ފަހުގެ ޚަބަރު


އިތުރަށް...

ގައުމީ ޔުނިވަސިޓީގެ "ހުވަފެނީ" ކެމްޕަސް

ލިޔުނީ: Unknown - Monday, September 17, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެ ޔުނިވަސިޓީގެ "ޑްރީމް" ކެމްޕަހެވެ. އެއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަހެވެ. ގާތްގަނޑަކަށް މާލޭގެ ބިމުގެ ދެބައިކުޅަ އެއްބައި ހުންނަ ވަރުގެ ބިމެއްގައި ގާއިމްކުރާ ކެމްޕަހުގައި ކިޔަވައިދޭ ބްލޮކްތަކާއި ދަރިވަރުންގެ ހޮސްޓެލްތަކާއި މުވައްޒަފުންގެ ގެތައް ހުރެ އެވެ. އެއީ ތަހުލީލުތަކަށް ހާއްސަކޮށްފައިވާ ކެމްޕަހެއް ކަމުން، އެތަނުގައި ބޮޑެތި ދަނޑުތަކާއި އެކްސްޕެރިމެންޓްތައް ހަދާ ތަންތަން ހުންނާނެ އެވެ.
މިއީ ގައުމީ ޔުނިވަސިޓީން، މަސްވެރިކަމާއި ދަނޑުވެރިކަމަށް ހާއްސަކޮށްގެން ލ. އަތޮޅުގައި އަޅާ ކެމްޕަހުގެ ދުރު ތަސައްވުރެކެވެ. ވަރަށް ދުރު މުސްތަގުބަލަށް ވިސްނައިގެން، ޔުނިވަސިޓީން ގާއިމުކުރާ މި ހިޔާލީ ކެމްޕަސް އަޅަން ލ. އަތޮޅުގެ ތިން ރަށެއް މިހާރު ވަނީ ޝޯޓް ލިސްޓުކޮށްފަ އެވެ. އެއީ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ބަރެސްދޫ އާއި ގަމާއި ފޮނަދު އެވެ.

ޔުނިވަސިޓީން އެންމެ ބޮޑަށް ބޭނުންވަނީ ބަރެސްދޫގައި މި ކެމްޕަސް އަޅާށެވެ. އެއީ ރާއްޖޭގެ ޖޯގްރަފީ އާއި ސަގާފަތާ ގުޅޭ ގޮތަކަށް ޔުނިވަސިޓީ އަށް ވަކި ރަށެއް އޮތުމާއި މުސްތަގުބަލްގައި އެތަން ބޮޑުކުރަން އެކަށީގެންވާ ޖާގަ ވެސް އޮންނާނެތީ އެވެ. އަދި މުސްތަގްބަލުގައި ޔުނިވަސިޓީ އަށް އާމްދަނީއެއް ލިބޭނެ ގޮތަކަށް، ރިސޯޓެއް ފަދަ ތަނެއް ތަރައްގީކޮށް ކެމްޕަހަށް ފައިސާ ހޯދޭނެ މަގުފަހިވުމާއި، ރިސާޗް ކުރާ މީހުންނާއި އިންޓަނޭޝަނަލް ދަރިވަރުންގެ މާކެޓް ހުޅުވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ދުރު މުސްތަގްބަލަކަށް ބަލާއިރު، މިއީ ވަރަށް ބޭނުންތެރި، ގިނަ ފުރުސަތުތަކެއް ތަނަވަސް ވެގެން ދާނެ ޕްލޭނެއް ކަން ޔަގީނެވެ. އެކަމަކު ކުރަން ޖެހޭ މަސައްކަތްތައް ގިނަ އެވެ.

ފަޅުރަށެއްގައި ތައުލީމީ އިންސްޓިޓިއުޓެއް ގާއިމުކުރުމަކީ އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވާނެ ކަމެކެވެ. ހާއްސަކޮށް ދަތުރުފަތުރު ކުރުމުގަ އެވެ. ދަރިވަރުންނާއި މުވައްޒަފުން ދިރިއުޅޭނީ އެ ރަށުގައި ނަމަވެސް، ކުއްލި ހާލަތެއްގައި ރަށުން ބޭރަށް ދާން ޖެހިއްޖެ ނަމަ، އެކަމަށް އުފުލަން ޖެހޭ ތަކުލީފު ބޮޑުވާނެ އެވެ. އަދި ރަށުގައި އުޅޭ މުވައްޒަފުންނަށް، ރަނގަޅު ހިދުމަތްތަކެއް ދޭން ޖެހި، ބޯފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތަކުގެ އިތުރުން ޖެޓީ އާއި ރަށުގެ އުމްރާނީ މަސައްކަތްތަކަށް ވެސް ކުރަން ޖެހޭ ހޭދަ ބޮޑުވާނެ އެވެ.

ގަމާއި ފޮނަދު އަކީ މީހުން އުޅޭ ރަށްތަކެއް ކަމުން، އެއިން ރަށެއްގައި ކެމްޕަސް ގާއިމްކުރުމުން ސަލާމަތްވާނެ ބައެއް ޚަރަދުތައް ހުންނާނެ އެވެ. ޚާއްސަކޮށް ގަމަކީ މަރުކަޒީ ގިނަ ތަންތަން ހުންނަ ރަށަކަށް ވުމާއި، އެއާޕޯޓެއް ކައިރީގައި އޮތުމުގެ ފަސޭހަކަން ވެސް ލިބިފައިވާ ރަށެކެވެ. އެކަމަކު 45 ހެކްޓަރުގެ ބޮޑު ބިމެއް ނަގައިފި ނަމަ ގަމުގެ ތަރައްގީގެ މަޝްރޫއުތަކަށް ބިން މަދުވެދާނެ ކަމަށް ޔުނިވަސިޓީން ދެކެ އެވެ. ލ. އަތޮޅުގައި އަޅަނީ މަސްވެރިކަމާ ގުޅޭ ދިރާސާތައް ވެސް ހެދޭ ފެންވަރުގެ ކެމްޕަހަކަށް ވާތީ އެ ސަރަހައްދުގައި މޫދު ވެސް އޮންނަން ޖެހެ އެވެ.

ޑރ. ހަސަން ހަމީދު ވިދާޅުވި ގޮތުގައި ކެމްޕަސް އަޅާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް، ލ. އަތޮޅު ކައުންސިލުން މިހާރު އެބަ ކުރިއަށް ގެންދެ އެވެ. އެކަން ނިމުނުހާ އަވަހަކަށް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންނަ އަހަރުގެ ތެރޭގައި، ކެމްޕަހުގެ މަސައްކަތް ފެށުމަށް. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ އަޅާނީ، ކިޔަވައިދޭ ބްލޮކްތަކަކާއި، އެކަމޮޑޭޝަން ބްލޮކް،" ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކެމްޕަސް ހާއްސަކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ އިލްމާއި ތަމްރީނު ދިނުމަށް ނަމަވެސް، އެހެން ކެމްޕަސްތަކެކޭ އެއްގޮތަށް އެތަނުގައި، ޔުނިވަސިޓީގެ އެހެން ދާއިރާތަކުގެ ކޯސްތައް ވެސް ހިންގާނެ ކަމަށެވެ. އެގޮތުން ކެމްޕަސް ފަށައިގަންނާނީ ޓީޗިން އާއި ނާސިން ފަދަ ކޯސްތަކާ އެކު ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕަހުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް އެކަނި ވެސް 20 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޔުނިވަސިޓީގެ ދަރިވަރުންގެ ފީން ލިބޭ ފައިސާ އެކަމަށް ހޭދަކުރާނެ ކަމަށް އެތަނުން ބުނެ އެވެ. ނަމަވެސް ކުރިމަގުގައި މި ނޫން ގޮތްތަކެއް ހޯދޭނެ ކަމަށް އެތަނުން އުއްމީދުކުރެ އެވެ. 

ގައުމީ ޔުނިވަސިޓީގެ ހުވަފެނަކީ އެތަނުގެ "ޑްރީމް" ކެމްޕަސް، ރާއްޖޭގައި ހުރި އެންމެ ފުރިހަމަ ތައުލީމީ މުއައްސަސާ އަށް ހެދުމަށެވެ. އަހަރުތަކެއް ފަހުން އެތަން ފުރިހަމަ ވާއިރު، ޔުނިވަސިޓީގެ އެ ހުވަފެން ހަގީގަތަކަށް ވާނެކަން ޔަގީނެވެ

ޚަބަރު: ހަވީރު އޮންލައިން އިން ނަގާފައި
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް