ފަހުގެ ޚަބަރު


އިތުރަށް...

ވޯޓާސް ލިސްޓުގައި ތިން ކެންޑިޑޭޓުންގެ ފަރާތުން ވެސް ސޮއިކުރަން ފަށައިފި

ލިޔުނީ: Unknown - Wednesday, November 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި އެމްޑީޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ވެސް މިއަދު ސޮއިކުރަން ފަށައިފި އެވެ.

އެމްޑީޕީ ފިޔަވައި އަނެއް ދެ ކެންޑިޑޭޓުންގެ ފަރާތްޕުޅުން ސޮއިކުރަން ފެށީ ނޮވެމްބަރު 11 ގެ ކުރިން ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ދެން ހަދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ރައީސް މުހައްމަދު ވަހީދާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. އެ ބައްދަލުވުމުގެ ކުރިން ވެސް ލިސްޓުގައި ސޮއިކުރުމަށް ނިންމައި އެމްޑީޕީން ވަނީ އެކަން އިލެކްޝަންސަށް އަންގައިފަ އެވެ.

ތިން ޕާޓީން ވެސް ބުނިގޮތުގައި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް މަސްދަރަކަށް ބަލައިގެން އެކުލަވާލި ލިސްޓުގައި ސޮއިކުރަނީ ހޮނިހިރުދުވަހު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ނޮވެމްބަރު 11 ގެ ކުރިން އިންތިޚާބުގެ ދެ ވަނަ ބުރު ބާއްވައި އާ ރައީސަކު އިންތިހާބު ކުރަން ބޭނުންވާ ކަމަށް ތިން ޕާޓީން ވެސް ވަނީ ބުނެފަ އެވެ.

އިންތިހާބުގައި ބަހައްޓާ 475 ފޮށީގެ ވޯޓާސް ލިސްޓުގައި އެމްޑީޕީން ސޮއިކުރައްވަން ފެއްޓެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ލިސްޓުގައި ސޮއިކުރައްވަން ފެއްޓެވުމަށް ފަހު އިލެކްޝަންސް ކޮމިޝަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ހޮނިހިރުދުވަހު އިންތިޚާބު އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެއީ އިންތިޚާބު ބާއްވަން ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވެސް ބޭނުންވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިލެކްޝަންސް އިން ފޮނުވި ވޯޓާސް ލިސްޓުގެ ސޮފްޓް ކޮޕީ ޗެކްކޮށް، އެ ލިސްޓުގައި 0.4 ޕަސެންޓް މައްސަލަ ހުރި ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް އެއީ ނިސްބަތުން މަދު މައްސަލަތަކެއް ކަމަށާއި އެ މައްސަލަތައް ދައްކައި ލިސްޓުގައި ސޮއިނުކޮށް އިންތިޚާބު ފަސްކުރަން ބޭނުން ނުވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓުގައި ޖުމްހޫރީ ޕާޓީން ސޮއިކުރާނެކަން، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ކުރިން އިލެކްޝަނަށް އެ ޕާޓީން ވަނީ އަންގައިފަ އެވެ. އެ ޕާޓީން ސޮއިކުރަނީ ލިސްޓު ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ނޫން ކަމަށާއި އިންތިޚާބު ބާއްވަން އެއްބާރުލުން ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރޭގެ ވަގުތެއްގައި އިލެކްޝަނަށް ސިޓީ ފޮނުވާފައިވާނެ އަޅުގަނޑުމެންގެ ފަރާތުން ސޮއިކުރާނެ މީހުންގެ ނަންތައް. ލިސްޓުގައި ސޮއިކުރަނީ އިންތިޚާބު ބާއްވަން އަޅުގަނޑުމެންގެ ފަރާތުން ކުރެވެން އޮތް ކަމެއް ކުރަމުން މިދަނީ،" ޝާހު ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގައި ތިން ޕާޓީން ވެސް ސޮއިކުރަމުން އަންނަނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންނަށް ފޮނުވި ލިސްޓުގެ ސޮފްޓު ކޮޕީ އަށް ބަލައިގެންނެވެ.

ޕީޕީއެމްގެ ފަރާތުން ލިސްޓުތަކުގައި ސޮއިކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ އެޖެންޓް އަބްދުﷲ އަމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ދަށުން ވޯޓާސް ލިސްޓުތަކުގައި ސޮއިކުރަމުން ގެންދަވާނެ ކަމަށެވެ. އަދި ލިސްޓުތަކުގައި ސޮއިކުރައްވާ އިރު ވެސް ވީ އެންމެ ރަނގަޅަކަށް އެ ލިސްޓުތައް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިސްޓުތަކުގެ ސައްހަކަން ބެލުމަށް ގިނަ ގޮންޖެހުންތަކެއް އަދިވެސް ހުރިކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނާ ވާހަކަދައްކައިގެން ހައްލުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގައި އެ ކޮމިޝަނުން ސިޔާސީ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ކަންތައްތައް އަދިވެސް ކުރިއަށް ދަނީ ސުވާލު އުފެދޭ ގޮތަށް. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ މަސްލަހަތުގައި އަޅުގަނޑުމެން ބޭނުން އިންތިޚާބު ބާއްވަން. މި އިންތިޚާބުން ރަނގަޅު ނަތީޖާއެއް، މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު އަޅުގަނޑުމެން ޝައްކެތް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ލިސްޓުތަކުގައި ސޮއިކުރަން ޕީޕީއެމުން ނިންމީ ރައްޔިތުންގެ މަސްލަހަތަށް ބަލާފަ އެވެ. އެގޮތުން ހޮނިހިރުދުވަހު އިންތިޚާބު ބޭއްވުމަށް ޕީޕީއެމުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ތިން ކެންޑިޑޭޓުންގެ ފަރާތުން ވެސް ސޮއިކުރަން ފަށާފައިވާއިރު، ލިސްޓު ޕްރިންޓްކުރަން މިހާތަނަށް އެއްވެސް ޕާޓީއަކުން ލިސްޓަށް އެދި ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

ކެންޑިޑޭޓުންނަށް ލިސްޓު ޕްރިންޓްކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ 79،000ރ. އަށެވެ.

މަސްދަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް