ފަހުގެ ޚަބަރު


އިތުރަށް...

ސީމެގް އެޖެންޑާގައި ރާއްޖެ އަނެއްކާވެސް ހިމަނައިފި

ލިޔުނީ: Unknown - Thursday, November 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ދެވަނަ ފަހަރަށް ހިމަނައިފިއެވެ.

މިއަދު ސްރީ ލަންކާގެ ކޮލަމްބޯގައި ބޭއްވި ސީމެގް ބައްދަލުވުމުގައި ނިންމާފައިވަނީ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުނު ބާއްވައި އާ ރައީސްއަކު އިންތިހާބުވެ، މަގާމާއި ހަވާލުވުމާއި ހަމައަށް ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތު ސީމެގް އިން ކައިރިން ބަލަމުން ގެންދިއުމަށްވެސް މިއަދު ވަނީ ނިންމާފައެވެ.

ސީމެގުންގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ސަލާމަތީ ބާރުތަކާއި ރިޔާސީ ކެންޑިޑޭޓުންގެ ފުރިހަމަ އެއްބާރުލުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ދިނުމަށްވެސް ގޮވާލާފައެވެ. އަދި އިލެކްޝަން ކޮމިޝަނަށް ހުރިހާ ފަރާތްތަކަކުން އެއްބާރުލުންދީ، ރައްޔިތުންނަށް ލިބިފައިވާ ވޯޓް ލައިގެން ވެރިއަކު އިންތިހާބު ހައްގު ހޯދައި ދިނުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރުމަށްވެސް ސީމެގުން ވަނީ ގޮވާލާފައެވެ.

ދެވަނަ ބުރު ޝެޑިއުލް ކުރެވިފައިވާ ގޮތަށް މިނިވަން އިންސާފުވެރި ކަމާއި އެކު އިތުރު ލަސްވުމަކާއި ނުލާ ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ސީމެގުން ވަނީ ބުނެފައެވެ. އަދި އިންތިހާބުވާ ރައީސްއަކު ވީހާވެސް އަވަހަށް ހުވާކޮށް މަގާމާ ހަވާލުވާން ޖެހޭ ކަމަށްވެސް ސީމެގުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ސީރިއަސް މައްސަލަތަކެއްގައި ވާކަމަށާއި ނަމަވެސް މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ގޮސްފައިވަނީ މިނިވަން އިންސާފުވެރިކަމާއި ހަމަހަމަ ކަމާއި އެކުގައި ކަމަށްވެސް ސީމެގުން ވަނީ ބުނެފައެވެ.

ސީމެގުން އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީގައި ބުނާ ތާރީހަށް އާ ރައީސްއަކު އިންތިހާބު ނުކުރެވުނީ ސްޕްރީމް ކޯޓުން ފުރަތަމަ ބޭއްވި އިންތިހާބު ބާތިލްކޮށް، އިންތިހާބު ތަކުރާރުކޮށް ލަސްކުރުމުން ކަމަށެވެ. އަދި އާ ރައީސްއަކު އިންތިހާބު ނުކުރެނީސް ރިޔާސީ ދައުރު ހަމަވެފައިވާ މައްސަލާގައި ސީމެގްގެ ޖަލްސާގައި ބައިވެރިވެ ލެއްވި މިނިސްޓަރުން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ސީމެގްގެ ނިންމުމާއި ގުޅޭ މައުލޫމާތު އަންނަ ހުކުރު ދުވަހު ލަންކާގައި އޮންނަ ކޮމަންވެލްތް ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމަށް ސީމެގްގެ ޗެއާމަން ދެއްވާނެ ކަމަށްވެސް މިއަދި ބޭއްވި ޖަލްސާއަށް ފަހު ސީމެގުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް