ފަހުގެ ޚަބަރު


އިތުރަށް...

ރައްޔިތުންގެ ވެރިކަމެއް ގާއިމު ވުމަށް ޔާމީން ނޭދޭ ކަން އެނގޭ އޯޑިއޯ އެއް ލީކްވެއްޖެ

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ބާރުތައް ރައްޔިތުންގެ އައްމައްޗަށް ދޫކޮށް ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި އޮތުމަށް ޔާމީން އަބްދުލް ގައްޔޫމު ނޭދޭ ކަން ހާމަވާ ވާހަކަ ތަކެއް ހިމެނޭ ޔާމީންގެ އޯޑިއޯ އެއް އެންޑީއޯ އަށް ލިބިއްޖެއެވެ.

މި އޯޑިއޯއަކީ ޔާމީނާއި ޔާމީނުގެ ގާތް ފަރާތެއްގެ ދެމުދުގައި ފޯނުން ދެކެވުނު ވާހަކަތަކެއްގެ ރެކޯޑިއެންގ އެކެވެ.

2007 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ދެކެވިފައިވާ މި މުއާމަލާތުގައި އެއިރު ސަރުކާރުގެ ތެރޭގައި ކަންތައްތައް ހިނގަމުން ދިޔަ ގޮތުން، ހާއްސަ ކޮށް ރައްޔިތުންނަށް ބާރުތައް ދޫކޮށް ރީފޯމް ގެންނަވާތީ، މައުމޫނު ދެކެ ޔާމީން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ކަން އެނގެއެވެ.

އެއިރު ކެބިނެޓް ގައި ތިއްބައިގެން ޑިމޮކްރެޓިކު އުސޫލުތައް ގެންނެވުމަށް މަސައްކަތް ކުރެއްވި ޑރ. އަހްމަދު ޝަހީދު ފަދަ ބޭފުޅުންނަކީ ޔާމީން އެހާ ގަޔާވާ ބައެއް ނޫން ކަން މި އޯޑިއޯ އިން އެނގެއެވެ. ރީފޯމް ގެނައުމަށް ޑރ. ޝާހީދު އެއިރު ކުރެއްވި މަސައްކަތް ތަކަށް ހުރަސް އެޅުއްވުމަށް ޔާމީން މަސައްކަތް ކޮށްފައިވާ ކަން ވެސް އޯޑިއޯ ގައި ދައްކާފައިވާ ވާހަކަ ތަކުން އެނގެއެވެ.

ރީފޯމް ގެނައުމަށް ކުރެވެމުން ދިޔަ މަސައްކަތަށް ހުރަސް އަޅުއްވަމުން ގެންދެވީ އެއިރުގެ މައުމޫނުގެ ކެބިނެޓް ގައި ތިއްބެވި “ހާޑްލައިން” މިނިސްޓަރުން ތަކެއް ކަމަށް، ޑރ. ޝަހީދު ވިދާޅުވާ ކަމަށް ޔާމީން ވިދާޅުވެއެވެ. އޭގެ ތެރޭގައި އެންމެ އިސް ފަރާތަކަށް ހުރީ ޔާމީނު ކަން އޯޑިއޯ އިން އެނގެއެވެ. ރީފޯމް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު ޔާމީނާ ބައްދަލު ކުރުމަށް އުޅުއްވުމުން އެކަމާ ކޮންމެވެސް ވަރަކަަށް ޔާމީން ދެކޮޅު ހެއްދެވި ކަންވެސް އޯޑިއޯ އިން އެނގެއެވެ. ނަމަވެސް، ފަހުން ބައްދަލު ކޮށް ގިނަ އިރު ތަކެއް ވަންދެން ޔާމީނާއި ހައިކޮމިޝަނަރާ ދެމެދު ވާހަކަ ދެކެވުނުކަމަށް ޔާމީން ބުނެއެވެ.
ފޯނު ކޯލުގައި ޔާމީން ވިދާޅުވާ ގޮތުން، ބްރިޓިޝް ހައި ކޮމިޝަނަރަށް އޭނާ އެނާ ދެއްކެވީ އޭނާގެ “ސޮފްޓަރ އަދި ސްވީޓަރ ސައިޑް” އެވެ. ސަބަބަކީ ޑރ. ޝަހީދު ނުވަތަ “ޑޮކު” ޔާމީން އަކީ ބަދަލުތައް ގެނައުމަށް ދެކޮޅު ހަދާ “ހާޑްލައިން މިނިސްޓަރެއް” ގެ ގޮތުގައި ބުނެފައި އޮތުމެވެ. ޔާމީން އަކީ ވަރަށް މަކަރު ވެރި މީހެއްގެ ކަން އޭނާގެ މުޅިން އެހެން ސޫރައެއް ހައިކޮމިޝަނަރަށް ދެއްކުމުން އެނގެއެވެ.

ޔާމީންގެ ވާހަކަ ތަކުން އެނގޭ ގޮތުގައި، އޭނާ އުޅުއްވީ ރީފޯމަށް އޭގެ ޒާތުގައި ދެކޮޅު ނޫންކަން ހައިކޮމިޝަނަރަށް ވިސްނައިދިނުމަށެވެ.  ރީފޯމް އަށް ރާއްޖޭ ތައްޔާރު ވެފައި ނެތް ކަމާއި މާ އަވަހަށް ރީފޯމް ގެނައުމުން މައްސަލަ ދިމާވާނެ ކަން އަންގައި ދިނުމަށެވެ. އެގޮތުން، އެއިރުގެ ޖޭއެސްސީ ފަދަ ތަންތަނަށް މައޫމުނު ލާފައި ތިބި މީހުންނަކީ ކަމުދާ ބައެއް ނޫން ކަމަށް ޔާމީން ހައިކޮމިޝަނަރު އަރިހު ވިދާޅުވެއެވެ. އަދި، ކެބިނެޓާއި މުއައްސާތަކުގައި ތިބި މީހުން ކަޑާލުމުގެ ބާރު މައުމޫނަށް އެބައޮތް ކަމަށާއި އެކަމަށް ހުރަސް އަޅާނެ މީހަކު ނެތް ކަމަށާއި އެކަމަކު މިއިން ކަމެއް ކުރުމަށް މައުމޫނު ޖެހިލުން ވެފައިވާ ކަމަށް ހައި ކޮމިޝަނަރު އަރިހުގައި ޔާމީން ވާހަކަ ދައްކަވައެވެ.

 ޑރ. ޝަހީދު އަށް އޯޑިއޯ ގައި ޔާމީން ކިޔާފައިވަނީ “ޑޮކު” އެވެ. “ޑޮކު” ދެކެ ވަރަށް ހިތްޕުޅު ހަމަނުޖެހޭ ކަން އޯޑިއޯ އިން އެނގޭއިރު، އެފަދަ ބަޔަކު ކެބިނެޓް ގައި ތިއްވާތީ މައުމޫނަށް ވެސް ޔާމީން ދިޔައީ މަލާމަތް ރައްދު ކުރައްވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ފޯނު ކޯލު ރެކޯޑިން 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހު ގާސިމް އިބްރާހިމް ވަނީ މައުމޫނަށް އަރުވާފައެވެ.  މައުމޫނު ވަނީ މި ރެކޯޑިން އެއްސެވުމަށް ފަހު، 2007 އެޕްރީލް 9 ވަނަ ދުވަހު ޔާމީން މިނިސްޓަރު ކަމުން ވަކި ކުރެއްވިއެވެ. އެއިރު ޔާމީން ހުންނެވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ލޭބާރ ގެ މަގާމުގައެވެ. ހަމަ އެދުވަހު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުރި ޔާމީންގެ އެކުވެރި އަހްމަދު ނާޒިމް ވެސް ވަނީ މަޤާމުން ވަކި ކޮށްފައެވެ.

ނަމަވެސް، އެކަމުގެ ޚަބަރު އެއިރު އާއްމުނަށް ހަމައަށް ސަރުކާރުން ގެނެސް ދީފައިވަނީ  އެ ދެ ބޭފުޅުން އަމިއްލަ އަށް އިސްތިއުފާ ހުށަހެޅުއްވީ ކަމަށެވެ.

ގާސިމަށް ފިނޭސް މިނިސްޓްރީ ހަވާލު ކުރުމުން އެކަމާ ޔާމީން ހުރީ ވަރަށް ބޮޑަށް މައުމޫނަށް ނުރުހިފައެވެ. ޔާމީން އަކީ އަބަދުވެސް ގާސިމް އަށް ނަފްރަތު ކުރާ ފަރާތެކެވެ. މީގެ އިތުރުން ޓްރޭޓް މިނިސްޓަރު ކަމުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ޗެއަރމަން ކަމުގެ މަޤާމުން ޔާމީން ވަކިކޮށް ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ޔާމީނާ ހަވާލު ކުރުމުން އެކަމާވެސް ޔާމީން ހުރީ މައުމޫނު ދެކެ އިންތިހާ އަށް ނުރުހިފައެވެ. މައުމޫނަށް ޔާމީން މަލާމާތާއި ފުރައްސާރަ ކުރުމުގެ ސަބަބުން ސަރުކާރުން ބޭރު ކުރުމުން، ޔާމީނާއި އޭނާ އަށް ތަބާވާ ފަރާތްތަކުން އަވަސް ވެގަތީ ސިޔާސީ ޕާޓީ އެއް އުފައްދައި މައުމޫނަށް ސިޔާސީ ގޮތުން  ޗެލެންޖު ކުރުމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް