ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖެ ވެއްޓިގެން މިދަނީ ފުލުހުންގެ ބާރުގެ ދަށަށް: ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް

ލިޔުނީ: Unknown - Tuesday, July 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ސަލާމަތީ ބާރުތަކާ ގުޅޭ އެމްޑީޕީގެ ސިޔާސަތެއްކަމަށް ބުނެ ލީކުކޮށްލާފައިވާ ޑޮކިއުމަންޓާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ދެއްކި ވާހަކަ ފުޅަށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަމީން ފައިސަލް ރޭ ވިދާޅުވީ ރިޔާޒުގެ ވާހަކައިން އެނގިގެން ދަނީ ރާއްޖެ ވެއްޓިގެން މިދަނީ ފުލުހުންގެ ބާރުގެ ދަށަށް ކަމަށެވެ. ސަލާމަތީ ބާރުތަކާ ގުޅޭ އެމްޑީޕީގެ ސިޔާސަތެއް ކަމަށް ބުނެ ލީކުކޮށްލާފައިވާ ޑޮކިއުމަންޓަކީ އެމްޑީޕީއާ ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށް އެޕާޓީން ވަނީ ކުރިންވެސް ބުނެފަ އެވެ. އަދި އެކަން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވަނީ މީޑީއާގައިވެސް ވިދާޅުވެފަ އެވެ.

އަމީން ފައިސަލް ރޭ ވިދާޅުވީ ލީކުކޮށްލާފައިވާ ޑޮކިއުމަންޓާ ގުޅޭ ގޮތުން ރިޔާޒު ދެއްކީ ވަރަށް ދަށުޖަރަޖައިގެ ވާހަކަތަކެއް ކަމަށާއި، އެއީ ކޮމިޝަނަރ އޮފް ޕޮލިސްކަމުގައި ހުންނަވާ ބޭފުޅަކު ދައްކަންޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އަމީން ވިދާޅުވީ ރިޔާޒު މަސައްކަތް ކުރައްވާފައި ވަނީ ފުލުހުންނަކީ ރައްޔިތުންނަށް ބިރުވެރި ބައެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ. އަދި  ފުލުހުން އެމްޑީޕީއާ މެދު ނަފްރަތު އުފައްދަންވެސް މަސައްކަތް ކުރި ކަމަށް އަމީން ވަނީ ސިފަކުރައްވާފަ އެވެ.
" އެ ވީޑިއޯގައި ރިޔާޒު ވިދާޅު އެބަވެއޭ ދެންނަ އަންނަ ރައީސެއްވެސް ގާނޫނު އަސާސީއާއި ގަނޫނުތަކާ ޚިލާފަށް ޣައިރު ގާނޫނީ އަމުރު ކުރާނަމަ އެކަމާ ދެކޮޅަށް ފުލުހުން ނުކުންނާނެ ކަމަށް. ފުލުހުންނަކީ ރައްޔިތުން ހޮވާފައި ހުންނަ ވެރިއަކާ ދެކޮޅަށް އެއްވެސް ހާލެއްގައި ނުކުންނަން ޖެހޭ ބައެއްނޫން. ޣައިރު ގާނޫނީ އަމުރެއް ކޮށްފިނަމަ އެ އަމުރަކަށް ތަބާނުވުން އެމީހުންނަށް ކުރެވޭނެ ކަމަކީ" އަމީން ފައިސަލް ވިދާޅުވި އެވެ.

" އަބްދުﷲ ރިޔާޒަށް ވަރަށް ރަނގަޅަށް އޮޅިވަޑައިގެންފައި އެހުންނެވީ. ފުލުހުންނަކީ ވެރިއަކަށް އަންނަ މީހުން ލާފައި، ބާލަން އެމީހަކު ތިބޭބައެއް ނޫން. ގާނޫނު އަސާސީގައި އޮންނަނީ ރައްޔިތުން ހޮވާމީހެކޭ ވެރިކަމުގައި ހުންނާނީ. އެމީހަކާ ފުލުހުން ނުރުހުނީމާ ވެރިމީހާ ބާލާ އުޞޫލެއް ނޫން އޮންނަނީކީ"

އިންސެޕްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި މިހާރު ފުލުހުންގެ ދާއިރާއާ ދުރުގައި ހުންނެވި މުހައްމަދު ޖިނާހު ވިދާޅުވީ ލީކު ކޮށްލާފައިވާ ސަލާމަތީ ބާރުތަކުގެ ސިޔާސަތެއް ކަމަށް ބުނާ ސިޔާސަތަކީ ބުރަދަނެއް ހުރި އެއްޗެއް ނޫން ކަމަށާއި އެ ފަދަ ސިޔާސަތެއް ހެދުމަށް އޭނާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ލީކޮށްލާފައިވާ ޑޮކިއުމަންޓާ ގުޅިގެން ކޮމިޝަނަރ އޮފް ރިޔާޒު ވާހަކަ ދެއްކުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އެ ސިޔާސަތަކީ ގާނޫނާއި ގަވާއިދާ ޚިލާފަށް އެކުލަވާލާފައިވާ އެއްޗެއް ކަމަށް ބުނެ ރިޔާޒު ދެއްކެވި ވާހަކަތަކަށް ޖިނާ ވަނީ ރޭ ރައްދު ދެއްވާފަ އެވެ.

" ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފަށް ޕާޓީއަކުން ސިޔާސަތެއް އެކުލަވާލީމާ އެއަށް ޖަވާބު ދޭންޖެހޭނީކީ ކޮމިޝަނަރ އޮފް ޕޮލިސްއެއް ނޫން. އެއަށް ޖަވާބު ދޭންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން. އެއީ ޕާޓީތަކުގެ ބަލަދުވެރިއަކީ އިލެކްޝަންސް ކޮމިޝަން ކަމަށް ވާތީ.

ޖިނާ ވިދާޅުވި އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ރިޔާޒު ވިދާޅުވީ ރާއްޖޭގައި ކޮންމެ ބަޔަކަށް ވެސް ވެރިކަން ކުރެވޭނީ އަމަން އަމާން ގާއިމުކޮށްގެން ކަމަށާއި، އަމަން ގާއިމު ކުރަން ތިބި ފަރާތްތަކުގެ ބާރު ކަނޑުވާލައިގެން ވެރިކަމަށް އެހެން ބަޔަކު ނުގެނެވޭނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެއީ އެމްޑީޕީގެ ސިޔާސަތެއް ކަމަށްވާ ނަމަ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ނަމަ އެކަން ހާމަކުރުމަށް އެޕާޓީގެ ލީޑަރޝިޕަށްގޮވާލާފަ އެވެ. ރިޔާޒު ވިދާޅުވީ ލީކުވެފައިވާ ސިޔާސަތަކީ ވޯޓު ހޯދަން ބޭނުންވާނެ ބަޔަކު އެކުލަވާލާނެ ސިޔާސަތެއް ނޫން ކަމަށާއި، އެއީ ޕްރޮފެޝަނަލް ބަޔަކު އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި އެސިޔާސަތަކީ ފުލުހުންގެ އަގު ވައްޓާލަން ހަދާފައިވާ ސިޔާސަތެއް ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް