ފަހުގެ ޚަބަރު


އިތުރަށް...

މިމަހުގެ ހަވަނަ ދުވަހު ހެނދުނު ތިން ރިޔާސީ ކެންޑިޑޭޓުންނާއި ރައީސް ބައްދަލުކުރައްވަނީ

ލިޔުނީ: ޢަލީ ޔާސިރު - Monday, November 4, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މިމަހުގެ 6 ވާ ބުދަދުވަހު ހެނދުނު 11:30 ގައި މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ތިން ކެންޑިޑޭޓުންނާއި ރައީސް ވަހީދު ޙަސަންމަނިކް ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް ވަހީދާއި އެކުގައި ބައްދަލުވުމަކަށް އަރާވަޑައިގަތުމަށް ތިން ކެންޑިޑޭޓުންވެސް ވަނީ އެއްބަސްވެލައްވާފަ އެވެ.

މިބަދައްލުވުމަކީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ރައީސް މުހައްމަދު ވަހީދު އިއްޔެ ދެއްވި ދައުވަތަކާއި ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުމެކެވެ. 

ރައީސް އޮފީހުން ރޭ ބުނެފައިވަނީ އެމްޑީޕީގެ މުހައްމަދު ނަޝީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް އާ ރައީސް ބައްދަލު ކުރައްވަނީ މިނިވަން އިންސާފުވެރި، ސުލްހަވެރި އިންތިޚާބަކަށް ހެދުމަށް ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވައި، ހުރިހާ ކެންޑިޑޭޓުންނަށް ވެސް ރައީސް ވަހީދު ސިޓީފުޅެއް ފޮނުއްވީ އިއްޔެ އެވެ.. 

އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް ނަޝީދުގެ އިންތިޚާބީ އެޖެންޓް ހަސަން ލަތީފު ވިދާޅުވީ އެ ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ ރައީސް ވަހީދު ކުރައްވާ ވަރަށް "ގޮތް ކުޑަ" އަމަލެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެންމެ ފަހުން އިންތިޚާބު ބާއްވަން އޮތް ދުވަހު އިންތިޚާބު ހުއްޓުވީ ސީދާ ވަހީދު. ދެން މިހާރު މި މަސައްކަތްކުރަނީ ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުގެ ލޮލުގައި އަނދުން އަޅުވަން، މިކަމުގައި ވަހީދުގެ އިހުލާސްތެރިކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ. 

ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީންގެ އިންތިޚާބީ އެޖެންޓް އަބްދުﷲ އަމީން ވިދާޅުވީ ބުދަ ދުވަހު ހެނދުނު 11:30 ގައި ރައީސް އޮފީހުގައި ބާއްވާ ބައްދަލުވުމުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ ބައްދަލުވުމަކީ ރައީސް ވަހީދުގެ ވަރަށް މުހިއްމު އިސް ނެންގެވުމެއް ކަމަށާއި އެއީ މިހާލަތަށް ބަލާއިރު ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ބައްދަލުވުމުގެ ނަތީޖާއަކަށް ވާނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާ ކަމެއް ކުރަން ކެންޑިޑޭޓުން އެއްބަސްވުން ކަމަށް އަޅުގަނޑުމެން ދެކެނީ. އަދި ނޮވެމްބަރު 11 އަށް ފަހު ކުރިމަތިވެދާނެ މައްސަލަތަކެއްގެ ތެރޭގައި ގާނޫނާ ހިލާފު ކަންތައްތައް ކުރުމަށް ފުރުސަތު ނުދިނުން. މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް [މަޖިލީހުގެ ރައީސާ ބާރުތައް ހަވާލުކުރުން] އަމަލުނުކުރުން ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ. 

ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލް ވިދާޅުވީ ރައީސް ވަހީދުގެ ދައުވަތު ގާސިމް ގަބޫލުކުރައްވާ ކަމަށެވެ. އެ ދައުވަތަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި ގައުމުގެ ކަންކަމާ މެދު މަޝްވަރާކުރުމަށް ލިބޭ މުހިއްމު ފުރުސަތެއްގެ ގޮތުގައި ގާސިިމް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ގައުމުގެ ސުލްހަމަސަލަސްކަމާއި ގައުމާ މެދު ވާހަކަދައްކަން ލިބޭ ކޮންމެ ދައުވަތެއް ގާސީމް ވަނީ މިހާތަނަށް ވެސް ވަނީ ގަބޫލުކުރައްވައިފަ. އަދި ހާއްސަކޮށް އިންތިޚާބާ ގުޅޭ ކަންކަމުގައި ވާހަކަދައްކަވަން ގާސިމް އަބަދު ވެސް ހުންނެވީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. 

ރައީސް ވަހީދުގެ ދައުވަތު ހުރިހާ ކެންޑިޑޭޓުން ގަބޫލުކުރައްވާފައިވާ އިރު މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ އިންތިޚާބާ ގުޅޭ ކަންކަމުގައި ބައެއް ކެންޑިޑޭޓުންނާ ވަކިވަކިން ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ވެސް އެކި ފަހަރު މަތިން އެމަނިކުފާނު ބައްދަލުކުރައްވާފައިވެ އެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް