ފަހުގެ ޚަބަރު


އިތުރަށް...

ޕްރައިމަރީގައި ޔާމީންގެ ޓީމުން ބޮޑެތި މަކަރުތައް ހަދައި ވޯޓު ގަނެ ހަދާފައިވޭ - އުމަރު

ލިޔުނީ: Unknown - Tuesday, April 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރާ ވާދަކުރެއްވި އަބްދުﷲ ޔާމީންގެ ޓީމުން "ކަޅު ފައިސާ އޮއްސައި" ވޯޓަށް ނުފޫޒު ފޯރުވައި ބޮޑެތި މަކަރާއި ހީލަތް ހަދައި އޮޅުވާލުންތައް އޮޅުވާލައިފައިވާ ކަމަށް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ. 

އޭނާ ވިދާޅުވީ އެގޮތަށް ކަން ހިނގާފައިވީ ނަމަވެސް ޕާޓީ ދޫނުކުރައްވާނެ ކަމަށާއި ޕާޓީގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި އެންމެ ތަންފުކެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި "ހުދު އިންގިލާބެއް" ގެންނަވާނެ ކަމަށް އަޑުހަރުކޮށް ވިދާޅުވެ، އޭނާ ވިދާޅުވީ ޕީޕީއެމް އިސްލާހު ކުރައްވާނެ ކަމަށެވެ. 

ޔާމީނާ ވާދަކުރައްވައި އުމަރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިވަޑައިގެންނެވި ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އާޓިފިޝަލްބީޗުގައި އޭނާ ވިދާޅުވީ ޕްރައިމަރީގައި އިލެކްޝަން ކޮމެޓީއާ އެކު ޕާޓީގެ ހުރިހާ ގުނަވަންތަކާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާ އާއި ޕީޕީއެމްގެ މަޖިލީސް މެމްބަރުންނާއި ބޮޑެތި ގޭންގުތަކާއި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ޖަމާކުރާ ހުރިހާ ނެޓްވޯކްތައް ވެސް ތިބީ ޔާމީނާ އެކުގައި ކަމަށެވެ. ޕާޓީގެ އާދައިގެ ބަޔަކާ އެކު ރިޔާސީ ޕްރައިމަރީގެ ރޭހަށް އޭނާ ނުކުންނެވީ ޕީޕީއެމްގެ "މުޅި މެޝިނާ" ދެކޮޅަށް ކަމަށް އުމަރު ވިދާޅުވި އެވެ. 

"ރާއްޖެ އަށް މަސްތުވާއެއްޗެހި އެތެރެކޮށް ވިއްކުމުގެ ކުށުގައި ބޮޑެތި އަދަބު އައިސްފައި ތިބި މީހުން އަޅުގަނޑުގެ އަހް އަބްދުﷲ ޔާމީންގެ ތޮފި އަޅާލައިގެން ސްކޫލްތައް ކައިރީގައި އެނބުރުނު މަންޒަރު ތިޔަބޭފުޅުންނަށް ވެސް ފެންނާނެ،" ޖަލްސާ ނުބޭއްވުމަށް މައުމޫން އެދިވަޑައިގެންފައި ވަނިކޮށް ބޭއްވެވި ޖަލްސާގައި އުމަރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ހަނު ހުރުމަކީ ފާފައެއް ކަމަށާއި ހައްގުގެ ބަސް މިރޭ ވިދާޅުވީ ޕާޓީ އަށް ލޮޅުމެއް ގެނައުމަށް ނޫން ކަމަށެވެ. އަދި ކަންކަން ހިނގައިދިޔަ ގޮތް މެމްބަރުންނާ ހިއްސާކުރެއްވުމަށް ނިންމެވީ ކުރިއަށް އޮތް ތަނުގައި އެކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށާއި މި ފަހަރުގެ އިންތިހާބުގައި ޕާޓީގެ އާއްމު މެމްބަރުންގެ އެތައް ހައްގެއް އުނިވެގެން ދިޔަ ކަމަށް އުމަރު ކަމަށެވެ. 

ޕްރައިމަރީގެ ތެރޭގައި "ވަރަށް ނާއިންސާފުން" ކަންކަން ހިނގާފައިވާ ކަމަށާއި ވޯޓު ފޮށި ކައިރިއަށް ދިޔަ އޭނާގެ އެތައް ސަޕޯޓަރުންނަކަށް އިންތިހާބުގައި ވޯޓުނުލުވެނު ކަމަށް އޭނާ ވިދާޅުވި އެވެ. 

"މި އިންތިހާބުގައި އަޅުގަނޑުމެން މި ކުޅުނީ ރެފްރީ އާއި ލައިންސްމަނާއި މެޗް ކޮމިޝަނަރާއި 11 ކުޅުންތެރިން ވެސް ޔާމީނަށް ދީގެން. އަޅުގަނޑުމެންގެ ފަރާތުގައި ތިބީ އެއްކަލަ ދެރަ ނިކަމެތި 11 މީހުން. އެގޮތަށް މެޗު އޮތްކަން އެނގި ހުރެ އަޅުގަނޑުމެން މެޗަށް އެރީ،" އުމަރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ނެޓްވޯކްތައް ފުނޑުފުނޑުކޮށްލާނެ ކަމަށް ކެމްޕޭންގައި އޭނާ ވިދާޅުވުމާއެކު ހުރިހާ ގޭންގުތައް އޭނާއާ ދިމާލަށް ފުންމައިގެން އަންނާނެކަން ކުރިން ވެސް އެނގިވަޑައިގަންނަވަ އެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔައިރު އޭނާގެ ޓީމާ ދިމާލަށް ގޭންގުތައް ފުންމައިގެން ނުކުތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. 

"ހަމައެކަނި ނުފޫޒު ބޭނުންކުރީކީއެއް ނޫން. ކަޅުފައިސާ ހިފައިގެން ނުކުމެ ދަބަސް ދަބަހަށް އަޅައިގެން ރަށްރަށަށް ދަތުރުކޮށް، މީސް މީހުންނަށް ފައިސާދީ އަޅުގަނޑުމެންގެ ވޯޓުތައް އަނބުރަން މަސައްކަތް ކުރި، އެނބުރި އެތައް ވޯޓެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ތުހުމަތުކުރެއްވި ގޮތުގައި އިންތިހާބުގައި ވޯޓު ލުން ނިމުމަށް ފަހު ބާކީ ހުރި ވޯޓު ކަރުދާސްތައް ވަނީ ޔާމީންގެ ނަން ޖަހައި ބައެއް ވޯޓު ފޮއްޓަށް އަޅައިފަ އެވެ. އެއީ ހިތާމަކުރައްވާ ކަމެއް ކަމަށާއި ނ. ފޮއްދޫ ވޯޓު ފޮށީގައި ހުރި އޭނާގެ ވޯޓުތައް ނަގައި ދެ ފާހަގަލާފައިވާ ކަމަށް އުމަރު ތުހުމަތުކުރެއްވި އެވެ. އަދި ބ. ތުޅާދޫގައި ވޯޓު ފޮއްޓެއް ނުބަހައްޓާއިރު ވެސް ނަތީޖާ ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

އުމަރު ވިދާޅުވީ އެ ހުރިހާ ކަމެއް އެގޮތަށް ހިނގިއަސް "ބޯކޮޅު ވަތަށް ޖަހައިގެން" އޭނާ އެހެން ޕާޓީއަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ޕާޓީއާ އެކު ރާއްޖެ އަށް ހުދު އިންގިލާބެއް އަންނާނެ ކަމަށާއި އެއްވެސް ބަޔަކަށް އެކަން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ގެންނަވަން އުޅުއްވާ ހުދު އިންގިލާބަކީ މި ގައުމުގައި ކުށްކުރުން ހުއްޓުވައި ޑްރަގުގެ ވަބާއިން ގައުމު ސަލާމަތްކޮށް، ކޮރަޕްޝަނާ ދެކޮޅަށް ގެންނަން އުޅޭ ހުދު އިންގިލާބެއް ކަމަށް ވިދާޅުވި އެވެ. އަދި އެއީ ހައްގަށް ނަސްރު ހޯދުމަށް ޓަކައި ޕީޕީއެމާއި ގައުމަށް ގެންނަވާ އިންގިލާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އުމަރު ރޭގެ ޖަލްސާގައި ޔާމީނަށް މެސެޖެއް ރައްދުކުރެއްވި އެވެ. އެ މެސެޖުގައި އުމަރު ވިދާޅުވީ އޭނާ ގަބޫލުނުކުރައްވާ މީހުން ޕީޕީއެމްގެ އިސް ސަފަށް ގެންނަވައިގެން ޔާމީން ރިޔާސީ ނުކުންނަވައިފި ނަމަ އޭނާގެ ތާއީދެއް ނުލިބޭނެ ކަމަށެވެ. އޭގެ އެއް މިސާލެއް ނަންގަވައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަކީ ރާއްޖޭގެ ކޮރަޕްޝަން ނެޓްވޯކުގެ އެންމެ އިސް މީހާގެ ގޮތުގައި ތުހުމަތުކުރައްވައި ވިދާޅުވީ ޔާމީން ޕްރައިމަރީ ކާމިޔާބުކުރެއްވުމުން އޭނާ ޕާޓީއާ ގުޅިވަޑައިގަތުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. އަދި ނާޒިމްގެ ނަން ވަކިން ވިދާޅުވެފައި އުމަރު ވިދާޅުވީ ނާޒިމް ފަހަތުގައި ބަހައްޓައިގެން ރިޔާސީ ރޭހަށް ނުކުމެ ވަޑައިގެންފި ނަމަ "އަޅުގަނޑު ދަންނަވާނީ ސޮރީ" ކަމަށް އުމަރު ވިދާޅުވި އެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ހައްޔަރުކޮށް މިހާރު ދޫކޮށްލައިފައި ހުރި ކުޑަކުއްޖާ ޕީޕީއެމް އޮފީހުގައި ޔާމީނާ ބައްދަލުކުރަންވެގެން އިންދައި އޭނާ އަށް ފެނިވަޑައިގެންނެވި ކަމަށެވެ. 

"ޔާމީނަށް ދަންނަވާނީ ނާޒިމް ފަދަ ކޮރަޕްޓް ބޭފުޅުން މަނިކުފާނު އަރިހުގައި އަތުރައިފިއްޔާ އުމަރު ނަސީރުގެ ތާއީދެއް ނުލިބޭނެއޭ ދުވަހަކު ވެސް،" އުމަރު ވިދާޅުވި އެވެ. 

ޔާމީން ކަނޑައަޅާ ޓީމަކީ ރަނގަޅު ޓީމެއް ނަމަ ސަޕޯޓަރުންނާ އެކު ވަޑައިގަންނަވާނެ ކަމަށާއި އެހެން ނަމަވެސް އޭނާ ކަނޑައަޅާ ޓީމަކީ ގޯސް ޓީމަކަށް ވެއްޖެ ނަމަ "ދަތުރުގައި ބައިވެރިނުވާނެ" ކަމަށް އުމަރު ވިދާޅުވި އެވެ. 

މަސްދަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް