ފަހުގެ ޚަބަރު


އިތުރަށް...

ދަންވަރުގެ ހިލަން - 1

ލިޔުނީ: Unknown - Sunday, October 14, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގަޑިން އެގާރަ ޖެހުމާއިއެކު މުޅި ރަށުން ކަރަންޓް ކަނޑާލައިފިއެވެ. ހަލީމާގެ އަތުގައި އޮތް ފުޅިބައްތި ގޭގެ އެތެރެގޭ ތެރޭގައި އަޅުވާލުމަށްފަހު އެތާނގައި ހުރި ރޯނުފުރި އެނދުގެ ބޯލާ ކޮޅަށް ގޮސް ހުއްޓުނެވެ. އެނދު މަތީގައި ޙަލީމާގެ ފިރިމީހާ ޝާޠިރު ގަދަގުގުރީގައި ނިދާފައި އޮތެވެ. އެނދުގެ ބޯލާކޮޅާއި ދިމާގައި ހުރި ކޮޅުފިލާ ގޮނޑިމަތީގައި ބަހައްޓާފައި ހުރި މުށި ބަނޑިޔާ ކައިރިއަށް ގޮސް ހުއްޓުނެވެ. ތަނަށް ވެރިވެފައިވާ ފުޅިބައްތީގެ ފަނޑުފަނޑު އަލިކަމުގެ ތެރެއިން އެތެރެގޭގެ ހުޅަނގު ބިތުގެ ފަންގަނޑަށް ޖަހާފައިހުރި އުނި ކަށަގަނޑެއްގައި އަޅުވާލާފައި އޮތް ކޯލާ ހުސްކުރި ދަޅު ނަގައި ބަނޑިޔާ ތެރެއަށް ގަންބާލިއެވެ. އެވަގުތު ޝާޠިރު ދެފަރާތަކަށް ފުރޮޅި ލާފައި ތެދުވެ އިށީންދެއްޖެއެވެ. އަނދެގެން އިން މުންޑު ގަނޑު ހެޔޮވަރު ކޮށްލަމުން ޙަލީމާގެ އަތުގައި ހިފިއެވެ.

"އަދިވެސް އަވަދި ވާކަށް ނޫޅޭތަ؟" ޝަކުވާގެ ރާގެއްގައި ޝާޠިރު ސުވާލު ކޮށްލިއެވެ.

"ނޫނޭ. މިދެން ނިމުނީއޭ. ގިފިއްޔަށްވަދެ ލިބާސް ބަދަލުކޮށްލައިގެން އެބަ އަންނަން" ކޯލާ ހުސްކުރި ދަޅުން ފެންފޮދެއް ބޮއެލަމުން ޝާޠިރާއި ކައިރިއަށް ޖެހިލިއެވެ. ޝާޠިރު ތެދުވެ ޙަލީމާގެ ބޮލުގައި ފިރުމާލިއެވެ.

"ނިދާލެވިއްޖެ ދޯ!" އާފުރިލަމުން ޝާޠިރު ބުނެލިއެވެ.

"ހޫމް... ދެން މިރޭ މަށަށް ލޮލުފިޔައެއް ޖެހިޔަ ނުދީ ހިފަހައްޓާކަށްނު ތިއުޅެނީ!" ތުއި ވެލަމުން ޙަލީމާ ބުނެލިއެވެ.

"ހެޔޮ ނިދިޔަސް، އެކަމަކު މާދަމާ ޝަކުވާ ނުކުރާތި!" ޝާޠިރުވެސް ބޭނުންވީ ސަމާސާ ކޮށްލާށެވެ. ނަމަވެސް ޙަލީމާ އަވަސްވެގަތީ އެތެރެގޭ ތެރެއިން ގިފިއްޔަށް ވަންނަންހުރި ދޮރާއި ދިމާއަށެވެ.

"ބައްތިވެސް ނުލާތަ ވަންނަނީ؟" ހަލީމާގެ ފަހަތުން ހިނގައި ގަންނަމުން ޝާޠިރު ސުވާލުކޮށްލިއެވެ. ހަލީމާ ފަސްއެނބުރި ބަލައިލުމެއްނެތި ނޫކުލައިގެ ސަތަރިން ހަދާފައިވާ ދޮރުގަނޑު ހުޅުވާލަމުން ގިފިއްޔަށް ވަދެއްޖެއެވެ.

ޙަލީމާ ގައިދޮވެލުމަށް ވަޅަށް ދާނި ގަންބާލި ވަގުތު ކޮންމެވެސް އަޑެއް އިވުނުހެން ހީވެގެން ދާނި ނުހަލުވާ މަޑުކޮށްލިއެވެ.

"މަންމާ!..... މަންމާ!"

ޙަލީމާގެ ކަންފަތުގައި މިރޭވެސް ހަމަ އެ އަޑު އައިސް ޖެހުނެވެ. ތުއްތުތުއްތު ފިރިހެން ކުއްޖަކު ހަލީމާއަށް މަންމާއޭ ކިޔާފައި ދެފަހަރަކު ގޮވާލިއަޑެވެ. މިއީ ޙަލީމާއަށް އަލަށް އިވުނު އަޑެއް ނޫނެވެ. މިހާރަކަށް އައިސް ކޮންމެ ރެއަކުހެން ގިފިލި ތެރެއިން ހަލީމާއަށް އެ އަޑު އިވެމުންދެއެވެ.

ހަލީމާ އަވަސް އަވަހަށް ލިބާސްގަނޑު ބޮލަށް މަހާލަމުން ގިފިލިން ނުކުތުމަށް ހިނގައިގަތެވެ. ދޮރުގައި އަޅުފައި ހުރި މަކުޑި ނައްޓާލުމަށް ހިފި ވަގުތު އަނެއްކާވެސް އެ އަޑު އިވިގެން ދިޔައެވެ. މިފަހަރު އެ އަޑު އިވުނީ އޭނާގެ ފުރަގަހުންނެވެ. އަޑު ޖެހުނު ގޮތުން އެ އަޑު އިވުނީ ނުހަނު ކައިރިންކަން އިޙްސާސް ކުރެވިގެން ދިޔައެވެ. އެވަގުތު ބޭ އިޚްތިޔާރުގައި ހަލީމާއަށް ފަސް އެނބުރި ބަލައިލެވުނެވެ. އޭރު ހަލީމާގެ ލިބާހުގެ ފަސްބައިގައި ހިފަހައްޓާލައިގެން ހުރީ ޢުމުރުން އަހަރެއް ނުވަތަ ދިހަ ވަރަކަށް މަހުގެ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ކަޅި ޖަހައިވެސް ނުލާ ހަލީމާއަށް ބަލާށެވެ. އެ މަޢުސޫމު މޫނުމަތިން ފެންނަމުން ދިޔައީ އާދޭހެއްގެ އަސަރު ތަކެކެއްކަން ގިފިލިތެރެއަށް ވެރިވައިއޮތް މިލަހަނދުވަރުންވެސް އެނގޭ ވަރުވެއެވެ.

"މަންމާ!... ކީއްވެ މަންމަ އަހަންނަށް އެހެން ހެދީ؟ ކީއްވެ މަންމަ އަހަރެން އެއްލާލީ؟ ..... މީ މަންމަގެ ދަރިއެއްނު! މިއީ މަންމަގެ އަޙްމަދު މަނިކެއްނު! ..... މަންމަ ހަނދާނެއް ނުވޭތަ އަހަރެން މަންމަގެ ތިޔަ ބަނޑުގަ އޮތް އިރު އެންމެ ހަތް މަހުގައެއްނު އަހަންނަށް ނަންކިއީވެސް! ... ދެންކީއްވެ ބައްޕަ އަހަންނަށް އެގޮތް ހެދިއިރު މަންމަ އަޅާވެސް ނުލާ އޮތީ؟"

ހަލީމާގެ ފަސްބައިގައި ހިފަހައްޓާލައިގެންހުރި ކުޑަކުޑަ ކުއްޖާ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ހަލީމާއަށް ގޮތް ހުސްވެފައި ހުރެވުނީއެވެ. ތަންމިނަށް ހުޅުވި އަނގަ ލައްޕާލަން ނޭގިފައެވެ. ތަލިން ކުޅު ހިކިފައެވެ. ދެފަހަރަކު ޝާޠިރަށް ގޮވާލަން އަނގަ ހުޅުވާވެސް ލިޔެއެވެ. ނަމަވެސް އޭނާގެ އަރުތެރެއިން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ.

އެތެރެގޭ ތެރެއިން ޝާޠިރު ދެފަހަރަކު ހަލީމާއަށް ގޮވާލިއެވެ. ގިފިލި ތެރެއިން އެއްވެސް ޖަވާބެއް ނައެވެ. ގިފިލީ ދޮރުކައިރީގައި ހުއްޓިފައި އަނެއްކާވެސް ހަލީމާއަށް ގޮވަން ފެށިއެވެ. މިފަހަރުވެސް ޚަބަރެއް ނުވިއެވެ. ދޮރު ހުޅުވާލަން ދޮރުފަތުގައި ހިފާލިވަގުތު ތަންޑު އަޅުވާފައި ހުރިކަން އެނގުނެވެ. އެހިނދު ޝާޠިރު އަވަސް އަވަހަށް އޭނާގެ އެނދުގެ ބޯލާކޮޅުގައި އޮތް ދަގަނޑު ފިތަން ބައްތިނެގިއެވެ. ހަމަ އެއާއި އެކު ގެއިން ބޭރަށް ނުކުމެ، ގޭގެ ބިއްދޮށް ފަރާތުން ގިފިއްޔަށް (މައިފިތަށް) ވަންނަން ހުންނަ ދޮރުކައިރިއަށް ދިޔައެވެ. ދޮރުފަތުގެ ގިއުގަނޑުގައި ޖަހާފައިހުރި ސަތަރި ގަނޑުން ފަޅައިގެންގޮސްފައި ހުރިތަނަށް އަތް ކޮށްޕާލައިގެން އެތެރެއިން އަޅުވާފައި ހުރި ތަންޑު ނައްޓާލިއެވެ. ހަމަ އެއާއެކު އަވަސްވެގަތީ ގިފިލީ ވަޅާއި ދިމާއަށެވެ. އެ ގިފިއްޔަކީ މާސިންގާ ގިފިއްޔެއްކަމުން ގިފިލީގެ ވަޅު ހުންނަންނީ ބިއްދޮށްފަރާތުން ގިފިއްޔަށް ވަންނަން ހުންނަ ދޮރާއި ވިއްސަކަށް ފޫޓް ދުރުގައެވެ. މުޅި ގިފިލިތެރޭގައިވަނީ ބޮޑެތި އަލަގަސް ހައްދާފައެވެ. އޭގެ އިތުރުން ހިކަނދިފަތް ގަހުގެ ބޮޑެތި ފީނިތަކެއްވެސް ހުއްޓެވެ.

ވަޅާއި ހަމައަށް ނުދެވިގެން އުޅެނިކޮށް ގިފިލިތެރޭގައި ހިޔާކޮށްފައިހުރި ގެގަނޑުތެރެއަށް ހަލީމާ ވެއްޓިފައި އޮތްތަން ފެނުނެވެ.
ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް