ފަހުގެ ޚަބަރު


އިތުރަށް...

އިދިކޮޅު ޕާޓީ ތަކުގައި ތިބި ކުރީގެ ވަޒީރުންނާ ކަމުވޮށިގެންވާ ގިނަ ބަޔަކު ދެވަނަ ބުރުގައި އެމްޑީޕީ ތެރެއިން ފެންނާނެ: ނަޝީދު

ލިޔުނީ: Unknown - Monday, September 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިމަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެނގިގެން ދިޔަ ޙަޤީގަތަކީ ރާއްޖޭގެ ގިނަ ރައްޔިތުން އެދެނީ އެމްޑީޕީގެ ސަރުކާރަކަށް ކަމަށާއި އިއްޔެގެ ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަންނަވާކަމަށް އެއިންތިޚާބުން އެންމެ ކުރީގައި އުޅުއްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ކެނެރީގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ޕްރެސް ކޮންފަރެންސް ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ "މިޑިމޮކްރަސީގެ ރީތި ނަމޫނާގައި ބައިވެރިވި ކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން." ކަމަށެވެ.

އަދި ބައެއް ފޮށިތަކާ ގުޅޭގޮތުން ކުދިކުދި މައްސަލަތައް ހުރިނަމަވެސް އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ވަރަށް ފުރިހަމައަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެމައްސަލަތަކުގެ އަސްލު ނުވަތަ އޮޅުންފިލުވައިދިނުމެއް އެބޭފުޅުން ގެނެސްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިވަނީ އެމްޑީޕީއަށް ވަރަށް ގިނަ ޢަދަދަކަށް ވޯޓު ދެއްވާ އަދިވެސް ބޭނުމީ އެމްޑީޕީކަން ހާމަކޮށްފައި ކަމަށެވެ.

" 95 ހާހަށްވުރެ ގިނަ ރައްޔިތުން އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒް ކުރަން އެއްބަސްވެ ވޯޓު ދެއްވި. އެކަމަކު އެއީ އެއްބުރުން ކާމިޔާބު ކުރެވޭވަރަށްވުރެ ދެތިންހާސް މަދު ޢަދަދެއް. އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހިނގާ މަޝްވަރާއަކީ އެދެތިންހާސް ވޯޓު ހޯދަން ކުރިއަށް ދެން ކުރާންވީ ކޮންކަމެއްތޯ. މިޕާޓީއަށް ހަމަގައިމުވެސް ކަށަވަރުވާ ކަންތައްތަކެއް ހުރޭ. އެއީ ގަދައަޅާ މަސައްކަތް ކުރީމާ ކާމިޔާބު ވާނެކަން. "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކުރިއަށް." ކެމްޕޭން ދެވަނަ ބުރަށް އިރާދަކުރެއްވިއްޔާ މިފަށަނީ މިރޭ އަޅުގަނޑުމެން ޕާޓީގެ ބޮޑު ޖަލްސާއެއް މިބާއްވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިކެމްޕޭން ފެށިގެން ކުރިއަށް ދާއިރުގައި ވާދަވެރި އެހެން ޕާޓީތަކުގައި ތިއްބެވި ޤަދަރުވެރި ކަމުވޮށިގެންވާ އެތައް ބަޔަކު އެމްޑީޕީގެ ހަރަކާތްތަކުން ފެނިގެން ހިނގައިދާނެ ކަމަށެވެ.

"މިކެމްޕޭން ފަށައިގެން ކުރިއަށްދާއިރުގައި ފުރަތަމަ ބުރުގައި އެހެން ޕާޓީތަކަށް މަސައްކަތް ކޮށްދެއްވި އަދި ތާއީދު ކޮށްދެއްވި ރާއްޖޭގައި ކަމުވޮށިގެންވާ އަދި ނަން ހިނގާ ކިތައްމެ ބޭފުޅުންނެއް ރޭގައި ވަނީ އަޅުގަނޑާ ގުޅުއްވާފައި. އަޅުގަނޑު އެބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. މިދަންނަވަނީ ޖުމްހޫރީ ޕާޓީގައި އުޅުއްވާ އެތައް ބޭފުޅުންނަކާ އަދި ޕީޕީއެމްގައި އުޅުއްވާ އެތައް ބޭފުޅުންނަކާ އަދި ޑީއާރުޕީގައިވެސް އުޅުއްވާ އެތައް ބޭފުޅުންނެއް. އަޅުގަނޑު އެހުރިހާ ބޭފުޅުންނަށްވެސް ދަންނަވާލަން އޮތީ މިޕާޓީއަކީ ތަރައްޤީ ހިތުއަޅައިގެން އުޅޭ ޕާޓީއެކޭ. އަޅުގަނޑުމެންގެ އެނޫން އެއްވެސް މަޤްސަދެއް ނެތް. އަޅުގަނޑުމެންގެ ޕާޓީއާ އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެންނާ ގުޅެވިދާނެ. އަދި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެންނަށް ތާއީދު ދެއްވައިފިނަމަ އަޅުގަނޑު ޔަޤީންކަން އަރުވަން އެބޭފުޅުންނަށްވެސް އަޅުގަނޑުމެން މިއުއްމީދުކުރާ އަނެއް ދިވެހިރާއްޖެއާ އުޖާލާ ދިރިއުޅުން ލިބިގެންދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ އިންތިޚާބުން އެނގިގެން ދިޔައީ ރައްޔިތުން އެދެނީ އެމްޑީޕީގެ ސަރުކާރަކަށް ކަމަށެވެ. އަދި ކޯނީގެ ރިޕޯޓުގައި އެމްޑީޕީގެ ސަރުކާރު ވެއްޓުނީ ރައްޔިތުންގެ ތާއީދު ނެތުމުން ކަމަށް ދޭހަވާ ގޮތައް ކޯނީގެ ރިޕޯޓުގައި ހާމަކޮށްފައި އޮތް އޮތުމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ޙަޤީގަތްވެސް އިއްޔެ އެނގިއްޖެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިއްޔެގެ އިންތިޚާބުން އެނގިގެންދިޔަ އެންމެބޮޑު ޙަޤީގަތަކީ ރައްޔިތުން އެދިގޮވަނީ އެމްޑީޕީގެ ސަރުކާރަކަށްކަން. ހެޔޮ ވެރިކަމަކަށްކަން. އަޅުގަނޑުމެންނަށް އިއްޔެފެނުނު އެއް ޙަޤީގަތަކީ އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް ބާޣީ މުހައްމަދު ވަހީދަށް ރާއްޖޭގައި އެއްވެސް ތާއީދެއް ނެތްކަން. އެބާވަތުގެ ޢަމަލް ތަކަށްވެސް ތާއީދެއް ނެތްކަން. ބައިނަލްއަޤްވާމީ ދުނިޔެއަށްވެސް އެނގެންވީ ހަޤީގަތަކީ ކޯނީ ރިޕޯޓާ ޚިލާފަށް ރާއްޖޭގެ ރައްޔިތުންގެ ތާއީދު އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ކަން." ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ބުރުގައި ކުރިމަތިވި ހަމައެކަނި ގޮންޖެހުންތަކަކީ ދީނޭ ކިޔައިގެން ބަޔަކު ޙަޤީގަތާ ޚިލާފް ވާހަކަތަކެއް ދެއްކުމުން ކަމަށާއި ބައެއް ވޯޓު އެކަމާ ގުޅިގެން ލިބިފައިވާއިރު ބައެއް ވޯޓު އެކަމާ ގުޅިގެން ގެއްލިފައިވާކަމަށެވެ.

"އަޅުގަނޑު އަނެއްކާވެސް ދަންނަވާލަން އެފަދަ ކަންތައް ކުރުން ހުއްޓާލުމަށް. އަދި އަޅުގަނޑުމެންގެ ދިރިއުޅުމާއި އަޅުގަނޑުމެން ކަންކުރާ ގޮތާއި އަޅުގަނޑުމެންގެ އުސޫލުތައްވެސް ބަލާ  ހަޤީގަތް ދެނެގަތުމަށް ގޮވާލަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް