ފަހުގެ ޚަބަރު


އިތުރަށް...

އެއާ ޓްރެފިކް ކޮންޓްރޯލުގެ ބައެއް މުވައްޒަފުން އިހުތިޖާޖުކުރަނީ

ލިޔުނީ: Unknown - Thursday, October 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލުގެ ބައެއް މުވައްޒަފުން ހިމެނޭގޮތަށް އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކޮށް، އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުސާރަ ބޮޑުކޮށްދިނުމާއި، ޕްރޮމޯޝަން ދިނުމަށް ގޮވާލާ މުވައްޒަފުން ކުރަމުން އަންނަ އިހުތިޖާޖުގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެގޮތުން އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ބަޔަކު ޑިއުޓީއަށް ނުނިކުމެ ސަލާމް ބުނަމުން އަންނަ ކަމަށް ވެސް ސީއެންއެމްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސީއެންއެމްއަށް މައުލޫމާތުދިން އެއާ ޓްރެފިކް ކޮންޓްރޯލަކު ބުނީ ކޮންޓްރޯލް ޓަވަރުގެ ޑިއުޓީގައި 11 ޓްރެފިކް ކޮންޓްރޯލަރަކު މަސައްކަތް ކުރަން ޖެހޭއިރު، މަސައްކަތަށް ނިކުންނަނީ ދެތިން ސްޓާފުން ކަމަށެވެ. އަދި އޭވިއޭޝަންގެ އުސޫލުތައް ބުނާ ގޮތުން އެއާޓްރެފިކް ކޮންޓްރޯލަރުންނަކީ ދެ ގަޑިއިރު މަސައްކަތް ކުރުމަށް ފަހު، ދެ ގަޑިއިރަށް ރެސްޓް ކުރަން ޖެހޭ ބަޔަކަށް ވާއިރު ސްޓާފުން މަދުވުމުން މަސައްކަތް ކުރަމުން އަންނަނީ ރެސްޓަކާއި ވެސް ނުލައި ކަމަށެވެ.

"ކާއެއްޗެހިވެސް ޓަވަރަށް ގެނެސްގެން ކަނީ، މިނިމަމް ސްޓާފުން މަސައްކަތް ކުރާތީ ރެސްޓެއްވެސް ނުލިބޭ. އެޕްރޯޗް އޭރިއާއަށް، 21 މޭލަށް ފްލައިޓްތައް ކައިރިވީމަވެސް ބިޒީވެގެން ބައެއްފަހަރު ޖަވާބު ނުދެވި ފަސްވަރަކަށް މިނެޓް އެބަދޭ. މުޅި ސަރަހައްދު ކޮންޖަކްޓް ވެފަ އޮންނަނީ. ތިބޭފުޅުން ޕައިލެޓެއް ކައިރީ އެއްސެވީމަ އެނގޭނެ ޓަވަރުގެ ހާލަތު،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސީއެންއެމްއަށް މައުލޫމާތު ދިން އެއާ ޓްރެފިކް ކޮންޓްރޯލަރު ބުންޏެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ރޭގެ 20:00 ގެ ޑިއުޓީން ފެށިގެން އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިންގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް  މައުލޫމާތު ދިން ގްރައުންޑް ހޭންޑްލިންގެ މުވައްޒަފަކު ބުނީ ޝިފްޓެއްގައި 16 މުވައްޒަފަކު ކުރަން ޖެހޭއިރު، އިހުތިޖާޖުގައި ބައިވެރިވުމުގެ ގޮތުން ގިނަ މުވައްޒަފުން ސަލާމް ބުނެފައިވާ ކަމަށެވެ. އެގޮތުން މަސައްކަތަށް ނިކުމެފައިވަނީ ހަތަރު ސްޓާފަކު ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަކީ ފްލައިޓް ޖެއްސީމަ ފްލައިޓް ކައިރީގަ މަސައްކަތް ކުރާ މީހުން. މުދާ ބޭލުމާ، ސިޑި ޖެއްސުމާ ކަންކަމުގައި. މިއީވެސް ހާއްސަ ޓްރެއިނިން ތަކެއް ހަދައިގެން ކުރެވޭ ކަމެއް. މިހާރު މަސައްކަތް ކުރަމުން އެދަނީ އާންމުކޮށް މަސައްކަތަށް ނުނިކުންނަ ސީނިއާ ބޭފުޅުންވެސް މަސައްކަތަށް ނިކުމެގެން. އަދި ރަނގަޅަށް ސެޓިފައިޑް ނޫން މީހުންވެސް ހަރަކާތްތެރިވާ ކަހަލަ ވާހަކައެއްވެސް ދެކެވޭ،" ސީއެންއެމްއަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.

އޭނާ ބުނީ އިހުތިޖާޖު ކުރަނީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން އެއާޕޯޓްގެ ހިންގުން ނެގި ފަހުން މިހާތަނަށް ބޯނަސް ދީފައި ނުވާތީއާއި ކޮންމެ އަހަރަކުވެސް ހަދަންޖެހޭ މުވައްޒަފުންގެ ޕާފޯމެންސް ރިޕޯޓް ހަދާފައި ނުވާތީ ކަމަށެވެ. އަދި އެމްއޭސީއެލްގެ ހިއްސާ އާންމު ފަރާތްތަކަށް ވިއްކާއިރު އެކަމުގައިވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި މުވައްޒަފުންގެ އިހުތިޖާޖާއި އެކު ބައެއް ފްލައިޓްތައް އަންނަނީ ޑިލޭ ވަމުންނެވެ. އެގޮތުން ރޭ ސިންގަޕޯ އެއާލައިންގެ ފްލައިޓަކާއި ޓާކިޝް އެއާލައިންގެ ފްލައިޓެއް ވަނީ ގާތްގަނޑަކަށް ދެގަޑިއެއްހާއިރަށް ޑިލޭ ވެފައެވެ. މިއަދު ކައްދުއަށް ޝެޑިއުލްކޮށްފައިވާ ހުރިހާ ފްލައިޓްތަކެއްވެސް 2 ގަޑި އިރު ނުވަތަ 3 ގަޑިއިރަށް ޑިލޭވަމުން އަންނަކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން  އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބައެއް މުވައްޒަފުން ސަލާމް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ އިހުތިޖާޖު ކުރުމުގެ ގޮތުން ބުނެފައިވާ ސަލާމެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި ބައެއް މުވައްޒަފުން ސަލާމް ބުނި ނަމަވެސް އެއާޕޯޓްގެ އެއްވެސް އޮޕަރޭޝަންސް އަކަށް ބުރޫ ނާރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް