ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ އާއި ކާޑެއްދޫ ހިންގަންދޭ ދެ ކުންފުންޏާއެކު މަޝްވަރާތައް ފަށަނީ

ލިޔުނީ: Unknown - Sunday, March 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫ ވައިގެ ބަނދަރުގައި މަތިންދާ ބޯޓެއް ޓެކްސީ ކުރަނީ - ފޮޓޯ: އެލްއޭ ނިއުސްްްް
ސަރަހައްދީ ވައިގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމަށް ލ. ކައްދޫ ވައިގެ ބަނދަރާއި ގދ. ކާޑެއްދޫ ވައިގެ ބަނދަރު ހިންގުން ހަވާލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ދެ ކުންފުންޏާއެކު އަންނަ މަހުގެ ތެރޭގައި މަޝްވަރާތައް ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ، ސާމީ އަގީލް ވިދާޅުވެއްޖެ އެވެ.

އެ ދެ އެއާޕޯޓްގެ މަސައްކަތާ ބެހޭ ގޮތުން މިއަދު ސުވާލު ކުރުމުން ސާމީ ވިދާޅުވީ، ދެ ވައިގެ ބަނދަރު ހިންގުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިދާރީ ބައެއް ކަންކަން ހުރުމާއެކު، މަޝްވަރާތައް ނުފެށި ލަސްވަމުންދަނީ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ މަޝްވަރާތައް ފަށައި ވީހާ އަވަހަކަށް ވައިގެ ބަނދަރުތައް ހިންގުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެށޭތޯ. އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ނިންމަން ޖެހޭ ބައެއް އިދާރީ ކަންކަމާއި އެހެނިހެން ބައެއް ކަންކަން ހުރުމުގެ ސަބަބުން މަޝްވަރާތައް ނުފެށިގެން މިއުޅެނީ. އަންނަ މަހުގެ ތެރޭގައި މަޝްވަރާތައް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް،" ސާމީ ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓސްއިން މީގެ ކުރިން ހިންގަމުން އައި ކައްދޫ ވައިގެ ބަނދަރު ހިންގުން ހަވާލު ކުރަން ސަރުކާރުން ނިންމާފައިވަނީ، އައިލެންޑް އޭވިއޭޝަން ސަވިސް (އައިއޭއެސް) އަށެވެ. އަދި ކާޑެއްދޫ ވައިގެ ބަނދަރު ހިންގުން ހަވާލުކުރުމަށް ނިންމާ މިދިޔަ މަހު އެކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ފްލައިމީ އޮޕަރޭޓް ކުރަމުންދާ ވިލާ އެއާ އަށެވެ.

ސާމީ ވިދާޅުވީ، އެ ދެ އެއާޕޯޓުން ދޭ ޚިދުމަތްތަކުގެ ތެރެއިން ތެޔޮ ވިއްކާ އަގު ފިޔަވައި އެހެން ހުރިހާ ޚިދުމަތެއްގެ އަގަށް ބަދަލު ގެނެވޭނީ ސަރުކާރާއެކު މަޝްވަރާކުރުމަށް ފަހު އެކަމުގެ ހުއްދަ ލިބިގެން ކަމަށާއި، ވައިގެ ބަނދަރުތައް ހިންގުމުގެ ފުރުސަތު ލިބޭ ފަރާތްތަކުން ރަންވޭ ދިގުކޮށް، ޓާމިނަލް ތަރައްޤީ ކުރަން ޖެހޭއިރު، ވައިގެ ބަނދަރުތަކުގައި ގެސްޓް ހައުސް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އައިއޭއެސްއަށް ލ. ކައްދޫ ވައިގެ ބަނދަރު އަދި ގދ. ކާޑެއްދޫ ވައިގެ ބަނދަރު ހިންގުން ވިލާ އެއަރއަށް ހަވާލުކުރަން ނިންމާފައިވަނީ، އެ ދެ ކުންފުނިން ހުށަހެޅި ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށް ފަހު، އެންމެ މަތީ މާކްސްއެއް ލިބުނީ އެ ދެ ކުންފުންޏަށްވާތީ އެވެ. ރީޖަނަލް އެއާޕޯޓްސްއިން ހިންގަމުން އަންނަ ގއ. ކޫއްޑޫ ވައިގެ ބަނދަރު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް