ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ވަހީދުގެ ރަނިން މޭޓަކަށް ތަސްމީން ހަމަޖައްސައިފި

ލިޔުނީ: Unknown - Monday, June 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް މުހަންމަދު ވަހީދުގެ ރަނިން މޭޓަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް ވަހީދުގެ ރަނިން މޭޓަކީ ތަސްމީންކަން އިއުލާން ކުރެއްވުމަށް ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2008ގެ ރިޔާސީ އިންތިހާބުގައި އެ ދެ ބޭފުޅުން ވެސް ތިއްބެވީ ރާއްޖޭގެ އެންމެ އިސް ދެ ބޭފުޅުން ކަމަށްވާ އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދާއި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމްގެ ރަނިން މޭޓުންގެ ގޮތުގައި ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ފިކުރަށް ވުރެ ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ. އެހެންވެ ތަސްމީނާއި ދެ ބޭފުޅުން ގަސްދުކުރެއްވީ ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންގެ ހިދުމަތުގައި ނުކުމެވަޑައިގަންނަވަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތަސްމީނަކީ ވެސް "ބައެއް އެހެން ސިޔާސީ ބޭފުޅުންހެން އަމިއްލަފުޅަށް ވެސް ނުކުމެވަޑައިގެން ހަމަ ގޮތް ދޫނުކުރައްވައި މަސައްކަތް ކުރެއްވިދާނެ ބޭފުޅެކެ"ވެ. އެކަމަކު ތަސްމީނުގެ އިތުރުން އޭނާގެ ފަހަތްޕުޅުގައި ތިއްބެވި އިހުލާސްތެރި މީހުން ގަސްދުކުރީ "ގައުމުގެ މަސްލަހަތަށްޓަކައި މިއަދު އެންމެ ރަނގަޅު ގޮތަކީ އެންމެން ގުޅިގެން މަސައްކަތް ކުރެއްވުން" ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"އެހެންވީމާ އެމަނިކުފާނުގެ އަމިއްލަ އެމްބިޝަން އެއްކައިރި ކުރައްވާފައި އެމަނިކުފާނު ގަސްދުކުރެއްވީ އަޅުގަނޑާ އެކުގައި އެއް ޓީމެއްގެ ގޮތުގައި ނުކުމެވަޑައިގަންނަވަން. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު އެމަނިކުފާނަށް ވަރަށް ބޮޑު އިތުބާރެއް އެހެންވީމާ އުފެދިއްޖެ. އަޅުގަނޑުގެ އެއްވެސް ޝައްކެތް ނެތް އަޅުގަނޑުމެންގެ ދެ މީހުންގެ ޓީމަކީ މިއީ މި ގައުމުގައި މިފަހަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނުކުންނާނެ އެންމެ ވަރުގަދަ ޓީމު ކަމަށް. މަރުހަބާ ތަސްމީން،" ރައީސް ވަހީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ތަސްމީން ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ މިންވަރަށް ރާއްޖޭގެ ހާލަތު ނާޒުކް ވެފައިވާ ދަނޑިވަޅެއް ކަމަށާއި އެ ފުން ވަޅުގަނޑުން އެރޭނީ އެންމެން އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި ޕާޓީތަކުގެ ދިދަތަކުގެ މައްޗަށް ގައުމީ ދިދަ ވިހުރުވައިގެން،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ރައީސް ވަހީދުގެ ރަނިން މޭޓެއްގެ ގޮތުގައި ވަޑައިގަތީ އެމަނިކުފާނަށް ގައުމު ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2008 ގައި އޮތް ހިސާބަށް ގައުމު ދީލައިލެވޭކަށް ނެތެވެ. އަދި އެގޮތަށް ދޫކޮށްފި ނަމަ ދެން ފެންނާނީ 2008 ގެ ފަހުން ފެނުނު ފަދަ "ގައުމު ހުއްޓިފައިވާ" ދުވަސްތަކެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު އެންމެން އެކައްޗެއްގެ ގޮތުގައި ނުކުންނަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ "އަޅުގަނޑުމެންގެ އަތުން ގައުމު ބީވެގެން ހިނގައިދާނެ" ކަމަށް ވިދާޅުވި އެވެ.

"އެހެން އެކަން ވާކަށް އަޅުގަނޑު ހިތުން މިއަދު ދިވެހި އެއްވެސް ރައްޔިތަކު ނޭދޭނެ. މާތް ﷲގެ އިރާދަފުޅާ އެކީގައި އެކަން އެހެން ވާކަށް ފުރުސަތެއް އަޅުގަނޑުމެންނެއް ނުދޭނަން،" ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ވަހީދުގެ އިލްމީ ގާބިލްކަމާ މެދު ސުވާލެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ސާބިތުކަން މިދިޔަ ދޮޅު އަހަރު ތެރޭގައި ދެއްކެވި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"މިއަދު މި ގައުމު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަރައިގަތުމަށްޓަކައި ރައްޖޭގައި ތިއްބެވި ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ފަންނީ، ގާބިލް، ތަޖުރިބާކާރު ހުރިހާ ބޭފުޅުންގެ މަސައްކަތް އެބަ ބޭނުންވޭ. އެހެންކަމުން މި ހުތޫރަތްތެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ޕާޓީން ގައުމައިގެން ކުރިއަށް ކޯލިޝަނާ ގުޅި ޑރ. ވަހީދުގެ ރަނިން މޭޓްކަން އަޅުގަނޑު ގަބޫލުކުރި އެއް ސަބަބަކީ މި މަސައްކަތުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ސަފު ސައްތައިން ސައްތަ ބައިވެރިވުމާއި ހިއްސާވުން އޮންނާނެކަން ކަށަވަރުކޮށް ދިނުން،" ތަސްމީން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ރަނިން މޭޓަކީ ތަސްމީންކަން އިއުލާންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޯލިޝަންގެ ހަތަރު ޕާޓީ ކަމަށްވާ ގައުމީ އިއްތިހާދާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އަދި ގައުމީ ޕާޓީން ވެސް ބައިވެރިވި އެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީ ތަމްސީލުކުރެއްވީ އެ ޕާޓީގެ ނާއިބު ރައީސް މުހަންމަދު ދީދީ އެވެ.

ރަސްމިއްޔާތަށް އަދާލަތުގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވަޑައިނުގަތީ ކީއްވެތޯ "ހަވީރު"ން ދެންނެވުމުން މުހަންމަދު ދީދީ ވިދާޅުވީ އިމްރާން "ކުޑަކޮށް ބަލިވެ އުޅުއްވާތީ" ވަޑައިނުގެންނެވުނީ ކަމަށެވެ.

ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސް ވަހީދުގެ ކެންޕޭނަށް ނައިފަރަށް ވެސް އިމްރާން މިއަދު ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވަހީދުގެ ކޯލިޝަނުން އަދާލަތު ވަކިވާން ނިންމާފައިވާ ކަމުގެ އަޑުތައް ވެސް ވަނީ މިދުވަސްވަރު ގަދަވެފަ އެވެ. އެކަމަކު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އެ ވާހަކަތައް ދޮގުކުރައްވަ އެވެ.

ޚަބަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް