ފަހުގެ ޚަބަރު


އިތުރަށް...

ލިޔުނީ: Unknown
ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ޕެކެތްތަކަކާ އެކު 4 މީހަކު ލ.ގަން ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނޮގޮސްފިއެވެ.

މި ދެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޢުމުރުން 22 އަހަރުގެ ތިން ފިރިހެނަކާއި އަދި ޢުމުރުން 19 އަހަރުގެ ފިރިހެނެކެވެ.

މި މީހުންގެ ތެރެއިން ޢުމުރުން 19 އަހަރުގެ ފިރިހެން މިހާއާއި 22 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. މާމެންދޫ އަށް ބަޔަކު މީހުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2014 ޖެނުއަރީ 31 ވަނަދުވަހުގެ 17:35 ހާއިރު ލ.މާމެންދޫ ބަނދަރަށް އެމީހުން ދިޔަ ދޯނި ލެފިތަނުންނެވެ.

މި ދޯނި ލެފުމާއެކު އެ ދޯންޏަށް ފުލުހުން އަރައި ބަލައި ފާސްކުރިއިރު ދޯނީގެ ވީލް ހައުސް ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ބުލެޓް ސައިޒުގެ 13 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. މީގެއިތުރުން މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޢުމުރުން 19 އަހަރުގެ މީހާގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓުކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް  ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޢުމުރުން 22 އަހަރުގެ އަނެއް ދެމީހުން ގެންގޮސްފައިވަނީ ލ. ގަން ޕޮލިސް ސްޓޭޝަނުން ލ. ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި 2 ފުޅި ހިފައިގެން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް 2014 ޖެނުއަރީ 30 ވަނަދުވަހުގެ 15:30 ހާއިރު ލ.ގަން މަތިމަރަދޫ އަވަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދެމީހުން ސައިކަލުގައި މަތިމަރަދޫ އަވަށުން ދުއްވާފައި ދަނިކޮށް ފުލުހުން މަޑުކުރުމަށް އެންގުމުންވެސް މަޑުނުކޮށް ފިލަން މަސައްކަތްކޮށް މަޑުކުރަން އެންގި ފުލުހުންގެ ގައިގާ ސައިކަލުން ޖައްސާ ސައިކަލް ދުއްވަން އިން މީހާ ވަނީ އެވަގުތު ފިލާފައެވެ. ނަމަވެސް ފަހަތުގައި އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު އޭނާ އަތުން ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅިވަނީ ފެނިފައެވެ.

އަދި މި މައްސަލާގައި ފުލުހުން މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލި މީހާ ކޯޓު އަމުރެއްގެ ދަށުން 2014 ޖެނުއަރީ 31 ވަނަދުވަހުގެ ވަގުތެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ  ބެލުމުގެ ދަށަށް ގެނައި ދެމީހުންވެސް އެވަގުތު ތިބީ މަސްތުގެ ޙާލުގައި ކަމަަށާއި ދެމީހުންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓުކުރިިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ސައިކަލުން ޖެއްސުމުގެ ސަބަބުން ދެފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން އެއް ފުލުހެއްގެ ކަނާއަތު ފައިގެން ކަށިމަތި ފަޅައިގެންގޮސް ދުޅަވެފައިވާކަމަށާއި އަނެއް ފުލުސްމީހާގެ ކަނާއަތު ފަލަމަސްގަނޑު ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.

މި ދެމައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

މި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 4 މީހުންނަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ރެެކޯޑް މޯލްޑިވްސް ޕޮލިސް ސަރވިސް ގައި އޮންނަ 4 މީހުންނެވެ.
ލިޔުނީ: Unknown
އެމްއެންޑީއެފުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕް ކާމިޔާބުކަމާއެކު މިމަހުގެ 2 ވަނަ ދުވަހު ނިންމާލައިފިއެވެ.

އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން، ކުރިއަށް ގެންދިޔަ މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، އަދި އެމްއެންޑީއެފް ސަދަން އޭރިއާގައެވެ. މިމަހު 27 ން ފެބްރުއަރީ 2 އަށް ކުރިއަށް ގެންދިޔަ މިކޭމްޕްގައި ރައްޔިތުންގެ ތެރެއިން ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުންނަށް ނުދެއްކި ތިބި  1830 ބަލި މީހަކަށް މި ކޭމްޕްގެ ޑޮކްޓަރުންވަނީ ބަލާ ފަރުވާދީފައެވެ.

މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ރަށްތަކުގެ ތެރެއިން ބ.އޭދަފުށި، ރ.ހުޅުދުއްފާރު، ނ.މިލަދޫ، ނ.މަނަދޫގެ އިތުރުން ޅ.ހިންނަވަރާއި ޅ.ނައިފަރުގައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ތ.ތިމަރަފުށި، ތ.ހިރިލަންދޫ، ތ.ވޭމަންޑޫ، ތ.ގުރައިދޫ، ލ.ފޮނަދޫ، އަދި ލ. ގަމުގައެވެ. އަދި އެމްއެންޑީއެފް ސަދަން އެރިއާގައި މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ގއ.ވިލިނގިލި، އަދި ގދ، ތިނަދޫގައެވެ.

މިކޭމްޕްގައި އެމްއެންޑީއެފް ނޮދަން އޭރިއާގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމުން  ހަމުގެ ބަލިތަކުގެ  498 ބަލިމީހަކާއި ސާޖަރީގެ ބަލިތަކުގެ 193 މީހަކާއި ކުޑަކުދިންގެ ބަލިތަކުގެ 292 ބަލިމީހަކު ބައްލަވާފައިވާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމުން ވަނީ އަންހެނުންގެ ބަލިތަކުގެ 232 ބަލިމީހަކާއި ކަރުންމަތީގެ ބަލިތަކުގެ 372 ބަލިމީހަކަށް ފަރުވާދީފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހަރަކާތްތެރިވި ޓީމުން ލޮލުގެ ބަލިތަކުގެ 161 މީހަކަށް ފަރުވާދީފައިވާއިރު ދަތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ވަނީ 82 މީހަކަށް ފަރުވާދީފައެވެ.

މިކޭމްޕަކީ އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން، ޚާއްޞަ ޑޮކްޓަރުންގެ ޓީމެއްގެ އިރުޝާދުގެ ދަށުން ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށާއި ކުއްލި ހާލަތުގައި ފޯރުކޮށްދޭންޖެހޭ މެޑިކަލް އިވެކުއޭޝަންތައް މަދުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ކޭމްޕެކެވެ.
މިކޭމްޕުގައި އިންޑިއާގެ ސްޕެޝަލިސްޓުންގެ ޓީމްގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކަށް ކަނޑައަޅާފައިވާ ފޯސް ހެލްތް އޮފިސަރުންނާއި މެޑިކަލް ސާރވިސްގައި މަސައްކަތްކުރާ ޕެރަމެޑިކުން ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފުން އޭރިއާތަކުގައި ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕުގައި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލުތަކުންވަނީ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާފައެވެ. މީގެ އިތުރުން އިންޑިއާގެ މެޑިކަލް ޓީމު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ކުރިދަތުރުތައް ހަމަޖައްސައިދީފައިވަނީ މޯލްޑިވިއަންގެ ދީލަތި އެހީތެރިކަމާއި އެކުގައެވެ.

މިމެޑިކަލް ކޭމްޕަކީ ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހު އެމްއެންޑީއެފުން ހާސިލްކުރަން ހަމަޖެހިފައިވާ ލަނޑުދަނޑިތައް އިޢުލާން ކުރުމަށްޓަކައި 25 ނޮވެމްބަރ 2013 ވަނަދުވަހުގެ ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފް އިން ޙާސިލް ކުރާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެފައިވާ އެއް ލަނަޑުދަނޑިއެވެ.
ލިޔުނީ: ޢަލީ ޔާސިރު
ނ. މާފަރުގައި ދިރިއުޅެމުން އައި ލ. ކުނަހަންދޫ އަންހެނެއްގެ ގައިގައި މީދަލެއް ދަތް އެޅިފަހުން، ނޭވާ އަށް އުނދަގޫވާތީ އެ ރަށު ސިއްހީ މަރުކަޒަށް ގޮސް ފަރުވާ ދެމުން ގެންދަނިކޮށް މަރުވެއްޖެ އެވެ.

މާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެން މީހާއަކީ ލ. ކުނަހަންދޫ ޒުނައިރާ އަބޫބަކުރު، 43، އެވެ.

ސަން އޮންލައިން އިން ބުނީ އެކަމެއް ދިމާވީ އިއްޔެ ކަމަށާއި އޭނާ މަރުވީ ނިދާފައި އޮއްވައި މީދަލެއް ދަތް އެޅިފަހުން ނޭވާ އަށް އުނގަދޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމަށެވެ.

އެ އަތޮޅު މަނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަމާލުވެ ހުންނެވި އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ރޭ ދަންވަރު މާފަރު ސިއްހީ މަރުކަޒުން ރިފާކޮށްގެން އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

"ޑޮކްޓަރު ބައްދަލަވާފައި ބުނީ މަރުވެފައޭ އޮތީ، ނަމަވެސް މަރުވީ މީދާ ދަތް އަޅައިގެން ކަމެއް އެނގޭނީ ޑޮކްޓަރު ރިޕޯޓް ލިބުމުން،" ރަޝީދު ވިދާޅުވި އެވެ.

މާފަރު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ޝަރީފް ވިދާޅުވީ އެ އަންހެން މީހާ އަކީ ނޭވާ ހިއްލާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ އަންހެނެއް ކަމަށެވެ. އަދި ހެލްތު ސެންޓަރު ހުޅުވީ އިމަޖެންސީ ހާލަތެއްގައި އެ އަންހެން މީހާ ދައްކަން އައުމުން ކަމަށާއި އަންހެން މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުނުވާ ކަމަށެވެ.

"އަންހެން މީހާ މަރުވީ ސީދާ މީދަލެއް ދަތްއަޅައިގެން ވިހަވެގެން ކަމެއް ދަންނަވަން ނޭނގެ. އޭނާގެ ފައިގައި މީދަލެއް ދަތްއެޅި ކަމަށް އެގޭ މީހުން ބުނީ. ރޭ އޭނާ ނިދާފައި އޮއްވައި ފައިގާ މީދާ ދަތް އެޅި ކަމަށް ވަނީ. ދެން ބޭހެއް އުނގުޅައިގެން ނިދަން އޮށޯތީ ކަމަށް ބުނަނީ. ކުޑަކޮށް މީދާ ދަތް ޖެހިފައި ހުރީ، މާބޮޑު އަނިޔާއެއް ވެސް ނެތް. ދެން އޭނާ އަށް ހޭލެވުނީ ނޭވާލާން އުނދުދަގޫވެގެން، ނޭވާ ހިއްލުން ހުންނަ މީހެއް އެއީ ވަރަށް ކުރިއްސުރެ. އެކަމަށް ބޭސް ވެސް ބޭނުން ކުރަމުން އޭނާ ގެންދިޔައީ"، ޝަރީފް ވިދާޅުވި އެވެ.

މާފަރު ފެހިވިލާގެ މީހަކާ މިވަގުތު އިނދެގެން އުޅޭ ޒުނޭރާ މަރުވިއިރު ދުނިޔޭގައި ހަތް ކުދިން ތިބެ އެވެ. އެއީ ފިރިހެން ދެ ކުދިންނާއި އަންހެން ފަސް ކުދިންނެވެ. އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 23 އަހަރެވެ. އަދި އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތަރު އަހަރެވެ.
މަސްދަރު: ސަން އޮންލައިން
ލިޔުނީ: Unknown
ޙުސައިން އިސްމާޢީލް އަދި ފައްޔާޒް އިސްމާޢީލް
އިއްޔެ (31 ޖެނުއަރީ 2014 ، ހުކުރު ދުވަހު) ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ ) ޕްރައިމަރީގެ ވޯޓުގެ ނަތީޖާއިން ލ. ގަން ދާއިރާއަށް ފައްޔާޒު އިސްމާޢީލް، ފޮނަދޫ ދާއިރާއަށް ހުސައިން އިސްމާޢީލް އިންތިޚާބުކޮށްފިއެވެ.

ލ. ގަމު ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޓިކެޓް ފައްޔާޒް އިސްމާޢީލް ކާމިޔާބުކުރެއްވީ 510 ވޯޓް ހޯއްދަވައިގެން ޝިހާބް އާއި ވާދަކޮށެވެ. ޝިހާބަށް ލިބިފައިވަނީ 168 ވޯޓެވެ.

ލ. ގަމު ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޓިކެޓް ޙުސައިން އިސްމާޢީލް ކާމިޔާބުކުރެއްވީ 225 ވޯޓް ހޯއްދަވައިގެން ރިޟްވާން ޙަލީމް އާއި ވާދަކޮށެވެ. ރިޟްވާނަށް ލިބިފައިވަނީ 113 ވޯޓެވެ. 
ލިޔުނީ: Unknown
މިއަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ބައެއް ދާއިރާތަކުގައި ޕްރައިމެރީ ނުބޭއްވުމުން އެޕާޓީގެ މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.

އެގޮތުން ލ.ކުނަހަންދޫގެ ޕީޕީއެމްއަށް ނިސްބަތްވާ އެރަށުގެ މެމްބަރުން އިއްޔެ ހަވީރު ނިކުމެ އަޑު އުފުލާފައިވަނީ ޕީޕީއެމް ކުނަހަންދޫ ގޮފިން ބޭނުންވަނީ ޕްރައިމަރީއެއް ބޭއްވުން ކަމަށާއި ކާމިޔާބުވާނީ ރައްޔިތުންގެ ރުހުން ލިބިގެން ކަމަށް ބުނެފައެވެ.

ޕީޕީއެމްއިން އެދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރުމަށް މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރަށް ޓިކެޓް ދިނުމަށް ޕީޕީއެމްއިން ނިންމުމާއި ގުޅިގެން އިއްޔެ އަޑު އުފުލި އެޕާޓީގެ މެމްބަރުން ބުނެފައިވަނީ ކުނަހަންދޫގައި ޕްރައިމެރީ ނުބާއްވައިފިނަމަ އެޕާޓީން ވަކިވާނެ ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓް ހޯދުމަށް އެދާއިރާއިން މިހާރު އެކި ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަމުންދާއިރު ތަބަކަކަށް ލާފައި ޓިކެޓް ވަކި މީހަކަށް ދިނަސް އިންތިޚާބުގައި ވޯޓެއް ނުދޭނެ ކަމަށާއި ޑިމޮކްރަސީއާއި އެއްގޮތަށް އަދި ޕާޓީ އަސާސީ ޤަވާއިދުގައި ބުނެފައިވާ ގޮތަށް ޕްރައިމެރީއެއް ބާއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ މާވަށު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރަށް އެދާއިރާގެ ރައްޔިތުންގެ ތާޢީދެއް ނެތް ކަމަށާއި ޕްރައިމަރީއެއް ނެތި ޕީޕީއެމް މެމްބަރުންގެ ވޯޓެއް ނުލިބޭނެ ކަމަށް ބުނެ އަޑު އުފުލާފައިވެއެވެ.

މަޖިލިސް އިންތިޚާބަށް ވާދަކުރުމުގެ ގޮތުން ކޯލިޝަން ތެރޭގައި ގޮނޑިތައް ބަހާލާފައިވާ ގޮތާއި ދެމެދު ހިތް ހަމަނުޖެހުންތައް ހުރި އިރު އަދާލަތުންވެސްވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަން ތެރެއިން ވާދަކުރުމަށް އެޕާޓީއަށް ގަބޫލުކުރެވޭ އަދަދަކަށް ވަކި ދާއިރާ ތަކެއްގެ ގޮނޑި ނުލިބޭ ގޮތަށް އެއްވެސް "ޑީލެއް" ހެދުމަށް އުދަގޫވާނެ ކަމަށް ބުނެފައެވެ. 
ޚަބަރު: ރާއްޖެ.އެމްވީ
ލިޔުނީ: Unknown
ލ. ކުނަހަންދޫ އިންޖީނުގޭގެ ހާލަތު ދުވަހެއް ދުވަހަށް ދަށަށް ގޮސް ކޮންމެ ދުވަހަކު 2 ގަޑި އިރަށް ކަރަންޓް ކަނޑާލަން ޖެހޭ މައްސަލައިގައި ފެނަކައަށް ހައްލު ނުހޯދޭތީ ރައީސް އޮފީހުގައި ދަންނަވައިގެންވެސް ހައްލެއް ނުލިބުނު ކަމަށް ކުނަހަންދޫ ކައުންސިލުން ބުނެފިއެވެ.

ކުނަހަންދޫ ކައުންސިލްގެ މެންބަރު ލިރުޤާމް ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭތީ އެ މައްސަލަ ހައްލު ކޮށްދިނުމަށް އެދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް އަށް އެތައްފަހަރެއްގެ މަތިން ދަންނަވަމުން އައިސް މިހާރު އޭނާ ފޯނުވެސް ނުނަންގަވާ ކަމަށެވެ.

ނިމާލް ފޯނު ނުނަންގަވާތީ އެސްއެމްއެސް ކޮށްގެންވެސް ޖަވާބެއް ލިބޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި، އެހެންނަމަވެސް ނިމާލްގެ ހަބަރެއް ނުވާ ކަމަށްވެސް ކައުންސިލަރ ވިދާޅުވިއެވެ.

ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ މިހާރުވެސް ފުޅިބައްތި ހޯދަން ޖެހޭ ހާލަތަށް އައިސްފައިވާ ކަމަށާއި ކުރިޔަށް އޮތް ތިންދުވަހުގެ ތެރޭގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ނުދެވިދާނެ ކަމަށް ކައުންސިލަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް އޮފީހުގައި ދެންނެވުމުން، ސަރުކާރުގެ ވާހަކަތައް ހުންނަ ގޮތުން ކުނަހަންދޫ ފަދަ ކުޑަ އަދި ފަގީރުން ދިރިއުޅޭ ރަށްރަށަށް ސަމާލުކަމެއް ދޭން ބޭނުން ނުވާކަމަށް ހާމަވާ ކަމަށް ލިރުގާމް ވިދާޅުވިއެވެ.

ފެނަކައިގެ ފަރާތުން ލ. އަތޮޅާއި ހަވާލުވެ ވަޑައިގެން ހުންނަވާ އަހުމަދު ފަހީމް އަށް ގުޅައިގެންވެސް މިކަމަށް ހައްލެއް ނުލިބުނު ކަމަށް ފާހަގަ ކުރައްވާ ލިރުގާމް ވިދާޅުވީ ކޮންމެ ފަހަރަކުވެސް ފަހީމް އިތުރުފުޅު ހައްދަވާ ޖަނަރޭޓަރ އޯވަރހޯލް ކިޓެއް ފޮނުވާ ކަމަށް ވިދާޅުވާ ކަމަށެވެ. އެހެންނަމަވެސް އަދި އަދަށްވެސް ފެނަކައިން އެ ފޮނުވާ ކިޓެއް ކުނަހަންދޫއަށް ނުލިބޭ ކަމަށާއި، ފެނަކަ ކޯފަރޭޝަނުގައި ތިއްބަވާ ވެރިންނަށް ރައްޔިތުންގެ ހާލަތު އިހުސާސް ނުވާ ކަމަށް ލިރުގާމް ވިދާޅުވިއެވެ.

ފެނަކައިން ހިންގަމުންދާ ކުނަހަންދޫ އިންޖީނުގޭގައި މިހާރު ތިބި މުއައްޒަފުންނަކީ ވަރަށް ޤާބިލް ބައެއް ކަމަށާއި، އެހެންނަމަވެސް ފެނަކައިން އެހީތެރިކަމެއް ނުދޭތީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވިފައި ނުވާ ކަމަށް ކަމަށް ލިރުޤާމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް އާބާދީގައި 920 މީހުން ދިރިއުޅޭ ކުނަހަންދޫގައި ކަރަންޓުގެ ހިދުމަތްދޭން ބޭނުން ކުރާ ޖަނަރޭޓަރަކީ 80 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ. ކުނަހަންދޫގައި އަލަށް އިމާރާތް ކުރާ ކޮންމެ ގެއެއްގައި އެއަރކޮންޑިޝަނަރ އާއި، އައިސްއަލަމާރިއާއި މި ނޫންވެސް ގިނައިން ކަރަންޓް ނަގާ އާލާތްތަށް ހުންނާތީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށް ދެވޭނީ 120 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ލިބިގެން ކަމަށް ލިރުގާމް ވިދާޅުވިއެވެ.

ރައްޔިތުން މި ހާލުގައި އުޅޭތާ 03 އަހަރު ވެއްޖެ ކަމަށާއި، ކުނަހައްދޫ އިންޖީނުގެ، އެ ރަށު ރައްޔިތުން ހިންގި އިރުވެސް ނުދާހާ ދަށަށް ގޮސް ރަށުގެ ކަރަންޓްގެ ހާލަތު ގޯސްވެފައިވާ ކަމަށް ލިރުޤާމް ވިދާޅުވިއެވެ. ކުނަހަންދޫގައި މިހާރު ބޭނުން ކުރަނީ ލ. ހިތަދޫ އިން ގެނައި ޖަނަރޭޓަރެކެވެ. އަދި ކުރިން ބޭނުން ކުރީ ލ. ގަމުން ގެނައި ޖަނަރޭޓަރެކެވެ.

ރާއްޖޭގެ ރަށްރަށުގައި ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލު ކުރުމަށް 80 ވަރަކަށް މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގަން ޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލު ވަނީ ދާދިފަހުން މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައެވެ. 
ޚަބަރު: ރާއްޖެ.އެމްވީ