ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބާ ގުޅޭ ކަންކަން މިވަގުތަށް އިލެކްޝަންސް ކޮމިޝަނުން ހުއްޓާލައިފި

ލިޔުނީ: Unknown - Tuesday, September 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން އިންތިހާބުގެ އެންމެހާ ކަންކަން މިވަގުތަށް ހުއްޓާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅައި ބަލަމުން ދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.

ފަޔާޒު  ވިދާޅުވީ ކޯޓުގެ އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިވަގުތު އިންތިހާބުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދާ ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން އިންތިހާބުގެ ކަންކަމުގައި މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރަން އަމުރު ނެރުނުއިރު އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ އިދާރީ ހުރިހާ ކަމެއް ނިންމައި، ހަތް އަތޮޅަކަށް ވޯޓް ކަރުދާހާއި ބައެއް އަތޮޅުތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުން ވެސް ފޮނުވައިފަ އެވެ.

އިންތިހާބަށް އިލެކްޝަނުން ތައްޔާރުވަމުން ދަނިކޮށް ކޯޓުން އިންތިހާބު ފަސްކޮށްފައިވާތީ އެކަމާ އިހްތިޖާޖުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށް އެ ޕާޓީން މުޒާހަރާކުރިއަށް ގެންގޮސްފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވިދާޅުވެފައި ވަނީ އިންތިހާބު ހޮނިހިރު ދުވަހު ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އިންތިހާބު ފަސްކުރަން ނިންމާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ކޮރަޕްޝަނާއި "ބަރަހަނާ ފަނޑިޔާރުން" ސުޕްރީމް ކޯޓުގައި ތިއްބަވާ ކަމަށް ބުނެ އެ ކޯޓުން ނެރުނު އަމުރު ގަބޫލުނުކުރުމަށް ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް