ފަހުގެ ޚަބަރު


އިތުރަށް...

ޔާމީނުގެ ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވެއްޖެ

ލިޔުނީ: Unknown - Saturday, September 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެސްޓީއޯގެ ޗެއާރމަނަކަށް ހުންނަވާ 2001 ވަނަ އަހަރު ސަން އިންވެސްޓްމަންޓަށް ފައިދާވާ ގޮތަށް އެސްޓީއޯއަށް ޑޮލަރު ވިއްކަން ހަދާފައިވާ އެއްބަސްވުން އާންމުވެއްޖެއެވެ.

ސަން އިންވެސްޓްމަންޓަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު ސަންޓްރެވަލް އަޙްމަދު ޝިޔާމްގެ ކުންފުންޏެވެ.

މިއެއްބަސްވުމުގެ ދަށުން ސަން އިންވެސްޓްމަންޓަށް ފައިދާވާ ގޮތަށް އެސްޓީއޯއިންވަނީ ސަން ޓްރެވަލް ޝިޔާމް ރިސޯޓެއް ގަތުމަށް 75،000 ޑޮލަރު 'އިންޓްރެސްޓް ފްރީ' ލޯނެއްގެ ގޮތުގައި ދީފައިއެވެ.

އެއްވެސް އިންޓްރަސްޓެއް ނުލައި، ސަން ޓްރެވަލް ޝިޔާމަށް، އެސްޓީއޯގެ ޗެއާރމަނަކަށް ހުންނަވާ ޔާމީން ރައްޔިތުންގެ ފައިސާއިން ލޯން ދޫކުރައްވާފައިވާއިރުގައި، ސަން އިންވެސްޓްމަންޓުން މިފައިސާ އަނބުރާ އެސްޓީއޯއަށް ދައްކާފައިވާކަމުގެ އެއްވެސް ހެއްކެތް ނެތެވެ.

ސަން އިންވެސްޓްމަންޓަށް ފައިދާވާ ގޮތަށް ހަދާފައިވާ މިއެއްބަސްވުން އާންމުވެފައިވަނީ ގްރާންޓް ތޯރންޓަނުން ކޮށްފައިވާ ތަޙްޤީޤް ރިޕޯޓުގައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ހިންގާފައިވާ މާލީ ޖަރީމާތައް ތަޙްޤީޤްކުރުމަށް އެމްޑީޕީގެ ސަރުކާުރުން ހަވާލުކުރި ގްރާންޓް ތޯރންޓަންގެ ކުންފުނިން ކުރި ތަޙްޤީޤް ރިޕޯޓްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ޤައްޔޫމް ހިންގަވާފައިވާ އެތަށް ބައިވަރު ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނެއެވެ.

އޭގެ ތެރޭގައި، ޔާމީނާއި ރައީސް މައުމޫންގެ އަރިސް އެތަށް ބޭފުޅުންނަށް އެސްޓީއޯއިން މިފަދަ 'އިންޓްރެސްޓް ފްރީ' ލޯންތައް ރައްޔިތުންގެ ފައިސާއިން ދޫކޮށްފައިވާ އެއްބަސްވުންތަކެއް ހިމެނެއެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހުގައި އެމްޑީޕީގެ ވެރިކަން ބަދަލުކޮށްލުމަށްފަހު، އިންތިޚާބަކާއި ނުލައި ވެރިކަމަށް އަރާވަަޑައިގެން ހުންނެވި ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމާއެކު، އެންމެ ފުރަތަމަވެސް ޔާމީންވަނީ ރާއްޖޭގެ ސަރުކާރާއި ގްރާންޓް ތޯރންޓަނާއި ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލައްވާފައެވެ. އަދި އޭގެ ސަބަބުން، އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި ރާއްޖޭގެ ސަރުކާރުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ވަނީ މަޖުބޫރުވެފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫން އަބްދުލް ޤައްޔޫމްގެ ކޮއްކޯފުޅު ޔާމީން އަބްދުލް ޤައްޔޫމަކީ ކޮރަޕްޓް ބޭފުޅެއްކަން އަދިއަދަށްވެސް ދަނީ ތުހުމަތުކުރެވެމުންނެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރުވަނީ ޔާމީނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ތޮށިގަނޑުވެސް ރައްޔިތުންނަށް އަތުނުވާނެކަމަށް ވިދާޅުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް