ފަހުގެ ޚަބަރު


އިތުރަށް...

ދައުރު ހަމަވާއިރު އައްޔަނު ކުރާނެ ވެރިއަކާ މެދު ގޮތެއް ނިންމަން ހޮނިހިރު ދުވަހު މަޖިލީސް ހުޅުވަނީ

ލިޔުނީ: ޢަލީ ޔާސިރު - Thursday, October 24, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދައުރު ހަމަވާއިރު އައްޔަނު ކުރާނެ ވެރިއަކާ މެދު ގޮތެއް ނިންމަން ހޮނިހިރު ދުވަހު މަޖިލީސް ހުޅުވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް، ރައީސް ކަމަށް އަރާ ވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު ބުދަ ދުވަހު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިހާބު ނުކުރެވިއްޖެ ހާލަތެއްގައި ހައްލެއް ހޯދައިދިނުމަށް އެންމެ އެކަށީގެންވާ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވާތީ އެކަމަށް ގޮތެއް ނިންމަވާ ދެއްވުމަށެވެ.

ނޮވެމްބަރު 11ގެ ފަހުންވެސް ވެރިކަމުގައި ދެމި ހުންނެވުމަށް އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކުން ވަހީދަށް ލަފާދީފައިވާއިރު ވެރިކަމުގައި ދެމި ހުންނަވާނެ ކަމަށް ވަހީދު ހަސަން މަނިކު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސް ވަހީދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުތަކުގައި 11 ނޮވެމްބަރ 2008 ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު ޤާނޫނޫ އަސާސީގެ 111 ވަނަ މާއްދާއާއި އެއްގޮތަށް އިންތިހާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމާއެކު، މި ހާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ހާލަތަކަށް ވާތީ މި މައްސަލައަށް ހައްލެއް ހޯއްދެވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އިސްނަންގަވައިގެން ކުރިޔަށް ގެންގޮސްދެއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވެވުމަށް މިހާރު ހަމަޖައްސަވާފައިވާ ތާރީޚުތަކަކީ ފުރަތަމަ ބުރު 09 ނޮވެމްބަރ އަދި ދެވަނަ ބުރު 16 ނޮވެމްބަރުގައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން ތާވަލު ކޮށްފައިވަނީ 12 ނޮވެމްބަރަށެވެ. އެތާރީހުގައި އޮންނާނީ މިހާރުގެ ސަރުކާރުގެ ޤާނޫނީ ދައުރު ހަމަވެފައެވެ.

ހޮނިހިރު ދުވަހު މަޖިލީހަށް އެޖެންޑާ ކޮށްފައިވަނީ ވެސް އެ މައްސަލަ އެކަންޏެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް