ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޤާސިމްގެ ކިބައިން މަޢާފަށް އެދިވަޑައިގެންފި

ލިޔުނީ: ޢަލީ ޔާސިރު - Monday, November 11, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބަންދުކުރެވުނު މައްސަލާގައި ހިތާމަކުރައްވާ ކަމަށް ވިދާޅުވެ އޭނާގެ ކިބައިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ މާފަށް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުދީގެން ނަޝީދުގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމްގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނު ވެސް ބަންދުކޮށްގެން ގެންގުޅުނެވެ.

ގާސިމް ބަންދުކުރި މައްސަލާގައި ނަޝީދު މިރޭ މާފަށް އެދިވަޑައިގެންނެވި ނަމަވެސް ޔާމީންގެ ކިބައިން އެމަނިކުފާނު މާފަށް އެދިވަޑައިނުގަންނަވަ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ތިން އަހަރުގެ ސަރުކާރުގެ ތެރޭގައި ގާސިމް ބަންދުކުރަން ޖެހުމަކީ މިހާރު ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ގާސިމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި ހުރެ މީހަކު ހައްޔަރުކުރުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔ ާއަކު ކުރާ ކަމެއް ނޫން ކަމަށް. ދެން އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ހިނގައިދިޔައީ. އަޅުގަނޑު އެކަމާ ނިހާޔަތަށް ގާސިމް ކިބައިން މާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމްގެ ތާއީދު ލިބުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ގާސިމާއި އެ ޕާޓީގެ މެމްބަރުންނާ ވާހަކަ ދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުލުމުގައި އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކޮށްދެއްވުމަށް ވެސް ނަޝީދު މިރޭގެ ޕްރޮގްރާމްގައި އެދިވަޑައިގަތެވެ.

ގާސިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހީމަށް ވެސް ނަޝީދު ވަނީ މިރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގާސިމާއި އިލްޔާސް އަކީ އެމްޑީޕީން ރައްޔިތުންނަށް ހުށަހަޅާފައިވާ ތަރައްގީގެ ސިޔާސަތުތައް ކުރިއަށް ގެންދަން މުހިއްމު ދެ ބޭފުޅުންނެވެ. އެހެންވެ އެ ބޭފުޅުން ވެސް އަދި އެމްޑީޕީ އަށް ތާއީދުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދިގެން މި ހުންނަނީ އަޅުގަނޑުމެންނަށް އިލްޔާސް އިބްރާހީމްގެ ތާއީދު ވެސް ގާސިމްގެ ތާއީދު ވެސް ލިބޭނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާސިމް އެމްޑީޕީ އަށް ތާއީދުކުރައްވާނެ ކަމަށާއި އެކަމަކު އެކަން ހާމަކުރައްވަން ގާސިމް މިވަގުތު ބޭނުން ނުވާ ކަމަށެވެ. ތަރައްގީގެ މަސައްކަތްތައް ހިންގޭނީ ގާސިމާ އެކުގައި ކަން އޭނާ އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި ގާސިމްގެ ވިޔަފާރި އަށް ގެއްލުމެއް ނުލިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ނަޝީދު މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މައުމޫންގެ ސަރުކާރުގައި ގާސިމް ހިފައި ހައްޔަރުކޮށްފައި އޭނާގެ މުދާ ނަގައި އެމްޓީސީސީ އަށް ބަދަލުކުރުމަށް މަސައްކަތްކުރި އެވެ. އެ ފަހަރު ގާސިމަށް ޖަލުގައި ކުރި އަނިޔާ އޭނާ އާއި މެމްބަރުން ހަނދާން ނުނެތޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ދަށްވި ނަމަވެސް އެމްޑީޕީ އަށް ލިބުނު ވޯޓުގެ ފަސެންޓޭޖް ދަށަށް ނުދާ ކަމަށެވެ. އެގޮތުން މި ފަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ހދ. އަތޮޅުން ކަމަށާއި އެ އަތޮޅުން ހަތް ޕަސެންޓްގެ ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މާލެ އާއި އައްޑޫގެ އިތުރުން ބޮޑެތި އާބާދީތަކުން ވެސް އެމްޑީޕީ އަށް ލިބުނު ވޯޓުގެ އަދަދު މި އިންތިހާބުގައި އިތުރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް