ފަހުގެ ޚަބަރު


އިތުރަށް...

އާންމުންނާ އެކު ނަޝީދު ނަންގަވާފައިވާ ލައްކައަކަށް ވުރެ ގިނަ ފޮޓޯ ހިމެނޭ މައުރަޒެއް ހުޅުވައިފި

ލިޔުނީ: Unknown - Thursday, August 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އާންމުންނާ ބައްދަލުކުރައްވާ މަންޒަރު ދައްކުވައިދޭ، އެއް ލައްކައަށް ވުރެ ގިނަ ފޮޓޯ ހިމެނޭ މައުޒަރެއް މިރޭ ހުޅުވައިފި އެވެ.

"އަޅުގަނޑުގެ އެންމެހާ ހެޔޮ އެދުންތައް" ނަމުގައި މާލޭ ސިޓީ ކައުންސިލްގައި ހުޅުވި މައުރަޒުގައި، އާންމުންނާ އެކު ނަޝީދު ނަންގަވާފައިވާ އެއްލައްކަ އަށް ވުރެ ގިނަ ފޮޓޯގެ ތެރެއިން ގިނަ އަދަދެއްގެ ފޮޓޯ ދައްކާލާފައިވެ އެވެ. ޒުވާނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ އެކު ނަޝީދު ނަންގަފައިވާ ގިނަ އަދަދެއްގެ ފޮޓޯ އެ މައުރަޒުގައި ހިމަނާފައިވެ އެވެ.

އެމްޑީޕީން ބުނިގޮތުގައި ނަޝީދާ އެކު ފޮޓޯ ނަގާފައިވާ ކޮންމެ ރައްޔިތަކަށް ފޮޓޯއެއް ހަދިޔާކުރެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. އެ ފޮޓޯތައް އާންމުންނާ ހަވާލުކުރުމަށް ދާއިރާތަކުގެ ކޯޑިނޭޓަރުންނާ ނަޝީދު މިރޭ ވަނީ ހަވާލުކުރައްވައިފަ އެވެ.

ފޮޓޯ މައުރަޒު ހުޅުވުމަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާ އެކު ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މީގެ ހަތަރު ވަރަކަށް މަސް ކުރިން އެމަނިކުފާނު ވަނީ 125،000 އަށް ވުރެ ގިނަ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ ހިނިތުންވުމާ އެކު ފޮޓޯތަކެއް ނަންގަވާފައި ކަމަށެވެ. އެމަނިކުފާނާ އެކު ފޮޓޯތަކުން ފެންނަ އެންމެން ވެސް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ވޯޓުދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ކެމްޕޭނަކީ ހަމަ ހިތާއި ހިތުގެ ކެމްޕޭނެއް. އަޅުގަނޑަށް ރައްޔިތުންނާ ބައްދަލުކުރެވި ފެނިދެނިވި އެ ބޭފުޅުންނާ ވާހަކަ ދެއްކެވި ހާލު އޮޅުން ފިލައިގެން ކުރިއަށް ގެންދެވޭ ކެމްޕޭނެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަކީ ރައްޔިތުންގެ އިންތިހާބެއް ކަމަށާއި ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިހާބެއްގެ ބޭނުމަކީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުން ކަމަށެވެ. އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވަރަށް ގިނަ މީހުންނާ ބައްދަލު ކުރައްވައި އެ ރައްޔިތުންގެ އިހްސާސްތައް އޮޅުން ފިލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއިން ކޮންމެ ފޮޓޯއެއްގެ ރަމްޒަކީ ރައްޔިތުންގެ އުއްމީދުތައް. ބައްދަލުވާ ކޮންމެ ރައްޔިތަކު ވެސް އަޅުގަނޑުމެންނާ ހިއްސާކުރައްވާ، އެ ރައްޔިތެއްގެ ވާހަކަތަކާއި އުއްމީދުތައް. އަޅުގަނޑުމެންގެ ސިޔާސަތުތައް އެކުލަވާލަނީ މި ފޮޓޯތަކުގައި މިވާ އެތައް ހާސް، އެތައް ލައްކައެއްގެ ރައްޔިތުންނާ އަޅުގަނޑުމެންނާ ދެއްކެވިފައި ހުރި ވާހަކަތަކުން،" މައުޒަރުގައި ހުރި ފޮޓޯތަކަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އާންމުންނާ އެކު ނަންގަވާފައިވާ ފޮޓޯތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް ހިމެނެ އެވެ. ފޮޓޯ ގްރާފަރުންނެކޭ އެއްގޮތަށް، އެމަނިކުފާނާ އެކު ފޮޓޯ ނެގުމަށް ރައްޔިތުން ވެސް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް