ފަހުގެ ޚަބަރު


އިތުރަށް...

ސަމާލުވޭ! - ފަސް ރުފިޔާގެ ވަގުނޫޓް ލ. އަތޮޅުގައިވެސް ދައުރުވާން ފަށައިފި

ލިޔުނީ: Unknown - Monday, September 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވަގު ފަސްރުފިޔާގެ ނޫޓެއް - ފޮޓޯ: ސޯޝަލް މީޑިއާ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް "އަސްލާ އެއްގޮތަށް ހަދާފައިވާ" ވަގު ފައިސާތަކެއް އައްޑޫގައި ދައުރުވަމުންދާތީ، އެ ފައިސާ އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރި ވަގު ފައިސާ ލ. އަތޮޅުގައިވެސް މިހާރު ވަރަށް ބާރަށް ދައުރުވަމުން އަންނަކަމަށް ބައެއް ވިޔަފާރިވެރިން ބުނެފިއެވެ. ވަގު ފައިސާގެ ގޮތުގައި ދައުރުވަމުން ދަނީ ފަސް ރުފިޔާގެ ނޫޓުތަކެއް ކަމަށެވެ.

އައްޑޫ ސްޓޭޝަން އިންސްޕެކްޓަރު ކޮމާންޑާ މުހައްމަދު ހަސަން މި ފައިސާތައް ދައުރުވުމާއިމެދު ވިދާޅުވީ ފަސް ރުފިޔާގެ، ލައްކައެއްހާ ނޫޓު ޗާޕުކޮށްގެން ސ. ހިތަދޫ އަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިންޓެލިޖެންސްގެ އެކި މަސްދަރުތައް މެދުވެރިކޮށް، އައްޑު އަށް ވަގު ފައިސާ ގެނައި މީހުންގެ އަތުން ފަސް ރުފިޔާގެ ވަގު ނޫޓެއް ހޯދާފައިވާ ކަމަށާއި އެ ނޫޓް ބަލާލުމުން އެއީ ވަގު ފައިސާކަން ފަސޭހައިން ދެނެނުގަނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް ރުފިޔާގެ ވަގުނޫޓް ދެނެގަނެވޭނެ ގޮތްތައް ތަފުސީލުކޮށްދެއްވަމުން މުހައްމަދު ހަސަން ވިދާޅުވީ ފައިސާގެ ކަރުދާހުގެ އެތެރެއިން އަޅާފައިވާ ސެކިއުރިޓީ ތުރެޑުން ފެންނާނީ އެކިއެކި އިނގިރޭސީ އަކުރުތަކެއް ކަމަށެވެ. ނަމަވެސް ފަސް ރުފިޔާގެ ސައްހަ ނޫޓުގެ އެތެރެއިން އަޅާފައިވާ ސެކިއުރިޓީ ތުރެޑް ބެލުމަށް އައްޔަށް ދިއްކޮށްލުމުން ސެކިއުރިޓީ ތުރެޑް ރޮނގުގައި ލިޔެފައި ވަނީ އެމްއެމްއޭ އެވެ.

ބަލާބެލުމަކަށް ވަގު ފަސް ރުފިޔާގެ ޕްރިންޓް ކޮލެޓީ އަސްލާ ވަރަށް ގާތް ކުރެ އެވެ. ފެން ޖެހިއްޖެ ނަމަ އަދި ދޮވެލުމުން ވެސް ކުލައެއް ނުފޭދެ އެވެ. ނަމަވެސް ކަރުދާސް ބޯމިނާއި އިނގިލި ހާކާލުމުން އަތުގައި އަޅައިގަންނަ ކަހަލަ "ރާޅު" ގޮތެއް ހުރެ އެވެ.

މާލެއަށް ފަހު އެންމެ އާބާދީ ބޮޑު ރަށް ހިތަދޫގައި ރިޔާސީ އިންތިހާބަށް ދައުރުވަމުންދާ ވަގު ފަސް ރުފިޔާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރަމުންދާ ކަމަށާއި ނަމަވެސް ރަސްމީކޮށް، އެ މައްސަލަ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށް ފުލުހުންގެ އައްޑޫ ކޮމާންޑަރު ވިދާޅުވި އެވެ. 

ލ. ފޮނަދޫ އަނީސަމް ނަމަކަށް ކިޔާ ފިހާރައަކުން ބުނީ އެ ފިހާރައަށް ކޮންމެވެސް މީހަކު ވިއްކި ފައިސާ ތަކެއްގެ ތެރެއިން ވަގު ފަސްރުފިޔާގެ ނޫޓްތަކެއް ފެނިފައިވާކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް