ފަހުގެ ޚަބަރު


އިތުރަށް...

ސިނާޢީ ސަރަހައްދުން ޤާނޫނާއި ހިލާފަށް ގޯތި ވިއްކައި، ސައްޙަނޫން ރަޖިސްޓްރީތަކެއް ދޫކުރާ މައްސަލައެއް ތަޙުޤީޤުކުރަނީ

ލިޔުނީ: ޢަލީ ޔާސިރު - Friday, October 25, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަން ސިނާއީ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކެއް އެގޯތިތަކުގެ ވެރިފަރާތްތައް ނޫން އެހެން ބަޔަކަށް ޤާނޫނާއި ޤަވާއިދާއި ހިލާފަށް ވިއްކައި ސައްހަ ނޫން ރަޖިސްޓްރީތަކެއް ދޫކުރަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދީފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ސަތީޙްއެވެ.

މިމައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޢަބްދުﷲ ސަތީޙް ވިދާޅުވީ ސިނާއީ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކެއް ވެރިފަރާތް ނޫން އެހެން ބަޔަކަށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސް ޑިޕާޓްމަންޓާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ގޯއްޗެއް ވިއްކުމުގެ މުޢާމަލާތް ހިންގަމުންދަނިކޮށް މި އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ 48 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ސަތީޙު ވިދާޅުވިއެވެ. އަދި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު އޭނާގެ އަތުން ލ. ގަން ސިނާއީ ސަރަޙައްދުން ވިއްކަން އުޅުނު ގޯތީގެ ރަޖިސްޓްރީތަކާއި ގިނަ ޢަދަދެއްގެ ފައިސާތައް ފެނިފައިވާކަމަށާއި އޭނާ ދުއްވާ ސައިކަލްގެ މަޑި ދަށުންވެސް މިފަދަ ސައްހަނޫންކަމަށް ބެލެވޭ އިތުރު ރަޖިސްޓްރީއެއް ފެނިފައިވާކަމަށްވެސް ސަތީޙު ވިދާޅުވިއެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ގަން ސިނާޢީ ސަރަހައްދުން ދޫކޮށްފައިވާކަމަށް ބެލެވޭ ގޯތިތަކެއްގެ ސައްހަނޫން 8 ރަޖިސްޓްރީއާއި 5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ފައިސާ އާއި ލ. ގަން ސިނާއީ ސަރަހައްދުގެ ބިމުގެ ޗާޓަކާއި މައްސަލައާއި ގުޅުންހުރި ބައެއް ލިޔެކިޔުންތަކެއްގެ އިތުރުން މައްސަލައާއި ގުޅުންހުރި ފަރާތްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ސްލިޕްތަކެއްވެސް ފެނިފައިވާކަމަށް ސަތީޙް ވިދާޅުވިއެވެ. އަދި މި މައްސަލާގައި މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާއަކީ ސިނާޢީ ސަރަހައްދުގެ ޗާޓު ހިފައިގެން އެކި މީސްމީހުންގެ ކައިރިއަށްގޮސް އެސަރަހައްދުން ގޯތި ލިބެން އެބަހުރިކަމަށް ބުނެ އެމީހުން ބޭނުންވާ ތަނަކުން ގޯތި ހަމަޖެއްސުމާއި ގޯތި އަގު ކަނޑައެޅުމާއި ބެހޭގޮތުން މުއާމަލާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކޮށްފައިވާ މީހާކަމަށާއި މިހާތަނަށް ބެލިބެލުމުން މިކަމަކީ ލ. ގަން ކައުންސިލްގެ މެމްބަރަކާއި އެ އިދާރާގެ މުވައްޒަފެއްވެސް ބައިވެރިވެގެން ހިންގަމުންދާ ކަމެއްކަމަށް ބެލެވޭކަމަށްވެސް ސަތީޙް ވިދާޅުވިއެވެ.

މީގެއިތުރުންވެސް މި ގޯތި ވިއްކުމަށްފަހު ލިބޭ ފައިސާ ލ. ގަން ކައުންސިލްގައި މިކަމުގައި ބައިވެރިވާ ފަރާތްތަކަށް ފޮނުވާފައިވާކަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ގެއިން ފެނުނު ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާކަމަށާއި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުޤީޤު ޓީމެއް ލ. ގަމަށް ގޮސް، ލ. ގަން ކައުންސިލްގައި މިކަމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ 42 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު މި އޮކްޓޯބަރު މަހުގެ 06 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ސަތީޙު ވިދާޅުވިއެވެ. މި ދެ މީހުން ބަންދުގައި ބެހެއްޓުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މި ދެމީހުންވަނީ ޝަރުތުކޮށް ދޫކޮށްލާފައިވާކަމަށާއި މި ދެ މީހުންގެ މައްސަލަ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް މީގެ ތެރެއިން އެކެއްގެ މައްސަލަ އިއްޔެ ނިންމާފައިވާކަމަށް ފާހަގަކުރައްވަމުން ސަތީޙް ވިދާޅުވީ ހައި ކޯޓުން އެމީހާގެ ބަންދުގެ މުއްދަތަށް 15 ދުވަހުގެ މުއްދަތެއް ދިނުމާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާއި ގުޅިގެން ލ. ގަން ކައުންސިލް އިދާރާ ބަލައިފާސްކޮށް އެއިދާރާއިން މައްސަލައާއި ގުޅުންހުރި މީހުން ބޭނުންކުރި ދެ ކޮމްޕިއުޓަރ ސިސްޓަމްގެ ހާޑް ޑިސްކް އަދި މައްސަލައާއި ގުޅުންހުރި ލިޔުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މިހާތަނަށް ބެލިބެލުމުން ގާތްގަނޑަކަށް 85 ގޯތި އެގޯތީގެ އަސްލު ވެރިފަރާތް ނޫން އެހެން ބަޔަކަށް ވިއްކައި ސައްހަނޫން ރަޖިސްޓްރީތައް ދޫކޮށްފައި ހުރިކަން ފާހަގަކުރައްވަމުން ސަތީޙް ވިދާޅުވީ މި ގޯތިތައް ލިބިފައިވާ ފަރާތް ނޫން އެހެން ފަރާތުގެ ނަމަށް ގޯތިތައް ބަދަލުކޮށް ސައްޙަނޫން ރަޖިސްޓްރީ ހަދާފައިވާ މީހުންގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަމުގައި ހަދާފައިވާ ރަޖިސްޓްރީތައް ހިމެނޭކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

ލ. ގަން ސިނާޢީ ސަރަހައްދުން ގޯތި ދޫކުރުމުގައި ކަންކަން ހިނގާގޮތް ނޭގި ނުވަތަ ކަމުގެ ހަޤީޤަތް ނޭނގި ތިއްބަވައިގެން ނަމަވެސް ގަން ސިނާޢީ ސަރަޙައްދުން ގޯއްޗެއް ގަނެފައިވާ ފަރާތެއް ވާނަމަ ލަސްނުކުރައްވައި ވީ އެންމެ އަވަހަކަށް އެ އަމަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރެއްވުމަށް ނޫސްވެރިންގެ މި ބައްދަލުވުމުގައި އަބްދުﷲ ސަތީޙް އެދިވަޑައިގެންނެވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް