ފަހުގެ ޚަބަރު


އިތުރަށް...

މުދައްރިސުންގެ ދުވަހުގެ ޝިޢާރާއި މެދު ވިސްނާލެއްވީމުތޯ؟

ލިޔުނީ: Unknown - Saturday, October 6, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޓޭކް އަ ސްޑޭންޑް ފޯރ ޓީޗަރސް ނުވަތަ މުދައްރިސުންގެ ކަންކަމަށް ތާއިދު ކޮށްދީ!

ބައިނަލް އަގުވަމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ޓީޗަރުންގެ ދުވަސް ރައްޖޭގައި ފާހަގަ ކުރަނީ 5 އޮކްޓޯބަރ ގައެވެ. މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރަކީ "ޓޭކް އަ ސްޓޭންޑް ފޯ ޓީޗަރސް" އެވެ. މިޝިއާރުން ހާމަކޮށްދެނީ ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް އެމީހުންގެ ކަންކަމަށް ތާއިދު ކޮށްދިނުމުގެ މުހިންމު ކަމެވެ. މިއީ މުދައްރިސުންގެ ކަންކަމާއި ގުޅުހުން ހުރި ހުރިހާ ފަރާތްތަކަށް ވެސް ގޮވާލެވޭ ގޮވާލުމެކެވެ. އެހެންކަމުން މި ގޮވާލުމާއި މެދު ވިސްނާ ފިކުރު ހިންގައިލުން ބުއްދިވެރިކަމަށް ދަންނަވަން ޖެހެއެވެ.
ޔުނެސްކޯއިން ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ މީހަކުވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގޮވާލާފައެވެ. އެގޮތުން ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އިރެނާ ބޮކޮވާ މިއަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން ދެއްވި ބަޔާނުގައި ވިދާޅުވި ވާހަކަތަކަށް ބަލައިލަމާ ހިންގަވާށެވެ.
"ހަގީގަތުގައި އަޅުގަޑުމެން އެންމެންގެ ހުނަރާއި ގާބިލުކަން އަދި އައު އީޖާދުތަކާއި މާދަމާގެ ހައްލުތައް ގެނެސްދިނުން ކަނޑައަޅާ ބަޔަކީ މުދައްރިސުން. ރަގަޅު ޓީޗަރެއްގެ ބަދަލު އެހެން އެއްވެސް ގޮތަކުން ނުހޯދޭނެ. ވީމާ ޓީޗަރުންނަށް އެހީތެރިވެ އެމީހުންގެ އަގު ވަޒަންކުރުމަށް ވުރެ މުހިންމު އެއްވެސް ކަމެއް ނެތް" ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އިރެނާ ބޮކޮވާ މިއަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން ދެއްވި ބަޔާނުގައި ވިދާޅުވިއެވެ

ނަމަވެސް ކަން އޮތީ މިހެންތޯއެވެ. މިއަދު މުޅި ދުނިޔޭގައި ވެސް ޓީޗަރުންގެ އިޖުތިމާއީ މަގާމު ގެއްލި، މިމަތިވެރި ވަޒީފާ ބިކަވެ ނިކަމެތި ވަމުންދާ ދުވަސްވަރެއްގައި ރާއްޖޭގައި ވެސް ޓީޗަރުންގެ މަގާމު މުޖުތަމައުން ބީވެގެންދާ ކަހަލަ ގިނަ މަންޒަރުތަކެއް އަންނަނީ ފެންނަމުންނެވެ. މުދައްރިސުންގެ ގެ ވަޒީފާގެ ބުރަކަމާއި، ލިބޭ މުސާރަ ނިސްބަތުން ކުޑައެވެ. އަދި މިކަމުގެ ނަތީޖާ ވެސް މުޖުތަމައުން އަންނަނީ ވަރަށް ސާފުކޮށް ކުރަހައިދެމުންނެވެ. ދާއިރާގައި ގިނަ ދުވަސްވެފައި ތިބި އިސްފަރާތްތަކުން މިދާއިރާ ދޫކޮށް އެހެން ދިމަދިމާލަށް ދާންފަށައިފިއެވެ. އިލްމީގޮތުން މަތީ ނަތީޖާ ހޯދާ ދަރިވަރުން މިދާއިރާއިން ކުރިޔަށް ދިއުމަށް މުދައްރިސްކަމުގެ ތަމްރީނު ހޯދުމުގެ ބަދަލުގައި އެހެން ދިމަދިމާ އިޚުތިޔާރު ކުރަމުންދާކަން ފާހަގަވެއެވެ. ޓީޗަރުންގެ މައްސަލަތައް ހުރީ ބަރިބަރިއަށް ވާނެ ގޮތެއް ނޭގިފައެވެ. ހުޅުވާލާ ކޮންމެ ފައިލަކުންވެސް މިކަން ވަރަށް ރަގަޅަށް ހާމަވެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޓީޗަރުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވެއެވެ. ގިނަފަހަރާ މިދުވަސް މުހިންމު ވެފައި އޮންނަނީ ސްކޫލުތަކުގެ ހަތަރު ފާރުތެރެއަށް ކަމުގައި ބެލެވިދާނެއެވެ. އެހެނީ ޓީޗަރުން ނުވަތަ ސްކޫލްތަކުގެ މުވައްޒަފުން އެދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ރާވައިގެން ކުރިޔަށް ގެންދިޔަ ނަމަވެސް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން ޓީޗަރުންގެ އަސްލު ކަންބޮޑުވުންތަކަށް މާބޮޑު ސަމާލުކަމެއް ދެވިފައެއް ނޯވެއެވެ. މިދެންނެވީ ޓީޗަރުންގެ ދުވަހު ޓިޗަރުންނަށް މަރުހަބާ ނުކިޔައެކޭ ނޫނެވެ. ބަޔާންތައްވެސް އެކިސިފަސިފާގައި ދެއެވެ. އަދި ޖަލްސާތަކުގެ ކުރީ ލައިނުން ފެނުމާއި ތަފާތު ވާހަކަތަކެއް މުދައްރިސުންނާއި ގުޅިގެން ނުދައްކާ ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް ހަގީގީ މައްސަލައަށް މާ ބޮޑު އަހަންމިއްޔަތު ކަމެއް ދެވޭ ތަނެއް ނުފެނެއެވެ.

ނަމަވެސް މިހާތަނަށް އައި އިރު ޓީޗަރުންގެ މުސާރަ ބޮޑުނުކުރުން ކޮންމެ ސަރުކާރަކުންވެސް ހަދާފައިވަނީ ބޮޑު ބަހަނާއެއް ކަމުގައި ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަބަޔަކު އިއްތިފާޤު ވެއެވެ. އެގޮތުން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރ ކަން ނުވަދިހައިގެ އަހަރުތަކުގައި ކުރެއްވި އިބްރާހިމް މޫސާފުޅު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމަކަށް ބަލައިލުމުން ކަން އޮތްގޮތް ވަރަށް ރަނގަޅަށް ސާފުވެއެވެ.
"އިސްލާހުގެނެވުނު ޤާނޫނު އަސާސީ އިން ތަފާތު ގިނަ ވަޒީފާތަކާއި ކޮމިޝަންތަކަށް އެތަކެއް މެމްބަރުން އިސްކުރެވި ބޮޑެތި މުސާރަތައް ކަނޑައެޅިގެން ދާއިރު ރައްޔިތުންގެ ތެރޭގައި ރައްޔިތުންގެ ޅަދަރީންނަށް އަދި މިޤައުމުގެ މުސްތަޤުބަލުގެ ޖީލުތަކަށް އުގައްނައިދިނުމުގެ ބުރަ މަސައްކަތް ކުރައްވަމުންގެންދަވާ އެތަކެއް ހާސް މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވަމުންދާ ގޮވުމަށް ބީރުކަންފަތެއް މިހާތަނަށް އައިރުދެވިފައިވާކަން ފާހަގަކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަނޑައެޅިގެން ސަރުކާރުން ތަންފީޒުކުރަމުންދާ މުސާރަތަކުގެ ނިސްބަތަށް ވިސްނާލާއިރު 60000 މަތީ މުސާރަތަކާއި އިނާޔަތްތައް ދެވެއެވެ. އަދި އަލަށް އުފެދޭ އެތަންތައް ހިންގާނޭ އިމާރަތްތަކާއި އެހެނިހެން ހަރަދުތަކަށް ފައިސާހަމަޖެހިގެންދަނީ މުދައްރިސުންގެ ގޮވުމަށް ބީރުކަންފަތެއްދީ ބަހަނާއެއްގެ ގޮތުން ދައްކަމުންއައި ބަޖެޓުގަ ފައިސާނެތްވާހަކައަކީ ހުސްވާހަކަތަކަކަށް ވެގެން ހިނގައްޖެއެވެ. ސަބަބަކީ މިފަދަ ކޮމިސަންތަކަށް ބަޖެޓާއި އެހެނިހެން އައު ވަޒީފާތަކަށް މުސާރަދޭނެ ފައިސާ ދަޢުލަތުގެ ބަޖެޓުގައި ހުރިކަމެވެ.
.
މިގަޢުމުގެ ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވަމުން ދާއިރެއްގައި މުދައްރިސުންނަށް މުސާރަބޮޑުކުރުމުގެެ އެއްވެސް އަލިމަގެއް ނުދައްކަމުން އެހެނިހެން ފަރާތްތަކަށް އަތްނުފޯރާވަރުގެ ބޮޑު މުސާރަޔާއި އިނާޔަތްތައް ކަޑައެޅި ދެވިގެން އެދަނީ މުދައްރިސުނާއި އެމުދައްރިސުންގެ އާއިލާތަކަށް އިތުރު ވޭންދެނިވި މަންޒަރެއްދަކަމުންނެވެ. މިއީ މިޤައުމުގެ މިހާރުގެ ޒިންމާދާރުވެރިން ފުންކޮށް ވިސްނާ އެކަމަށް ވަގުތުންވަގުތަށް ފިޔަވަޅު އަޅަންޖެހޭނޭކަމެކެވެ. ސަބަބަކީ އިސްލާހުކުރެވުނު ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 20 ވަނަ މާއްދާގައި ބުނާ "ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮށްމެ މީހެއްގެވެސް ހައްޤެކެވެ" މިބުނާ އެއްޗަކާ އަދި 23 ވަނަ މާއްދާގައިވާ އިޤްތިސާދީ އަދި އޖުތިމާއި ހާއްޤާއި ތަޢާރުޒުވާތީއެވެ."

މިފަހުގެ އަހަރު ތަކުގައި ވެސް މިކަމަށް ކިރިޔާ ވެސް އުއްމީދުގެ މަގެއް ފެނިގެންދިޔަ އެއްކަމަކީ، ނިމުނު ސެޕްޓެމްބަރު މަހު 30 ގައި މާލޭގައި އޮތް ބައިނަލް އަގުވާމީ ޓީޗަރުންގެ ކޮންފަރެންސް ހުޅުވަމުން އެއިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޒްލީން ފާހަގަކުރި ޓީޗަރުންގެ އާމްދަނީއަށް ހެޔޮބަދަލެއް ގެނެސް ދިނުމަށް އެދޭ ވާހަކައެވެ. އަދި އެއާއެކު ހަމަ އެބައްދަލުވުމުގައި ނާއިބު ރައީސް ވަހިއްދީނު ވަނީ އެކަމަށް ކެބިނެޓްގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރު މިހާރު އޮތް ޙާލަތާއި ކަން ހިނގަމުން އަންނަގޮތަށް ވިސްނާލާއިރު މުދައްރިސުންގެ ކަންކަމަށް އެކަށީގެންވާ ވަރަށް ތާއިދު ކޮށްދެވިދާނެ ކަމާއިމެދުވެސް ޝައްކު އުފެދެއެވެ.

ލިޔުމުގެ އަޞްލު ނެގީ: މިކަލް އޮންލައިން އިން
އިތުރު ކުރެވުނު ޚާއްޞަ ބައި ނެގީ: އިބްރާހިމް މޫސާފުޅުގެ ބްލޮގް އިން

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް