ފަހުގެ ޚަބަރު


އިތުރަށް...

އާޒިމާ ނާޝިޒްގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމަކީ އިޖުރާއާތުގެ ބޭރުން ކޮށްފައިވާ ހުކުމެއް - މަޖިލިސް

ލިޔުނީ: Unknown - Friday, October 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ، އާއްމު އުސޫލުތަކުގެ ބޭރުން ކުރައްވާފައިވާ ހުކުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ މެންބަރު ކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ނިންމެވި ނިންމެވުމަކީ ޞައްޙަ ނިންމެވުމެއް ނޫން ކަމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން މިރޭ ވަނީ ނިންމާފައެވެ.

އަދި އާޒިމާއި ނާޝިޒުގެ ގޮނޑި ހުސްނުވެ ދެމިގެންދާނޭ ކަމަށް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން އެކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައި ވަނީ ފާސް ކުރައްވާފައިވާއިރު، އެކޮމިޓީގެ ނިންމުން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ބަޔާނެއް ނެރެދެއްވުމަށްވެސް އެކޮމިޓީން ވަނީ އެދިވަޑައިގެންފައެވެ.

މިކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ނެރުއްވި ބަޔާނުގައި ވަނީ، އާޒިމާއި ނާޝިޒުގެ މެންބަރު ކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ހަވީރު ކުރި ހުކުމަކީ އެކޯޓުގެ އިޖުރާޢާތުގެ ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް ދެކިވަޑައިންނަވާ ކަމަށެވެ.

"އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކަށް އެމައްސަލަގައި ބަޔާންތައް ލިބިވަޑައިގަތީ ބުދަ ދުވަހުގެ ވަގުތެއްގައި ކަމުން، މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު ރަޢުޔު ތައްޔާރު ކުރެއްވުމުގެ ފުރުޞަތަކަށް އެދިވަޑައިގަތުމުން، އެފުރުޞަތު ނުދެއްވައި އެމައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ އެ ފަނޑިޔާރުގެ ރަޢުޔެއް ނެތި ކަމަށާއި، އެއީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އިޖުރާއާތުގެ ބޭރުން ކުރައްވާފައިވާ ޙުކުމެއް ކަމަށް ފެނޭ"

އަދި މިއީ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުރަސް އެޅުއްވުމުގެ ގޮތުން ސިޔާސީ ވިސްނުމެއްގައި ކުރައްވާފައިވާ ހުކުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޫސްބަޔާނުގައި ވެއެވެ.

"އެ ދެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި، އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބޭއްވިތާ ގާތްގަނޑަކަށް އަހަރެއްވާން ކައިރިވެފައިވަނިކޮށް، އަވަސް އަރުވާލައިގެން، އެ ދެ ބޭފުޅުންގެ ޣައިރު ހާޟިރުގައި އެ މައްސަލައިގައި މިއަދު ޙުކުމް ކުރެއްވުމުން މި ފެނިގެންދަނީ، އަންނަ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކުރެވިފައިވާތީ، އެކަމަށް ހުރަސްއެޅުމުގެ ގޮތުން، ވަރަށް ބޮޑަށް ސިޔާސީ ވިސްނުމެއްގައި ހިންގަވާފައިވާ ޢަމަލެއްގެގޮތުގައި" ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމެވި ނިންމެވުމާއި ގުޅޭ ގޮތުން މަޖިލީހުން މިރޭ ނެރުނު ނޫސްބަޔާނުގައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް