުރަމުން ދިޔަ ދުވަސްވަރުގައި ސިރާޖުއްދީނަށް ވެސް ދުއްތުރާ ކުރިއެވެ. މި މަރިޔަނބުގެ ބޮޑުވަޒީރު ޢަލީ ވެސް ސިރާޖުއްދީނަށް އިތުރަށް އުނދަގޫކޮށް އެކަލޭގެފާނުންގެ އަނބިކަބަލުން އާމިނާކަބައިދި ކިލެގެފާނަށް އެދެންފެށިއެވެ. ސިރާޖުއްދީނު މާތްކަލާނގެ ކިބަޔަށް ދުޢާކުރެއްވުމުން އެދުޢާ އިޖާބަކުރައްވައި ބޮޑު ވަޒީރު ޢަލީގެ މަޢިދާ އަށް ހޫނު ބައްޔެއް ޖެހުނު ކަމަށް ބުނެވެއެވެ. ސިރާޖުއްދީނުގެ އަރިއަހުން ހިތްހަލާލު ލިބުމުގެ ކުރީގައި އެބަލިން އޭނާ ފަސޭހައެއްނުވިއެވެ. އަދި މަރެއްވެސް ނުވިއެވެ. ދެން އޭނާ ސިރާޖުއްދީނުގެ ޙިތްހަލާލު ހޯދުމަށް ފަހުގައި ނިޔައު ވެއްޖެ ކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ.

އަވަހާރަ ވުން
ޚަތީބް ތަކުރުފާނު ފަސްދާނުލެވިފައިވާ ބިސްތާނަ
އަލްޢައްލާމާ މުޙައްމަދު ސިރާޖުއްދީން ނުވަތަ އައްޑޫ ގަނޑުވަރު ސިރާޖުއްދީން އަވަހާރަވީ މީލާދީގޮތުން 10 މާރޗް 1695 ވީ ބުރާސްފަތި ދުވަހު އެވެ. ފަސްދާނު ލެވިފައިވަނީ ފޮނަދޫ ކުރީގެ ހުކުރު މިސްކިތު ދޮރުމަތީގައިވާ ޚާއްޞަ ބިސްތާނެއްގައެވެ. މާތްﷲ އެ މަރްހޫމުގެ ފުރާނައަށް ރަޙްމަތް ލައްވާށިއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް