ފަހުގެ ޚަބަރު


އިތުރަށް...

މައުމޫނުގެ ފޮޓޯފުޅަކަށް 'ގޯނާ' ކުރި މީހުންނަށް ލިބުނު އަދަބުގެ ވާހަކަ - ރާއްޖެ ޓީވީ

ލިޔުނީ: Unknown - Friday, July 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 މިއުވާން މުހައްމަދު 


ލ އިސްދޫ މީހަކު ފެނުމުން ހަރުކުލައިގެ ވަރަށް ގިނަ މީހުން ބުނާ ވާހަކައެއް އޮވެއެވެ. އެއީ އިސްދޫ ބަޔަކު ރައީސް މައުމޫނުގެ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތައިގެން އަދަބު ލިބުނު ވާހަކައެވެ. ރައީސް މައުމޫނުގެ ފޮޓޯފުޅަކަށް އެމީހުން އިހާނެތިކޮށް ހިތީ ކީއްވެގެންތޯ މިހާ ހިސާބުން ސުވާލު އުފެދެއެވެ. އަދި އެމީހުންނަށް އެކަމުގެ ސަބަބުން ލިބުނު ލާއިންސާނީ އަނިޔާތަކުގެ ވާހަކަ އެނގެން ބޭނުންވާ މީހުން ގިނައެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން އިސްދޫ މީހުންނާ ސުވާލު ކުރުމުން މިކަމުގެ ހަޤީޤަތް ދަންނަ މީހުން މަދުކަން ފާހަގަކޮށްލެވުނެވެ. އެކަން ކުރީ ކޮން ބައެއް ކަން އެނގުނުނަމަވެސް، އެކަން ހިނގީ ސީދާ ކިހިނެއްކަމެއް އެމީހުންނަކަށް ނޭނގެއެވެ. ކޮންމެއަކަސް ތާރީޚުގައި ހިނގާފައިވާ ކަމެއްކަމަށްވުމާއި އެކު، އަދި މިކަމާއި މެދު މައުލޫމާތު ލިބިފައިވާ މީހުންގެ އަދަދު މަދު ކަމާއި އެކު، މިކަން ހިނގި ގޮތް ރާއްޖެ ޓީވީގެ ބެލުންތެރިންނަށް ގެނެސްދިނުމުގެ ޝައުޤުވެރިކަން އުފެދިއްޖެއެވެ. މިކަމާއި ބެހޭ ގޮތުން އެންމެ ރަނގަޅު އެންމެ ސައްހަ މައުލޫމާތު އެނގޭނެ ގޮތަކީ އިސްދޫއަށް ގޮސް، އެމީހުންނާއި ބައްދަލުކޮށްގެންކަމަށްވާތީ، އެކަމުގެ ޝައުޤުވެރިކަމުގައި އަޅުގަނޑު އިސްދޫއަށް ދިޔައީމެވެ.

ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އިސްދޫގެ ރައްޔިތުންނަކީ މަސައްކަތްތެރި ބައެކެވެ. ރައީސް މައުމޫންގެ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތައިގެން އަދަބު ލިބުނު ގިނަ މީހުންނަކީ މަސްވެރިކަން ކުރާ ބަޔަކަށްވުމުން އެމީހުންނާއި ބައްދަލުކުރެވެން އޮތީ ހަމައެކަނި ހުކުރު ދުވަހެވެ. ހުކުރު ދުވަހު އިސްދޫއަށް ގޮސް އެރަށު އެކި މީހުން ކައިރިން އަހައިގެންނާއި އަދި އެކަމުގައި އަދަބު ލިބުނު މީހުން ކައިރިން އެހާދިސާ ހިނގި ގޮތް އޮޅުން ފިލުވީމެވެ.

މިގޮތުން ފުރަތަމަ އަޅުގަނޑު ބައްދަލުކުރީ އިސްދޫ ހަސަން މުހައްމަދާއެވެ. ހަސަން މުހައްމަދު އަޅުގަނޑަށް ކިޔައިދިން ގޮތުގައި މިކަމެއް ހިނގީ 1987 ވަނަ އަހަރުގެ ތެރޭގައެވެ. ދުވަސްވަރަކީ ހަސަން މުހައްމަދުގެ އެންމެ ޒުވާން ދުވަސްވަރެވެ. އެފުރައިގެ އެހެން ޒުވާނުންނެކޭ އެއް ގޮތަށް ލާނެތް ކަންތައްތައް ހަސަން މުހައްމަދަށްވެސް ހުރީ ކުރެވިފައެވެ. ނަމަވެސް، މައުމޫންގެ ފޮޓޯފުޅަކަށް ގޯނާ ކުރީ ފަހުން ވާނެ ގޮތެއް ވިސްނައިގެނެއް ނޫނެވެ. އަދި ރައީސް މައުމޫންގެ އަނިޔާވެރިކަން އެހާ މިންވަރަށް ހުންނާނެކަން އެނގިގެނެއްވެސް ނޫނެވެ. ހަސަން މުހައްމަދު ބުނި ގޮތުގައި މިކަމެއް އެންމެ ފުރަތަމަ ހިނގީ ރަށު އޮފީހުން އެދުވަސްވަރު ބަލަމުން ދިޔަ އޭނަގެ ރަހުމަތްތެރިއެއްގެ މައްސަލަޔަކާއި ގުޅިގެން ހިތްހަމަނުޖެހިގެން އެމައްސަލައާއި ގުޅޭ ބައެއް ލިޔެ ކިޔުންތައް ރަށު އޮފީހުން ނަގައިދިނުމަށް ހަސަން މުހައްމަދުގެ އެހީއަކަށް ތަކުރާރުކޮށް ރަހުމަތްތެރިޔާ އެދުމުން އެކަން ކޮށްދިނުމަށް އެއްބަސްވެ، އެލިޔުންތައް ނެގުމަށް ރަށު އޮފީހަށް ދިޔަ ހިސާބުންނެވެ. ހަސަން މުހައްމަދު ރަށު އޮފީހަށް ދިޔައީ އެރޭ ދަންވަރު އޭނަގެ އެހެން ގާތް މީހަކާއި އެކުގައެވެ. އެހެން ނަމަވެސް ނަސީބު ދެރަކަމުން ރަށު އޮފީސް ތަޅުލާފައި ހުރުމުގެ ސަބަބުން ލިޔުންތައް ނަގަން ވަދެވޭ ގޮތެއް ނުވިއެވެ. އެކަމާއި ހިތްހަމަނުޖެހިގެން ހުރެ އެއްލި ކަޅިއަކުން ހަސަން މުހައްމަދުގެ ލޮލުގައި އަޅައިގަތީ ރަށު އޮފީހުގެ ފެންޑާގައި ވަރަށް ރީތިކޮށް، ފްރޭމްކޮށް ބަހައްޓާފައި ހުރި ރައީސް މައުމޫންގެ ޒުވާން ފޮޓޯ ފުޅެކެވެ. މާބޮޑު ވިސްނުމެއް ޚިޔާލެއް ފިކުރެއް ނެތި ރަހުމަތްތެރިޔާއާއި ދެމީހުން ނިންމީ އެފޮޓޯފުޅު ނަގައިގެން ދިޔުމަށެވެ. ފޮޓޯފުޅު ނަގައިގެން އެދެމީހުން ދިޔައީ ރަށުގެ ބޮޑު މަގުން އަތިރިމައްޗާއި ދިމާލަށެވެ. އަތިރިމައްޗަށް ފޭބުމާއި އެކު ދެން ޚިޔާލަށް އައީ އެމީހުން ނަގައިގެން އައި ފޮޓޯފުޅު އަތިރިމައްޗަށް އެއްލާލުމަށްފަހު އޭގެ ބޭނުން ދެން އިތުރަށް ނުކުރެވޭ ވަރު ކުރުމަށެވެ. ކޮންމެއަކަސް އެރޭ މިކަމެއް ކުރުމަށްފަހު ދެރަހުމަތްތެރިން ގެއަށް ނިދަން ދިޔައީ މާބޮޑު ޚިޔާލެއް ނެތި ކުރިއަށް އޮތް ދުވަހު ކުރިމަތިވެދާނެ ބިރުވެރިކަމަކަށް ވިސްނައިގެނެއް ނޫންނެވެ.

ޖެހިގެން އައި ދުވަހު އިރު އެރި އިރު ކަމަކުދާކަށް ނެތެވެ. މުޅި ރަށުތެރޭގައި އޮތީ ރައީސް މައުމޫންގެ މާތްވެގެންވާ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތާ، އެފޮޓޯފުޅު ތަޅާލި ވާހަކައެވެ. މިފަދަ ބޮޑު ޖަރީމާއެއް ހިންގި ބަޔަކު ހިފާ ހައްޔަރުކޮށް އަދަބު ދިނުމުގެ އަމުރު އައީ ލަސްތަކެއް ނުވެއެވެ. މިކަން ހިނގީ ކިހިނެއްކަން ރަށު މީހުންނަށް ފަޅާއެރީ މިކަމުގައި ހިމެނުނު އެކަކު އެވާހަކަ ދެއްކުމުންކަމަށް ބުނެވެއެވެ. ފޮޓޯއަށް އިހާނެތިކޮށް ހިތި މައްސަލައިގައި ބައިވެރިވެސް ނުވާ މީހުންނާއި ބައިވެރިވި މީހުންނާއި އެއްކޮށް ހައްޔަރުކޮށް، ބޮޑެތި އަދަބުތައް އެމީހުންނަށް ދިނެވެ.

މައްސަލައިގައި އަދަބު ލިބުނު މީހުންގެ ތެރޭގައި ކަމާއިނުވެސް ބެހޭ މީހުންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ ހަސަން މުހައްމަދުގެ ބޭބެ، އަބްދުލްހަމީދުއެވެ. ރަށު އޮފީހަށް ވަންނަން ހަސަން މުހައްމަދާއި އޭނަގެ އެކުވެރިޔާ މަސައްކަތްކުރި އިރު ކަންދިމާވި ގޮތުން އަބްދުލްހަމީދު ހުރީ އަންހެން ކުއްޖަކާއި އެކު ގެއެއްގެ މަގުފާރު ކައިރީގައި ވާހަކަ ދައްކާށެވެ. މައްސަލައިގައި އަބްދުލްހަމީދުގެ ކުށަކީ އެރޭ ހޭލާ އެތަނުގައި އަންހެން ކުއްޖަކާއި ވާހަކަ ދައްކަން ހުރެވުނުކަމެވެ. އަބްދުލްހަމީދު އެކުއްޖާއާއި ވާހަކަ ދައްކަން ފާރުކައިރީގައި ހުއްޓާ 2 ފިރިހެނަކު މަގުގެ އަނެއް ފަރާތުން ދިޔަތަން އޭނައަށްވެސް ފެނުނެވެ. އެއީ ކޮންބައެއްކަން ނުވަތަ ކީއްކުރާ ބައެއްކަން އަބްދުލްހަމީދަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ޖެހިގެން އައި ދުވަހު އަބްދުލްހަމީދު ކުށްވެރިވީ ރަށުތެރޭގައި ބޮޑު ނުބައިކަމެއް ހިނގައިގެން އުޅޭ އިރު، އެކަމުގެ މައުލޫމާތު ލިބި، އެކަން ސިއްރުކޮށްގެން ހުރީތީވެއެވެ. އަބްދުލްހަމީދަށްވެސް މިމައްސަލައިގައި ޖަލުގައި އަދަބު ލިބި އަރުވާލާފައިވެއެވެ.

ކޮންމެއަކަސް، މިކަމެއް ހިނގިރޭގެ ފަހު ދުވަހު ފޮޓޯ ނެގި ހަސަން މުހައްމަދާއި، އަބްދުއްރަހީމާއި، ލިޔުންތައް ނަގައިދޭން ހަސަން މުހައްމަދުގެ އެހީއަށް އެދުނު ރަހުމަތްތެރިޔާއާއި ކަމާއި ނުވެސް ބެހޭ އަބްދުލްހަމީދާއި މުހައްމަދު ކިޔާ ޒުވާނަކު އަނިޔާވެރިކޮށް ހައްޔަރުކޮށްގެން މާލެ ގެނެވުނެވެ. އަދި ޖަލުގައި އެމީހުންނަށް ކުރި އަނިޔާތަކީ އެމީހުންގެ ހިތުން ފިލާނެ އަނިޔާ ތަކެއް ނޫނެވެ. އެމީހުންގެ އަތުގައި ފުރަގަހަށް ވާގޮތަށް ބިޑިއަޅުވާ، ގައިގައި ހަކުރު ފަނި އުނގުޅާ، ގަޔަށް ހިނި އަރުވާ، އެތައް އަނިޔާއެއް ކުރިއެވެ. އެދުވަހު ހައްޔަރުކުރެވުނު ބައެއް މީހުންނަށް އިސްދޫގައި އަތޮޅުވެރިޔާގެ އަމުރަށް ދެވުނު އަދަބުތައް ލޮލުން ފެނުނު މީހުން އަދިވެސް އަސާރާއިއެކު، އެވާހަކަ ދައްކައެވެ. އެދުވަހު ހައްޔަރުކުރެވުނު މީހުންގެ ތެރެއިން މުހައްމަދު ކިޔާ ޒުވާނަކީ މިމައްސަލައިގައި ނުވެސް ހިމެނޭ ޒުވާނެކެވެ. އެހެން ނަމަވެސް އެކަން ހިނގި ގޮތް އެނގޭނެކަމަށް ބުނެ މުހައްމަދަށް ރަށުގައިވެސް އަދި ޖަލުގައިވެސް ބޮޑެތި އަނިޔާދިނެވެ. އޭނާ ރަށުން ބާލައިގެން ޖަލައް ގެނައީ ވާޖަހާފައެވެ.

ކޮންމެއަކަސް ރަށު އޮފީހުގެ އިސްދޫ ސެކްޝަންގައި ބަހައްޓާފައި ހުރި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތުން ވެގެންދިޔައީ ބަޔަކު ކުރިން ހީވެސްކޮށްފާ ނެތް ވޭނާއި އަޒާބު ލިބިގެންދިޔަ، ބޮޑު ކުށަކަށެވެ. އެތައް ބަޔަކަށް ޖަލުގެ އަނިޔާއާއި ބޮޑެތި ހުކުމްތައް އައިކަމަކަށެވެ. އެންމެ ފަހުން އެވާހަކަތައް އޭރުގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުންވެސް ޖާގަ ހޯދިއެވެ. އެހެން ނަމަވެސް ފާހަގަކޮށްލެވުނު ކަމަކީ މީހުންނަށް ނުހައްޤުން ލިބުނު އަދަބުތަކުގެ ވާހަކަޔަށްވުރެ ބޮޑަށް ފަލަސުރުޚީތަކުގައިވެސް ފާހަގަކޮށްފައިހުރީ، ރައީސް މައުމޫންގެ ފޮޓޯފުޅަކަށް ގޯނާކުރި ވާހަކަޔާއި، ހަލާކުވި ފޮޓޯފުޅުގެ ބަދަލުގައި އިސްދޫއަށް މައުމޫންގެ އައު ފޮޓޯފުޅެއް ނުލިބިގެން އުޅޭ ވާހަކަތަކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް