ފަހުގެ ޚަބަރު


އިތުރަށް...

ޢަދާލަތު ޕާޓީން ފުޅާ ކޯލިޝަނުން ވަކިވުމަށްފަހު ކޮށްފައިވާ ދޮގުވެރި ފުޅާ ސާރވޭގެ ޙަޤީޤަތް - ސައިޚް ހުސައިން ރަޝީދުގެ ޤަލަމުން

ލިޔުނީ: Unknown - Friday, July 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޢަދާލަތު ޕާޓީން ރާއްޖޭގައި ބަޣާވަތްކުރުމަށްފަހު އުފެއްދި އެންމެ ފުޅާ ކޯލަޝަނުން ވަކިވުމަށްފަހު، އެޕާޓީން ދެން ގުޅޭނީ ކޮން ޕާޓީއަކާތޯ ބެލުމަށްޓަކާ، ޢަދާލަތުގެ މެންބަރުންގެ ފަރާތުން ފުޅާ ސާރވޭ އެއް ނެގިވާހަކައާއި އެސާރވޭއިން ޖުމްހޫރީ ޕާޓީއާ ގުޅުމަށް 83% ތާއީދު ލިބުނުކަމަށް، އެޕާޓީގެ ނޫން ބަޔާނުގައި ލިޔެފައިއޮތް އޮތުމަކީ ކަނޑައެޅިގެން ހަދާފައިވާ ދޮގެކެވެ. އަދި އެއީ ރައްޔިތުން އޮޅުވާލުމުގެ ގޮތުން ހަދާފައި އޮތް، އިޔަހޫދި ޙީލަތަކެވެ. އޭގައި ކިތަންމެ ހެއްކެއް އެބަހުއްޓެވެ.

1- ފުރަތަމަ ހެއްކަކީ ޢާދާލަތުގައި މިހާރު އެންމެ އިސްކޮށް އުޅޭ ޝައިޚު ޢިމްރާނާއި ޝައިޚު ޝަހީމާއި ޑރ. މައުރޫފަކީ މިފަދަ މަކަރާއި ޙީލަތް ހެދުމުގައި، އަދި މިފަދަ އޮޅުވާލުމުގެ ތެރެއިން ޢަދާލަތުގެ މެންބަރުންގެ ލޮލުގައި މަކަރުވެރި، ދޮގުވެރި އަނގުދުން ކިތަންމެ ފަހަރެއްގެ މަތިން އަޅުވާފައިވާ ބައެއް ކަމުގައި ވާތީއެވެ. 2008 ވަނަ އަހަރު ޢަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން، ޢަދާލަތު ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލާނެ ކަމަށާއި، އަދި ކުރީގެ ރައީސް މައުމޫނަށް ތާއީދުވެސް ނުކުރާނެ ކަމަށް ނިންމި ނިންމުމާ ގުޅިގެން، މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ ޢަދާލަތު ޕާޓީން ބައިވެރިވާނެ ޕާޓީއެއް ނުވަތަ ފަރާތެއް ކަނޑައެޅުމަށްޓަކައި ދިރާސާކުރާނެ 5 މެންބަރުންގެ ކޮމެޓީއެއް ހޮވުމަށާއި ޢަދާލަތު މެންބަރުންގެ ޚިޔާލެއްވެސް ހޯދުމަށެވެ. އަދި އެކޮމެޓީގައި އިސްކޮށްތިބެ މެންބަރުންގެ ތެރޭގައި މިދެންނެވި މަޢުރޫފާއި ޢިމްރާނާއި ޝަހީމު ހިމެނުނެވެ. މިގޮތުން އެފަހަރު އެބުނާ ޚިޔާލު ފާޅުކުރުމުގެ ފޯމެއް ފުރައިގެން މެންބަރުންގެ ފަރާތުން އެމީހުންގެ ޚިޔަލު ހޯދުނެވެ. އަދި ޚިޔާލު ފޯމުތަކުން އެންމެ ގިނަ މީހުންގެ ތާއީދު ލިބިފައިއޮތީ އެމްޑީޕީއަށެވެ. އޭގެފަހުން ޙަސަން ސަޢީދަށެވެ. އެންމެފަހުން ކަންވެގެން ދިޔައީ މެންބަރުންގެ ޚިޔާލާ އެއްގޮތަށްތޯއެވެ؟ މިފޯމުތަކުގެ ވާހަކަ ދެކެވިގެން ދިޔަ ވަގުތެއްގައި ޢިމްރާނު ވިދާޅުވެފައިވަނީ އެއީ ތިމަންނާމެން މެންބަރުން ރުއްސުވުމަށް ފުރުވާ ފޯމުތަކެއްކަމަށާއި އެއީއަކީ އެއަށް ޢަމަލުކުރަން ފުރުވާ ފޯމުތަކެއް ނޫން ކަމަށެވެ. ކަންކުރީވެސް އެހެންނެވެ. އޭގެ ގިނަ ފޯމުތައް ލަމުންދިޔައީ ވަށަގަނޑަށެވެ. އެއިން ފޯމެއް އެމީހުން ނުވެސް ބަލައެވެ. މިހިރީ މިމީހުންގެ ތެދުވެރިކަމާއި އިންޞާފެވެ. ޢަދާލަތުގެ ޢަދުލުވެރިކަމެވެ. އީމާންތެރިކަމުގެ ފުރިހަމަކަމެވެ. މިހާރުވެސް އެމީހުން ޕާޓީގެ މެންބަރުންނަށް ދިނީ ހަމަ މިލަނޑެވެ.

2- ޢަދާލަތުން ރައްޔިތުންގެ ފަރާތުން އެބުނާ ސާރވޭއެއް ނުކުރާ ކަމުގެ ދެވަނަ ހެއްކަކީ އެމީހުން ފުޅާ ކޯލިޝަނުން ވަކިވިކަން އިޢުލާންކުރިތާ ދެވަނައަށްވީ ދުވަހު ޖުމްހޫރީ ޕާޓީއާ ގުޅިއްޖެކަމުގެ އިޢުލާން ކުރިކަމެވެ. އެހެން ކަމަށްވާނަ "ފުޅާ ސާރވޭ" އެއް ކޮށްގެން އޭގެ 83% ހޯދީ ކޮން ބައެއްގެ މެދުގައި ބޭއްވި ސާރވޭ އަކުންބާއެވެ. ރާއްޖެތެރެއަށް ފޮނުވީ އެއިން ކިތައް ފޯމުބާއެވެ! އަނެއްކާވެސް މިއީ ކުރީގައި ހެދިގޮތަށް، ޢިމްރާނާއި ޝަހީމާއި  މަޢުރޫފާއި މުޢިއްޒާއި އިލްޔާސާއި މިފަސް މީހުންގެ މެދުގައި ބޭއްވުނު ސާރވޭއަކުން ލިބުނު 83% ތޯއެވެ؟ ނުވަތަ "ކުން" ގެ ކާފާއި ނޫނާއި ދެމެދުހައި ހަލުއިކޮށް، މިފަދަކަންކަން ކުރުމުގެ ކުޅަދާނަ ކަން މާތް ﷲގެ ޙަޟުރަތުން މިމީހުންނަށް ލިބުނީ ބާއެވެ!

3- ތިންވަނަ ހެއްކަކީ، މިމީހުން ފުޅާ ކޯލިޝަންގައި ބައިވެރިވި އިރު، މެންބަރުންގެ ޚިޔާލު ހޯދުމެއްނެތި، އެފުޅާ ކޯލިޝަން މާފުޅާވެގެން އެކޯލިޝަނުން ވަކިވިއިރުވެސް މެންބަރުންގެ ޚިޔާލު ހޯދުމެއްނެތި، އަލުން ޖުމްހޫރީއާ ގުޅެންވުމުން، ނުވަތަ އެހެން ބަހުރުވައަކުން ދަންނަވާނަމަ ޤާސިމުގެ ތައްޕާހުން ތެމިގެން ތިބި ބަޔަކު، އޭނާއާ ގުޅެން މަޖްބޫރުވުމުން ދެން މެންބަރުންގެ ޚިޔާލުހޯދަންޖެހޭ ސަބަބަކީ ކޮބައިބާއެވެ؟

4- ހަތަރުވަނަ ހެއްކަކީ، ޑރ. ޙަސަންގެ ލާދީނީ މައްސަލައެެވެ. 2008 ގައި އެބުނާ ޚިޔާލު ހޯދި ސާރވޭގައި ޑރ. ޙަސަން ސަޢީދަކީ ދީނާ ޚިލާފު ކަންތައްތައް ކޮށްފައިވާ މީހެއް ކަމަށާއި، އޭނާ ލިޔެފައިވާ ފޮތުގައި އުއްމަތުގެ އިޖްމާޢާ (އެމީހުން ބުނާގޮތުން) ޚިލާފަށް މުރުތައްދުވާ މީހުން މަރަން ނުޖެހޭނެކަމަށް ލިޔެފައިވާ ކަމަށާއި، މިކަމާމެދު ޢަދާލަތުގެ މިބުނެވުނު މީހުން އަޑީގައި ތިބެގެން ސަލުފު ޖަމުޢިއްޔާގެ މީހުން ލައްވައި، ޙަސަނާ އިދިކޮޅަށް ފޮތެއް ލިއުއްވައި، ފޮތް ބަހާފައިއޮވެ، މިހާރު ޑރ. ޙަސަން މާމޮޅު އިސްލާންކަން ގަދަ ރަނިންމޭޓަކަށް ވާއިރު، މިއީ ހަމަ ސީދާ ރައްޔިތުން އޮޅުވާލުމަށް މަޢުރޫފުމެން ހިންގަމުންދާ ޔަހޫދީ ޖަރީމާއެއް ކަމާމެދު އަޅުގަނޑު ކުޑަވެސް ޝައްކެއް ނުކުރަމެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ދީނޭ ކިޔައިގެން ދިވެހި ލޮބުވެތި ރައްޔިތުން އޮޅުވާލަން މިމީހުން ރާވަމުންދާ މަޅިތަކުގައި ރައްޔިތުން ނުޖެހުމަށެވެ. އަޅުގަނޑު މިދަނޑިވަޅުގައި މަތީގައި ބަޔާންވެދިޔަ ޢަދާލަތުގެ މީހުންނަށް އިލްތިމާސް ކުރަނީ ﷲ އަށް ބިރުވެތި ވުމަށެވެ. ދީނަށާއި ޤައުމަށް ތެދުވެރިވުމަށެވެ. ތިމާމެންނަކީ މިދުނިޔެ ދޫކޮށް ދާންޖެހޭނެ ބައެއްކަން ދަނެ، އާޚިރަތާމެދު ތިމާމެންގެ އީމާންކަން ވަރުގަދަ ކުރުމަށެވެ. މާތް ﷲ އަހަރެމެން އެންމެންނަށް ހިދާޔަތާއި ތައުފީޤު ދެއްވާށިއެވެ. އާމީން! وَمَا عَلَيْنَا إِلاَّ البَلاَغُ

19 ޖުލައި 2013

ޙުސައިން ރަޝީދު އަޙްމަދު
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް