ފަހުގެ ޚަބަރު


އިތުރަށް...

ދިވެހިންގެ ކިބައިން ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ މަޢާފަށް އެދެފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ރޭ އިންޑިއާ އަތުން 1-0 އިން ރާއްޖެ ބަލިވި މެޗުގައި ކަންތައްވީ ގޮތުން ދިވެހިންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށާއި އެއީ އެއްގޮތަކަށް ވެސް އިންޑިއާ އަށް ހައްގު މޮޅެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.

"އަހަރެމެން މަސައްކަތްކުރިން ފުޓްބޯޅަ ކުޅެވޭތޯ. އެކަމަކު އިންޑިއާ އިން މަސައްކަތްކުރީ ފުރަތަމަ މިނެޓުން ފެށިގެން ދިވެހި ކުޅުންތެރިންނަށް އަނިޔާކުރަން. އެ ޓީމުން 10 ކުޅުންތެރިންނާ އެކު ޑިފެންސްކުރަމުން ދިޔަ ދިއުން އަހަރެމެންނަށް ފޫއަޅުވާ ނުލެވުނު. އަހަންނަށް ވަރަށް ބޮޑަށް މައާފްކުރޭ. އެކަމަކު އަހަންނަށް ނެތް ބުނެވޭކަށް މިއީ އިންޑިއާ އަށް ހައްގު މޮޅެކޭ،" އުރުބާނީގެ އިރުޝާދުގެ ދަށުން އިންޑިއާ އަތުން ބަލިވި ތިން ވަނަ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ހަންގޭރީގެ ކޯޗު ބުނީ މެޗުގެ ތެރޭގައި ބަދަލުތައް ނުގެނެސް ލަސްކުރީ މެޗު އެއްވަރުވެގެން އިތުރު ވަގުތު ކުޅެން ޖެހޭނެ ކަމަށް ބަލާފައި ކަމަށެވެ.

ރޭގެ މެޗުގައި ރާއްޖޭން އަލީ އުމަރާއި ހަސަން އަދުހަމް ކުޅެން ނެރުނީ އިންޑިއާ އިން 87 ވަނަ މިނެޓުގައި ލަނޑު ޖެހި ހިސާބުންނެވެ. އެ ދެ ކުޅުންތެރިން އަރައި އެޓޭކްތައް ވަރުގަދަކުރިއިރު، ގިނަ ބަޔެއްގެ ޝަކުވާއަކަށްވީ އެ ބަދަލުތައް ގެނައުން ލަސްކުރުމުންނެވެ.

"ކޮންމެ ގޮތެއް ވިޔަސް އޭރު އޮތީ މެޗު 0-0 އިން އެއްވަރުވެފައި. އެހެންކަމުން އިތުރު ވަގުތު ކުޅެން ޖެހޭނެ ކަމަށް ވެސް އެބަ ޖެހޭ ވިސްނަން. އަނެއްކާ އަހަންނަށް ފެނުނު ގޮތުގައި ބަދަލުކުރަން ޖެހޭ މީހަކު ނުވެސް ނެތް. އެކަމަކު އަހަރެމެން ވިސްނައިގެން ހުރީ އިތުރު ވަގުތު ކުޅެން ވާއިރަށް ބަދަލު ގެންނަން،" އުރުބާނީ ބުންޏެވެ.

އޭނާ ބުނީ އިންޑިއާ އިން މަސައްކަތް ކުރީ ފުޓްބޯޅަ ކުޅެން ނޫން ކަމަށާއި މުޅި މެޗުގައި އެ ޓީމުން ބެލީ 10 މީހުން ފަހަތަށް ޖެހި ޑިފެންސްކޮށް ރާއްޖޭގެ ކުޅުންތެރިންނަށް އަނިޔާ ކުރަން ކަމަށެވެ. އަދި މިއީ އިންޑިއާ އަށް ހައްގު މޮޅެއް ކަމަށް ގަބޫލުނުކުރާ ކަމަށް ބުންޏެވެ.

ކޯޗު ބުނީ މެޗު އެނބުރިގެން ދިޔައީ ރާއްޖެ އަށް ލިބެން ޖެހޭ ޕެނަލްޓީއެއް ނުދިނުމުން ކަމަށް ބުނެވިދާނެ ކަމަށާއި އެކަމަކު މުޅި މެޗަށް ބަލާއިރު ރާއްޖޭގެ ވެސް ޕްލޭނެއް އޮތް ކަމަށެވެ.

"އަހަރެމެންގެ ޕްލޭނެއް އޮތް. އަހަރެމެން އިންޑިއާ އަށް ފުރުސަތެއް ނުދެން. އެކަމަކު ވެދާނެ އެ ޕެނަލްޓީ ހާދިސާއާ އެކު މެންޓަލީ އައި ބަދަލަކާ ގުޅިގެން ކުޅުންތެރިންނަށް ރަނގަޅަށް އެ ވަގުތު މަސައްކަތް ނުކުރެވުނީ ކަމަށް. އެކަމަކު މެޗެއްގައި ކޯނަރަކުން އަންނަ ބޯޅައަކަށް ރަނގަޅަށް ޕޮޒިޝަން ނުނެގިގެން އެފަދަ ކަމެއް ވެދާނެ،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި އެ ކުޅުންތެރިން ކުރި ހިތްވަރަށް މިއަށް ވުރެ ބޮޑު ކާމިޔާބެއް ހައްގު ކަމަށާއި މުބާރާތުން ކެޓުމާމެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

"ވަރަށް ހިތާމަކުރަން އަހަރެން. ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ޝުކުރުއަދާކުރަން. އަހަރެމެން މުބާރާތް ފެށީ ވަރަށް ރަނގަޅު ހަނދާންތަކެއް ފަހަށް ރައްކާކުރަމުން. ފުރަތަމަ ދެ މެޗުގައި ގިނަ ގޯލްތަކެއް ޖަހައި ރެކޯޑްތައް ހެދިން. އެކަމަކު ފަހު ވަގުތު ހިތާމައާ ކުރިމަތިލާން ޖެހުނީ. ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި. އެ ކުޅުންތެރިންނަށް މިއަށް ވުރެ ބޮޑު އެއްޗެއް ހައްގުވޭ،" އުރުބާނީ ބުންޏެވެ.

އުރުބާނީގެ އިރުޝާދުގެ ދަށުން 2009 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވިއިރު 2011 ވަނަ އަހަރުގެ މުބާރާތުގެ ސެމީން ވެސް ކެޓީ އިންޑިއާ އަތުން ބަލިވެގެންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް