ފަހުގެ ޚަބަރު


އިތުރަށް...

ހައިކޯޓުގެ ފަނޑިޔާރުންތައް ހުށަހެޅި މައްސަލައާއި ގުޅިގެން އިސްފަނޑިޔާރު ސަސްޕެންޑްކޮށްފި

ލިޔުނީ: Unknown - Wednesday, May 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހައިކޯޓުގެ ހަތް ފަނޑިޔާރަކު ސޮއިކޮށް އެކޯޓުގެ އިސްފަނޑިޔާރު އަހުމަދު ޝަރީފާއި ދެކޮޅަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހުށަހެޅި މައްސަލައާއި ގުޅިގެން މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑްކޮށްފިއެވެ.

ޝަރީފުގެ ސަސްޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިއަދު ކޮމިޝަނުން ބުނީ އެމައްސަލާގައި 25 ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާ ކަމަށެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލަ ނިމެންދެން އޭނާ ސަސްޕެންޑުކޮށްފައިވަނީ އެމައްސަލަ ތަހުގީގު ކުރަމުން ގެންދާ އިރު އެކޯޓުގެ މުވައްޒަފުންނާއި ސުވާލުކޮށް ތަހުގީގު ހިނގާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޝަރީފު ސަސްޕެންޑު ކުރުމަށް ނިންމާފައިވަނީ ތިން މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކިކޮޅަކަށް ދެމެމްބަރަކު ވޯޓު ނުދެއްވާ އިރު ޝަރީފދު ސަސްޕެންޑު ކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ބައިވެރިވެވަޑައިގެންނެވި މެމްބަރުންނާއި ވޯޓު ދެއްވި ގޮތުގެ ތަފްސީލު ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޝަނުގެ ރައީސް އާދަމު މުހައްމަދު އަބުދުﷲ ވިދާޅުވީ އެމައުލޫމާތު ހާމަ ކުރުމަށް ހަމަޖެހިފައި ނުވާ ކަމަށާއި ރައްޔިތުންނާއި ނޫސްވެރިންނަށް ވެސް މުހިއްމުވާނީ ވޯޓުލީ ކޮންކޮން މެމްބަރުންނެއްތޯ ބެލުމުގެ ބަދަލުގައި ގާނޫނީ ގޮތުން އެވޯޓު ސައްހަތޯ ބެލުން ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އާދަމު ވިދާޅުވިއެވެ. އާދަމު މުހައްމަދުގެ އިތުރުން ރައީސްގެ ފަރާތްޕުޅުން ކޮމިޝަނުގައި އިންނަވާ މެމްބަރު އަހުމަދު ސަލީމު ވިދާޅުވީ ކޮމިޝަނުގެ މެމްބަރުން ވޯޓުލާ ގޮތާއި ބެހޭ ގޮތުން އެމެމްބަރުންނާއި ސުވާލު ނުކުރެވޭނެ ކަމަށާއި މެމްބަރުންގެ ނަން ހާމަ ނުކުރުމުގެ ރައްކާތެރިކަން ގާނޫނުން ލިބިދޭ ކަމަށެވެ. ނަމަވެސް ސަލީމުވަނީ އެ ރައްކާތެރިކަން ލިބެނީ ކޮން މާއްދާއަކުންކަން ވިދާޅުވެ ދެއްވުމަށް ނުކުޅެދިފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އާދަމު މުހައްމަދު ވިދާޅުވީ ޝަރީފު ސަސްޕެންޑު ކުރި ނަމަވެސް ކޯޓުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި ކޯޓު ހިނގުމަށް އިސް ފަނޑިޔާރަކު ޝަރީފުގެ ބަދަލުގައި ހަމަޖައްސަވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްކަން ހާމައެއް ނުކުރައްވައެވެ. އާދަމު މުހައްމަދު ވިދާޅުވީ އިސްފަނޑިޔާރު ކަމަށް އަލަށް ހަމަޖެއްސެވި ބޭފުޅަ އެމަގާމަށް ހަމަޖެއްސުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އަހުމަދު ޝަރީފު ސަސްޕެންޑު ކުރި އިރު އޭނާއަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފީ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ފަނޑިޔާރެކެވެ. ޝަރީފަށް ރައީސް ނަޝީދު އުފައްދަވަން އުޅުއްވި ޖުޑިޝަލް ރިފޯމު ކޮމިޝަނުގެ މެމްބަރު ކަން ވެސް ހުށަހަޅުއްވާފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް