ފަހުގެ ޚަބަރު


އިތުރަށް...

ބުރުގާ އެޅުންވެސް ކުޅިވަރަކަށް

ލިޔުނީ: Unknown - Sunday, June 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ﷲ ތަޢާލާވަނީ އާދަމުގެ ދަރީންގެ ހަށިތައްނިވާކުރުމަށްޓަކައި އެބައިމީހުންނަށް ފޭރާމުގެ ނިޢުމަތްދެއްވާފައެވެ.  ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِ‌ي سَوْآتِكُمْ وَرِ‌يشًا وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ‌ ذَٰلِكَ مِنْ
آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُ‌ونَ ﴾ (سورة الأعراف ٢٦) މާނައީ: “އޭ  އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤުވާގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ.”

ފޭރާމުން ނިވާވެ އުޅުމުގައި ފިރިހެނުންނާއި އަންހެނުންނަށް އިސްލާމްދީނުގައިވަނީ ވަކި މިންގަނޑުތަކެއް ކަނޑައެޅިފައެވެ. އެއީ އެބައިމީހުންގެ ޢިއްޒަތާއި ކަރާމާތްތެރިކަން ރައްކާތެރިކޮށްދިނުމުގެގޮތުންނެވެ. ޚާއްޞަގޮތެއްގައި އަންހެން ބޭކަނބަލުން ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑު ކީރިތި ޤުރުއާނުގެ ނައްޞުގައި އައިސްފައިވައިވުމުން އެކަން އެންމެހާ މުސްލިމުންނަށްވެސް ނުހަނު ސާފުވެފައިވެއެވެ.  އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿ يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّـهُ غَفُورًا رَّحِيمًا ﴾  (سورة الأحزاب ٥٩) މާނައީ: ” އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި އަދި މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން (ބޮލުން ފެށިގެން މޫނާއި އަދި ހަށިގަނޑު ނިވާވާގޮތަށް ލެވޭހެދުމެއް) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.”

މިކަން ކިތަންމެ ރަނގަޅަށް އެނގުނު ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގައިވެސް މިހާރު ހިތާމަވެރި މަންޒަރެއް ފެނެއެވެ. ﷲ ތަޢާލާގެ މަތިވެރި އާޔަތްތައް ބޮލާލާޖަހުމަށްފަހު ދީނުގެ މިފަދަ މަތިވެރި ޝިޢާރުތައް ބައެއްމީހުން ކުޅިވަރަކަށް ހަދާތަނެވެ. ބުރުޤާ އަޅައިގެން “ބޮޑުބެރަށް ނެށުމާއި” މުޒާހަރާތަކުގެ އެންމެ ކުރީގައި ތިބުމާއި އަދި ޖޯޑުޖޯޑަށް އަނދިރި ހިސާބުތަކުގައި ތިބޭކަމީ ހިތާމަހުރިކަމެކެވެ. ޢިއްފަތްތެރި އަންހެނަކަށް ނުވެވިއްޖެނަމަ އޭނާއަށް ހަމަޔަޤީނުންވެސް ބުރުޤާ އެޅުމުގެ މަޤުޞަދާއި ޚިލާފުވެވިއްޖެއެވެ.

ބުރުޤާ އެޅުމުގެ މަޤުޞަދަކީ އަންހެނާގެ ވަނާތައް ނިވާކޮށް މީސްތަކުންގެ ސަމާލުކަން ނުހުއްޓޭފަދަ ގޮތަކަށް ހުރުންކަމުގައިވީނަމަވެސް މަތީގައިވާ ތަސްވީރުން އެފެންނަ އެންމެހާ “ސްޓައިލް” ތަކަށްވެސް މުސްލިމު އަންހެނުން މިއަދު ބުރުޤާ އަޅައެވެ. ސުވާލަކީ މިފަދައިން ބުރުޤާ އަޅާމީހުން މިމަސައްކަތްކުރަނީ ﷲ ތަޢާލާއަށް މަކަރުހަދާ ޤިޔާމަތްދުވަހުން ތިމަންވެސް ބުރުޤާ އެޅީމޭ ބުނުމަށްޓަކައި ހެއްޔެވެ؟ އެފަދަ އަދަބުކުޑަ ގޮތްގޮތަށް ބުރުޤާ އަޅާ ބަޔަކު އެފަދައިން ދުލުން ނުބުނި ނަމަވެސް މީ އެބައިމީހުންގެ ޙާލުގެ ދުލުން ބުނެވޭ ބުނުމެކެވެ.

އަންހެނާއަށް ނިވާކަން ބޮޑީ ގެއިން ބޭރަށް ދާ ކޮންމެ ފަހަރަކު ކަރުގެ ވަށައިގެން ބުރުޤާ އޮޅާލުމުންތޯއެވެ؟ ނުވަތަ ހުރިހާ ދިމާލަކުން ދަތި ޖަހައިގެން ބުރުޤާ ވީހާވެސް ކުޑަކޮށްލީމާތޯއެވެ؟ ނުވަތަ ބޮލުން ފެންހިއްކުމަށް ތުވާއްޔެއް އޮޅާލާހެން ބުރުޤާ ބޮލުގައި އޮޅާލުމުންތޯއެވެ؟ މިފަދައިން ކަންކުރާމީހުން އެކުރާ ކަމެއްގެ ނުބައިކަމާއެވެ. މިފަދަ މީހުންނަށް ނުވިސްނުނުނަމަވެސް، އެބައިމީހުންނަށް އެކުރެވޭކަމަކީ އަންހެނުންގެ ޝަރަފާއި ޢިއްޒަތްކަމުގައިވާ ޙިޖާބަށް މަލާމާތް ކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَلَا تَتَّخِذُوا آيَاتِ اللَّـهِ هُزُوًا وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ يَعِظُكُم بِهِ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّ اللَّـهَ بِكُلِّ شَيْءٍ عَلِيمٌ ﴾ (سورة البقرة ٢٣١) މާނައީ: ”އަދި، ﷲގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ. އަދި ތިޔަބައިމީހުންނަށް ﷲ ދެއްވި ނިޢުމަތްތަކާއި، އަދި، ފޮތާއި، ޙިކުމަތުގެ ތެރެއިން ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެތި، ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެކަލާނގެ އެއިން ތިޔަބައިމީހުންނަށް ނަޞީޙަތް ވަޙީކުރައްވައެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ. އަދި ހަމަކަށަވަރުން ﷲއީ ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ.”

ބުރުޤާ ފެޝަނަކަށް ހަދައިގެންއުޅޭ މީހުން ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތި ނުވަނީތޯއެވެ. އެފަދަމީހުންނަށް އިންޒާރުދެއްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (( صِنْفَانِ مِنْ أَهْل النَّارِ لَمْ أَرَهُمَا، قَومٌ مَعَهُمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسَ،  وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيْلاَتٌ مَائِلاَتٌ، رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ الماَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا. وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا )) [أخرجه مسلم / كتاب: اللباس والزينة / باب: النساء الكاسيات / رقم الحديث: ٢١٢٨]  މާނައީ: “ނަރަކައިގެ އަހުލުވެރިންގެތެރެއިން ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވާ ދެބާވަތެއްގެ ބަޔަކުވެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެބައމީހުންނަކީ އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ އަދި ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި ރާސްތާއަކަށް ފޯރައެވެ.”

އާޚިރަތްދުވަހުން ނަރަކައިގެ ޢަޛާބަށް އަޅުގަނޑުމެންނަށް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން ﷲ ތަޢާލާގެ އާޔަތްތަކަށް ފުރައްސާރަކުރުމުގެ ބަދަލުގައި އެއާޔަތްތަކަށް ބޯލަނބާ ކިޔަމަންވާން އެބަޖެހެއެވެ. އަޅުގަނޑުމެން އަޅާ ބުރުޤާއަކީވެސް އަޅުގަނޑުމެން ނަރަކައާއި ދުރުކުރުވާ އަދި ސުވަރުގެއާއި ގާތްކުރުވަނިވި އެއްޗަކަށް ހަދަމާ ހިނގާށެވެ. ވީހާވެސް ނިވާކަންބޮޑު ގޮތަކަށް ބުރުޤާ އެޅުމަށް އާދަކުރަމާ ހިނގާށެވެ. ﴿ يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ ﴾ (سورة الأعراف ٢٧) މާނައީ: “އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢައުރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠާނުން ނުފެންނަހިނދުގައި، އެ ޝައިޠާނާއާއި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިޠާނުން ލެއްވީމެވެ.”

މިފަދަ ވާހަކަތައް އިވުމުން ބައެއްމީހުން ބުނެފާނެއެވެ. “ތިމަން ބުރުޤާ ނާޅާ މިހުންނަނީ ފާޑުފާޑު ގޮތްގޮތަކަށް ބުރުޤާ ނާޅާންވެގެންނެވެ.” ދަންނާށެވެ. މިފަދަ ވާހަކަތަކަކީ ބުރުޤާ އެޅުމަށް ދެއްކޭނެ ބަހަނާއެއްނޫނެވެ. ތައުބާވެ ހެޔޮކަމުގެމަގަށް އަވަސްވެގަންނާށެވެ. އެހެނީ ފިރުޢައުނުވެސް ޣަރަޤުވާންފެށުމުން ތައުބާވާން އުޅުނެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ހެޔޮމަގުގައި ފައިތިލަ ޘާބިތުކޮށްގެން ތިބުމުގެ ތައުފީޤުދެއްވުމެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް