ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީން ބޭނުންޙާ ގޮތަކަށް މަޖިލީހުގައި ކަންތައް ކުރާކަށް ފުރުސަތެއް ނުދޭނަން: ޕީޕީއެމް

ލިޔުނީ: Unknown - Thursday, October 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު އެމްޑީޕީ މެމްބަރުން ބޭނުންހާ ކަމެއް، ބޭނުންހާ ގޮތަކަށް ކުރުމުގެ ޖާގަ އެ ޕާޓީއާ ދެކޮޅު ޕާޓީތަކުގެ މެމްބަރުން ނުދޭނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މި ދައުރު ވެގެންދާނީ ވަރަށް ހަލަބޮލި ދައުރަކަށް ކަމަށާއި އެމްޑީޕީ އާއި އެ ޕާޓީ އަށް ތާއީދުކުރަން ނިންމާފައިވާ ޑީއާރުޕީގެ މެމްބަރުން ތަފާތު ދަތިތައް ކުރިމަތިކުރުވާނެ ކަމަށެވެ. ނަމަވެސް، އެ ފުރުސަތު ނުދެއްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ އެވެ. ނަމަވެސް، މި ދަނޑިވަޅަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހުރިހާ ވަގުތެއް ދޭން ޖެހޭ ވަގުތު ކަމަށާއި އެހެން ކަމުން މިއީ އެކަމަށް އެންމެ އެކަށޭނަ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްދާ މަޖިލީހުގެ ޖަލްސާއެއް ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ އެއް ނޫން. މިހާރު އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އަބްދުﷲ ޝާހިދު ހުންނަވައިގެން މަޖިލިސްގެ ގަވާއިދަށް އިހުތިރާމް ކުރައްވައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްދާނެ ކަމަކަށް،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރު މިއަދު ހޮވައިފަ އެވެ. ޒަމީރު އެ މަގާމަށް ހޮވާފައިވަނީ އެކަމަށްޓަކައި ބޭއްވި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުގައި ބައިވެރިވި 17 މެމްބަރުންގެ އިއްތިފާގުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މިހާރު ވެސް މަސައްކަތްކުރަނީ އެމްޑީޕީއާ ދެކޮޅު ހުރިހާ މެމްބަރުން ގުޅިގެން، ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖަލްސާއާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ވެސް މަޖިލީހުގެ ތެރޭގައި މަޝްވަރާކުރާނެ ކަމަށާއި އަދި ހަފުތާއަކު އެއްފަހަރު މަޖިލީހުން ބޭރުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނެވެ. އެ ގްރޫޕްގެ ނައިބު ލީޑަރަކީ، ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ޕާޓީގެ ދެ ނައިބު ލީޑަރުންނާ އެއް ފެންވަރުގެ މަގާމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް