ފަހުގެ ޚަބަރު


އިތުރަށް...

ބޭރު މީހުން ހައްދުންމަތީ މާވަށުގައި - ނަސީމާ މުހައްމަދު ގެ ޤަލަމުން

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

މި ލިޔުމުގައި މި ދަންނަވާލަނީ، ހައްދުންމަތީ މާވަށާ ބެހޭ ދެ ވާހަކައެކެވެ. ރާއްޖެ އަށް ޒިޔާރަތްކުރި ބޭރު މީހުން ދިވެހިރާއްޖޭގެ ރަށްރަށާ ބެހޭ ގޮތުން ލިޔެފައިވާ ވާހަކަތަކަކީ މަދު އެއްޗެކެވެ. މާލެއާ ބެހޭ ގޮތުން، ބޭރު މީހުން ލިޔެފައިވާ ވާހަކަތައް ކޮންމެވެސް ވަރަކަ ފެނެ އެވެ. ނަމަވެސް އެހެން ރަށްރަށުގެ މަޢުލޫމާތާއި، އެއިރު އެ ރަށްރަށުގައި ދިރިއުޅުނު މީހުންގެ ޙާލަތާ ބެހޭ މަޢުލޫމާތު ވެރަށް މަދެވެ. މިލިޔުމުގައި ހިމަނާލައިފައި މިވާ ދެ ވާހަކައިން ވެސް އެ ޒަމާނުގެ މާވަށުގެ ދޫވެހީންގެ ދިރިއުޅުމުގެ މައްޗަށް އަލިއަޅުވާލެވެ އެވެ. ދެ ވާހަކަ ލިޔުއްވާފައިވަނީ ވެސް އެ ޙާދިސާގެ މަޢުލޫމަތު ވަރަށް ގާތުން ލިބިވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

މެއި ،22 1836 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޗާޓު ކުރެހުމަށް ކެޕްޓަން މޯސްބީ (ދިވެހީން ކިޔައި އުޅުނު ގޮތުގައި މޮރެސްބީ) ގެ ޓީމު މި ރާއްޖޭގެ ރަށްރަށަށް ކުރި ދަތުރުގައި، ހައްދުންމަތީ މާވަށާ ބެހޭ ގޮތުން ލިޔެފައިވާ މަޢުލޫމާތުކޮޅެކެވެ. މި ވާހަކަތައް ލިޔުއްވާފައި ވަނީ، އެ ޓީމު ދަތުރުކުރި "ބެނާރެސް" ކިޔުނު ބޯޓުގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ވަޒީފާގައި ހުރި ބޮއިސް ކިޔުނު މީހެކެވެ. ދިވެހިރާއްޖޭގެ ރަށްތަކާއި، ގިރިތަކާއި، ފަރުތަކާއި ކަނޑުތަކުގެ މަޢުލޫމާތު އެއްކޮށް، ޗާޓު ކުރެހުމުގެ މަސައްކަތް ކުރުމަށް މި ޓީމު ފޮނުވީ، އިންޑިޔާ ސަރަޙައްދުގެ ހުރިހައި ކަމެއް ބެލެހެއްޓުން ޙަވާލުވެފައި އެއިރު ބުމްބާގައި ޤާއިމްވެފައި ހުރި އިނގިރޭސީންގެ އީސްޓް އިންޑިޔާ ކުންފުނީގެ ފަރާތުންނެވެ.

މި މީހުން "ބެނާރެސް" ގައި ގޮސް ކޮޅުމަޑުލުގައި މަސައްކަތް ކުރުމަށް ފަހުގައި، ހަމަ އެދުވަހު ފުރައިގެން މެންދުރު ފަހުގެ ވަގުތެއްގައި ހައްދުންމައްޗަށް ދިޔަ އެވެ. އެންމެ ފުރަތަމަ ދިޔައީ މާވަށަށެވެ. މި ރަށަށް ދިޔަތަނާ، ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރީންގެ ތެރެއިން ދެ މީހަކު، ވިހަ ޒާތެއްގެ މަހެއް ކައިގެން ބަލިވެގެން، އޭގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ. އެ މަސް އޭނާ ކެއީ އެ ދުވަހު ހަވީރު ހަތަރެއް ޖެހިއިރު އެވެ. އެ ރޭ ހަތެއް ޖެހިއިރު އޭނާ ވަނީ ފުރާނަ ނެތް މަސްގަނޑަކަށް ވެފަ އެވެ. އަނެއް މީހާގެ ނަސީބު ރަނގަޅުކަމުން ފަސޭހަވި އެވެ.

މާވަށަށް ފޭބުމާ އެކު، ބޮއިސްމެންނަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ، އެރަށުގެ މީހުންގެ މޫނުމަތީގައި، އެހެން ރަށްރަށުން ދިމާވެފައިވާ މީހުންނާ ހުރި ތަފާތުތަކެވެ. އެހާތަނަށް ދިވެހިރާއްޖެ އިން ފެނިފައިވާ އެންމެ ވިސްނުން ރަނގަޅު އަދި ތަޖުރިބާގެ ގޮތުން އެންމެ ކުރިއަރާފައި ތިބި މީހުންނަކީ، މި ރަށު މީހުން ކަމަށް ބޮއިސް ލިޔެފައިވެ އެވެ. ކޮންމެ އަހަރަކު ކަލްކަތާއަށާއި ސެޓިގަމަ (ޗިޓަގޮންގް) އަށް ވިޔަފާރި ދަތުރުކުރާ ބޮޑެތި ހަތަރު އޮޑި އެއިރު މި ރަށުގައި ހުއްޓެވެ. މި އުޅަނދުފަހަރަށް ކުޅަދާނަ ނިޔަމިން ބޭނުންވެ އެވެ. ބޭރުން އައި މީހުންނަށް ފާހަގަކުރެވުނު ގޮތުގައި، މާވަށުގެ މީހުންގެ ތެރެއިން އެންމެ ވިސްނުން ތޫނު، ކުޅަދާނަ މީހުންނަކީ މި ދެންނެވި ނިޔަމިންނެވެ.

މީގެ ތެރެއިން އެކެއް ކަމަށްވާ، ޢުމުރުން ދުވަސްވީ ނަޚުދާއެއް، އޭނާގެ މަޖާ ވާހަކަތަކުން އެޓީމުގެ މީހުން ފޫހިފިލުވައިދީ ހެދިކަމަށް ވެއެވެ. ކަލްކަތާ އަށް ދަތުރުކުރާ ވަރަށް ބޮޑު އޮޑިއެއް މީނާ ގެންގުޅުނެވެ. މި ނަޚުދާ އަކީ އެ ރަށުގައި ވަރަށް ނުފޫޒު ގަދަ މީހެއް ކަމަށް ވެސް ބޮއިސް ލިޔެފައިވެ އެވެ. މީނާގެ ޢާއިލާގައި ޒުވާން އުންމީދީ ކުދިންތަކެއް ތިއްބެވެ. އެތައް ފަހަރެއްގެ މަތިން، "ގަނޑުވަރުތަކުގެ ނަގަރު" ކަމުގައި ބުނާ ކަލްކަތާ އަށް މީނާ ދަތުރުކޮށްފައިވެ އެވެ. އަދި މި ދަތުރުތަކުގައި ދިމާވެފައިވާ ބައެއް މަޖާ ކަންތައްތަކުގެ ވާހަކަތައް އިނގިރޭސީންނަށް ކިޔައިދިނެވެ. މީނާ އިނގިރޭސީންނަށް ވަރަށް މަތިވެރި ދަރަޖައަކަށް އިޙްތިރާމުކުރި އެވެ. އަދި، އެމީހުން ގާތުގައި އިނގިރޭސީންނަށް ތަޢުރީފުކޮށް ވަރަށް ގިނަ ވާހަކަތައް ދެއްކި އެވެ. ބޮއިސް އާއި އޭނާގެ ޓީމު މާވަށަށް ދިޔައިރު، މި ނަޚުދާ މަޝްޣޫލު ވެގެން އުޅެނީ ކަލްކަތާ އަށް ދަތުރުކުރާ މޫސުން އައުމުގެ ކުރިން އޮޑިއެއް ބަނދެ ނިންމާލުމުގަ އެވެ. މީނާއާ ވާދަކުރާ އޮޑިވެރިއަކު އެ ރަށުގައި ހުއްޓެވެ. އެ މީހަކީ އުޅަނދުފަހަރު ބަނުމުގައި ވަރަށް ކުޅަދާނަ މީހެކެވެ. އޭނާވެސް އެއިރު މަސައްކަތްކުރަނީ ކަލްކަތާ ދަތުރުތައް ފެށުމުގެ ކުރިން، މުޅިން އައު އޮޑިއެއް ބަނދެ ނިންމާލުމަށެވެ. އޭނާ އާއި ނަޚުދާގެ ވާދަވެރިކަން އެއިރު އޮތީ ވަރަށް ބޮޑުވެފަ އެވެ.

މި ދެ މީހުންގެ މެދުގައި ވާދަވެރިކަން ވަރަށް މައްޗަށް ގޮސްފައި ވަނިކޮށް، ކެޕްޓަން މޯސްބީ އަށް އާރުކާޓީއެއް ބޭނުންވެގެން އެވާހަކަ އެރަށު މީހުން ގާތުގައި ބުނެފި އެވެ. "ބެނާރެސް" ގައި މަސައްކަތްކުރުމަކީ އެ ރަށުގެ މީހުން ޝައުޤުވެރިވާ ކަމެއް ނޫނެވެ. އެހެންކަމާ އެކު، އާރުކާޓީއެއް ހޯދުން ދަތިވެއްޖެ އެވެ. މިކަން މޯސްބީ ނަޚުދާ އަށް އެންގުމާ އެކު، އެއްކަލަ ނަޚުދާ އޭނާއާ ވާދަކުރާ ވަޑިއަށް ކެއްސެއް ދީގެން އޭނާގެ މަސައްކަތް ލަސްކުރުވާނެ ގޮތެއް ޚިޔާލުކޮށްފި އެވެ. މިގޮތުން ޚިޔާލުކޮށްފައި، މީނާއާ ވާދަވެރި ވަޑިކަލޭގެ އަކީ ވަރަށް މޮޅު އާރުކާޓީއެއް ކަމަށް މޯސްބީ ގާތުގައި ބުނެފި އެވެ. މި ވާހަކަ މޯސްބީ ގާތުގައި ބުނުމާ އެކު، ހަމަ އެ ވަގުތު، އެމީހާ ގެންގޮސް "ބެނާރެސް" އަށް ލައިފި އެވެ. އޭނާ ބަންނަމުން އައި އަމިއްލަ އޮޑީގެ މަސައްކަތް 42 ގަޑިއިރަށް ހުއްޓުނީ އެވެ. ނަޚުދާ ހެދި މަކަރު އިނގިރޭސީންނަށް އެނގުނީ އޭގެ އަނެއް ދުވަހު އެވެ. އަދި އޭނާގެ ވާދަވެރިޔާ އަށް ދިން ކެހި އެމީހުންނަށް ފާޅުވެއްޖެ ކަމަށް އިނގިރޭސީން އޭނާ ގާތުގައި ބުނުމުން، ނަޚުދާ "ޖަހާލީ" ވަރަށް މަޖާ ހިނިގަނޑެކެވެ.

މާވަށުގެ މީހުން އިނގިރޭސީންނާ ވާހަކަދައްކައި އުޅުމުގައި އެއްވެސް ދަތިކަމަކާ ދިމާލެއް ނުވެ އެވެ. ރާއްޖޭގެ ބައެއް އެހެން ރަށްރަށާ ޚިލާފަށް، މާވަށުގެ މީހުންނަކީ ބޭރުގެ މެހެމާނުންނާ ނުރައްޓެހި ބައެއް ނޫނެވެ. އެ މީހުންގެ ގޭގޭގައި އިނގިރޭސީންނާ ވާހަކަދައްކަން ތިބޭއިރު، އެ ގޭގޭގެ އަންހެނުން ވެސް އެތަނަށް އައިސް، އެ ވާހަކަތަކުގައި ވެވުނު ވަރަކުން ބައިވެރިވެ އެވެ. ދަތިކަމަކަށް ވެފައިވަނީ މުޢާމަލާތް ކުރަން އިނގިރޭސީން ބޭނުންކޮށް އުޅުނު ހިންދީ ބަސް އެރަށުގެ އަންހެނުންނަށް ނޭނގުމެވެ. "ބެނާރެސް" އިން އައި އިނގިރޭސީން، އެތަކެއް އަހަރު ވަންދެން އިންޑިޔާގައި އުޅެފައިވާތީ، އެ ބަސް ކޮންމެވެސް ވަރަކަށް އެ މީހުންނަށް ދަސްވެފައިވެ އެވެ. ރަށުގެ ކުޑަކުދިން އިނގިރޭސީން ދެކެ ބިރެއް ނުގަނެ އެވެ. އެމީހުން ގެނެސްފައި ހުރި ކުދިކުދި ހަދިޔާތައް ބޭނުންވެގެން އިނގިރޭސީންގެ ގާތަށް ޖެހިލުމެއް ނެތި އައިސް އުޅެ އެވެ.

އިނގިރޭސީންނާ ވަރަށް ރަޙްމަތްތެރި މާލިމީއެއްގެ މަތިން، ހަނދާންކޮށް އޭނާގެ ވާހަކަތައް ޚާއްޞަކޮށް ލިޔެފައިވެ އެވެ. މި މާލިމީ އަކީ ވަރަށް ވިސްނުން ތޫނު، ކުޅަދާނަ މީހެކެވެ. އޭނާއަކީ ނިޔަމިކަމުގައި ވެސް ވަރަށް މޮޅު މީހެކެވެ. އަދި މިކަމާ ބެހޭ ގޮތުން އިނގިރޭސީންނާ ވަރަށް ގިނައިން ވާހަދައްކާ އުޅުނެވެ. މި ވާހަކަތައް ދެއްކުމުގައި ގިނަ ވަގުތުތަކެއް މި މާލިމީގެ ގޭގައި އޭނާ ހޭދަކުރި ކަމަށް ބޮއިސް ލިޔެފައިވެ އެވެ. މި މާލިމީ އަކީ، ކަލްކަތާ ދަތުރުތައް ވަރަށް ގިނައިން ކޮށްފައިވާ މީހެކެވެ.

މި މާލިމީ ކިޔައިދިން ގޮތުގައި، އޭގެ ތިރީހަކަށް އަހަރު ކުރިން، މާވަށާ 300 މޭލު ހުޅަނގުގައި އޮތް ރަށަކަށް އިނގިރޭސީންގެ ނަވެއް އުރިގެން، އޭގައި ދަތުރުކުރި މީހުން މާވަށަށް އަ އެވެ. މި ވާހަކަ ކިޔައިދިން ނަމަވެސް، މީގައި ތަފްޞީލީ ގޮތުން މާ ބުރަދަން ހުރި ވާހަކަތަކެއް ނެތެވެ. އެހެން ނަމަވެސް، މިއީވެސް ދިރާސާ ކުރެވިދާނެ ވާހަކައެއް ކަމަށް ބޮއިސް ލިޔެފައިވެ އެވެ. މި މާލިމީ ކިޔައިދިން މިސްރާބާއި، އެ ބުނި ދުރުމިނުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއް އޮންނާނެ ކަމަކަށް އިނގިރޭސީން ވެސް ޤަބޫލެއް ނުކުރެ އެވެ.

އެމީހުންގެ ރަޙުމަތްތެރި، ދުވަސްވީ މާލިމީ އަކީ ވަރަށް މޮޅަށް ނިޔަމިކަމާ ބެހޭ އާލާތްތައް ހަދައި އުޅުނު މީހެކެވެ. އަދި ވަރަށް މޮޅަށް ތަކެތި ލިޔެހަދާ ވެސް މީހެކެވެ. އޭނާގެ އަމިއްލަ އަތުން ހަދާފައި ހުރި ސަމުގާ ލާ ވައްތަރުގެ ފޮށިތަކެއް ބޮއިސްމެންނަށް ދެއްކި އެވެ. މި ތަކެތި ހަދާފައި ވަނީ، ބަލައިލުމަށް ވަރަށް މޮޅަށް ބޭރު ތަންތަނުގައި ވެސް ހަދާ ފެންވަރަށެވެ. މިތަނުން އެއް ފޮށި، އޭނާ ބޮއިސް އަށް ހަދިޔާއަކަށް ދިނެވެ. ބޮއިސް އޭނާގެ ގެއަށް ޒިޔާރަތްކުރި ބައެއް ފަހަރު، އޭނާގެ ޢާއިލާ ނޫން އެހެން ބަޔަކު އެގޭގައި ނެތް ވަގުތު ބަލާފައި، އެއިރު ރާއްޖޭގެ ސަރުކާރު ހިންގަވަމުން ގެންދަވާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުކިޔައި ހަދަ އެވެ. ކުރިން ދެންނެވި ނަޚުދާ ވެސް އެއީ، އޭނާގެ ރަޙްމަތްތެރިޔާ ފަދަ މިނިވަން ޚިޔާލުގެ މީހެއް ކަމަށް ބޮއިސް ލިޔެފައިވެ އެވެ. މި ދެ މީހުންނާ އެކުގައި އެއްތަނަކުން އިނގިރޭސީންނާ ބައްދަލުވުމުން، ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން ވަރަށް މަޖާ ވާހަކަތައް ދައްކަ އެވެ.

ރާއްޖޭގެ އެހެނިހެން ރަށްރަށުގެ އަންހެނުންނަށް ވުރެން މާވަށުގެ އަންހެނުން ވަނީ އިޖްތިމާޢީ ގޮތުން ކުރިއަރާފަ އެވެ. ބޮއިސް ބުނެފައިވާ ގޮތުގައި، އެ މީހުންގެ ރައްޓެހި މާލިމީގެ ގެއަށް އިނގިރޭސީން ތަންކޮޅެއް ގިނައިން ގޮސް އުޅެން ފެށުމުން، އެ ގޭގެ އަންހެނުން އެމީހުންނާ ރައްޓެހިކަން ބަހައްޓަން ފަށައިފި އެވެ. އެމީހުން ހަދިޔާއަށް ދޭން ގެނައި އަނގޮޓީ އަޅައިދިނުމާ މެދުވެސް އިޢުތިރާޒެއް ނުކުރެ އެވެ. ބައެއް އެހެން ރަށްރަށުން މުޖްތަމަޢުގެ ތެރެއިން ފެނިފައިވާ ކަންނެތް ކަމެއް މާވަށަކުން އެމީހުންނަކަށް ނުފެނެ އެވެ. ރަށުގެ މީހުންގެ ތެރެއިން ބައެއް މީހުންނާއި ކުޑަކުދިން، މި ބިދޭސީންނަށް ވިއްކަން ބޮލި ހޮވައިދީ ހެދިކަމަށްވެ އެވެ. އަދި، ކުޑަކުދިން އައިސް އިނގިރޭސީންނާ ދެއްކުނު ގޮތަކަށް ވާހަކަދައްކައިގެން، އެކުދިން ގެންނަ ބޮލީގެ ބަދަލުގައި ކޮންމެވެސް އެއްޗެއް ހޯދޭތޯ ބަލަމުން ދިޔަ އެވެ. ކުޑަކުދީންނަށް އިނގިރޭސީން މާ ގިނައިން ފައިސާ އާއި ކުޅޭ ތަކެތި ދޭކަން، އައިސް އުޅުނު ކުދިންނަށް ވަރަށް އަވަހަށް އެނގިއްޖެ އެވެ. މިކަން އެނގުމުގެ ނަތީޖާއަކަށް ވީ، އަބަދުވެސް ކުޑަކުދިންގެ ބައިގަނޑެއް އިނގިރޭސީންނަށް އެހީވެދޭން ތިބުމެވެ!

"ބެނާރެސް" މި ރަށުން ބުމްބާ އަށް ދާން ފުރީ ޖޫން 8 ވަނަ ދުވަހު އެވެ. އަދިވެސް އެއްފަހަރު މާވަށަށް ޒިޔާރަތް ކުރަން އެއްބަސްވެފަ އެވެ!

ދެން މިހާ ހިސާބުން އަޅުގަނޑު މި ހިމަނާލަނީ، ހައްދުންމަތީ މާވަށުގެ ބޭފުޅެއް ކަމަށްވާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ދެއްވި މަޢުލޫމާތުކޮޅެކެވެ. މިއީ މީލާދީން ވިހި ވަނަ ޤަރުނުގެ ތެރޭގައި މާވަށުގައި ހިނގައިދިޔަ ޙާދިސާއެކެވެ. މި ބައި މި ހިމަނާލަނީ އޭނާ ލިޔުއްވި ގޮތަށް، އޭނާގެ ޢިބާރާތުންނެވެ:

އަޅުގަނޑުގެ މަންމަ ކިޔައިދެއްވި ގޮތުގައި، މަންމަގެ ވަރަށް ހަގު ޢުމުރުގައި މާވަށަށް ބޭރު ފަރަންޖީ ބަޔަކު މަނަވަރެއްގައި ފައިބައިގެން، އޭގެ ތެރެއިން ބަޔަކު ރަށުގެ ހުޅަނގު ފަރާތުގެ އަތިރިމައްޗަށް ދިޔަ އެވެ. އެތާގެ އާނުގަނޑުމަތީގައި ވަރަށް ގިނައިން ގޮޅާ ހުރެ އެވެ. އެ މީހުންނަށް އެއީ ވަރަށް ކަމުދާ އެއްޗަކަށް ވެގެން، އެ ތަނުން ގޮޅާ އެއްކޮށްގެން (އެ ފިހެގެން ނަމަވެސް) ކާން އުޅެން ހަދައިގެން، އެ މީހުންނަށް އެނބުރި މަނަވަރަށް ދިޔުން ވަރަށް ބޮޑަށް ލަސްވެއްޖެ އެވެ. އިރު އޮއްސެނީ އެވެ. މަނަވަރުގައި ތިބި މީހުން ހީކުރީ މާވަށު މީހުން، އެ ފޭބި މީހުން ރަހީނުކުރީ ކަމަށެވެ. އެހެންކަމުން އެކަމާ ރުޅި އައިސްގެން، ބޯޓުން މީހުން ފައިބައިގެން، ކުރިން ފޭބި މީހުން ހޯދަން މަސައްކަތް ފެށި އެވެ. އެއިގެ ތެރެއިން އެކަކު ހުރީ ކަނޑިއެއް ހިފައިގެންނެވެ. އެކަކަށް ވެސް އޭނާއަށް ފެންނާކަށް ނުކެރެ އެވެ. އޭނާ ހުރީ ވަރަށް ރުޅިއައިސްފަ އެވެ. އެންމެންތައް ފިލަނީ އެވެ. މިކަންތައް ބޮޑުވެގެން އޭނާ މައިތިރި ކޮށްދިނުމަށް އެ ރަށުގެ އެންމެ މޮޅު ކަންވެރިޔާ ކުރެން ރައްޔިތުން އެދުނީ އެވެ. އެއީ ޚަޠީބު ދޮންޢަލީ އެވެ.

ޚަޠީބު ދޮންޢަލީ ކިޔެވެއްޔެއް ކިޔެވުމަށް ފަހު، ފިސާރި ހަރުދަނާކަމާ އެކު ގޮސް އެ ބިދޭސީ ކަލޭގެއާ ބައްދަލުކޮށް، އޭނާ ކަނޑި ހިފައިގެން ހުރި އަތުގެ މުލައްދަނޑީގައި ހިފުމާ އެކު އޭނާގެ ރުޅިގަނޑު މައިތިރިވީ އެވެ. ބޯޓުން ގެއްލިގެން އުޅުނު މީހުން ވެސް އެ ހިސާބުން ފެނި، މުޅި މަސްރަޙު އަމާންވެއްޖެ އެވެ. މިދެންނެވި ޚަޠީބު ދޮން ޢަލީއަކީ އަޅުގަނޑުގެ ކާފަ އެވެ.


ނޯޓް: މި ލިއުމަށް މައުލޫމާތު ނެގީ މރ. ބޮއިސް، އީސްޓް އިންޑިޔާ ކަމްޕަނީގެ "ބެނާރެސް" ގެ ޕަރސަރު، 1835- ،1836 ވިލްގޮން އެކުލަވާލެއްވި "މޯލްޑިވް އޮޑް ހިސްޓްރީ 1- 9 އިންނާއި އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ލިއުއްވުމުންނެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް