ޕްރޮސްޓޭޓަކީ ފިރިހެނުންގެ ޖިންސީ އަދި ކުޑަކަމުދާ ނިޒާމުގައި މަސާނާ އާއި
ކުޑަކަމުދާ ހޮޅިގުޅޭ ހިސާބުގައިވާ މަހުގެ ގުނަވަނެކެވެ. މިއީ
ދަރިމައިވުމުގެ ޞިއްޙަތަށް ވަރަށް މުހިންމު އަދި ދަރިފަނީގެ ދުޅަހެޔޮކަން
ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ދިޔައެއް އުފައްދާ ގުނަވަނެކެވެ.
މިގުނަވަނަކީ ފިރިހެނުން ޢުމުރުން ދުވަސްވާ ވަރަކަށް ތަބީޢީގޮތުންވެސް
ބޮޑުވާ (ދުޅަވާ) ގުނަވަނެކެވެ. އަދި އެކަމާ ގުޅިގެން ފިރިހެނުންގެ
ކުޑަކަމުދިއުމުގެ ނިޒާމަށް ތަފާތު އެކި މައްސަލަޖެހެއެވެ. ހަމަ އެހެންމެ
ޕްރޮސްޓޭޓް ކެންސަރަކީ ވެސް ޢުމުރުން ދޮށީ ފިރިހެނުންގެ ތެރޭގައި ޢާންމު
ބައްޔެކެވެ. އެހެންކަމުން ޕްރޮސްޓޭޓްގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް
މަސައްކަތްކުރުމަކީ ބޭނުންތެރި އެހާމެ މުހިންމު ކަމެކެވެ. މިގޮތުން
ކުރެވިދާނެ ބައެއް ކަންތަކަށް މިކޮލަމްގައި އަޅުގަނޑު އަލިއަޅުވާލާނަމެވެ.
ކާބޯތަކެތީގެ ދުޅަހެޔޮކަން ނުވަތަ ކެއިންބުއިމުގައި ދުޅަހެޔޮ އާދަތަކެއް
ގެންގުޅުމަކީ ވަރަށް މުހިންމުކަމެކެވެ. ދުވާލަކު މަދުވެގެން ފަސްފަހަރު
ތަރުކާރީއާއި މޭވާ ކެއުމަށް އާދަކުރާށެވެ. ތަރުކާރީ އާއި މޭވާ
ޚިޔާރުކުރާއިރު ވީހާކުލަގަދަ އަދި ތަފާތު ކުލަކުލައިގެ ބާވަތްތައް
ޚިޔާރުކުރާށެވެ. ގެރިބަކަރި ފަދަ ރަތްމަހާއި ސޮސެޖް، ސަލާމީ ފަދަ ތައްޔާރީ
މަސް ބޭނުންކުރާ މިންވަރު މަދުކުރާށެވެ. ކަނޑު/ފަރު މަހާއި ހަންދަމާފައިވާ
ކުކުޅުމަހާއި ތޮޅި އަދި ކުކުޅު ބިހަކީ (ގޮބޮޅި ނުލައި) ގިނަމިންވަރަކަށް
ޕްރޮޓީން އެކުލެވޭ ރަނގަޅު ތަކެއްޗެވެ. ތެލާއި ސަރުބީގެ ބައިތަކުގެ
ތެރެއިން ޒައިތޫނި ތެޔޮ، މަދު (އާމަންޑް، ވޮލްނަޓް ފަދަ) އަދި އެވޮކާޑޯ
ފަދަ ތަކެތި ޚިޔާރުކުރުން ރަނގަޅެވެ. ކިރާއި ޖަނަވާރުގެ ބައިތަކުން
އުފައްދާ ބާވަތްތަކުގެ ތެރެއިން ސެޗުރޭޓެޑް ފެޓްސް ހުންނަ ތަކެއްޗާއި
ދުރުވާށެވެ. އަދި ގިނަ މިންވަރަކަށް ޓްރާންސް ފެޓްސް އެކުލެވޭ ފާސްޓް
ފުޑްސް އާއި ހެދިކާފަދަ ތަކެތި ބޭނުންކުރުން މަދުކުރާށެވެ. ސޮފްޓް
ޑްރިންކްސް، އެނަރޖީ ޑްރިންކްސް ފަދަ ތަފާތު ކެމިކަލްތަކާއި ހަކުރު
އެކުލެވޭ ބުއިންތައް ބޭނުންނުކުރާށެވެ. އަދި ފޮނިކޮށް ހުންނަ ތައްޔާރީ ޖޫސް
ބޭނުންކުރާ މިންވަރުވެސް މަދުކުރާށެވެ. ކަރުހިއްކުން ފިލުވުމަށް ނުވަތަ
ހަށިގަނޑަށް ބޭނުންވާ ފެން ހޯދުމަށް ފެނަށްވުރެ މޮޅު އެއްޗެއް ނުވެއެވެ.
ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރާށެވެ. ދަޅުގައި ބަންދުކުރި
އަދި ތައްޔާރީ ތަކެތި ބޭނުންކުރުންވެސް މަދުކުރާށެވެ. އަދި މިފަދަ ތަކެތި
ގަތުމުގެ ކުރިން އޭގައި ހިމެނޭ ލޮނާއި ސަރުބީ އަދި އެހެނިހެން ތަކެތީގެ
ބާވަތާއި މިންވަރު ބެލުމަށް ފަރުވާތެރިކަމާއެކު އެއެއްޗެތީގެ ލޭބަލް ކިޔަން
އާދަކުރާށެވެ. މިހުރިހައި ކަމަކާއެކު ކެއުމުގެ މިންވަރަށް ނުވަތަ ޕޯޝަން
ސައިޒަށް ސަމާލުވާށެވެ.
ކެއުމުގެ އާދަތަށް ދުޅަހެޔޮކޮށް ބެހެއްޓުމާއެކު ޙަރަކާތްތެރި ދިރިއުޅުމެއް ޚިޔާރުކުރުން ވަރަށް މުހިންމެވެ. ޤަވާޢިދުން ކަސްރަތުކުރުމުގެ ފައިދާތަކުގެ ތެރޭގައި ހިތުގެ ބައްޔާއި، ލޭމައްޗަށް ދިއުމާއި، ހަކުރުބައްޔާއި، ކޮލެސްޓްރޯލް މައްޗަށް ދިއުމާއި ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދިނުން ހިމެނެއެވެ. އަދި ޕްރޮސްޓޭޓްގެ ދުޅަހެޔޮކަމަށްވެސް ކަސްރަތަކީ މުހިންމު ކަމެކެވެ. މިހާތަނަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާގޮތުން ޤަވާޢިދުން ކަސްރަތުކޮށް އުޅޭ މީހުންގެ މެދުގައި ޢުމުރުން ދުވަސްވުމާއެކު ޕްރޮސްޓޭޓް ދުޅަވެ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކުގެ ޢަލާމާތްތައް ފެންނަ މިންވަރު ވަރަށް ބޮޑަށް މަދެވެ. އަދި ޢާންމުކޮށް ހިނގާފައިއުޅުންފަދަ ކުޑަ ނުވަތަ މެދުމިންވަރެއްގެ ކަސްރަތު ކުރާ މީހުންގެމެދުގައިވެސް މިފަދަ ޢަލާމާތްތައް ފެންނަ މިންވަރު މަދުކަމަށް ދައްކައެވެ. ކަސްރަތުކުރުން އިތުރުވާ ވަރަކަށް މިފަދަ ޢަލާމާތްތަކުގެ މިންވަރު ނިސްބަތުން ދަށްވެއެވެ. ކްރޯނިކް ޕްރޮސްޓެޓައިޓިސް ނުވަތަ ދިގުމުއްދަތަކަށް ޕްރޮސްޓޭޓް ދުޅަވެފައިވާ މީހުންގެ މެދުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުން ޤަވާޢިދުން ކަސްރަތުކުރުމުން މިފަދަ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. ހިނގުމާއި ދުވުން ފަދަ އެއިރޯބިކް ކަސްރަތާއި ބަރު އުފުލުން ފަދަ އެއިރޯބިކް ނޫން ކަސްރަތު ހިމެނޭގޮތަށް ދެބަޔަކަށް ބަހާލައިގެން އިޓަލީވިލާތުގައި ކުރި މިދިރާސާއިން ދައްކާގޮތުން މިދެބާވަތުގެ ކަސްރަތުންވެސް މިފަދަ ބަލިމީހުންނަށް ފައިދާކުރެއެވެ. އެހެނަސް ޕްރޮސްޓޭޓްގެ ތަދާއި ކަންބޮޑުވެ ހާސްވުމާއި މާޔޫސްވުންފަދަ ކަންތަކުން ދުރުވެ ދިރިއުޅުގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުކުރުމަށް އެއިރޯބިކް ކަސްރަތުތައް މާބޮޑަށް އެހީތެރިވެދެއެވެ.
ލިޔުނީ: ޑޮކްޓަރ ޖަމްޝީދު އަޙްމަދު
ލިޔުން ނެގީ: ސަން އޮންލައިން އިން

No comments: