ފަހުގެ ޚަބަރު


އިތުރަށް...

ޖީއެމްއާރު މައްސަލާގައި ލިބޭ ގެއްލުންތަކުގެ ޒިންމާ ނަންގަވަން ޖެހޭ އެއްބޭފުޅަކީ ރައީސް ވަހީދު: ޕީޕީއެމް

ލިޔުނީ: Unknown - Monday, June 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރްއަތުން އަތުލުމުން ދިވެހި ރައްޔިތުނަށް ލިބޭ ގެއްލުމުގެ ޒިންމާ އެންމެ ބޮޑަށް ނަންގަވަން ޖެހޭ އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ވަހީދު ނައިބް ރައީސްއެއްގެ މަގާމުގައި ހުންނަވަނިކޮށް ޖީއެމްއާރްގެ އެގްރިމެންޓުގައި ސޮއިކޮށްފައިވާ އިރު އެ އެގްރިމެންޓްގެ ނުރައްކާތެރިކަން އެނގި ހުރެ އެދުވަހު ވެސް ރައްޔިތުންނަށް ޓަކައި އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށެވެ. އަދި އެ އެގްރިމެންޓް ބާތިލުކުރުމުގެ ސަބަބުން މިއަދު ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ގެއްލުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭ އެއް ބޭފުޅަކީ ރައީސް ވަހީދު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ކޯލިޝަން ހައްދަވައިގެން ތިއްބެވި ބޭފުޅުންނަކީ ސިޔާސީ ގޮތުން އެބޭފުޅުން ބޭނުންވާ މަގުސަދެއް ހާސިލު ކުރުމަށް ޓަކައި ކޮންމެ ފަދަ ވާހަކައެއް ވެސް ވިދާޅުވެދާނެ ބޭފުޅެއް، ހަގީގަތުގައި މި އެގްރިމެންޓުގެ ސަބަބުން ދިވެހި ރައްޔިތުނަނަށް ލިބެމުންދާ ގެއްލުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭ އެއްފަރާތަކީ މިއަދުގެ ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖީއެމްއާރްގެ އެގްރިމެންޓާ ގުޅިގެން ރައީސް މައުމޫންގެ ވިސްނުންފުޅު ބަދަލުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން އެންމެ ފުރަތަމަ ދުވަހު ވެސް ވިދާޅުވަމުން ގެންދެވީ ޖީއެމްއާރް އެގްރިމެންޓަކީ އުވާލަން ޖެހޭ އެގްރިމެންޓެއް ކަމަށް ކަމަށާއި މިއަދު ވެސް ވިދާޅުވަމުން ދަނީ އެގޮތަށް ކަމަށެވެ.

އަދި ޖީއެމްއާރް އެގްރިމެންޓް ބާތިލުކުރާ އިރު އިންޑިއާ އާ މަޝްވަރާކުރުމަށް އޭރު ވެސް ރައީސް މައުމޫން ސީދާ ރައީސް ވަހީދާ ބައްދަލުކޮށް ވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެގޮތަށް އެދި ރައީސް ވަހީދަށް ސިޓީ ވެސް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަހީދަށް ފޮނުވާފައިވާ ސިޓީ ކަމަށް ބުނާ ސިޓީގައި ބުނެފައި ވަނީ "ޖީއެމްއާރްގެ މައްސަލައިގައި ދިވެހި ސަރުކާރުން ކުރައްވާފައިވާ ދިރާސާތަކުގެ ތަފްސީލާއި މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަމުންދާ ގެއްލުމުގެ ތަފްސީލު، މަނިކުފާނުގެ ސަރުކާރުގެ ފަރާތުން އިންޑިޔާ ސަރުކާރާއި ހިއްސާ ކޮށްދެއްވަން ދެންނުމަށް" އެދޭ ކަމަށެވެ.
އެ ސިޓީ ރައީސް ވަހީދަށް ޕީޕީއެމް އިން ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާރިޝް މައުމޫން ވިދާޅުވީ މިއަދު އިންޑިއާގެ ވިސާއާއި ހިލަވެލި ފަދަ ތަކެތި ލިބުމަށް ދަތިތަކާ ކުރިމަތިވަނީ އެ އެގްރިމެންޓް މަޝްވަރާގެ އުސޫލްތަކާ ނުލައި ބާތިލުކުރުމުން ކަމަށް ގަބޫލް ކުރެއްވޭ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ޕީޕީއެމްގެ ލަފާ ރައީސް ވަހީދު ގަބޫލްނުކުރެއްވުމުން ކަމަށް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން އިންޑިއާ އަށް ކުރެއްވި ދަތުރުފުލުގައި އިންޑިއާގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިިވާ ކަމަށާއި އަދި އިންޑިއާގެ އިސްވެރިންގެ ބޮޑު ތަރުހީބެއް ރައީސް މައުމޫންނަށް ދެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެ އަށް ދިމާވެފައިވާ އިންޑިއާގެ ވިސާ ލިބުމުގެ ދައްޗާއި ހިލަޔާއި ހިލަވެލީގެ މައްސަލާގައި މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ވިސާގެ މައްސަލަ ހައްލުވާނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ޚަބަރު: ސަން އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް