ފަހުގެ ޚަބަރު


އިތުރަށް...

ގަހާ ސައީދު އިންކުއައިރީ ކޮމިޝަނުން ވަކި ކުރުމަށް އަބުދުއްރަހީމު އަބުދުﷲ ގޮވާލައިފި

ލިޔުނީ: Unknown - Monday, August 27, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ވެރިކަން ބަދަލުވީ ގޮތުގެ ތަހުގީގު ހިންގުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ ގަހާ އަހުމަދު ސައީދު ވަކި ކުރުމަށް ޕީޕީއެމްގެ ވަގުތީ ނައިބްރައީސް އަބުދުއްރަހީމު އަބުދުﷲ ގޮވާލައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ އެޕާޓީގެ ވަގުތީ ނައިބް ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމު އަބުދުﷲ ވިދާޅުވީ ގަހާ ސައީދު އިއްޔެ ކުރައްވާފައިވާ އަމަލަކީ ވެފައިވާ އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި، ކޮމިޝަންގެ މެމްބަރުން އަމަލު ކުރަން ޖެހޭ އުސޫލާ ވެސް ސައީދުގެ އަމަލު ތައާރުޒުވާ ކަމަށެވެ.

އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދަންނަވާލަން ބޭނުންވޭ ގަހާ ސައީދު މިހާރު އެވަނީ ވަރަށް ބޮޑަށް ހިޔާނާތްތެރިވެވަޑައިގެންފައޭ ރައްޔިތުނަށާއި ސަރުކާރަށް. އެހެން ކަމުން މިހާރުން މިހާރަށް ކޯނީން އޭނާ ވަކިކޮށްދޭށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމިޝަންގެ ތަހުގީގުތައް ހިންގަމުން ދަނިކޮށް ކޮމިޝަނުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް އާއްމު ކުރުމަކީ ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދާ ހަމަނުޖެހުމަކަށް ވައްޓާލުމަށް ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާފައިވާ ކަމެއް ކަމަށާއި އެކަންތައްތައް ޕީޕީއެމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އަބުދުއްރަހީމު ވިދާޅުވިއެވެ.  

އަބުދުއްރަހީމު ވިދާޅުވީ މީގެ ކުރިން ވެސް ކޮމިޝަންގެ މުސްތަގިއްލު ކަމާއި މެދު ޕީޕީއެމުން ސުވާލު އުފައްދާފައިވާނެ ކަމަށެވެ. އެއީ ރައީސް ނަޝީދުގެ ފަރާތްޕުޅުން މެމްބަރަކު ކޮމިޝަނުގައި އިންނަވާ އިރު ރައީސް މައުމޫނުގެ ފަރާތްޕުޅުން ވެސް ބޭފުޅަކު އިންނަވަން ޖެހޭނެ ކަމަށް ޕީޕީއެމުން ގަބޫލު ކުރާތީ ކަމަށް އަބުދުއްރަހީމު ވިދާޅުވިއެވެ. އެހާ ހިސާބުން ވެސް ކޮމިޝަނާ މެދު ޕީޕީއެމުން ސުވާލު އުފެއްދި ނަމަވެސް ރިޕޯޓު ބަލައިގަތުމަށް ނިންމީ ގައުމައްޓަކާ ކަމަށް އަބުދުއްރަހީމު ވިދާޅުވިއެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބަޣާވާތެއް ކަމަށް ނިންމައިފި ނަމަ ގަބޫލު ނުކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫނު ކުރިންވިދާޅުވި ނަމަވެސް އެންމެފަހުން ބޭއްވި ޕީޕީއެމްގެ ޖަލްސާގައި މައުމޫނު އަދި ޕީޕީއެމްގެ އެހެނިހެން ބައެއް އިސްފަރާތްތަކުން ވެސްވަނީ ކޯނީގެ ރިޕޯޓު ބަލައި ގަންނާނެ ކަމަށް ބުނެފައެވެ.  

ގަހާ ސައީދު ކޮމިޝަނުން ވަކި ކުރުމަށް ރަސްމީކޮށް މިއަދު ރައީސަށް ހުށަހަޅާނެ ކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް