ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބު ބޭއްވުމަށް ހުރަސް ނޭޅުމަށް ވަހީދު އަރިހުން އިލެކްޝަންސް އެދިއްޖެ

ލިޔުނީ: ޢަލީ ޔާސިރު - Thursday, October 24, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންމަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ސަލާމަތީ ބާރުތަކުން (ފުލުހުންނާއި) ސިފައިން ހުރަސް އެޅިޔަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ އަރިހުން އެދިއްޖެ އެވެ.

ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިއަކީ ރައީސުލް ޖުމްހޫރިއްޔާ އެވެ.

އިލެކްޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، “މިފަހަރު ބާއްވާ އިންތިޚާބަށް ސަލާމަތީ ބާރުތަކުން ހުރަސް ނާޅާނެ ކަމުގެ ޔަގީން ކަން ދެއްވުމަށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހުގައި އިލެކްޝަންސް ކޮމިޝަނުން ވާނީ އެދިފައި” ވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުން ދީފައިވާ 16 ޕޮއިންޓުގެ ގައިޑްލައިންގައިވާ އެންމެ ބޮޑު މައްސަލައަކީ ކެންޑިޑޭޓުންނަށް ވޯޓާސް ލިސްޓު ‘ވީޓޯ’ ކުރުމުގެ ބާރު ލިބިދީފައިވުމެވެ. އެ ބާރު ދީފައި އޮތުމުގެ ސަބަބުން، މިދިޔަ ހޮނިހިރުދުވަހު ބާއްވަން އުޅުނު އިންތިޚާބުގެ ކުރިން ވޯޓާސް ލިސްޓުގައި ސޮއިކުރައްވަން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެކޮޅު ހެއްދެވާފައިވާ ކަމަށެވެ.

އިލެކްޝަނުން ބުނެފައިވަނީ 2830 މީހެއްގެ ވޯޓު ލިސްޓުގައި އޮތް އެޑުރެހާއި، އައިޑީކާޑުގައި އޮތް އެޑުރެހާއި ދިމާނުވެގެން ބާތިލުކޮށްފައިވާއިރު، ނަމާއި އެޑްރެސްގައި ފުށުއެރުން ހުރި މީހުންގެ އައިޑީ ކާޑު ނަންބަރާއި އުފަން ތާރީހުގެ އިތުރުން އައިޑީ ކާޑުގައިވާ ފޮޓޯ އާއި ވޯޓު ލީ މީހާއާ ދިމާވާ ކަމަށެވެ. އަދި 952 މީހެއްގެ ވޯޓު ބާތލުކޮށްފައިވަނީ ނަމުގައި ހުރި ކުދި ކުދި މައްސަލަތަކެއްގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި މިމަހު 20 ވަނަ ދުވަހުގެ ކުރިން، ރިޔާސީ އިންތިހާބު ބޭއްވުމަށް އަންގާފައިވެ އެވެ. ނަމަވެސް، މިމަހު 19 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް