ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ދާއިރާގެ އެމްޑީޕީ ހަރުގެ ފަޅާލައި ކޮމްޕިއުޓަރު ހާޑް ޑިސްކް ވަގަށް ނަގައިފި

ލިޔުނީ: Unknown - Monday, November 12, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫ އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވީ ރައީސް ނަޝީދު
ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ހަރުގޭގެ ދޮރު ހަލާކުކޮށްލައިގެން އެތާނގެ އިދާރީ ބަޔަށް ވަދެ، ކޮމްޕިއުޓަރުގެ ހާޑް ޑިސްކާއި ސީޕީޔޫގެ އެތެރޭގެ ހުރިހައި ބައިތައް އިއްޔެރޭ (10 ނޮވެމްބަރ 2012 ދުވަހުގެ ރޭ) ވަގަށް ގެންގޮސްފައި ވާކަމަށް ފޮނަދޫ ދާއިރާއިން ބުނެފިއެވެ.

ލ. ފޮނަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގެ އިދާރީބައި ފަޅާލާފައި ވަނީ އިމާރާތުގެ އިރުމައްޗަށް ހުންނަ ދޮރުފަތް ހަލާކުކޮށްލައިގެން ކަމަށް ފޮނަދޫ ދާއިރާގެ އިންތިޒާމު ސެކްރެޓަރީ އިބްރާހިމް ޝަރީފް ޢަލީ ބުންޏެވެ. ޝަރީފް ބުނީ ބެލެވޭ ގޮތުން މިކަމަކީ އެމްޑީޕީ ފޮނަދޫ ދާއިރާގެ އިދާރީ މަޢުލޫމާތުތައް ފޭރިގަތުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ ފިނޑި އަދި މުޑުދާރު ޢަމަލެއް ކަމަށެވެ.


"ވަގަށް ގެންދިޔަ ހާޑް ޑިސްކް ގައި ދާއިރާގެ ވަރަށް ގިނަ މަޢުލޫމާތުތައް ހުންނާނެ. އޭގެ ތެރޭގައި ދާއިރާގެ ހުރިހައި މެންބަރުންގެ ޑާޓާ ބޭސް އަކާއި ގިނަ ޢަދަދެއްގެ އައިޑީ ކާޑްގެ ސްކޭން ކޮޕީ ތަކާއި ފައިސާގެ މުޢާމަލާތު ތަކާއި ބެހޭ މަޢުލޫމާތު ތަކާއި މީގެ އިތުރުންވެސް އެމްޑީޕީ އާއި ޚާއްޞަކޮށް ފޮނަދޫ ދާއިރާ އާއި ގުޅުންހުރި ގިނަ މަޢުލޫމާތާއި ދާއިރާ ޙަރަކާތްތަކުގެ ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ ވެސް ހުންނާނެ." މި ސައިޓަށް މަޢުލޫމާތު ދެމުން ޝަރީފް ބުންޏެވެ.


މިކަމާއި ގުޅިގެން އެމްޑީޕީ ޤައުމީ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވިދާޅުވީ މިކަމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި މިކަމަކީ ޕާޓީގެ ހިންގުމުގެ ނިޒާމަށް ހުރަސް އެޅުމަށްޓަކައި އެމްޑީޕީގެ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.


"އެއީ އަޅުގަނޑުމެން މި ދިވެހި ތާރީޚްގައި ލ. އަތޮޅު ފޮނަދޫގައި އޮންނަ ޕީޕީއެމް މެޖޯރިޓީ ތެރެއިން އަޅުގަނޑުމެންނަށް (އެމްޑީޕީ އަށް) ގޮނޑިއެއް ލިބުނު މިއީ ފުރަތަމަ ފަހަރު. އެހެން ކަމަށްވާތީ އޭގެ އިޙްސާސް ތަކުގެ ދަށުން އަޅުގަނޑުމެންނަށް ގެއްލުމެއް ދިނުމުގެ ގޮތުން އެމީހުން (އިދިކޮޅު ފަރާތްތަކުން) ކުރި ކަމެއް ކަމަށް އަޅުގަނޑު ދެކެނީ." ޒާހިރު އިތުރަށް ވިދާޅުވީ ހަރުގޭގައި ހުންނަ އިދާރީ ބައިގެ ދޮރުތަކުގައި ދަގަނޑު ތޭރި ޖެހުމުގެ މަސައްކަތް ކުރުމަށް މިހާރު ބަޔަކާއި ޙަވާލުކޮށްފައި ވާނެ ކަމަށެވެ. އަދި ފޮނަދޫ އެމްޑީޕީ މެންބަރުން އެއްބާރުލުން ދީގެން ވަގުތު ވީވަރަކުން ވީހާވެސް ގިނަވަގުތު ހަރުގޭގައި އުޅުއްވާ އިދިކޮޅު ފަރާތްތަކުން މިފަދަ ހަމަލާތައް ދިނުމުގެ ފުރުޞަތު ވީހައިވެސް ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް އިލްތިމާސް ކުރެއްވިއެވެ.


އިއްޔެރޭ ހަރުގެ ފަޅާލައި އެތަނުން ނަގާފައިވަނީ ސީޕީޔޫގެ އެތެރޭގެ ހުރިހައި ބައިތައް އެކަނި ކަމަށް ހަރުގެ ބަލަހައްޓާ އެމްޑީޕީގެ އެކްޓިވިސްޓް ރަޝާދު ބުންޏެވެ. އިދާރީ ބައިގައި އެހެނިހެން އިލެކްޓްރޯނިކް ވަޞީލަތްތައް ހުރިނަމަވެސް އެއިގެތެރެއިން އެއްޗަކަށް ގެއްލުމެއްދީފައި ނުވާކަމަށް އޭނާ ބުނެއެވެ.


މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެމްޑީޕީ ފޮނަދޫ ހަރުގެ ފަޅާލާފައި ވެއެވެ. މީގެ ކުރިންވެސް ކޮމްޕިއުޓަރ ސިސްޓަމްގެ ހާޑް ޑިސްކް ވަގަށް ނަގައިފައި ވެއެވެ. މީގެ އިތުރުން ހަރުގޭގައި ބޭނުންކުރާ ޕްރޮޖެކްޓަރު ވެސް ވަގަށް ނަގާފައިވެއެވެ. މިފަދަ ކޮންމެ ފަހަރެއްގައި ފޮނަދޫގައި ހުންނަ ފުލުހުންގެ މަރުކަޒަށް މައްސަލަ ރިޕޯޓް ކޮށްފައި ވީނަމަވެސް ގެއްލުނު އެއްވެސް އެއްޗެއް މިހާތަށް އައިއިރު ހޯދިފައި ނުވާކަމަށް ފޮނަދޫ ދާއިރާއިން ބުނެއެވެ.


ފޮނަދޫ ދާއިރާ ހަރުގެއިން ވަގަށް ގެންގޮސްފައިވާ ހާޑް ޑިސްކްގައި ގިނަ ޢަދަދެއްގެ އައިޑީ ކާޑްގެ ސްކޭން ކޮޕީތައް ހުރިއިރު، ދާއިދަފުން ވަނީ ސިޔާސީ ޕާޓީއަށް މެންބަރުން ވައްދާ ފޯމުގައި އިނގިލީގެ ނިޝާން ޖެހުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީން ނިންމާފައިކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް