ފަހުގެ ޚަބަރު


އިތުރަށް...

ނަން ކިޔުމުގައި މަނާވެގެންވަނީ ޢާޞިޔާ އޭ ކިޔުމެވެ. އާސިޔާ އޭ ކިޔުމެއް ނޫނެވެ.

ލިޔުނީ: Unknown - Friday, April 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
15 މާޗް 2013 ވީ ހުކުރު ދުވަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވާ ހުކުރު ޚުޠުބާއާމެދު ވަރަށް ގިނަ މީހުން ސުވާލުކުރަމުން އެބަ ދެއެވެ. އެންމެ ގިނަ މީހުން ކުރާ ސުވާލަކީ... "އެއީ ތެދެއްތަ؟ އާސިޔާ މިނަން ކިޔުމަކީ ހުއްދަކަމެއް ނޫންތަ؟.... އާސިޔާއޭ ނުކިޔާށޭ ހުކުރު ޚުޠުބާގައި ކިޔައިފި.......

މީގައި އަސްލު ދިމާވި ގޮތް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

" އަލަށް އުފަންވާ ކުދިންނާމެދު ކަންތައްކުރަން ޖެހޭ ގޮތް " މި މައުޟޫޢަށް އައްޝައިޚް މޫސާ އަންވަރު ލިޔުއްވާފައިވާ ހުކުރު ޚުޠުބާގައި، ދަރިންނަށް ނަން ކިޔުމުގައި މަނާކަމަށް ލިޔުއްވާފައިވާ ނަންތަކުގެ ތެރޭގައި ބަޔާންކުރައްވާފައިވަނީ عاصية (ޢާޞިޔާ) އެވެ. އެނަމުގެ މާނައަކީ އުރެދޭ އަންހެނާއެވެ. އޭގައި ދަލީލަކަށް ގެންނަވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް عاصية (ޢާޞިޔާ) އެވެ ކިޔުނު އަންހެން ކުއްޖެއްގެ ނަން، جميلة (ޖަމީލާ) އަށް ބަދަލުކުރެއްވި ވާހަކައެވެ. އެއީ އިމާމް މުސްލިމް ރަޙިމަހުﷲ ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ.

އެ ޚުޠުބާގައި ބަޔާން ވެގެން ވަނީ آسية  (އާސިޔާ)އެއް ނޫނެވެ. އާސިޔާ އަކީ ފިރުޢައުނުގެ އަނބިކަމަނާއެވެ. އެކަމަނާއަކީ މުއުމިނުންނަށްޓަކައި މިސާލެއްގެ ގޮތުގައި ﷲ ބަޔާންކުރައްވާފައިވާ މާތް އަންހެން ބޭކަނބަލެކެވެ. އެނަން ކިޔުމަކީ އެއްވެސް ޙާލެއްގައި މަނާވެގެންވާ ކަމެއް ނޫނެވެ.

މައްސަލައަކީ އަޅުގަނޑުމެންގެ މިސްކިތްތަކުގައި ހުކުރު ކުރައްވާ ޚަޠީބުން ވަރަށް ބޮޑަށް ވިސްނަންޖެހޭ މައްސަލައެކެވެ. އަކުރުތައް ކިޔަންވާ ގޮތަށް ނުކިޔޭ ބައެއް ބޭފުޅުން އަޅުގަނޑުމެންގެ މިންބަރުތަކުގެ މަތިން ފެންނަ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކަމާބެހޭ ފަރާތުން މިކަމާމެދު އިޞްލާޙީ ފިޔަވަޅު އަޅުއްވަންޖެހޭ މުހިއްމު ކަމެކެވެ.

ޢަރަބި ބަހުން ޚުޠުބާގައި ލިޔެފައި ހުންނަ އާޔަތްތަކާއި، ޙަދީޘްތައް ކިޔުމުގައި ބައެއް ފަހަރު ބައެއް އިމާމުންނަށް ކުށް ކިޔުއްވެވުމުގެ ސަބަބުން ޙަދީޘް ނުވަތަ އާޔަތުގެ މާނަ މުޅިން ފުރޮޅިގެން ދެއެވެ. ޢަރަބި ބަހުގައި ފިއްޔެއް ނުބައިކޮށް ޖެހުމުގެ ސަބަބުންވެސް މުޅި ވާހަކަ ބަދަލުވެގެން ހިނގައި ދާނެއެވެ.

އެހެންކަމުން ޚުޠުބާ ވިދާޅުވާ ބޭފުޅުން މިކަމާމެދު ޚާއްޞަ ސަމާލުކަމެއް ދެއްވަން ޖެހެއެވެ. ޚާއްޞަކޮށް ތިމާއަކީ ޢަރަބި ބަސް ނުދަންނަ މީހެއް ކަމުގައިވާނަމަ، ޚުޠުބާގައި ޢަރަބިންވާ ތަންތަން ރަނގަޅަށް ފަރިތަކަމާއެކު ކިޔަން އެނގޭ މީހެއްގެ އެހީތެރިކަމާއެކު ދަސްކުރައްވަން ޖެހެއެވެ. އަދި ޢާއްމުގޮތެއްގައި ހުރިހާ ޚަޠީބުންވެސް ޚުޠުބާ ވިދާޅުވުމުގެ ކުރިން މަދުވެގެން އެއްފަހަރު ޚުޠުބާ އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ތިމާއަކީ ކިތަންމެ ފަރިތަ މީހަކަށް ވިޔަސް، އެހެން މީހަކު ލިޔެފައިވާ ލިޔުމެއް އަލަށް ކިޔާއިރު އޭގައި އަޅައިގަތުމެއް ހުރުމަކީ ދުރު ކަމެއް ނޫނެވެ.

އެހެންކަމުން މިކަމާމެދު ވިސްނެވުމަށް ހުރިހާ ޚަޠީބުންނަށް ނަސޭހަތްތެރިވަމެވެ. މި ނަސޭހަތުން އަޅުގަނޑުގެ އަމިއްލަ ނަފްސުވެސް ބަރީއަވެގެން ނުވާކަންވެސް ޤަބޫލު ކުރަމެވެ.

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް