ފަހުގެ ޚަބަރު


އިތުރަށް...

ކްރިމިނަލް ކޯޓްގެ އަމުރަކީ ޤާނޫނާއި ޚިލާފް އަމުރެއް _ ޝާހިދު

ލިޔުނީ: ޢަލީ ޔާސިރު - Thursday, October 24, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ކޯޓަށް ހާޟިރުވެފައި ނުވާތީކަމަށް ބަޔާންކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދެއްވުމަށް އެދި ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ، ޤާނޫނާ ޚިލާފު ޢަމަލެއްކަމަށްވާތީ މި މައްސަލަ ބައްލަވައި ދެއްވުން އެދި އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިނަށް، މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓްއިން ބަލަމުންގެންދާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމަކަށް، 23 އޮކްޓޯބަރ 2013 ވީ އަންގާރަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޟިރުވުމަށް އަންގަވައި، ހ.ޝޭޑީ ކޯނަރ/ ޙާމިދުޢަބްދުލްޤަފޫރަށް އެ ކޯޓުން އަމުރެއް ޙަވާލުކުރެއްވުމާ ގުޅިގެން، ހ.ޝޭޑީ ކޯނަރ/ ޙާމިދު ޢަބްދުލްޤަފޫރަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރެއްކަމަށްވެފައި، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައި، “ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޟިރުކޮށްގެންނުވާނެ” ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން 23 އޮކްޓޯބަރ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވާ ގަޑިއަކީ ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 5 ވަނަ ޖަލްސާ ކުރިއަށްދާނެ ގަޑިއެއްކަމުގައި، މި އިދާރާއިން 22 އޮކްޓޯބަރ 2013 ގައި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައިވާނީ ދަންނަވާފައިވާ ކަމަށެވެ.

23 އޮކްޓޯބަރ 2013 ގައި އޮތް ޝަރީޢަތުގެ އަޑުއެހުމަށް ހާޟިރުވުމަށް އުޒުރުވެރިވާކަމަށް ބަޔާންކުރައްވައި، ހ.ޝޭޑީ ކޯނަރ/ ޙާމިދު ޢަބްދުލްޤަފޫރުގެ ފަރާތުންވެސް 22 އޮކްޓޯބަރ 2013 ގައި އެ ކޯޓަށް ސިޓީއެއްވަނީ ފޮނުއްވާފައިވާ ކަމަށާއި، މިއިން އެއްވެސް ކަމެއްގެ މައްޗަށް ރިޢާޔަތްކުރެއްވުމެއް ނެތި، 23 އޮކްޓޯބަރ 2013 ގައި އޮތް ޝަރީޢަތުގެ އަޑުއެހުމަށް ޙާމިދު އަބްދުލްޤަފޫރު ޙާޟިރުވެފައިނުވާތީކަމަށް ބަޔާންކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދެއްވުމަށް އެދި 23 އޮކްޓޯބަރ 2013 ގައި ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުއްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައިވަނީ ބުނެފައެވެ.

އެހެންކަމުން، މިއަމަލަކީ ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާ ޚިލާފު ޢަމަލެއްކަމަށްވެފައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި، މަޖިލީހުގެ ޤަދަރަށާއި، މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދާފަދަ ނުވަތަ ހުރަހެއް އެޅިދާފަދަ ކޮންމެ ޢަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބިދިނުން ކަމުގައި ބެލެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި އިތުރަށް ބުނެފައިވަނީ ޝަރުޢީ ދާއިރާއަކީ ޤާނޫނުތައް ނަގަހައްޓައި ޢަދަލު އިންސާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިފައިވާ ފަރާތްކަމުގައިވީހިނދު، ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަކާ ޚިލާފަށް ޝަރުޢީ ދާއިރާއިން ޢަމަލުކޮށްފައިވާކަމީ އެކަމާ ކަންބޮޑުވާކަމެއްކަމުން، މި މައްސަލަ އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށްޓަކައި ގެނެސް، މި މައްސަލަ ބައްލަވައި ދެއްވުން އެދި ދަންނަވާ ކަމަށެވެ. 

ޚަބަރު: ރާއްޖެ. އެމްވީ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް