ފަހުގެ ޚަބަރު


އިތުރަށް...

ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިގެން އުޅެނިކޮށް ބަލިމީހާ މަރުވެއްޖެ

ލިޔުނީ: Unknown - Monday, November 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ތ. އަތޮޅު ގުރައިދޫ ހޮސްޕިޓަލުގައި އޮތް ބަލި މީހަކު ގޮވައިގެން އިތުރު ފަރުވާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިގެން އުޅެނިކޮށް ބަލިމީހާ މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ތ. ގުރައިދޫ އައިމިނަތު އަހުމަދު 73، އެވެ. އޭނާއަކީ ހިތުގެ ބަލި މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ރޭ ދަންވަރު ބަލިމީހާ ގޮވައިގެން ދަތުރުކުރި ލޯންޗް ފަރަށް އަރާފައިވަނީ ލ. އަތޮޅަށް ވަނުމުގެ ތެރޭގައި އެ އަތޮޅު ވަޑިނޮޅު ފަރަށެވެ. އާމިނަތު މަރުވީ ލޯންޗު ފުން ކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

ފުލުސް މީޑިޔާ އޮފިޝަލަކު ވިދާޅުވީ ރޭ އެ ހާދިސާ ހިނގާފައިވަނީ ދަންވަރު 12:30 އެހާކަންހާއިރު ކަމަށާއި، ބަލިމީހާ ގޮވައިގެން ދަތުރުކުރި ލޯންޗް ވަޑިނޮޅު ފަރަށް އަރުމުގެ ސަބަބުން ލޯންޗްގެ ބުރަފަތި ހަލާކުވެފައިވާ ކަމަށާއި ފަރަށް އަރައިގެން އުޅެނިކޮށް މަރުވި މީހާ އާއި ލޯންޗުގައި ތިބި އެހެން މީހުން ވެސް އެހެން ލޯންޗެއްގައި ރޭ ގަމަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެ ހާދިސާ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ފަޒްލާ ޔޫނުސް ވިދާޅުވީ ގުރައިދޫން ބަލިމީހަކު ރޭ އެ ހޮސްޕިޓަލަށް ގެނައުމުގެ ތެރޭގައި ލޯންޗަށް މައްސަލައެއް ދިމާވެގެން އުޅެނިކޮށް ބަލިމީހާ މަރުވެފައިވާ ކަމަށާއި މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ މެންދަމު 2:30 އެހާކަންހާއިރު ކަމަށެވެ. އެ މީހާ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ ފަޒްލާ ވިދާޅުވީ ހޮސްޕިޓަލަށް ބަލިމީހާ ގެނައިރުވެސް މަރުވެފައިވާ ކަމަށާއި މަރުވީ ނޭވާލާން އުނދަގޫވެ ހިތް ހުއްޓިގެންކަމަށް ބެލެވޭ ކަމަށެވެ.

"އެ ބަލިމީހާއަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށްވޭ. މި ހޮސްޕިޓަލަށް ބަދަލު ކުރަން ގެނައީވެސް ނޭވާލާން އުނދަގޫވާތީ. ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވަނީ. މިކޮޅުން ބެއްލެވި ޑޮކްޓަރު ވިދާޅުވީ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެނޭ،" ފަޒްލާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް