ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ކައުންސިލަށް ވޯޓް ދިން މީހުން އަފުސޯސް ހީވެފައި

ލިޔުނީ: Unknown - Wednesday, September 19, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
5 ފެބްރުއަރީ 2011 ވީ ހޮނިހިރު ދުވަހު ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ބޭއްވުނު ކައުންސިލް އިންތިޚާބަށް ލ. ފޮނަދޫ ރަށު ކައުންސިލާއި ފޮނަދޫ ދާއިރާ އަތޮޅު ކައުންސިލަށް އިންތިޚާބު ކުރެވުނު ކައުންސިލްގެ މަސައްކަތާއި މެދު މިއަދު ފާޑު ނުކިޔާ ހަމަ އެކަކު ނެތޭވެސް ދެންނެވިދާނެއެވެ. އަތޮޅު ކައުންސިލުން ހަމަ އެކަނި ފޮނަދޫ ދާއިރާގެ މެންބަރުން އެކަންޏެއް ނޫނެވެ. މުޅި ކައުންސިލްގެ މަސައްކަތާއި ދައުރާއި މެދު މިއަދު އަންނަނީ ސުވާލު ކުރެވެމުންނެވެ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ގިނަ ކައުންސިލްތަކުގެ ޙާލަކީ މިއީ ކަމަސްވެސް ވެދާނެއެވެ. ނަމަވެސް ފޮނަދޫ ރަށު ކައުންސިލް ވަރެއް މި ރާއްޖޭގައި ނޯންނާނެކަން ކަށަވަރު ކުރެވެއެވެ.
ފޮނަދޫ ރަށު ކައުންސިލްގެ މަސައްކަތްތަކާއި، ކައުންސިލަރުންނާއި މެދު މިއަދު ފޮނަދޫގެ މެޖޯރިޓީ ހިތްހަމަ ނުޖެހިފައިވާކަން ޔަޤީނާއި ގާތަށް ބުނަން އެނގެއެވެ. މިހެން ދަންނަވަން ޖެހުނު މައިގަނޑު ސަބަބަކީ ފޮނަދޫ ކައުންސިލަށް ޑީއާރްޕީ މެންބަރުން މާﷲގެ އިރާދަފުޅާއި އެކު ހޮވުމަށް ގަދަ އަޅައި މަސައްކަތްކުރި މީހުންވެސް މިއަދު ތިބީ އެ ކައުންސިލަރުންނާއިމެދު ހިތްހަމަ ނުޖެހިފައެވެ. ޚާއްޞަކޮށް ކައުންސިލް އިންތިޚާބުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތްތައްވެސް މިއަދު ތިބީ މިފަދަ ނާޤާބިލް ކައުންސިލަރުން ތަކެއް ހޮވުމަށް މަސައްކަތް ކުރެވުނީތީ އަފުސޯސް ހީވެފައެވެ. ލަދުވެތިވެ، ހިތާމަ ކުރާ ޙާލުގައެވެ. ވޯޓް ދިން މީހުންވެސް ތިބީ ހަމަ އެފަދަ ޙާލެއްގައެވެ.

ފޮނަދޫ ކައުންސިލަށް ވޯޓްދީ، ނާޤާބިލް ބަޔަކު ހޮވުމުން އެކަމާ އެންމެ ބޮޑަށް މިއަދު އަޑު އުފުލަމުން ދަނީވެސް އެ ކައުންސިލަރުން ހޮވުމަށް އިސްވެ މަސައްކަތްކުރި މީހުންނެވެ. ކޮންމެ އެއްވުމެއްގައި، ކޮންމެ އިޙްތިޖާޖެއްގައި ނުވަތަ ކޮންމެ މުޒާހަރާއެއްގައިވެސް ކައުންސިލަރުންގެ އިސްތިޢުފާއަށް އެންމެ ބޮޑަށް ގޮވައި ހަދަނީވެސް މި ދެންނެވި މީހުންނެވެ. ސޯޝަލް ނެޓްވޯކްތަކުގައިވެސް ނުރުހުން ފާޅުކުރަމުން އަންނަތަން މިހާރު ފެންނަމުން ދެއެވެ. ޝާއިރީ ފަންނު ހުންނަ ބައެއް މީހުން ހެދުނު ގޯސް އެނގި "ހެދުނު ގޯސް" މި ނަމުގަޔާއި އަދިވެސް ތަފާތު ނަންނަމުގައި ލަވަ ހަދައި، ލަވަކިޔައި، އިންޓަރނެޓަށް އަޕްލޯޑް ކުރާތަންވެސް މިހާރު ފެންނަން ފަށައިފިއެވެ.

ކޮންމެއަކަސް ކައުންސިލްގެ އުމުރު ދެބައިވެގެން ދިޔައިރު ރަށު ތަރައްޤީގެ ޕްލޭނެއް ކައުންސިލުން އެކުލަވާލެވިފައެއް ނެތެވެ. ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނާއި ހިއްސާކޮށްފައެއް ނުވެއެވެ. އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާއެއް ހިއްސާއެއް ނުކުރެވެއެވެ. ރަށުގެ ގޮނޑުދޮށްތައް ކުނިންފުރި، ފުޅަ އަޅައި ރަށުތެރޭގައި ބަލިމަޑުކަން ޢާއްމުވާ ދަރަޖައަށް ހިނގައްޖެއެވެ. ރަށުގެ ސިނާޢީ މަގުތަކުން އެއްފަހަރާ ހަތަރު ސައިކަލް ނުދުއްވޭވަރަށް ހަނިވެއްޖެއެވެ. ރަށުގެ ކަރަންޓްގެ ޙާލަތު ބޮއްސުންލައިގެން ހިނގައެއްޖެއެވެ.

ދައުރު ދެބައިވި އިރު ކައުންސިލަށް ތިން ރައީސުން އައިސްފިއެވެ. ދެ ރައީސުން ކަމު ނުގޮސް އިތުރާބާރުނެތްކަމުގެ ވޯޓް ނަގާ ހިސާބަށް ދިއުމުން އިސްތިޢުފާ ދީފައި ވާއިރު، ތިންވަނަ ރައީސް އާއި މެދުވެސް މިހާރު ކައުންސިލަރުންގެ ތެރޭގައި ހިތްހަމަ ނުޖެހުން ހުރިކަން ރަށްގޮވާ އަޑުން އިވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަތޮޅު ކައުންސިލްގެ ފުރަތަމަ ރައީސް ފޮނަދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާކަހަފުޅުއް ދައްކަމުން ވިދާޅުވިގޮތަށް އަތޮޅު ކައުންސިލާއި ރަށު ކައުންސިލް މެންބަރުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށްޓަކައި ނޫންކަމާއި ހަމަ އެކަނި ލިބޭ މުސާރައަށްކަން މިހާރު އެނގި ސާބިތުވަމުން އެހެރަ ދަނީއެވެ. ޚުދު އަތޮޅު ކައުންސިލް ބޭފުޅަކު އެހެން ވިދާޅުވުން އެއީވެސް އެކަމުގެ ހެއްކަކަށް ފުދޭވަރުގެ ކަމެއް ކަމަށް ބެލެވެއެވެ. 
މި ހުރިހައި ކަމެއް މިހެން ހުރުމުން އަފުސޯސް ހީނުވެ ތިބޭނީ ލައްކަ އަމިއްލަ އެދުން ބޮޑު، ގޮތް ދޫނުކުރާ ބައެއްކަން އެންމެންވެސް ދަންނާނެއެވެ. ޑިމޮކްރަސީގެ ރީތި ގޮތަކީވެސް ތިމާމެން ތާއިދުކުރާ ފަރާތަކުންވެސް އެކަށީގެންވާ ޚިދުމަތެއް ނުދޭނަމަ، ނުވަތަ އެކަމަށް ނުކުޅެދިއްޖެނަމަ އެ ފަރާތަކާއިމެދު އަޑު އުފުލަން ޖެހެއެވެ. އަދި އަންނަން އޮތް އިންތިޚާބު ތަކުގައި އަމިއްލަ ސިކުނޑިން ވިސްނައި، ރަށަށް، އަތޮޅަށް އަދި ޤައުމަށް ފައިދާކުރާނެ ފަދަ މީހުން ހޮވުމަށް ވިސްނުން ބަހައްޓަން ޖެހެއެވެ.
 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް