ފަހުގެ ޚަބަރު


އިތުރަށް...

ޔާމީން ރައީސްކަމުގެ ހުވާކުރައްވައިފި

ލިޔުނީ: Unknown - Sunday, November 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ޔާމީން އަބްދުލް ޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު 1 ޖެހިއިރު ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މި ރަސްމިއްޔާތު ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އަދި މިރަސްމިއްޔާތުގައި ހުވާލާދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިނެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ދެރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި، މައުމޫން ޢަބްދުލް ޤައްޔޫމްވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ފުޅާ ކޯލިޝަނަކުން ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންނެވި ޔާމީން ޢަބްދުލް ޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވުމާއެކު 7 ބަޑީގެ ސަލާމެއް އެމްއެންޑީއެފުން އަރުވާފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިރަސްމިއްޔާތަކީ ކުރީގެ ދެރައީސަކު ތިއްބަވައިގެން ކުރެވޭ މަޖިލީހުގެ ތާރީޚީ ޖަލްސާއެއް ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވިއެވެ.

އަދި މިއަދު ހުވާކުރެއްވި ޔާމީން އަބްދުލް ޤައްޔޫމަކީ 21 އަހަރާއި 8 މަހާއި 22 ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށާއި، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިރަސްމިއްޔާތުގައި ޑރ.މުހައްމަދު ޖަމީދު އަޙްމަދުވަނީ ނާއިބް ރައީސްކަމުގެ ހުވާކުރައްވާފައެވެ.

މިރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން އަބްދުލް ޤައްޔޫމްވަނީ ޕީޕީއެމާއެކު ކޯލިޝަން ހެދި ހުރިހާ ޕާޓީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭ އިގްތިސާދީ ގޮތުން މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށާއި ދައުލަތުގެ ބަޖެޓުގެ ޚަރަދުކުޑަކުރެއްވުމަށް އަވަސް މަސައްކަތްޕުޅުތަކެއް ފައްޓަވާނެކަމުގައި ޔާމީން ވިދާޅުވިއެވެ.

އިއްތިހާދުވެފައިވާ ޕާޓީތަކާއި މަޝްވަރާކުރެއްވުމަށްފަހު ސަރުކާރުގެ މަޤާމުތަކަށް ގާބިލް ބޭފުޅުން އައްޔަން ކުރައްވާނެކަމަށް ޔާމީން މިއަދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން އިންތިޚާބު ކާމިޔާބުކުރެއްވީ 51.39 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 48.61 އިންސައްތައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް