ފަހުގެ ޚަބަރު


އިތުރަށް...

މަރުވެފައިވާ މީހުންކަމަށް ޖޭޕީން ދިން ލިސްޓުން 5 މީހުން ދިރިތިއްބާ ފެނިއްޖެ- ފަޔާޒް

ލިޔުނީ: Unknown - Saturday, September 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަރުވެފައިވާ މީހުންގެ ނަންތަކެއް ވޯޓާސް ލިސްޓުގައި ހިމަނާފައިވާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން (ޖޭޕީ) ހުށަހެޅި މަރުގެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން ދިރިތިބެ، ވޯޓުލީ މީހުންތަކެއް ހޯދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ޖުމްހޫރީ ގުޅޫމުން "ހުށަހެޅި" ކަމަށް ބުނާ މަރުގެ ލިސްޓަކީ އެ ގުޅުމުން ކޯޓަށް ހުށަހެޅި ލިސްޓެކެވެ.

އިލެކްޝަންސް ކޮމިޝަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހުސައިން މިރޭ ވިދާޅުވީ ވޯޓާސް ލިސްޓުގައި ލިސްޓުކޮށްފައިވާ މަރުވެފައިވާ މީހުން ކަމަށް ބުނެ ޖުމްހޫރީ ޕާޓީއިން ހުށަހެޅި ލިސްޓުގައިވާ މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ އަށް މީހަކު ކަމަށެވެ. އެ މީހުންގެ ތެރެއިން ފަސް މީހަކު "ދިރި ތިއްބާ ހޯދާފައި"ވާ ކަމަށް ފަޔާޒު ވިދާޅުވި އެވެ.

"މަރުވެފައި ތިބި މީހުންގެ ލިސްޓެކޭ ކިޔާފަ ދިން ލިސްޓުގައި އޮތް އަށް މީހަކު ވޯޓުލާފައި އެބައޮތް. ޖުމްލަ އޭގެ ތެރެއިން އަށް މީހަކު ވޯޓުލާފައި އޮތީ. އެއަށް މީހުންގެ ތެރެއިން ފަސް މީހުން އަޅުގަނޑުމެން މިހާރު ހޯދައިފިން. ދިރި ތިބި ފަސް މީހުން މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިއްޖެ،" ފަޔާޒު ވިދާޅުވި އެވެ.

ފަޔާޒު ވިދާޅުވީ އަށް މީހުންގެ ތެރެއިން ބާކީ ތިބި ތިން މީހުން ވެސް ދިރި ތިބި ކަން ޔަގީންވާ ކަމަށެވެ.

"އެބޭފުޅުން ހިއްސާ ކުރި މަރުވެފައި އޮތް ލިސްޓުން އަށް މީހެކޭ ވޯޓްލާފައި އޮތީ. އަށް މީހުންގެ ތެރެއިން ފަސް މީހުން މިހާރު އަޅުގަނޑުމެންނަށް ހޯދިއްޖެ. އަނެއް ތިން މީހުން ވެސް ދިރި ތިބި ކަމަށް ވަނީ. އަދި އަޅުގަނޑުމެންނަކަށް [އެމީހުން އަދި] ނުހޯދޭ،" ފަޔާޒު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޔާޒު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ދިރި ތިބި މީހުން މަރުވެފައިވާ ކަމަށް ބުނެ، ނަންތަކެއް ހުށަހެޅި ކަމަށާއި އެ ސަބަބަށްޓަކައި އެބޭފުޅުން ހުށަހަޅާ މަރުގެ ލިސްޓަށް ކޮމިޝަނުން "ބަރޯސާ" ނުވާ ކަމަށެވެ.

އަދި މަރުވެފައިވާ ކަމަށް ބުނެ ހުށަހެޅި ލިސްޓުގެ ހަގީގަތް ބެލުމަށް ގުޅަންޖެހޭ ތަންތަނަށް ގުޅައިގެން މައުލޫމާތު ސާފުކޮށް، މަރުވެފައިވާ މީހުން ކަށަވަރު ކުރަމުންދާ ކަމަށް ފަޔާޒު އެ ދުވަހު ވިދާޅުވި އެވެ.

"މިސާލަކަށް އެބޭފުޅުން ދެއްވަނީ އަޅުގަނޑުމެންނަށް ލިސްޓެއް، މި 1200 މީހުން މި އޮތީ މަރުވެފައޭ. އަޅުގަނޑުމެން އިތުރަށް ނުބަލައި އެ 1200 މީހުން އުނިކޮށްފިއްޔާ އޭގެ ތެރެއިން 400 މީހުން އެބައާދޭ ވޯޓު ލާން" ފަޔާޒު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ރަށްވެހިވެފައިވާ މީހުން ނުބަލަހައްޓާ ކަމަށާއި އެބޭފުޅުން ކުރައްވާ ކަމަކީ އައިޑީ ކާޑު ހެދުން ކަމަށެވެ. އަދި އެއީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ބުނެފައިވާ ގޮތް ކަމަށް އަލީ މުހައްމަދު މަނިކު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް