ފަހުގެ ޚަބަރު


އިތުރަށް...

އޯޓިޒަމް އެހީ

ލިޔުނީ: Unknown - Wednesday, April 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އޯޓިޒަމް އަކީ އެއަށް އަދި ފަރުވާއެއް ހޯދިފައިނެތްކަމެކެވެ. ‘އޯޓިސްޓިކް ކުދިން އުފަންވަނީ ސީދާ ކޮންސަބަބަކާހުރެކަން އަދި މިހާތަނަށް ހޯދިފައެއްނެތެވެ. އެފަދަ ކުދިން ހެދި ބޮޑުވުމުގައި ކަޑައްތުކުރާ އެކި މަރުހަލާތަކުގައި އެކި ކުދިންނަށް، އެކި މިންވަރަށް ދަތިތަކާ ކުރިމަތިވެއެވެ. އަދި އެކަށީގެންވާ އަޅާލުން ނުދެވިއްޖެނަމަ މުޅި އުމުރު އެގޮތުގައި ހޭދަވެއެވެ.

މިފަދަ ބައެއް ކުދިންނަކީ އެއްގޮތަކަށްވެސް އެހެންމީހުނާ ހަތަރުކަޅިހަމަކޮށް، އަނެކާ ކުރާކަމަކަށް، ނުވަތަ ދައްކާ ވާހަކައަކަށް ސަމާލުކަންދީ ގުޅުން ބަދަހި ކުރަން ނޭގޭ ކުދިންނެވެ.އަދި ބޭނުންވާ ކަންކަމާއި ކުރެވޭ އިހްސާސް ބުނެ ނުދެވޭ ކުދިންނެވެ
 ނަމަވެސް އަނެއްބައި ކުދިންނަކީ ފުދޭވަރަކަށް ރަގަޅަށް މުއާމަލާތު ކުރުމުގެ ގާބިލްކަން ލިބިގެންވާ ކުދިންނެވެ. މިފަދަ ބައެއް ކުދިންގެ ތެރޭގައި އެހެން މީހުންނާއި އެހާ ރުޅިނޫން ކުދިންތިބެއެވެ.

ވަކިވަކި ފަރުދުން މިކަން ތަޖުރިބާ ކުރާގޮތް ތަފާތެވެ. އެހެން ކަމުން އޯޓިޒަމްގެ ލޭބަލް ޖެހިފައިވާ ހުރިހާ ކުދިންނަށް، އެއް މިންގަނޑަކުން، އެއްގޮތަކަށް އެހީ ފޯރުކޮށް ދިނުމަކީ ނާދިރު ކަމެކެވެ.

އޯޓިޒަމްއާއި ގުޅޭގޮތުން މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހޯދި ހޯދުންތަކުން ބުރަވަނީ ކުއްޖާގެ އުމުރުން ދޮޅު އަހަރާއި، ދެއަހަރާ ދެމެދު އެކަށީގެންވާ އަޅާލުން ދެވިއްޖެނަމަ، ނަތީޖާ ރަގަޅުކަމަށެވެ.ވަކިން ޚާއްސަކޮށް، އާދައިގެ މިންވަރަކަށް ނުވަތަ މެދު މިންވަރަކަށް މިކަމުގެ އުދަގޫ އިހްސާސްވާ ކުދިންނަށް، ތައުލީމު ހާސިލްކުރުމާއި، ރަގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ބޮޑެވެ.
އޯޓިސްޓިކް ކުއްޖެއްކަމަށް ދެނެގަތުމަށްޓަކައި ސިއްހީ ގޮތުން ކުރެވޭނެ އެއްވެސް ޓެސްޓެއް އަދި ނެެތެވެ. ކަނޑައެޅިގެން ވަކިމިވެނި ފަރުވާއެއް ކުރުމުން އެކުދިންގައިވާ ތަފާތު ނައްތާލެވިދާނެ ކަމަކަށް  އަދި ނުބެލެވެއެވެ. ނަމަވެސް އެހެންމީހުންނެކޭ އެއްފަދައިން އެފަދަ ކުދިންނަށްވެސް އެކަނި ދިރިއުޅެވޭނެ ފުރުސަތު ހޯދައިދިނުމަށް މަގު ފަހިކުރުމަށްޓާކައި މަސައްކަތް ކުރަންޖެހެއެވެ.

އެގޮތުން ކުއްޖާއަށް އުދަނގޫވާ ކަންކަމާއި، މިންވަރު ބަލާ ދެނެގަނެ އެކަންކަމަށް ލުޔެއް ލިބޭނެގޮތްތައް ހޯދަންޖެހެއެވެ. ކުއްޖާ އަށް ވާހަކަ ނުދެއްކުނު ކަމުގައިވިޔަސް، އޭނާ ގެ ބޭނުންތައް އެހެން މީހުނަށް ބުނެދެވޭނެގޮތެއް ދަސްކޮށްދޭން ޖެހެއެވެ. އެފަދަ ކަންކަން ހައްލުކޮށް ކުރިއަށް ދެވޭނެ ގޮތެއްގެ މަޝްވަރާކުރުމަށް ނަފްސާނީ ތައުލީމު ލިބިފައިވާ މީހަކާ ، ސިއްހީ ފަރުވާދޭ ޑޮކްޓަރުން ގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ. އެގޮތުން އޯޓިޒަމްއާއި ބެހޭގޮތުން މައުލޫމާތު އެނގޭ މީހުން ޚިޔާރުކުރުމަކީ ބުއްދިވެރި ގޮތެކެވެ.

އަދި ކުއްޖާ އެންމެ ތުއްތު އިރުން ފެށިގެން، އެކިކަންކަން ހިނަގާފައިވާ ގޮތުގެ ތަފްސީލް މައުލޫމާތު ބަދަލުކުރުމަކީ ބޭނުންތެރި ކަމެކެވެ. މިގޮތުން ހެދި ބޮޑުވާ އުމުރުގައި އާއްމުކޮށް ކުދިން ކޮށްއުޅޭ ކަންތައްތައް ކުރުމުގައި އެއްވެސް ބަދަލެއް ފާހަގަކުރެވުނު ނަމަ، އެކަމެއް ހިއްސާ ކުރަންވާނެއެވެ. މިގޮތަށް މައުލޫމާތު ބަދަލުކުރާއިރު، އެއްދުވަހަށްވުރެ ގިނަ ދުވަހު، އެކި މާހައުލުގައި، އެކި ހާލަތްތަކުގައި ކުއްޖާގެ ކަންކަން ބަލަމުން ގެންދިއުމަކީ އާއްމު ކަމެކެވެ. އޭގެ ބޭނުމަކީ އެކި ހާލަތްތަކުގައި، އޭނާގެ އިހްސާސްތަކާއި އަމަލުތައް ހުރި ގޮތްބަލާ، ސަމާލުކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން ކުރިއަށްގެންދާނެ ގޮތްތައް ރޭވުމެވެ.

ކުރިންވެސް ފާހަގަ ކުރިހެން، މިއީ ވަރަށް ތަފާތުބޮޑުކޮށް، އެކި ކުދިންނަށް، އެކި ވަރަށް އަސަރު ކުރާ ކަމަކަށްވާތީ، އެހީ ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި، ކުރެވޭ ކަންތައްތައް ތަފާތު ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ‘އޯޓިސްޓިކްބައެއްކުދިންނަކީ އެހެން ސިއްހީ މައްސަލަތައް ވެސް ހުންނަ ކުދިންކަމުގައިވާނަމަ އެކަމަކާ ގުޅޭ ބޭސް ފަރުވާ ކުރެވޭނެއެވެ. އޯޓިސްޓިކް ކުދިންނަށް  ބޭނުންވެއްޖެ ހާލަތެއްގައި ކޮންމެވެސް މިންވަރަކަށް ނިދާ ބޭހާ، ނަފްސާނީ ގޮތުން އަންނަ ބަދަލުތަކަށް ދޭ ބޭސް ބައެއް ފަހަރު ދެއެވެ. އާއްމުކޮށް މިފަދަ ކުދިންނަށް އެހީ ދެނީ  ސްޕީޗް ތެރަޕިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓް’، އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާ، ނިއުރޮލޮޖިސްޓްއެއްގެ އިތުރުން ނަފްސާނީ ޑޮކްޓަރެއްގެ އެހީ ގައެވެ. ބައެއް ކުދިންނަށް އެ ހުރިހާ މީހުން ގެ އެހީ ބޭނުންވިޔަސް، އެނެއްބައި ކުދިންނަށް އެތަނުން އެކަކު ނުވަތަ ދެ މަހިރެއް ގެ އެހީ ހޯދުމުން ފުދެއެވެ.

އޭގެ  އިތުރުން  ކުދިން ރިހެބިލިޓޭޓް ކުރުމުގެ ގޮތުން  އެކުއްޖެއްގެ އުމުރާއި، ބޭނުންތަކާ އެއްގޮތަށް ބައްޓަންކޮށްގެން ކުރިއަށް ގެންދެވޭ ޕްރްގްރާމް ތަކަކީ:  
(Applied Behaviour Analysis. (ABA
Picture Exchange Communication System. (PECS).
Treatment and Education of Autistic and Related Communication-Handicapped Children (TEACCH)

އޭ.ބީ.އޭ ޕްރޮގްރާމް އަކީ ނަފްސާނި އިލްމުގެ ތަޖުރިބާހުރިި މީހެއްގެ އެހީ އާއެކު ތަންކޮޅެއް އުމުރުން ހަނގު ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.މި ޕްރޮގްރާމް އަމާޒުކުރެވެނީ ކުއްޖާ ވަކި ގޮތަކަށް ހޭނުމަށެވެ. ތެރަޕިސްޓް ބޭނުންވާ ގޮތަށް ކުއްޖާ ކަމެއް ކުރުމުން އޭނާއަށް ހަދިޔާއެއް ދީގެން އަނެއްކާވެސް އެކަން ކުރުވުމަށް ބާރު އަޅައިގެންނެވެ.ހަދިޔާ ގެ ގޮތުގައި ކުއްޖާއަށް މީރު ކޮންމެވެސް ކާ އެއްޗެއްގެ ވަރަށް ކުޑަ ކުޑަ އެތިކޮޅެއް ދިނުމަށްފަހު ތަކުރާރުކޮށް އެއްކަމެއް، އެއްގޮތަކަށް ކުރުވުމަށް ބާރު އަޅައިގެންނެވެ. ބައެއް ފަހަރު ކާ އެއްޗެތިީގެ ބަދަލުގައި ކުއްޖާ ބޭނުންވާ އެހެން ކަމެއް ވަރަށް ކުޑަ ކުޑަ ހިނދުކޮޅަކަށް ކޮށްދީގެންނެވެ. މިގޮތުން ތަކުރާރު ކުރަމުންގޮސް އެއްކަމެއް، ރަގަޅަށް ދަސްވުމުން އަނެއް ކަމެއް ދަސްކޮށްދޭ އުސޫލުން ހިންގާ ޕްރޮގްރާމެކެވެ. މިފަދަ ޕްރޮގްރާމެއް ހިންގުމުގައި ރަގަޅު ތަމްރީންލިބިފަިވާ މީހަކު ކުދިންނާ އެކު މަސައްކަތް ކުރުން މުހިންމެވެ.

ޕެކްސްއަކީ އެއްގޮތަކަށްވެސް ވާހަކަ ނުދެއްކޭ ކުދިންނަށާއި، ކުޑަކޮށް ވާހަކަ ދެއްކޭ ކުދިންނާ މުއާމަލާތު ކުރުމަށް ރަގަޅު ޕްރޮގްރާމެކެވެ.  ފޮޓޯ އަދި ކުރެހުން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާޑު ތަކެއްގެ އެހީގައި، މުއާމަލާތުކުރަން ދަސްކޮށްދެވެއެވެ.  އަދި އޭނާ ބޭނުންވާ ކަންކަން އެހެން މީހުންނަށް އަންގައި ދިނުމަށް އެވަސީލަތްތައް ބޭނުން ކުރެވެއެވެ. މީގެ އިތުރުން  އުނގެނުމަށް އެހީތެރި ވެއެވެ.

ޓީޗްޕްރޮގްރާމް އަކީފޮޓޯ އަދި ކުރެހުން ހިިމަނައިގެން ތައްޔާރުކޮށްފައިވާ ތާވަލެއްގެ މައްޗަށް ބިނާކޮށް، އެކުއްޖަކު އަމިއްލަ މިނިވަން ކަމާއެކު އޭނާ އުޅޭ މާހައުލުގައި ކުރަންޖެހޭ ކަންކަން ވަކި ތާަވަލެއްގެ ދަށުން ދަސްކޮށްދިނުމަށް ބާރު އަޅާ ޕްރޮގްރާމެކެވެ. ކްލާސް ރޫމް ގައި ކުރަންޖެހޭ ކަންކަންވެސް މި ގޮތަށް ތާވަލްކޮށް އެއާ އެއްގޮތަށް ކުރިައަށް ގެންދެވެއެވެ. މިއީ އޭ.ބީ.އޭ، އަދި ޕެކްސް ބޭނުންކުރުމަށްފަހު، ކުއްޖާގެ ކުރިއެރުމަށް ބަލައިގން ތައާރަފް ކުރެވޭ  ޕްރޮގްރާމެކެވެ. ޕްރޮގްރާމް ބޭނުންކުރެވެނީ ވަކި ކަންތައްތަކެއް  އަމިއްލައަށް ހާސިލުކުރެވޭ ފެންވަރަށް ކުއްޖާ ދިއުމުންނެވެ
Reference:
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް