ފަހުގެ ޚަބަރު


އިތުރަށް...

އޯޓިޒަމް އަކީ ކޮބައިކަން އެނގޭތަ؟

ލިޔުނީ: Unknown - Wednesday, April 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

އޭޕްރިލް 2ވަނަ ދުވަހަކީ އޯޓިޒަމް ހުންނަ ކުދިންނަށްޓަކައި ބައިނަލްއަޤުވަމީކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެއީ “ވާރލްޑް އޯޓިޒަމް އެވެއާރނަސް ޑޭ” ނުވަތަ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މިހާރުއްސުރެ އޯޓިޒަމްއާ ބެހޭ މަޢުލޫމާތުތައް ގެނެސްދީ، ފޭސްބުކްގެ ތަފާތު ޕޭޖްތަކުން އެކަމާ ގުޅުންހުރި ފޮޓޯ ހަދަމުން “ޝެއަރ” ކުރަމުން ދެއެވެ. މަޢުލޫމާތު ލިބުނުގޮތުގައި އޯޓިޒަމްގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އަބަދުވެސް ބޭނުންކުރާ ކުލައަކީ ނޫކުލައެވެ.

އޯޓިޒަމްގެ މިދުވަހުގައި ތިބާ ބައިވެރިވުމުގެ ގޮތުން ކުރަނީ ކީއްހެއްޔެވެ؟ ހަމައެކަނި ނޫކުލައިގެ ހެދުމެއްލުމުން އެކަމުގައި ބައިވެރިވެ މީހަކު ހޭލުންތެރި ކޮއްދިންކަމުގައި ވެދާނެބާއެވެ؟ މިކަމުގައި އަޅުގަނޑުގެ ޚިޔާލު ތިބޭފުޅުންގެ ޚިޔާލާ ތަފާތުވެދާނެއެވެ. ނަމަވެސް ނޫކުލައިގެ ހެދުމެއްލުމަކުން އޯޓިޒަމް ހޭލުންތެރިކޮއްދިންކަމަކަށް ވާނެއޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އަދި އޯޓިޒަމް އާ ބެހޭ މަޢުލޫމާތުތައް ޙިއްސާކޮށް މުޖުތަމަޢުގެ މީހުން މިކަމަށް ހޭލުންތެރިވުމަކީ ވަކި ދުވަހެއް ފާހަގަކޮށް އެދުވަހުގައި ކުރަންޖެހޭނެ ކަމެއްކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެއީ ކޮންމެ ދުވަހަކުމެ ކުރަންޖެހޭނެ ކަމެކެވެ. އަދި އޯޓިޒަމްގެ މަޢުލޫމާތު ޙިއްސާކޮށް މީހުން ހޭލުންތެރިކުރުމުގެ އިތުރަށް ކޮންމެ މީހަކީވެސް އޮޓިސްޓިކް ކުއްޖާއަށް އެހީތެރިވެ އޯގާތެރިވާ މީހަކަށް ވަމާތޯއެވެ. އޮޓިސްޓިކް ކުދިންގެ ސިފަތައް ދެނެގަނެ އެކުދިންގެ ކުރިމަގަށް ވެވުނު މިންވަރަކުން އެހީތެރިވަމާތޯއެވެ. އަދި މިފަދަ ކުދިން މުޖުތަމައުން އެކަހެރިކޮއްނުލާ އާދައިގެ މީހުންނެކޭ އެއްވަރަށް މިކުދިންގެ ޝާމިލުވުންވެސް ހޯދަމާތޯއެވެ.

އޮޓިސްޓިކް ކުދިންނަކީވެސް އެކުދިންގެ ކިބައިގާ ތަފާތު ޤާބިލް ކަމަކާއި ކުޅަދާނަކަމެއް ލިބިގެންވާ ކުދިންނެވެ. އޯޓިޒަމްއަކީ ނުކުޅެދުންތެރި ކަމަކަށް ވިޔަސް އެކުދިންނަކީ މުޖުތަމަޢުގައި ބޭނުންހިފޭނެ ހަރުދަނާ ކުދިންތަކަކަށް ހެދިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި އަޒުމެވެ. ކެރުމާއި ސާބިތުކަމެވެ. ހިތްމަތާއި މިންނަތެވެ. އަދި އޯޓިޒަމްގެ އަލާމާތްތައް ދެނެގަނެ، އެކުއްޖަކީ އޮޓިސްޓިކް ކުއްޖެއްކަން ޤަބޫލުކޮށް ވީހާވެސް އަވަހަކަށް އެކަމަށް ފިޔަވަޅުއަޅާ އެކުއްޖާއަށް އެހީތެރިވެދެވޭނެ ގޮތްތައް ހޯދާބަލައި އެހެން ކުދިންނެކޭ އެއްފަދައިން އުޅެވޭނެ ކުދިބައަކަށް ހެދުމަށްޓަކައި މަސައްކަތް ކުރުމުކެވެ. އޮޓިސްޓިކް ކުއްޖާގެ މިޒާޖު ހުންނަގޮތުން ނުވަތަ އެކުދިންގެ ޢަމަލު ހުންނަގޮތުން އެކުދިންގެ ދެކެ ފޫހިވެ އެކުދިންނާއިމެދު އިހުމާލުވެއްޖެނަމަ ނުކުޅެދުންތެރީ އެކުދިންނެއް ނޫނެވެ. ނުކުޅެދުންތެރީ އެކުދިންނާއިމެދު އިހުމާލުވާ “އާދައިގެ” މީހުންނެވެ.

އަޅުގަނޑު މިލިޔުން މިލިޔެލަނީ ތިބޭފުޅުންނަށް އޮޓިޒަމްއާ ބެހޭ މަޢުލޫމާތުކޮޅެއް ފޯރުކޮއްދެވޭނެކަމުގެ އުއްމީދުގައެވެ. މިލިޔުމަށް މަޢުލޫމާތު ނަގާފައިވާ ވެބްސައިޓްތައް ލިޔުމުގެ ތިރީގައި ހިމަނައިފާ ވާނެެވެ. 

 އޯޓިޒަމްއާ ބެހޭ ކުރު ތަޢާރަފެއް
“އޯޓިޒަމް” އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި މިކަން ކުއްޖާގެ ކިބައިން ފާޅުވާންފަށާނީ ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައެވެ. އޯޓިޒަމްއަކީ ނިއުރޮލޮޖިކަލް ޑިސްއޯރޑަރ (ނާރުތަކުގެ ބަލި) އެއްގެ ސަބަބުން ކުއްޖާގެ ސިކުޑިއަށް އަސަރުކޮއްފައިވުމުން ، ވާހަކަދެއްކުމާއި އިޖުތިމާޢީގުޅުން ހީނަރުވާ ކަމެކެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ (ނުވަތަ އޮޓިސްޓިކް ކުދިންނަކީ) ޙަރަކާތުން ވާހަކަދެއްކުމާއި، އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި އަދި އެކިއެކި އެއްޗެހި ބޭނުންކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ކުދިބައެކެވެ.

އޯޓިޒަމް އަށް ކިޔާ އަނެއްނަމަކީ އޭ.އެސް.ޑީ (ASD) އެވެ. އޭ. އެސް. ޑީ އަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އެވެ. ބައެއްފަހަރު “އޭ. އެސް. ޑީ” އަށް އޮޓިސްޓިކް ސްޕެކްޓްރަމް ޑިސްއޯޑަރ އޭވެސް ކިޔައެވެ. އޯޓިޒަމް ހުންނަ ކުއްޖަކު އެކުއްޖެއްގެ ދުވަހުގެ ޙަރަކާތްތަކަކަށް މާބޮޑު ބަދަލެއް ނާންނާނެވެ. އެފަދަ ކުދިންގެ ޙަރަކާތްތައް ހުންނާނީ އެއްގޮތަކަށެވެ. އާދައިގެ ކުދިންނާ ޚިލާފަށް މިފަދަ ކުދިންގެ ސުލޫކަށް (ބިހޭވިއަރ) ބަދަލު އަންނާނީ ވަރަށް ގިނަދުވަހުންނެވެ.

މިފަދަކުދިންގެ ކިބައިން ފާޅުވާ ބައެއް ސިފަތައް
އޮޓިސްޓިކް ކުދިން އެކަކު އަނެކަކާ އޮންނަ ގުޅުން، އެހެން ގޮތަކަށް ބުނާނަމަ އިޖްތިމާޢީ ގުޅުން އާދައިގެ ކުދިންނާ ބަލާއިރު ވަރަށް ތަފާތު ވާނެއެވެ. މިފަދަކުދިންގެ ވާހަކަ ދެއްކުމުގައި ބަހުރުވައާއި އަމަލުތައް ހުންނަގޮތުން އަނެކާ ދެރަވާ ފަހަރުއާދެއެވެ.މިހެންކަމުން އިޖުތިމާޢީ ގުޅުން ހީނަރުވެއެވެ. މިފަދަ ކުއްޖެއްގެ ވާހަކަ ދައްކާ މިންވަރާއި ހުނަރު ބަރޯސާވަނީ އެކުއްޖެއްގެ ކިބައިގާ އޯޓިޒަމްހުރި މިންވަރަކަށެވެ. އޮޓިޒަމް ބޮޑަށް ހުންނަނީނަމަ އެއްގޮތަކަށްވެސް ވާހަކަ ނުދައްކަފާނެއެވެ. އޮޓިސްޓިކް ކުދިން ވާހަކަދައްކާއިރު، އެހެންމީހުން ވާހަކަދައްކާގޮތާ އަޅާބަލާއިރު ރަސްމީގޮތެއް ހުންނާނެއެވެ. އޯޓިޒަމް ހުންނަ ފުރާވަރު ކުދިން ނުވަތަ “ޓީނޭޖާރސް” ވާހަކަދައްކާއިރު، އެވާހަކަ ދެއްކުމުގެ ގޮތްގަނޑު ހުންނާނީ “ޕްރޮފެސަރުން” ހެންނެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެހެންމީހުންގެ އިޙުސާސްތައް ދެނެގަތުމަކީ ވަރަށްވެސް އުދަނގޫކަމެކެވެ. އެކުދިން އެހެންމީހުންނާ މެދު ހަމްދަރުދީވެވޭނީ އާދައިގެ މީހުންނާ އަޅާބަލާއިރު ވަރަށްކުޑަ މިންވަރަކަށެވެ. އޮޓިސްޓިކް ކުދިންނަކީ ކަމެއްވުމުން އެކަމެއް ތަކުރާރުވުމަށް އުއްމީދުކުރާ ބައެކެވެ. ދުވަސްތައް އެއްގޮތަކަށް ބައްޓަންކުރުމަކީ އެކުދިންގެ އެންމެ ގާތް އެކުވެރިޔާ ކަހަލައެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ އެކުދިން ކުރާ ކަންކަމުގައި ވަރަށް ގަޔާވެ ހުރެ، އެކަމާ ވެގެން ކަންކުރާކުދިންނެވެ. 

އޮޓިސްޓިކް ކުދިން އެކުދިންގެ ގައިގައި އަތްލުމުން ނުވަތަ ލޯބިން ބައްދާލުމުން ހިތްހަމަނުޖެހިދާނެއެވެ. އެހެންނަމަވެސް ގިނަ އޮޓިސްޓިކް ކުދިން އެކުދިންގެ އާއިލާ ކުދިންނާ ބައްދާލުމުން ނުރުހޭގޮތް ނުދައްކަފާނެއެވެ. އޮޓިސްޓިކް ކުއްޖެއްގެ ގައިގާ ނޭނގި ހުއްޓާ ބީހިއްޖެނަމަ އެކުދިންގެ ޢަމަލު ހުންނާނީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އޮޓިސްޓިކް ކުދިންނަށް ކުއްލިއަކަށް އިވޭ ބާރުއަޑުތަކަކީ ސިއްސުވާލާ އަދި ގަޔާނުވާ ކަމަކަށް ވެދާނެއެވެ. ބައެއް ވަސްވަހާއި އައްޔަށް އަންނަ ބަދަލާއި ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުންވެސް އެކަމާ ގަޔާނުވެ ހިތްހަމަ ނުޖެހޭ ގޮތް ދައްކަފާނެއެވެ.

އޮޓިސްޓިކް ކުދިންގެ ވިސްނުމާއި ފިކުރުކުރުމުގެ ހުނަރު “ކޮގްނިޓިވް ސްކިލްސް” ހަލުވިކަމާއެކު ކުރިއެރިކަމުގައި ވިޔަސް އިޖުތިމާޢީގުޅުމާއި ބަހުގެ ހުނަރު ކުރިއަރާނީ ވަރަށް ލަހުންނެވެ. މީގެ އަނެއް ކޮޅުން ބަލާއިރު، ވާހަކަދެއްކުމާއި ބަހުގެ ހުނަރު ނުހަނު ކުރިއަރާއިރު އަތްފައިގެ ހުނަރު “މޮޓޯރ ސްކިލްސް” އެބާރުމިނުގައި ތަރައްޤީ ނުވެދާނެއެވެ. އޮޓިސްޓިކް ކުދިން ރޫރޫއެޅުމަކީ ވަރަށް ޢާއްމުކޮށް ދިމާވާ ކަމެކެވެ. މިގޮތަށް ރޫރޫއެޅުމުގައި ކުއްޖާއަށް ވަރަށް އުދަނގޫވެ ގިނައިރުވަންދެން ދެމިގެންދާ ފަހަރުވެސް އާދެއެވެ. ރޫރޫއަޅަން ފެށުމުން ގިނަކުދީންނަށް އެކަން ހިފަހައްޓާލަން އެނގެއެވެ. އެހެންނަމަވެސް ރޫރޫއެޅުން ހިފަހައްޓާލަން ނޭނގޭ ކުދިންވެސް މަދެކޭ ނުބުނެވޭނެ އެވެ.

އެމް. އެމް. އާރް ވެކްސިންއާއި އޯޓިޒަމްއާ ގުޅުމެއްވޭތަ؟
އިންފެކްޓްވުމުގެ ސަބަބުން ޖެހޭބަލިތަކާ ބެހޭ މާހިރެއްކަމަށްވާ ޕޯލް އޮފިޓް ބުނާގޮތުންނަމަ އެމް. އެމް. އާރް ވެކްސިން، ނުވަތަ “މީސަލްސް، މަމްޕްސް، ރުބެއްލާ ވެކްސިން ( MMR vaccine-measles, mumps, rubella vaccine) އާއި އޯޓިޒަމްއަކާ އެއްވެސް ގުޅުމެއްނުވެއެވެ. އޭނާ ބުނާގޮތުންނަމަ މި ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހުމަކީ ނާދިރުކަމެއްކަން ސާބިތުވާ ހެކި އެބަހުއްޓެވެ.
ވެކްސިންއާ އޯޓިޒަމްއާ ގުޅުމެއްވާކަމަށް ބުނެ އެކަމާމެދު މީހުން ހާސްވެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ 1998ވަނަ އަހަރުން ފެށިގެންނެވެ. އެއީ ބްރިޓިޝްގެ މެޑިކަލް ޖާރނަލްއެއް ކަމަށްވާ “ދަ ލޭންސެޓް” ގައި ވެކްސިންއާ އޯޓިޒަމްއާ ހުރި ގުޅުން ދިރާސާކޮށް ލިޔެފައިވާ ދިރާސާ ލިޔުމެއްގައެވެ. މިދިރާސާއިން ބުނާގޮތުންނަމަ “އިންޓެސްޓިނަލް ޕްރޮބްލަމްސް” ގެ ސަބަބުން ވައިރަލް އިންފެކްޝަން ޖެހި އޯޓިޒަމް ޖެހުމަށް މަގުފަހިވެދެއެވެ. މި ދިރާސާއަކީ ހަމައެކަނި 12 ކުދިން ހިމަނައިގެން ހެދި ކުޑަކުޑަ ދިރާސާއެކެވެ. މި ރިސާރޗް ސަބަބުން މިކަމާ ބެހޭ މާހިރުންނާއި އެހެންމީހުންނަށް އޮޅުންއަރަފައިވުމުން، 2004ވަނަ އަހަރު އޮޓިސްޓިކް 1294 ކުދިންނާއި އާދައިގެ 4469 ކުދިން ހިމަނައިގެން ބޮޑުދިރާސާއެއް ކުރިއެވެ. މިދިރާސާއިން އެގުނުގޮތުގައި އެމް. އެމް. އާރް ވެކްސިންއާ އޯޓިޒަމްއާ އެއްވެސް ގުޅުމެއްނެތެއެވެ. އަދި މީގެ ފަހުންވެސް އެތައް ހާސް ކުދިން ހިމަނައިގެން ނުލާހިކު ގިނަ ދިރާސާތައްކުރިއެވެ. މިހުރިހާ ދިރާސާތަކުން އެނގުނު ގޮތުގައި އޯޓިޒަމް ގިނައިން ފެނިފައި ހުރީ ވެކްސިން ޖަހައިފާތިބި ކުދިންގެ ކިބައިންނެއް ނޫނެވެ. އަދި އެމް. އެމް. އާރް ވެކްސިން އާއި އޯޓިޒަމްއާ ގުޅުވައިދޭ އެއްވެސް ގުޅުމެއް ފެނިފައެއްނުވެއެވެ.

ދާދިފަހުން ނިމިދިޔަ އަހަރުގެ ތެރޭގައިވެސް ސެންޓަރ ފޯރ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ. ޑީ. ސީ) އިން ހެދި ދިރާސާއަކުން ދެއްކިގޮތުގައި އެއްދުވަހަކު ކިތައްމެ ގިނަ ވެކްސިންޖެހި ކަމުގައިވިޔަސް އެޖެހި ވެކްސިންގެ ސަބަބުން އޯޓިޒަމްއެއް ނުޖެހޭނެއެވެ. މިކަމާއި ބެހޭ މަޢުލޫމާތު “ޖާނަލް އޮފް ޕީޑިއަރޓްރިކްސް“ގައި ހާމަކޮއްފައިވެއެވެ. މިރިޕޯޓްގައި ވާގޮތުން ޑރ. ފްރޭންކް ޑިސްޓެފެނޯ މި ރިޕޯޓްގައި އެން. ބީ. ސީ ގެ ޗީފް މެޑިކަލް އެޑިޓަރ އާ ހަވާލާދީ ބުނެފައިވަނީ “އަހަރުމެންނަށް ވެކްސިންއާ އޯޓިޒަމްއާ ދެމެދު އެއްވެސް ގުޅުމެއްފެނިފައެއްނުވެއެވެ. މިލިޔުމުގައި އިތުރަށް ބުނެފައިވަނީ ވެކްސިން ނުޖެހުމުން ދަރިފުޅު މާނުރައްކާތެރި ޙާލަތަކަށް ވައްޓާލެވޭކަމެވެ. މިގޮތުން ޑރ. ތަންޔާ އަލްޓްމަން ބުނެފައިވަނީ ވެކްސިންނުޖެހުމުން ވަރަށް ނުރައްކާތެރި ބަލި ޖެހުމަށް މަގުފަހިވާ ކަމެއެވެ. އޭގެ ތެރޭގައި މިނިންގިޓިސް (ސިކުނޑީގެ ދުލިފަށް ދުޅަވުން) އަދި ހޫޕިންގ ކަފްސް (ހޯއްގޮވާ ކެއްސުން) ހިމެނެއެވެ. މިހެންކަންހުރިކަމުގައި ވީނަމަވެސް ސިއްޙީ ދާއިރާގައި ޅައިރު މިދެވޭ ވެކްސިންއާ އޯޓިޒަމްއާ ގުޅުމެއްވާކަމަށް ޤަބޫލުކުރާ މާހިރުން ތިއްބަވާކަންވެސް ފާހަގަކޮށްލަމެވެ.

މިހާރު އޯޓިޒަމްއާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް އޮޅުންފިލައިފި ނޫންތޯ އެވެ. އެހެންކަމުން ނުކުޅެދުންތެރީ އޮޓިސްޓިކް ކުދިންނޭ ބުނުމުގެ ބަދަލުގައި ތިބާގެ ހުރި ނުކުޅެދުންތެރިކަން ކުޅެދުންތެރިކަމަށް ބަދަލުކުރަމާ ހިނގާށެވެ. އަދި މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުވަމާ ހިނގާށެވެ.


ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް